މި ވެބްސައިޓަކީ ނަވާރަ ބައްތިރީސްގެ (ދިވެހި ބަހުން އެކުލަވާލެވޭ) ރަސްމީ ވެބްސައިޓެވެ. ނަވާރަ ބައްތިރީސް ރަމްޒުކޮށްދެނީ ދިވެހި ރާއްޖޭގައި ފުރަތަމަ ޤާނޫނުއަސާސީއެއް އެކަށައެޅި އެ ޤާނޫނުއަސާސީއަށް އަމަލުކުރަންފެށި އަހަރު ކަމުގައިވާ 1932 (ނަވާރަސަތޭކަ ބައްތިރީސް) އެވެ.
ނަވާރަ ބައްތިރީހުގެ މައިގަނޑު މަޤްޞަދުތަކަކީ ޤާނޫނަށް ރައްޔިތުން އަހުލުވެރި ކުރުވުމާއި؛ ވެރިކަން ހިންގުމުގެ ނިޒާމާއި ޤާނޫނު ހެދުމުގެ ނިޒާމާއި އަދި ޝަރުޢީ ދާއިރާއަށް ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމާއި؛ ޤާނޫނަށް ބޯލަބާ ތަހުޒީބު ޑިމޮކްރެޓިކް ވެލިއުސްތައް އަށަގަނެފައިވާ މުޖުތަމައަކަށް ދިވެހި މުޖުތަމައު ހެދުމަށް މަސައްކަތް ކުރުމާއި؛ އިންސާނީ ޙައްޤުތައް ކަށަވަރުކުރުމަށް މަސައްކަތްކުރުމާއި؛ ރޫލް އޮފް ލޯގެ ހަމަތައް އަށަގެންނެވުމަށް މަސައްކަތްކުރުމާއި؛ ނިޒާމުގެ ތެރެއިން ޖެންޑަރ އީކުއަލިޓީ ޤާއިމްކުރުމަށް މަސައްކަތްކުރުމާއި؛ އަންހެނުންނަކީ ކުރީ ސަފުގައި މަސައްކަތްކުރާ ބަޔަކަށް ހެދުމަށް މަސައްކަތްކުރުމާއި؛ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް މަސައްކަތްކުރުމާއި؛ ކުޑަކުދިންނާއި އަންހެނުންގެ ޙައްޤުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށް މަސައްކަތްކުރުމާއި؛ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކުން ކަށަވަރުކޮށްދޭ އެންމެހައި ޙައްޤުތަކާމެދު ހޭލުންތެރިކުރުވުމާއި، އެ ޙައްޤުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށް މަސައްކަތްކުރުމާއި؛ އަދި މިނޫންވެސް ޖަމްޢިއްޔާގެ މަޤްޞަދުތައް ހާޞިލްކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތެއް ކުރުމެވެ.
މަޢުލޫމާތު އާންމުކުރުން
ނަވާރަ ބައްތިރީހުގެ ފަރާތުން މި ވެބްސައިޓް މެދުވެރިކޮށް އާންމު ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި އެކުލަވާލެވޭ ރިޕޯޓްތައް ނުވަތަ ކަރުދާސްތައް ތިރީގައިވާ ތިން ބައިގެ ދަށުން ގެނެސްދިނުމަށްވަނީ ހަމަޖެހިފައެވެ.
އާންމުން ހޭލުންތެރިކުރުވުމަށް އެކަށައެޅޭ ކަރުދާސްތައް ނުވަތަ ލީފްލެޓް ތައް މި ތިން ބައިންކުރެ ބައެއްގައި ހިމަނާނީ ޖަމްއިއްޔާއިން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.
މަސައްކަތުގެ ފެށުން
މި މަސައްކަތް ފެށިގެން އައިސްފައިވަނީ ޤާނޫނީ ދާއިރާއިން ތަޢުލީމު ހާސިލްކުރި ޒުވާން ދެ ޤާނޫނީ ވަކީލުންގެ ހިތުގައި ރާއްޖޭގެ ރައްޔިތުން ޤާނޫނަށް ހޭލުންތެރިކުރުވުމުގެ މުހިންމުކަން ފާހަގަކުރެވި ވީ ޓީވީ މެދުވެރިކޮށް ގެނެސްދިން ނަވާރަ ބައްތިރީސް ޓީވީ ޝޯއާއި ހަމައިންނެވެ. އެ ޝޯގެ 29 އެޕިސޯޑް އެ ދެ ވަކީލުން އިސްވެތިބެ ހުށަހަޅާފައިވެއެވެ. މިއީ ދިވެހިރާއްޖޭގެ ތާރީޚުގައިވެސް މިހާހަމައަށް އަމިއްލަ ފަރާތަކުން މާސްމީޑިއާ މެދުވެރިކޮށް ޤާނޫނަށް ޚާއްސަކުރެވިގެން ގެނެސްދެވުނު ސިލްސިލާ ފުރަތަމަ ޕްރޮގްރާމެވެ.
އެ މަސައްކަތް އިތުރަށް ފުޅާކުރުމަށްޓަކައި ނަވާރަ ބައްތިރީސް ރަޖިސްޓަރީ ކުރެވި (ރަޖިސްޓަރީ ނަންބަރު: CR/87/2018)، އެ ފުރާޅުގެ ދަށުން ތަފާތު ގިނަ މަސައްކަތްތަކެއް މިހާރުވަނީ ފެށިފައެވެ.
ރައީސްގެ ބަޔާން
ނަވާރަ ބައްތިރީސް (ޖަމްޢިއްޔާ)އަކީ އުންމީދަކާއިއެކު އުފާވެރި ދިވެހިރާއްޖެއެއް ހޯދުމަށް ވީ މިންވަރަކުން މަސައްކަތްކުރުމަށް ފެށުނު ޙަރަކާތެކެވެ. މި މަސައްކަތުގައި ފަހަރަކު ފިޔަވަޅެއް އަޅަމުންގޮސް މިއަދު މިވަނީ ގާނޫނާއި އެއްގޮތްވާގޮތުގެމަތިން ޖަމްޢިއްޔާއެއްގެ ގޮތުގައި ރަޖިސްޓަރީ ކުރެވިފައެވެ.
ޤާނޫނުއަސާސީގެ 16 ވަނަ މާއްދާ، 19 ވަނަ މާއްދާ، 27 ވަނަ މާއްދާ، 29 ވަނަ މާއްދާ، 30 ވަނަ މާއްދާ، 62 ވަނަ މާއްދާ، 63 ވަނަ މާއްދާ، 66 ވަނަ މާއްދާ، 68 ވަނަ މާއްދާ އާއި 69 ވަނަ މާއްދާފަދަ މާއްދާތަކުން ލިބިދީފައިވާ ޙައްޤުތައް ކަށަވަރުވުމާއެކު ޤާނޫނުއަސާސީގައި ބަޔާންވެފައިވާ އެންމެހައި ޙައްޤެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަކީ ލާޒިމްކަމެކެވެ. މިގޮތުން ނަވާރަ ބައްތިރީސް (ޖަމްޢިއްޔާ)އިން މަސައްކަތްކުރާނީ ޖުމްލަގޮތެއްގައި ޤާނޫނުއަސާސީއާއި ޤާނޫނުތަކުން ލިބިދީފައިވާ ޙައްޤުތަކަށް އެކި ސިފަސިފައިގައި ދިވެހި ރައްޔިތުން ހޭލުންތެރިކުރުމަށެވެ.
މި މަސައްކަތުގައި އަޅުގަނޑުމެންނަށް މިހާހަމައަށްވެސް ވަނީ ގިނަބައެއްގެ އެހީތެރިކަމާއި މަދަދު ލިބިފައެވެ. އުންމީދަކީ ކުރިއަށް އޮތްތަނުގައިވެސް ތިޔަ އެންމެ ފަރާތްތަކުގެ އެހީތެރިކަމާއި މަދަދު މި މަސައްކަތުގައި ލިބިގެންދާނެކަމަށެވެ.