ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ އަދި ބަންދުުކުރެވޭ މީހާގެ ޙައްޤުތައް



ad 4
ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ އަދި ބަންދުުކުރެވޭ މީހާގެ ޙައްޤުތައް
ޑީޕީއާރެއެސް މުވައްޒަފުން ތަކެއް އެތުރިލައިގެން

ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ އަދި ބަންދުުކުރެވޭ މީހާގެ ޙައްޤުތައް


2008 ވަނަ އަހަރު ތަސްދީޤުކުރެވުނު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަކީ ދިމިޤްރާތީ މުޖުތަމައުތަކުގައި ރައްޔިތުންނަށް ލިބިދީފައިވާ ގިނަގުނަ ޙައްޤުތަކެއް ކަށަވަރުކޮށްދީފައިވާ ޤާނޫނުއަސާސީއެކެވެ. މިފަދަ އެއް ޙައްޤަކީ ކުށުގެ ތުހުމަތު ކުރެވިފައިވާ މީހަކަށް ލިބިދީފައިވާޙައްޤުތަކެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ޤާނޫނާ ޚިލާފަށް ހައްޔަރުކުރުމާއި ބަންދުކުރުމަކީ ކުށެއްކަމަށް ބަޔާންކޮށްފައިވެއެވެ. ޤާނޫނުއަސާސީގެ 45 ވަނަ މާއްދާގައިވަނީ "މި ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ކަނޑައެޅިފައިވާ ގޮތުގެމަތީން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނަކާ އެއްގޮތްވާ ގޮތުގެމަތީން މެނުވީ އެއްވެސް މީހެއްގެ ގަޔަށް އަތްލައި، ހިފައި، ހައްޔަރުކޮށް، އަދި ބަންދުކޮށްގެން ނުވާނެއެވެ." މިފަދައިންނެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންވެސް މިއިން ޙައްްޤެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ މިނިވަން ދިމިގްރާތީ މުޖުތަމައުތަކުގައި މިފަދަ ހައްޤެއް ހިފެހެއްޓިފައިވާ މިންވަރަށެވެ.

ޤާނޫނުއަސާސީގެ 46 ވަނަ މާއްދާގައި ހައްޔަރުކުރާ މީހާއަށް މީހަކު ކުށެއް ކުރަނިކޮށް ފެންނަ ހިނދެއްގައި، ނުވަތަ މީހަކު ކުށެއް ކޮށްފިކަމަށް، ނުވަތަ އެވަގުތަކު އެއުޅެނީ ކުށެއް ކުރާން ކަމަށް ބުއްދިއަށް ޤަބޫލުކުރެވޭފަދަ  އެކަށީގެންވާ ސަބަބުތަކެއް ނުވަތަ ހެކިތަކެއް ހުރެގެން، ނުވަތަ ކޯޓުގެ އަމުރަކަށް ހުއްދަލިބިގެން މެނުވީ، އެއްވެސް މީހަކު ހިފައި ހައްޔަރުކޮށް، ނުވަތަ ބަންދުކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގައި ހައްޔަރުކުރެވޭ މީހުންނާއި ބަންދުކުރެވޭ މީހެއްގެ ޙައްޤުތައް ބަޔާންކޮށްފައިވެއެވެ. މިގޮތުން ބަލާއިރު ހައްޔަރު ކުރެވޭ ހިނދު ނުވަތަ ބަންދުކުރެވޭ ހިނދު މީހަކަށް ލިބިގެންވާ ޙައްޤުތަކުގެ ތެރޭގައި އަންނަނިވި ޙައްޤުތައް ހިމެނެއެވެ.

  • އެމީހަކު ހައްޔަރުކުރެވުނު ސަބަބު ވަގުތުން އެ މީހަކަށް އަންގަންވާނެއެވެ. އަދި ގިނަވެގެން ސައުވީސް ގަޑިއިރުތެރޭގައި ހައްޔަރުކުރެވުނު ސަބަބު ލިޔުމުން އެމީހަކަށް ދޭން ވާނެއެވެ.
  • ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤު ލިބިގެންވާކަން އެމީހަކަށް އަންގަންވާނެއެވެ. އަދި ލަސްކުރުމެއްނެތި ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދައި، އެ މީހަކު  އެ ހައްޔަރު ކުރެވުނު ނުވަތަ ބަންދުކުރެވުނު މައްސަލައެއް ނިމޭންދެން ޤާނޫނީ ވަކީލުގެ އެހީތެރިކަން ދެމެހެއްޓުމުގެ ފުރުޞަތު އެ މީހަކަށް ފަހިކޮށްދޭން ވާނެއެވެ.
  • ތިމާއަކީ ކާކުކަން އަންގައިދިނުން ފިޔަވައި އިތުރު އެހެން އެއްވެސް މައުލޫމާތެއް ނުދީ ހަނުހުރުމަކީ އެ މީހަކަށް ލިބިގެންވާ ޙައްޤެއްކަން އެ މީހަކަށް އަންގައި، އެ ޙައްޤު ލިބިގަތުމުގެ ފުރުޞަތު އެ މީހަކަށް ދޭންވާނެއެވެ.
  • ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހާ ބަންދުކޮށްފައި ވަނީ ޤާނޫނީ ހަމަތަކުގެ މަތީންތޯ ކަނޑައެޅުމަށް، އެ މީހަކު ހައްޔަރުކުރެވުނުތާ ގިނަވެގެން ސައުވީސް ގަޑިއިރުގެ ތެރޭގައި، ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކުރާންވާނެއެވެ.

 

  • އަދި ޝަރުޠުތަކަކާއެކު ނުވަތަ ޝަރުޠަކާ ނުލައި އެ މީހަކު ދޫކޮށްލުމަށް، ނުވަތަ ބަންދުގައި ބެހެއްޓުމަށް އަމުރެއް ނެރުމުގެ ބާރު އެ ފަނޑިޔާރަކަށް ލިބިގެންވެއެވެ.

 

ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭން ހުރިމީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެކަމަށްޓަކައި، ނުވަތަ ކޯޓަށް ޙާޟިރުނުވެދާނެ ކަމަށްޓަކައި، ނުވަތަ ފިލައިފާނެކަމަށްޓަކައި ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި މެނުވީ، އެއްވެސް މީހަކާ މެދު ޝަރީޢަތުން ޙުކުމްކުރުމުގެ ކުރިން އެމީހަކު ބަންދުގައި ބަހައްޓައިގެން ނުވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ބަންދުން ދޫކޮށްލާ ހިނދު ކަފާލާތުގެ އުޞޫލުން ނުވަތަ ކޯޓުން ބޭނުންވާ ގޮތެއްގެ މަތީން ކޯޓަށް ޙާޟިރުވާނޭކަން ކަށަވަރުކުރުމަށް ކަނޑައަޅާ އެހެން ޝަރުޠުތަކެއް ކަނޑައެޅިދާނެއެވެ.

ޤާނޫނުއަސާސީގެ 51 ވަނަ މާއްދާއިން ކުށެއް ކުރި ކަމުގެ ދަޢުވާ އުފުލިފައިވާ ކޮންމެ މީހަކަށްމެ ލިބިގެންވާ ޙައްޤުތަކަކީ ކޮބައިކަން ބުނެދީފައިވެއެވެ. މިގޮތުން ކުށެއް ކުރި ކަމުގެ ދަޢުވާ އުފުލިފައިވާ ކޮންމެ މީހަކަށްމެ އެމީހެއްގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށަކީ ކޮބައިކަން އެމީހަކަށް ރަނގަޅަށް ދޭހަވާނޭ ބަހަކުން ލަސްނުކޮށް އަންގަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެ މީހަކާމެދު ޝަރީޢަތްކޮށް ނިންމުމުގެ ޙައްޤު ލިބުމުގެ އިތުރަށް ތިމާއާ ދެކޮޅަށް ޝަރީޢަތުގައި ބަޔާނެއް ނުދިނުމުގެ ޙައްޤު ލިބިގެންވެއެވެ. އަދި ހަމަ މިއާއެކު އެމީހަކީ ޝަރިޢަތްކުރެވޭ ބަސް ނޭނގޭ މީހަކު ނަމަ، ނުވަތަ ބީރު މީހަކު ނަމަ، ނުވަތަ މަންމަނު މީހަކު ނަމަ، އެމީހަކަށް ދައުލަތުގެ ފަރާތުން ތަރުޖަމާނަކު ހޯދުމުގެ ޙައްޤު ލިބިގެންވެއެވެ. ކުށެއްގެ ދަޢުވާ އުފުލިފައިވާ ކޮންމެ މީހަކަށްމެ ކުށުން ބަރީޢަވުމަށް މަސައްކަތް ކުރުމަށްޓަކައި އެކަށީގެންވާ ވަގުތާއި، އެކަށީގެންވާ ވަސީލަތްތައް ލިބެންޖެހެއެވެ. އަދި އެ މީހަކު އިޚްތިޔާރުކުރާ ޤާނޫނީ ވަކީލަކާ މަޝްވަރާ ކުރުމަށް ފުރުޞަތު ދޭންޖެހެއެވެ. އަދި އެމީހެއްގެ ޙާޟިރުގައި ޝަރީޢަތް ކުރެވުމާއި، އެ މީހަކު އިޚްތިޔާރުކުރާ ޤާނޫނީ ވަކީލެއްގެ އެހީގައި ކުށުން ބަރީއަވުމަށް މަސައްކަތް ކުރުމުގެ ހައްޤުގެ އިތުރަށް ދަޢުވާ ހުށަހަޅާ ފަރާތުން ޝަރީޢަތަށް ޙާޟިރުކުރާ ހެކީންނާ ސުވާލުކުރުމާއި، އެމީހަކު ބޭނުން ހެކީން ޝަރީޢަތަށް ޙާޟިރުކޮށްދިނުމަށް ކޯޓުގައި އެދުމާއި، އެހެކީންނާ ޝަރީޢަތުގެ މަޖިލީހުގައި ސުވާލު ކުރުމުގެ ޙައްޤަކީ ކުށުގެ ދަޢުވާ އުފުލިފައިވާ ހަމަ ކޮންމެ މީހަކަށް ޤާނޫނުއަސާސީ ކަށަވަރުކޮށްދޭ ޙައްޤު ތަކެކެވެ.

ހަމައެހެންމެ އެމީހަކު ކުށެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީޢަތުގައި ސާބިތުނުކުރެވޭނަމަ އެމީހަކީ ކުށެއް ނެތް މީހެއް ކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވާކަމަށް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވެއެވެ. މިހައްޤަކީ ޔުނިވަރސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް އިންވެސް ކަށަވަރުކޮށްދީފައިވާ ހައްޤެކެވެ. ޔުނިވަރސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސްގެ އާޓިކަލް 11 ގައި ވާގޮތުން ޝަރިޢަތުގައި ސާބިތުނުކުރެވޭހާ ހިނަދަކު އެމީހަކީ ކުށެއްނެތް މީހެކެވެ.  މި ޙައްޤަކީ އިސްލާމީ ޝަރީޢަތުންވެސް ކަށަވަރުކޮށްދީފައިވާ ޙައްޤެކެވެ. ބުނެވޭ ގޮތުގައި މި މަފްހޫމް އުފަންވުމުގެ އަސްލަކީވެސް އިސްލާމީ ޝަރީޢަތެވެ.

 

 

ad 6