އަލަތު ކައިވެންޏަށް 13 އަހަރުފަހުން އައިވީއެފް ހަދައިގެން ލިބުނު ފުރަތަމަ ދަރިފުޅު ޑޮކްޓަރުންގެ އިހުމާލުން މިދުނިޔެއާ ވަކިވެއްޖެއެވެ. މަޔަކަށް ކުރެވޭނީ ކޮންފަދަ ހިތްދަތި އިހުސާސެއް ހެއްޔެވެ. އެތައް އަހަރެއްގެ ގިނަ ދުވަސްތަކާއި ވަގުތާއި ފައިސާ ޚަރަދުކޮށް ކުރި ދިގު އިންތިޒާރަށް މޮޅިވެރިކަމުގެ ސާލެއް ވެރިވީ ޑޮކްޓަރެއްގެ އިހުމާލުންނެވެ. އެދަރިފުޅާއި ޢާއިލާއަށް އިންސާފު ނުލިބި ދިޔައީއެވެ.
އުންމީދުތަކަކާއެކު މައިންބަފައިންގެ ފޮނި އުންމީދާއި ޒުވާން ޖޯޝުން ފުރިގެން ފާގަތި މުސްތަގުބަލަކަށް ޑޮކްޓަރީކަން ކިޔަވަމުން އައި ޒުވާން ކަނބަލެއް، ބައެއްގެ އިހުމާލުން މިދުނިޔެއާ ވަކިވެ ދިޔައީއެވެ. ގެއްލިގެން އެ ދިޔައީ އުންމީދުން ފުރިގެންވި ގައުމަށް ޚިދުމަތްކޮށްދޭނެ ޤާބިލް ކަނބަލެކެވެ. ނަމަވެސް އިންސާފެއް ނުލިބުނެވެ.
ނުރައްކާތެރި އެކްސިޑެންޓެއްގައި ހާލު ސީރިއަސްވެ ހޮސްޕިޓަލަށް ގެންދެވުނު ފަރާތުގެ ބިލަށް ޒިންމާވާނެ ފަރާތެއް ނޭގޭތީ ނުވަތަ އެއީ ކާކުކަން ނޭގޭތީ އެކަށީގެންވާ ފަރުވާނުދީ އެތަށް ގަޑިއިރެއްވަންދެން ބޭއްވި ވާހަކަ އަކީވެސް މާދުރުނޫން ހަނދާން ތަކެކެވެ. އެހާލަތުގައިވަނިކޮށް ފޫނުބެއްދޭފަދަ އެތަށް ގެއްލުމަކާއި ހިތާމައާއި ވޭނާ ކެކުޅުން އިޙްސާސްކުރަން ޖެހުނީ ކިތައް ޢާއިލާއަށް ތޯއެވެ. މިއީ ކަން ހިނގަންވާނެ މަގެއް ނޫނެވެ.
މިފަދަ ހާދިސާތަކަކީ ހިތްދަތި އިޙުސާސްތަކެއް ހިތަށް ގެނުވާ ހާދިސާތަކެކެވެ. އެކަށީގެންވާ ހައްލެއް ހޯދައިދެވިފައިނުވާ މިފަދަ ހާދިސާތައް ތަކުރާރުކޮށް މި މުޖުތަމަޢުގައި ހިގަމުންދާކަމީ ހަޤީގަތެވެ.
ނަމަވެސް އުފެދޭ ސުވާލަކީ މިފަދަ ޙާދިސާތަކަށް އިންސާފު ހޯދައި ދެވިފައި ވޭތޯއެވެ.؟ މިފަދަ ޙާދިސާތަކަށް ރިއާޔަތްކޮށް މިފަދަކަންކަން ވިޔަ ނުދިނުމަށް އެޅުނީ ކޮން ފިޔަވަޅެއްތޯއެވެ؟ ހަރުދަނާ ކުރެވުނީ އަމަލުކުރެވެމުންދާ ކޮން އުސޫލެއްތޯއެވެ؟ މިކަންކަމަށް ޤާނޫނީ ފަރުވާއެއް ހޯދައިދެވިއްޖެތޯއެވެ؟
ނެގްލިޖެންސްއަކީ (އިހުމާލަކީ) ކޮބައިކަން ދެނެގަތުމަށް ކާރު ޑްރައިވަރެއް މަގުމަތީގައި އެކްސިޑެންޓެއް ވެފައިވާ ހާލަތެއް ޚިޔާލަށް ގެންނަވާށެވެ. ކާރު އެކްސިޑެންޓެއްގައި އެހާދިސާ ހިގުމުގައި އެންމެ ކުޑަމިނުން ކޮންމެވެސް އެއް ފަރާތެއް ޓްރެފިކް ޤާނޫނާއި ގަވާއިދާ ޚިލާފުވެ، އެފަރާތުން އެހެނިހެން މަގުގައި ދުއްވާ ފަރާތްތަކާއި ނުވަތަ ހިގާބިގާވެ އުޅޭ ފަރާތްތަކުގެ މައްޗަށް އޮންނަ ޑިއުޓީ އޮފް ކެއަރ އާ ޚިލާފުވެއެވެ. އަދި މި ހާލަތުގައި އެކްސިޑެންޓުގައި ގެއްލުންވި ފަރާތަށް އެކަމުގެ ބަދަލު އިހުމާލުވި ފަރާތުން ދޭން ޖެހެއެވެ. މިސާލަކަށް ކާރު ޑްރައިވަރެއް ޓްރެފިކް ލައިޓް ރަތް ވެފައި ވަނިކޮށް ހުއްޓުމަކާ ނުލައި ދުއްވާފައި ދާ ހާލަތުގައި ޤާނޫނީ ނަޒަރަކުން އޭނާ އެވަނީ އިހުމާލު ވެފައެވެ. ޓްރެފިކް ލައިޓަށް މަޑުނުކޮށް ދިއުމުގެ ސަބަބުން އެކްސިޑެންޓެއް ވެއްޖެނަމަ، އިހުމާލު ވީ ޑްރައިވަރ އެކްސިޑެންޓް ވީ ފަރާތަށް ލިބުނު ގެއްލުމުގެ ބަދަލު ދޭން ޖެހެއެވެ.
ޑްރައިވަރުންނެކޭ އެއްފަދައިން ޑޮކްޓަރުންނާއި، މެޑިކަލް ޕްރޮފެޝަނަލްސްއަށް އެމީހުން ފަރުވާދޭ ބަލިމީހުންގެ މައްޗަށް ޑިއުޓީ އޮފް ކެއަރ އެއް ވެއެވެ. އެއީ މެޑިކަލް ސްޓޭންޑަރޑް އޮފް ކެއަރ އާއި އެއްގޮތްވާ ގޮތުގެމަތިން ބަލިމީހުންނަށް ފަރުވާ ދިނުމެވެ. މެޑިކަލް ސްޓޭންޑަރޑް އޮފް ކެއަރ އަކީ ބަލިމީހާގެ ހާލަތުގައިވާ ފަރާތަކަށް ފަރުވާ ދިނުމުގައި ރީސަނަބަލް ކޮމްޕިޓެންޓް އަދި ހުނަރު ލިބިފައިވާ މެޑިކަލް ޕްރޮފެޝަނަލްއަކު އަމަލުކުރާނެ ލެވެލް އާއި އެއް ފެންވަރެއްގެ ކެއަރ އެކެވެ. މެޑިކަލް ނެގްލިޖެންސަކީ މެޑިކަލް ޕްރޮފެޝަނަލެއް ކުރާ އަމަލެއް ނުވަތަ ނުކޮށް ދޫކޮށްލާ ކަމެއް ކަނޑައެޅިފައިވާ މެޑިކަލް ސްޓޭންޑަރޑް އޮފް ކެއަރ އާ ޚިލާފު ވުމެވެ.
ދުނިޔޭގެ ކުރިއަރާފައިވާ ދިމީޤްރާތީ ހަމަތައް ޤަބޫލުކުރާ އެހެން ގައުމުތަކަށް ބަލާއިރު އިހުމާލުގެ އަމަލުތަކަކީ އެކަންކަމަށް ހަރުކަށި ފިޔަވަޅުތަކެއް އެޅޭ ކަންކަމެވެ. ޚާއްސަކޮށް ސިއްޙީ ދާއިރާގައި ދިމާވާ މެޑިކަލް ނެގްލިޖެންސް ހާދިސާތަކަށް އެޑްރެސްކުރެވި އަވަސް ހައްލު ހޯދައިދީފައިވެއެވެ. އިހުމާލުވީ ޑޮކްޓަރަށް ފިޔަވަޅު އެޅުމާއެކު ގެއްލުމުގެ ބަދަލު ބަލިމީހާއަށް ނުވަތަ ޢާއިލާއަށް ނަގައިދެއެވެ.
ދިވެހިރާއްޖޭގައި މިފަދައިން ޑިއުޓީ އޮފް ކެއަރ އެއް އޮންނަ ފަރާތަކުން އެކަމެއް ކުރަންޖެހޭ ފެންވަރުގައި ނުކުރުމުގެ ސަބަބުން މިސާލަކަށް ޑޮކްޓަރަކު ބަލިމީހެއްގެ މައްޗަށް އޮންނަ ޑިއުޓީ އޮފް ކެއަރ އާ ޚިލާފުވެއްޖެނަމަ މިފަދަ ހާދިސާތަކުގެ ވާހަކަ ދައްކާލާފައި ދޫކޮށްލަނީއެވެ. ހަރުދަނާ ގޮތެއްގައި އެކަށީގެންވާ އަވަސްމިނެއްގައި ފިޔަވަޅު އެޅިގެންދާ ތަނެއް ނުފެނެއެވެ. ގެއްލުމުގެ ބަދަލު ނަގައިދިނުމަކީ އާންމުކޮށް ވާ ކަމެއް ނޫނެވެ.
މިފަދަ ކަންކަމަށް ޚާއްސަކޮށް މެޑިކަލް ނެގްލިޖެންސްއަށް އެޑްރެސް ކުރާނެ ޤާނޫނެއް ކިތައްމެހާވެސް މުހިންމެވެ. އެއީ މެޑިކަލް ޕްރޮފެޝަންގައި މަސައްކަތް ކުރާ ފަރާތްތަކަށްވެސް އެފަރާތްތަކުގެ އަމަލުތަކާމެދު ވިސްނުން ބަހައްޓައިގެން އެގިތިބެ ޕަރފޯމް ކުރުމުގެ ފުރުޞަތު ފަހިވެފައި އޮތުމަށެވެ. އާންމު ޖެނެރަލް ޕަބްލިކަށް ހާދިސާއެއް ހިގައިފިނަމަ މިއީ އިހުމާލުގެ އަމަލެއްކަން ސާފުވެ އެކަމާމެދު އެޅޭނެ ފިޔަވަޅަކީ ކޮބައިކަމާއި ރިޕޯޓް ކުރަންޖެހޭ ފަރާތްތައް އެގުނަ ދިނުމަށެވެ. މައުލޫމާތު ލިބި އެފަދަ އަމަލުތަށް ތަކުރާރުވިޔަ ނުދިނުމަށް ހިތްވަރު ލިބި ހޭލުންތެރިކަން އިތުރުކުރުވުމަށެވެ.
މިކުޑަކުޑަ ދިވެހިރާއްޖޭގައި އިހުމާލުގެ ހާދިސާތައް ހިގާލެއް ގިނަކަމަށްވެފައި މިކަމަށް ޤާނޫނީ ފަރުވާއެއް އަވަސް ފުރުޞަތެއްގައި ލިބިގެން ދިއުމަކީ ވަރަށްވެސް މުހިންމު އެހާމެ ބޭނުންތެރި ކަމެއްކަމުގައި ދެކެމެވެ.