އެންމެ އިސްސަފުން މިވާހަކަ ވިދާޅުވާ ބޭފުޅަކަށް ރައީސް މުޙައްމަދު ނަޝީދު ވުމަކީ ހައިރާންކަމެއް ގެނުވާކަމަކަށް ވެދާނެއެވެ. ދިވެހިރާއްޖޭގެ ތާރީޚުގައި އަދި މިހާހަމައަށް ބޮޑު ކޯލިޝަނަކާ ވާދަކޮށް ގިނިކަންޏާ އެންމެ ގިނަ ވޯޓް ހޯއްދެވުމުގެ ރެކޯޑް އޮތީ ޚުދު އެމަނިކުފާނަށެވެ. އެހެންކަމުން ރިޔާސީ ނިޒާމެއްގެ ތެރެއިން އެންމެ ފަސޭހައިން ވެރިކަން ހޯއްދެވުން އެންމެ ކައިރި އެއް ބޭފުޅަކީ އެއީއެވެ. ނަމަވެސް އިވޭއަޑާ މަންޒަރު ކުޑަކޮށް ތަފާތެވެ. ގިނިކަންޏާ އެންމެ ގިނަ ވޯޓް ހޯއްދަވާފައިވާ ފަރާތް ވަކާލާތުކުރައްވަނީ ބަރުލަމާނީ ނިޒާމަށެވެ.
ދިވެހިރާއްޖޭގެ ތާރީޚަށް ބަލާއިރު ބަރުލަމާނީ ނިޒާމަކީ ފެންނަންހުރި ލިޔެކިޔުންތަކަށް ނަޒަރުކޮށް ބަލާނަމަ ދިވެހިން އެ ނިޒާމަކާ އެއްފަދަ ގޮތަކަށް އެންމެ ގިނަ ދުވަހު އަމަލުކުރި ނިޒާމެވެ. ސާފު ރިޔާސީ ނިޒާމެއް 2008 ވަނަ އަހަރު އެކަށައެޅުމުގެކުރިން މަސްހުނި ނަމުން ރިޔާސީ ނިޒާމް ނުހިގައެކޭ ނޫނެވެ. އެންމެ ފަހުން ރައީސް މުޙައްމަދު ނަޝީދު ވެރިކަމަށް ވަަޑައިގެންނެވުމުގެ ކުރިން ރައީސް މައުމޫން ވެރިކަމަށް ވަޑައިގެންނެވި މަގަށް ބައްލަވާށެވެ. ރައީސް މައުމޫންގެ ޒައާމަތުގައި އެކަށައެޅުނު ޤާނޫނުއަސާސީގެ ދަށުން 2008ގެ ކުރިން އަމަލުކުރަމުން ދިޔަ މަގަކީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ކުރިމަތިލާ ފަރާތްތައް އެ މަޤާމަށް ހޮވަން ރައްޔިތުންގެ މަޖިލިހުން ވޯޓެއް ނަގަނީއެވެ. މި ވޯޓުގައި ރައްޔިތުންގެ މެދުގައި އެންމެ މަގުބޫލު ފަރާތް ބަލިވެސްވެދާނެއެވެ. އަދި ރައްޔިތުންގެ މެދުގައި އެންމެ މަގުބޫލުކަން ކުޑަ ފަރާތް ކާމިޔާބުވެސް ކޮށްފާނެއެވެ. އެހެނީ ވޯޓް ދެނީ ރައްޔިތުންގެ މަޖިލިހުގެ މެންބަރުންނެވެ. ބޮޑު ބާރު އޮތީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަތްމަތީގައެވެ. އެއަށްފަހު ރައްޔިތުން އަރިހުން އަހާ ހަމައެކަނި ސުވާލަކީ ރައްޔިތުންގެ މަޖިލިހުން ހޮވާފައިވާ ފަރާތް އެންމެ ރަނގަޅުތޯ ނުވަތަ ނޫންތޯ ކުރާ ސުވާލެވެ.
ދެހާހުގެ ކުރީކޮޅު އައު ޤާނޫނުއަސާސީއެއް އެކަށައެޅުމުގެ މަސައްކަތް ބާރަށް ކުރިއަށް ދިޔައިރު އެންމެ ބޮޑަށް ކުރެވުނު ސުވާލަކީ ރާއްޖޭގައި އޮންނަން ފެންނަނީ ކޮން ނިޒާމެއްތޯ ކުރެވުނު ސުވާލެވެ. އެވަގުތައް އެންމެ ގިނަ ބައެއްގެ ލޯތްބާއި ތާއީދު ގިނިކަންޏާ ހޯއްދަވައިގެން ހުންނެވި ފަރާތަކީ ރައީސް މައުމޫންއެވެ. އެ މަނިކުފާނު ވަކާލާތުކުރެއްވީ ރިޔާސީ ނިޒާމަކަށެވެ. އޭރުގެ އިދިކޮޅު ލީޑަރ ރައީސް މުޙައްމަދު ނަޝީދުގެ ވިސްނުންފުޅުހުރީ ބަރުލަމާނީ ނިޒާމަކަށެވެ. ސިޔާސީ ޕާޓީތަކުގެ ފިކުރު ދެ ނިޒާމަށް ބެހިފައި ހުރީ ތަފާތު އެކި ސަބަބުތަކަށްޓަކައެވެ.
އަހަރުތަކެއް ފާއިތުވެގޮސް އަނެއްކާވެސް އެ ބަހުސްގެ އަޑު ގަދަވާންފަށައިފިއެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. ރާއްޖޭގައި އައު ޤާނޫނުއަސާސީ އުފެދުމަށްފަހު ކޯލިޝަނަކުން ނޫނީ ވެރިކަމަށް މީހަކު ހޮވިފައި ނުވާތީއެވެ. ރައީސް ޔާމީންގެ ދައުރުގެ ފަހުކޮޅުގައި އެތައް ގޯހެއް ހައްދަވަމުން ގެންދެވިއިރު އެމަނިކުފާނު ވެރިކަމަށް ގެނައި ކޯލިޝަން ޕާޓްނަރަކަށް ކުރެވުނު ހަމަ އެއްކަމެއްވެސް ނެތަތީއެވެ. ރައްޔިތުންގެ ރުހުން ނެތް ބަޔަކު ކެބިނެޓަަށް އައުމުގެ ފުރުޞަތު ބަރުލަމާނީ ނިޒާމެއްގައި ކުޑަކަމަށް ބުނެއެވެ. އަދިވެސް އެތައް އެތައް ސަބަބުތަކާއެކުގައެވެ. އަނެއްކޮޅުން ރިޔާސީ ނިޒާމެއް އޮތުމުގެ މުހިންމުކަން ހަދާންކޮށްދޭ ފަރާތްތަކެއްވެސް އެބަފެނެއެވެ. ރާއްޖޭގެ ރައްޔިތުންގެ މަޖިލިހުގެ ފާއިތުވި ތާރީޚާއި ކަންހިގާ މަގަށްބަލައި އެންމެ ރަނގަޅީ އަދިވެސް ރިޔާސީ ނިޒާމްކަމަށް އެފަރާތްތަކުން ދެކެއެވެ.
ދިވެހިރާއްޖޭގައި ޤާނޫނުތައް ލިޔެވެން ފެށިފަހުން ފެންނަން އޮތް ހަޤީޤަތަކީ ދިވެހިން އަމަލުކުރަމުންއައީ ވަރަށް ބޮަޑަށް ބަރުލަމާނީ ސިފަތަކެއް އެކުލެވޭ ނިޒާމަކަށްކަމެވެ. ރަސްކަލަކު ހުންނެވި ނަމަވެސް ތަފާތު އެކި ނަންނަމުގައި ރައްޔިތުންގެ މަޖިލިސްތެރެއިން ހޮވޭ ބޮޑު ވަޒީރެއް ހުންނަވައެވެ. އަދި ވަޒީރުންގެ މަޖިލިސްވެސް ރައްޔިތުންގެ މަޖިލިހުގެ ތެރެއިން ހޮވާލެވުނު ދުވަސްވަރެއް ދިޔައެވެ. ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީގެ 65 ވަނަ މާއްދާގައިވަނީ "ކީރިތި މަހާރަދުން ވަޒީރުލްއަޢުޒަމް އިޚްތިޔާރު ކުރައްވާނީ ޤާނޫނުހަދާ މަޖިލިސްގެ މަޝްވަރާއާއިލައިގެން އެ މަޖިލިސްގެ މެންބަރުންގެ ތެރެއިންނެވެ. އޭގެފަހުގައި ވަޒީރުން އިޚްތިޔާރު ކުރައްވާނީ ރަދުންގެ އަމުރުފުޅާއިލައިގެން ޤާނޫނުހަދާ މަޖިލިސްގެ މެންބަރުންގެ ތެރެއިން ވަޒީރުލްއަޢުޒަމްއެވެ. މި ވަޒީރުންނަނީ ޤާނޫނުހަދާ މަޖިލިސްގެ މެންބަރުންމެއެވެ."
ރިޔާސީ ނިޒާމެއް ގާއިމްކުރުމަށް ރައްޔިތުންގެ ވޯޓަކުން ފާސްވެ އެ ނިޒާމް އެކަށީގެންވާ މުއްދަތެއްގައި ޓެސްޓްކުރެވިއްޖެއެވެ. ހަމައެއާއިއެކު ނަމުން ބަރުލަމާނީ ނުކީނަމަވެސް ބަރުލަމާނީ ނިޒާމަށްވެސް ދިވެހިން އަމަލުކޮށް އެ ނިޒާމް ތަޖުރިބާ ކޮށްފައިވެއެވެ. އަދި ދިވެހިންގެ ތަޖުރިބާއާއި އިލްމީ ޤާބިލްކަމާއި ވިސްނުން ވަރަށްބޮޑަށް ބަދަލުވެއްޖެއެވެ. އެހެންކަމުން އެކަށީގެންވާ ވަގުތުގެ ކެންޕެއިންއާއިއެކު ވަގުތުއޮވެގެން ނިޒާމުގެ ބަހުސްކޮށް އަލުން ނިޒާމުގެ ވޯޓް ނެގުންއެއީ ރަނގަޅުކަމަކަށް ވެދާނެއެވެ. ދިވެހިން ނިޒާމަށް ބަދަލެއް ގެންނަން އެދޭނަމަ ޤާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭކަންކަން ފުރިހަމަކޮށް ދެންފެށޭ ދައުރެއް ރައްޔިތުންގެ ނިންމުމާއި އެއްގޮތަށް ފެށުންއެއީ ހަމަ ރަނގަޅުގޮތެއްކަމުގައި ބެލެވިދާނެއެވެ.
މިފަދަ ހާލަތެއް އައިސްފިނަމަ ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ށ)ގެ 6 ވަނަ މާއްދާ ނުވަތަ 115 ވަނަ މާއްދާގެ (ޏ) ނުވަތަ 262 ވަނަ މާއްދާ ނުވަތަ 264 ވަނަ މާއްދާއާއި އެއްގޮތަށް އަމަލުކޮށް ރައްޔިތުންގެ ނިންމުން ތަންފީޛުކޮށް ރީތި އޮމާން ވެއްޓެއްގައި ޑިމޮކްރެޓިކް ހަމަތަކާއި އެއްގޮތަށް ދިވެހި ޤައުމު ކުރިއަށް ގެންދިއުމަކީ ހަމަކޮންމެ ދިވެހި ދަރިއެއްގެ ވާޖިބެކެވެ.