ދިވެހި ބަހުގެ ރަދީފަށް ބަލާއިރު ވެރިކަންކުރާ ރަށުގެ ސަރަޙައްދު ފިޔަވައި އެހެން ސަރަޙައްދުތަކަކީ ރާއްޖެތެރެއެވެ. އަދި މިއީ އާންމުކޮށް މާލެ ފިޔަވައި އެހެން ސަރަޙައްދުތައް ޖުމްލަގޮތެއްގައި ބަޔާންކޮށްދިނުމަށް ޒަމާނުއްސުރެ ބޭނުންކޮށްއުޅޭ ބަހެކެވެ. ރާއްޖެތެރެއާއި މާލޭގެ ފަރަގަކީ ކޮންމެ ޒަމާނެއްގައިވެސް ސާފުކޮށް ފެންނާން އޮތް ބޮޑު ތަފާތެކެވެ. އެކަން އެހެން އެޒަމާނުގައި ހިގަމުން ދިޔައީ ސަބަބު ތަކެއް ނެތިއެއް ނޫނެވެ. އިހުގައި ވެރިކަމުގެ ހަޤީޤީ ބާރު އޮތީ މާލޭ ބޮޑުންގެ އަތްމަތީގައެވެ. ބަސްބުނެ ގޮތް ނިންމަން ތިބެނީ މި ދެންނެވި އަމިއްލަ ނަފްސަށް ބޮޑުންގެ ލަޤަބު ދެއްވައިގެން ތިއްބެވި ބޭފުޅުން ކޮޅެކެވެ. ފަހަރަކު ދުވަހެއް މާޒީގެ ތެރެއަށްގޮސް އެއްކަލަ ދުވަސްތައް ފަޑުވަމުން ގެއްލި ހިގައްޖެއެވެ.
ދެން ފެންނަންފެށީ ބަދަލުވަމުން ދިޔަ އެހެން މަންޒަރެކެވެ. މި ހަދާންހުރި އެތައްހާސް ރާއްޖެތެރޭ މީހުން މިއަދުވެސް ދިރިއުޅޭނެއެވެ. ކިޔެވުމަށް މާލެ ފައިބާން ޖެހުނީއެވެ. މާލެ އައިސް ރާއްޖެތެރޭ ނިކަމެތި ކުއްޖާ ދިރިއުޅެމުން ދިޔައީ އަޅުވެތިކަމާ އިންތިހާ ދަރަޖައިގައި ގުލާނުކޮށްދީގެނެވެ. ކިޔެވުމުގެ ނަމުގައި ބަހައްޓާފައި ހުއްޓެއްކަމަކު މައިގަނޑު މަސައްކަތަކީ ގޭގޭގެ މަސައްކަތު މީހެއްގެ ވަޒީފާއެވެ. ވަގުތު އޮވެއްޖެނަމަ ކޮންމެވެސް ކުލާހަކަށް ދެވިދާނެއެވެ. އަނެއްކޮޅުން ރަށުގައިތިބި މައިންބަފައިންގެ މަސައްކަތުން ލިބޭ ފައިސާކޮޅު މާލޭގައި ހުންނަ ދަރިފުޅުގެ ކިޔެވުމަށް ޚަރަދުކުރަން އޮންނަނީ މަޖުބޫރު ވެފައެވެ. ބައްޕަ ބާނާ މަސްކޮޅާއި ވަލުން ކަޑާލާ ކަށިކެޔޮގަނޑާ ގޭގާ ހެދިފައި ހުރި ކެޔޮގަހުގައި އޮތް ކެޔޮގަނޑު މާލޭގައި ދަރިފުޅު ބަހައްޓާފައި ހުރި ގެއަށް ފޮނުވުން އެއީ ކޮންމެހެން ކުރަންޖެހިފާ އޮތް ކަމެކެވެ. މައިންބަފައިން ދެކެމުންދިޔަ ހުވަފެނަކީ ދަރިފުޅު ކިޔަވާނިމި ރަނގަޅު ވަޒީފާއަކަށް ގޮސް އުފާފާގަތި ދިރިއުޅުމެއްގައި އުޅުމެވެ.
އެ ދުވަސްވެސް މާޒީގެ މާދުރު ދުވަސްތަކަކަށްވެ ހިގައްޖެއެވެ. އެ ސަފްހާ ނިމުނުއިރު ތަރުތީބު އުސޫލަކުން ރޭވިގެން އިތުރު އަނެއް މަރުހަލާ މިހާރުމިވަނީ ފެށިފައެވެ. ކުލީގެ އަޅަކަށް ރާއްޖެތެރޭމީހާ މިވަނީ ހަދާފައެވެ. އެއްކަލަ ދަރިފުޅު މިވަނީ ކުލީގެ އަޅަކަށްވެ މާލޭގައި އުޅެން މަޖުބޫރުވެފައެވެ.
އެހެނަސް ވިސްނަންޖެހޭ މުހިންމު ބަދަލެއް މިވަނީ ނިޒާމަށް އައިސްފައެވެ. މާޒީވި ފަންސާހަކަށް އަހަރުގައި ތަފާތު އެކި ގޮތްގޮތުން ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މިއަދު ޤާނޫނާއި ނިޒާމުގައި ހުރި އުސޫލުތަކަށް ބަލާއިރު އެންމެ ބާރުގަދަ ބަޔަކީ ރާއްޖެތެރޭ މީހުންނެވެ. ވިސްނަވާށެވެ. ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ވޯޓް ދިނުމުގެ ޙައްޤު ލިބިގެންވި 262،135 މީހުން ތިބިއިރު އޭގެ ތެރެއިން 200،000އަށް ވުރެ ގިނަ މީހުންނަކީ ރާއްޖެތެރޭމީހުންނެވެ. އަދި ރާއްޖެތެރޭ މީހުންނަކީ ވޯޓް ދިން މީހުންގެ ގާތްގަނޑަކަށް 80 ޕަސެންޓް (80 އިންސައްތަ) އެވެ. މާލޭ މީހުންނާ ނުލާވެސް ރައީސުލްޖުމްހޫރިއްޔާއެއް ހޮވުމުގެ އެންމެހައި ބާރެއް މިގޮތުން ބަލާނަމަ އޮތީ ރާއްޖެތެރޭ މީހުންނަށް އިންތިހާއަށް ބޮޑުތަނުން ލިބިފައިވެއެވެ. ޤާނޫނީ ނިޒާމް ތަރުތީބުވެފައި އޮތްގޮތާއި ވޯޓްގެ ނިސްބަތަށް ބެލިނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިންތިޚާބު ކުރުމުގެ އެންމެހައި ބާރެއް ލިބިފައި މިވަނީ ރާއްޖެތެރޭ މީހުންނަށެވެ.
ދެން އޮތީ ޤާނޫނު ހެދުމުގެ ބާރުގެ ވާހަކައެވެ. ރައްޔިތުންގެ މަޖިލިހުގައި ޖުމްލަ 85 މެންބަރުން ތިއްބަވާއިރު އެއިގެ ތެރެއިން 72 މެންބަރުން އިންތިޚާބުކުރަނީ ސީދާ ރާއްޖެތެރޭ މީހުންނެވެ. މާލޭ މީހުން އިންތިޚާބު ކުރަނީ އެންމެ 13 މެންބަރުންނެވެ. މިގޮތުން ބަލާނަމަ ރާއްޖެތެރޭ މީހުންގެ ސީދާ ވޯޓަކުން ރައްޔިތުންގެ މަޖިލީހުގެ ގާތްގަނޑަކަށް 84 ޕަސެންޓް (84 އިންސައްތަ) އިންތިޚާބުވެގެންދެއެވެ.
މަތީގައިވާ ހަމަތަކަށް ބަލާނަމަ ޤާނޫނީ ނިޡާމްގެ ތެރެއިން ވެރިކަން ހިންގުމުގެ ބާރާއި (ރައީސުލްޖުމްހޫރިއްޔާ އިންތިޚާބު ކުރުމާއި) ، ޤާނޫނުހެދުމުގެ ބާރު (ރައްޔިތުންގެ މަޖިލިހުގެ ސްޕަ މެޖޯރިޓީ އިންތިޚާބު ކުރުމުގެ ބާރު) އޮތީ ސީދާ ރާއްޖެތެރޭ މީހުންގެ އަތްމަތީއެވެ.
އަދި އިތުރު އެއް ނުކުތާ ފާހަގަކޮށްލާނަމެވެ. ދިވެހިރާއްޖޭގެ ޗާޓަށް ނަޒަރުކޮށް ބައްލަވާށެވެ. މާލޭ ނެގުމަށްފަހު ރާއްޖެތެރެކަމަށް ބުނާ ސަރަހައްދަން ފުންކޮށް ވިސްނާބެލުމުން އިޤްތިޞާދީ ބާރުވެރިކަން އޮތީވެސް ރާއްޖެތެރޭ މީހުންގެ އަތުގައިކަން ސާފުކޮށް ފެންނަން އެ އޮތީއެވެ. ރަށްތަކާއި ފަޅުތަކާއި އެތަންތާ ހުރި ރިސޯޓްތަކާއި އެ ސަރަޙައްދުތަކުގައި ހިގަމުންދާ އިޤްތިޞާދީ ހަރަކާތް ހާދަހާވާ ގިނައެވެ. އެއިން ލިބޭ ނަފާ ވަންނަނީ ހަމަ ދައުލަތުގެ ބަޖެޓަށެވެ.
މިއަދު ހިތާމައަކީ އަދިވެސް ރާއްޖެތެރޭ މީހާ ކުލީގެ އަޅެއްގެ ގޮތުގައި މާލޭގައި އުޅެން ޖެހިފައި އޮތް އޮތުމެވެ. ތައުލީމް ހޯދުމަށާއި ބޭސްފަރުވާއަށް އައިސް މާލޭ މީހާއަށް ކުލި ދައްކައިގެން އުޅެންޖެހިފައި އޮތް އޮތުން ބަދަލު ނުވާކަން އެއީ ފެންނަން އޮތް ހަޤީގަތެކެވެ. ރަނގަޅު ވަޒީފާއެއް ބޭނުންނަމަ އުޅެން މަޖުބޫރު ވެފައިއޮންނަނީ މުސާރައިގެ ބޮޑު ބައެއް ކުއްޔައް ދައްކައިގެން މާލޭގައެވެ. ބައެއް އޮފީސްތަކަށް ސިޓީއެއް ލާން، ރާއްޖެއިން ބޭރުގެ ކޮންމެވެސް ކަރައަކަށް ދާން އަދި އަސްލާއި އެއްގޮތްކަމުގެ ތައްގަނޑެއް ޖަހާލަންޖެހުނަސް މިޖެހެނީ މާލެ އަންނާށެވެ. މި ލިސްޓް އިންތިހާއަށް ދިގެވެ.
ދުނިޔޭގެ ތަރައްޤީވެފައިވާ ޤައުމުތައް ކުރިއަރާފައި ވަނީ މިހެނެއް ނޫނެވެ. މިސާލަކަށް އެމެރިކާއަށް ބަލާނަމަ ވެރިކަންކުރާ ރަށަށް ވުރެ އެހެން އެތަށް ރަށެއް ތަރައްޤީގައި އުޅެނީ މާބޮޑުތަނުން ކުރީގައެވެ. އެންމެކައިރިން އިންޑިއާއިންވެސް މި މަންޒަރު ވަރަށް ރަނގަޅަށް ދައްކައި ދެއެވެ.
ޒަމާންތަކެއްގައި މާލޭ ބޮޑުން ބުނާ ބަސް އެހިއްޖެއެވެ. އެދުވަސް މާޒީގެ ތެރެއަށް ދިއައިރު ތިބާ ތިހުރީ ކިހިނެއްތޯ ސުވާލުކުރަންޖެހެއެވެ. މިއަދު މިވާހަކަ ނުދައްކައިފިނަމަ މާދަމާ ގެއްލޭނެކަން ހަދާންކުރަންޖެހެއެވެ. ވޯޓްދެވޭ ބޮޑު ނިސްބަތް އަދި ދައުލަތުގެ ބާރުތައް ސާފުކޮށް ރާއްޖެތެރޭ މީހުންގެ އަތްމަތީ އޮތްކަން ހަދާންކުރަންޖެހެއެވެ. ވޯޓްގެ ކުރިއަށް ރާއްޖެތެރޭގެ ތަރައްޤީއަށް އޮތް މިންވަރު ބަލަން ޖެހެއެވެ. ކޮންމެ ކަމަކަށް މާލެއަށް ބަރޯސާވެގެން ނޫޅެވޭނެކަމަށް ފާޅުގަ ބުނަންޖެހެއެވެ. ވޯޓް ދެވޭނީ ތިމަންނާމެންނަށް ޙައްޤު މިންވަރު ދިނުމުންކަމަށް ކެރިގެން ބުނަންޖެހެއެވެ. އެހެންނޫނީ ޒަމާނީ އަޅުވެތިކަމުގައި ޖީލުތަކެއް ހަލާކުވެގެން ހިގައިދާނެއެވެ. ރައްރަށުގައި މިއަދު އުޅޭ ޖުވާން ދެމަފިރިން ނުހަނު ލޯބިން ބަލާ ބޮޑުކުރާ ދަރިފުޅު ތިޔަ ދެމަފިރިން މުސްކުޅިވާ ދުވަހު، ތިޔަ ދެމަފިރިން އެކަނިމާއެކަނި ރަށުގައި ދިރިއުޅެއް ދޫކޮށް ވަޒީފާއެއް ހޯދުމަށް މާލެ ދާ ދުވަސް އޮތީ މާ ދުރުގައި ނޫންކަމަށް ދެކިގެން ތިޔަ ބޭފުޅުންގެ ބަސް މިއަދު އިއްވަންޖެހެއެވެ.
ޑިމޮކްރެޓިކް ހަމަތަކާއި އެއްގޮތަށް ރާއްޖެތެރޭ މީހުންނަށް ޤާނޫނީ ނިޒާމްގެ ތެރެއިން ލިބިފައިވާ ބޮޑު ބާރުގެ ބޭނުން އެންމެ ރަނގަޅުގޮތުގައި ހިފަންޖެހެއެވެ. އެހެނީ ޑިމޮކްރެޓިކް ހަމަތަކާއި އެއްގޮތަށް އިންތިހާއަށް ބޮޑު މެޖޯރިޓީއާއެކު ގޮތް ނިންމުމުގެ ބާރު އޮތީ ސާފުކޮށް ރާއްޖެތެރޭ މީހާގެ އަތްމަތީގައެވެ. މާލޭ މީހާ އަށް އިހްތިރާމް ކުރާހާލު ޒަމާނުންސުރެ އޮބަހައްޓާ ހިފަހައްޓާފައިވާ މެޖޯރިޓީގެ ޙައްޤު ހޯދަން ނުކުންނަންޖެހޭނީ ރާއްޖެތެރޭ މީހުންނެވެ. އެ ޙައްޤު އެހެންމީހަކު ދީފާނެކަމަށް ބެލުމަކީ ކުށްހީއެކެވެ. އެކަމެއް ނުވާނެއެވެ.