އައު މަޖިލީހެއް އުފެއްދުމަށް ރައްޔިތުންނަށް ފުރުޞަތު ލިބިގެންދާއިރު....!



ad 4
އައު މަޖިލީހެއް އުފެއްދުމަށް ރައްޔިތުންނަށް ފުރުޞަތު ލިބިގެންދާއިރު....!
ރައްޔިތުންގެ މަޖިލީހުގެ ފޮޓޯއެއް

އައު މަޖިލީހެއް އުފެއްދުމަށް ރައްޔިތުންނަށް ފުރުޞަތު ލިބިގެންދާއިރު....!


މިދުވަސްވަރު އެންމެ ގަދައަށް ދެކެވޭ އެއް ވާހަކައަކީ 2019 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިޚާބުގެ ވާހަކައެވެ. ކޮފީއަކުން ރައްޓެއްސަކާ އެކު ދިމާވިޔަސް ދެކެވެނީ އަދި އަޑުއިވެނީ އެވާހަކައެވެ. މިގޮތުން ދެކެވުނު ވާހަކައެއް ހިއްސާކޮށްލާނަމެވެ. މަޖިލިސް އިންތިޚާބުގައި ދާއިރާއަކަށް ވާދަކުރާ ދެކެޑިޑޭޓެއްގެ ތެރެއިން ވޯޓް ދޭނީ ކޮން ކެންޑިޑޭޓަކަށްތޯ ސުވާލުކޮށްލުމުން އިވުނު ޖަވާބުން ހައިރާންވިއެވެ. ވޯޓް ދޭނީ ތިމަންނާއެކު ކޮފީއަށް އަރާ ގުޅާއިރަށް ފޯނު ނަގާ ކެންޑިޑޭޓަށްކަމަށް ބުންޏެވެ. ވާދަވެރި އަނެއް ކެންޑިޑޭޓަކީ ކިޔަވައިގެން ހުރި ޤާބިލް ފަސްބައިގައި ކިލަނބު ކަމެއް ނެތް ނަޒާހާތްތެރި ފަރާތެއް ނަމަވެސް އެފަރާތަށް ވޯޓް ނުދެނީ ތިމަންނާ ގުޅާލާ ހަމަކޮންމެ ވަގުތަކު ކޮފީއަކަށް ނާރާނެކަމަށް ބުނެއެވެ.

ނަމަވެސް މަޖިލީހަށް މެންބަރަކު ހޮވާއިރު ބަލަންވީ އެކުގައި ކޮފީ ބޯލަން ގުޅާލާ ކޮންމެ ގަޑިއަކު ގުޅާލާއިރަށް ދެވޭނެ މީހަކަށްތޯ ނުވަތަ ޤާނޫނީ ޒިންމާ އެންމެ ރަނގަޅަށް އަދާކުރެވޭ މީހަކަށްތޯއެވެ. އެހެންކަމުން ފުރަތަމަ ކަމަކަށް ރައްޔިތުންގެ މަޖިލީހަށް މެންބަރަކު ޢައްޔަން ކުރަނީ ކީއްކުރަންތޯއާއި އެމީހުންގެ ޒިންމާއަކީ ކޮބައިތޯއާއި އަދި ކަންކަން ހަމަމަގަށް އެޅުވުމުގައި އަދި ސަރުކާރު ޖަވާބުދާރީ ކުރުވުމާއި މިނިވަން ކޮމިޝަންތަކާއި މަޤާމުތަކުގައި ތިބި ފަރާތްތަށް ޒިންމާދާރުކުރުވައި އެކައުންޓަބަލް ކުރުމުގައި މަޖިލީހުގެ މެންބަރުންގެ ޒިންމާއަކީ ކޮބައިތޯ ބަލައިލުމަކީ މުހިންމު ކަމެއްކަމަށް ފެނެއެވެ.

ދިވެހިރާއްޖޭގެ ޤާނޫނު ހެދުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށް ޤާނޫނުއަސާސީގައި ބަޔާންވެފައިވެއެވެ. ޤާނޫނު އަސާސީ އާއި ޤާނޫނުތައް ބަލާ ދިރާސާ ކުރުމާއި ޤާނޫނުތައް އިސްލާހުކޮށް، ރައްޔިތުންނާ ގުޅުން ހުރި ކަންކަމުގައި ހައްލު ހޯދައިދިނުމުގެ މަސްއޫލިއްޔަތު އަދާ ކުރައްވަން ތިއްބަވަނީ މަޖިލީސް މެންބަރުންނެވެ. ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާނުހިނގާގޮތް ބެލުމާއި ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީ ކުރުވުމުގެ އިތުރަށް މިކަންކަން ކުރުމަށްޓަކައި ޤާނޫނުއަސާސީ އާއި ޤާނޫނުގައިވާ ގޮތުގެމަތިން ފިޔަވަޅު އެޅުމަކީ ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ބާރެކެވެ.

ރައްޔިތުންގެ މަޖިލިސް މެންބަރުންގެ މަސައްކަތުގައި ރިޢާޔަތްކުރަންވީ ކަންތައްތައް ޤާނޫނުއަސާސީގެ 75 ވަނަ މާއްދާގައިވަނީ ބަޔާންކޮށްފައެވެ. މިމާއްދާގައިވާގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަމަލުކުރަންވާނީ، ޤައުމީ މަސްލަޙަތާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެންނެވެ. އަދި އެއްވެސް މެންބަރަކު އެމީހެއްގެ ނުވަތަ އެމީހަކު ޚާއްޞަ ގުޅުމެއް އޮތް އެހެން މީހެއްގެވެސް ޒާތީ މަޞްލަޙަތެއް ކުރިއެރުވުމަށް މަޤާމުގެ ބޭނުންކޮށްގެން ނުވާނެއެވެ. އަދި އެބައިމީހުން، އެބައިމީހުން އިންތިޚާބުވީ ދާއިރާތައް ތަމްސީލުކުރުމުގައި، މުޅި ޤައުމާއި ހުރިހައި ރައްޔިތުންގެ ލާބަޔާއި މަންފާއަށް ރިޢާޔަތްކުރަންވާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކައިރިވުމުން ރައްޔިތުން ޅޮސްއުދޯއްޔަށް އަރުވައި ހެއްލަމުންދާކަން އެގިތިބެ ކޮންމެ ރައްޔިތެއްގެ ފަރުދީ ޒިންމާ އަދާކުރުން މުހިންމެވެ. ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ޤާބިލް މީހުން ހޮވުން މުހިންމެވެ.

ވަޒީރުންނާއި ސަރުކާރު މަޤާމުތަކުގައި ތިބި މީހުންނާއި ސުވާލު ކުރުމުގެ ބާރު  ޤާނޫނުއަސާސީގެ 98 ވަނަ މާއްދާގެ (ހ)އިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދީފައި އޮވެމެ އެކަން ތިބާގެ ދާއިރާގެ މެންބަރު ކޮށްފައިވޭތޯ ބަލަންޖެހެއެވެ. ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ނުވަތަ ސަރުކާރުގެ އޮފީހެއްގެ ވެރިޔަކު އަދާކުރާ ވާޖިބުތަކާބެހޭގޮތުން، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެމަތިން އެމީހަކާ ލިޔުމުން ނުވަތަ އަނގަބަހުން ސުވާލު ކުރުމުގެ ބާރު މަޖިލީހުގެ މެންބަރުންނަށް ލިބިގެންވެއެވެ. ނުހެދި އޮތް ބަދަރާއި، ނޭޅި ހުރި ގެތަށް ނޭޅި ހުރި ސަބަބު އޮޅުންފިލުވާ ރައްޔިތުންނަށް ޖަވާބު ހޯދައިނުދެވުނުހެން ކުރިއަށް އޮތް 5 އަހަރު ތިބެން ޖެހޭނެތޯ ބަލަންޖެހެއެވެ.

ރައްޔިތުންނަށް ވަޢުދުވެފައިވާ އެތަށް ކަމެއް ވުޒާރާތަކުން ނުކޮށް ދޫކޮށް އެބައިމީހުންނަށް ޤާނޫނުން މަތިކޮށްފައިވާ ޒިންމާ އަދާކުރުމަށް ނުކުޅެދުމުން ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ރައްޔިތުންގެ މަޖިލީހުގެ މަދުވެގެން 10 މެންބަރުން، ސަބަބު ބަޔާންކޮށް، ސޮއިކޮށް ހުށަހަޅާ ހުށަހެޅުމަކުން ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިދާނެ ކަމަށް ޤާނޫނުއަސާސީގެ 101 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. ވަޒީރުންނަށް ރުހުން ދިނުމަގައި ޒިންމާ އަދާކުރިތޯ، އަދި ޒިންމާ އަދާ ނުކުރާ ކަމުގެ ޝަކުވާތަށް ފުނި ޖެހުނުއިރު ވަޒީރުން ޖަވާބުދާރީ ކުރުވުމަށް މައްސަލައެއް ހުށަހަޅައި، ސުވާލުނުކޮށް ގޮތްހުސްވެފައި އަތް އުރާލައިގެން ތިބެންޖެހޭނެތޯ ބަލަންޖެހެއެވެ.

ad 6

ސަރުކާރަށް ނިސްބަތްނުވާ މަޖިލިސް މެންބަރުން ތިބި ދާއިރާތަކަށް ކަންކަން ނުކޮށްދޭނެ ކަމަށްބުނެ ރައްޔިތުންނަށް އޮޅޭގޮތަށް ވާހަކަ ދައްކާފައިވާ ފަރާތްތަކުން ކޮންމެ މަހަކު ދާއިރާގެ ރައްޔިތުންގެ އަޑު އުފުލުމަށް އެވެރިންގެ ޓެކްސް ފައިސާ އިން ދޭ މުސާރަ ނަގައިގެން ތިބުމަށް އަނެއްކާވެސް ދޫކޮށްލަންވީތޯއެވެ. ވެރިކަން ހިންގާ ޕާޓީއަށް ދާއިރާގެ މަންދޫބު ނިސްބަތް ނުވި ނަމަވެސް ދާއިރާގެ ހައްޤުގައި މަސައްކަތް ކޮށްދޭން ޖެހޭނެކަމީ ދެބަސްނުވެވޭނެ ހަޤީޤަތެކެވެ.

ކޮންމެ އަހަރެއްގެ ބަޖެޓުގައި ދާއިރާއަށް ގިނަ ކަންތައްތަކެއް ކޮށްދޭން ހިމެނި ޖެހިގެން އަންނަ އަހަރު ހަމަ އެމަސައްކަތްތަށް ބަޖެޓް ކުރެވުނު އިރު، ކުރީ އަހަރު ބަޖެޓުގައި އެލޮކޭޓް ކޮށްފައި ހުރިކަންތައްތަކަށް ޚަރަދު ނުކުރެވި އޮތީ ކީއްވެތޯ އާއި އެފައިސާއަށް ވީގޮތް އޮޅުން ފިލުވުމަށް މަސައްކަތް ކޮށްދޭނެ ފަރާތެއްތޯ ބަލަންޖެހެއެވެ.

މިނިވަން މުސްތަޤިއްލު ކޮމިޝަންތަކާއި މުސްތަޤިއްލު މަޤާމްތަށް ފުރުއްވާ ހިތުހުރި ގޮތަކަށް ނަމުން މިނިވަން ކަމާއެކު މަސައްކަތްކުރާނަމަ އެފަރާތްތަށް ޖަވާބުދާރީ ކުރުވުމަށް މަސައްކަތްކުރާނެތޯ ބަލަންޖެހެއެވެ. އެތަށް މައްސަލަތަކެއްގައި ކުށުގެ ދައުވާ އެތަށް ފަރުދެއްގެ މައްޗަށް ނުޙައްޤުން އުފުލައި ފްރޭމް ކުރަމުން ދިޔައިރު، ޕްރޮސެކިއުޓަރ ޖެނެރަލް މަޤާމުން ވަކިކުރުމަށް މަސައްކަތް ކޮށްފައިނުވާހެން ކުރިއަށް އޮތް 5 އަހަރު ދޫކޮށްލާނީތޯ ބަލަންޖެހެއެވެ. ކޮރަޕްޝަންގެ އެތަށް މައްސަލަތަކެއް ފެންމަތިވެ އެތަށް ހާސް މައްސަލަތަކެއް ހުށަހެޅުނުއިރު، އެކަންކަން ބަލަން ހަވާލުކޮށްފައި ތިބި ފަރާތްތަށް ޒިންމާ އަދާ ނުކުރާ ކަމުގެ ޝަކުވާތައް އެތަށް ހާސް ބަޔަކު އުފުލާނަމަ  އެކަމަށް ހައްލެއް ހޯދައިދޭން މަސައްކަތް ކުރާނެތޯ ބަލަންޖެހެއެވެ. އިންސާނީ ހައްޤުތަށް ނިގުޅައިގަނެ އެތައް ބައެއް އަސާސީ ހައްޤުތަކުން މަހުރޫމް ވެގެން ދާއިރު ހިއުމަން ރައިޓްސް ކޮމިޝަންގައި ތިބި ފަރާތްތަށް ޖަވާބުދާރީ ކުރުވުމަށް އެއްވެސް މަސައްކަތެއް ނުކޮށް ރައްޔިތުން އަސާސީ ހައްޤުތަކުން މަހުރޫމް ކުރުމަށް ޖާގަދޭނީތޯ ސުވާލުކުރަންޖެހެއެވެ. ސިވިލް ސަރވިސް ކޮމިޝަނުން އެތަށް އަހަރެއް ވަންދެން ފަރުވާތެރިކަމާއެކު އަދާކުރަމުންދިޔަ އެތަށް ބައެއްގެ ވަޒީފާ ހަމަ ކުއްލިއަކަށް ޤާނޫނުތަކާއި ގަވާއިދުތަކާ ޚިލާފަށް ގެއްލުވާލައި އެތަށް ޢާއިލާއަކަށް ނުޙައްޤު ނިކަމެތިކަން ވެރިކުރުވިއިރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެބޭފޫޅުންނަށް އެ ވަޒީފާއިން ވަކިކުރި ފަރާތުން ދެއްކި ޓެކްސް ފައިސާއިން މަހު މުސާރަ ނަގައިގެން ހަމަޖެހިލައިގެން ނިދިކުރައްވަން ދޫކޮށްލާނީތޯ ސުވާލުކުރަން ޖެހެއެވެ.

 ޕްރޮސެކިއުޓަރ ޖެނެރަލް ނުވަތަ އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރަކު ނުވަތަ ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރަކު ނުވަތަ ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރަކު  މަޤާމާ އެކަށީގެން ނުވާފަދަ ކަމެއް ކުރިކަމަށް، ނުވަތަ އެމަޤާމް އަދާކުރުމަށް ޢުޛުރުވެރިވާފަދަ ޙާލަތެއް މެދުވެރިވެއްޖެކަމަށް، ނުވަތަ މަޤާމް އަދާކުރުމުގެ ޤާބިލްކަން ނެތްކަމަށް ފެނިއްޖެ ހާލަތެއް މެދުވެރިވެއްޖެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފެނިގެން، ޕްރޮސެކިއުޓަރ ޖެނެރަލް ނުވަތަ އެ މެންބަރަކު އެ ކޮމިޝަނުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުން ޕްރޮސެކިއުޓަރ ޖެނެރަލް ނުވަތަ އެމެންބަރަކު މަޤާމުން ވަކިވާނެކަމަށް ޤާނޫނުއަސާސީގައި ބަޔާންކޮށްފައި އޮންނަ އޮތުމަށް ބަލާއިރުވެސް ނުޙައްޤުން މީހުންނާމެދު އުފުލުނު ޖިނާއީ ދައުވާތަށް އުފުލުން ހުއްޓުވައި އިންސާފުގެ މަގަށް ކަންކަން އެޅުވުމަށާއި، ކޮރަޕްޝަންގެ މައްސަލަތައް އަވަހަށް ބަލާ ކަންކަން ހަމަމަގަށް އެޅުވުމަށާއި، ރައްޔިތުންނަށް ލިބިފައިވާ އަސާސީ ހައްޤުތަކާއި އިންސާނީ ހައްޤުތަށް ކަށަވަރުވާކަން ޔަޤީންކުރުމަށާއި، ރައްޔިތުމީހާގެ ގެއްލުވާލާފައިވާ ވަޒީފާގެ ހައްޤުގައި  ކޮމިޝަން ހަމަމަގަށް އަޅުވަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބިފައިވަނީ ބޮޑު ބާރެއްކަން އެގެއެވެ. އަންނަން އޮތް 5 އަހަރު މިކަންކަން ކަށަވަރު ކުރުމަށް ރައްޔިތު މީހާގެ މަންދޫބަކަށް މިބާރު ދޫކޮށްލަންވާނީ ނަޒާހާތްތެރި ތެދުވެރި އަމާނާތްތެރި ކަމުގެ ހުނަރާއި ޤާބިލްކަން ލިބިފައިވާ ފަރާތަކަށް ނޫން ތޯއެވެ؟

ދައުރު ނިމެން 6 މަސް ދުވަހަށް ވުމުން ދާއިރާ ފެނި ދާއިރާގެ ރައްޔިތުންގެ އިޙްސާސްތައް މާބޮޑަށް އެގި ރަށު ބަހުރުވައިން ވާހަކަ ދައްކާ ހެދުމުން އެމީހަކު ދާއިރާގެ ރައްޔިތުންނަށް އިޚްލާސްތެރި ރަނގަޅު މަންދޫބަކަށް ނުވާނެކަން ދަންނަން ޖެހެއެވެ. ދާއިރާގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތި އުދަގުލަކީ ކޮބައިކަން އިންތިޚާބު ފެށެން 6 މަހަށް ވުމުން އެގި ވާހަކަ ދައްކާއިރު ވޭތުވެދިޔަ 60 މަސްދުވަހު 1825 ދުވަހު 43،800 ގަޑިއިރު ކުރެއްވީ ކީއްތޯ ސުވާލުކޮށް ލުމަކީ ކޮންމެ ފަރުދަކު ކުރަންޖެހޭ ކަމެކެވެ.  

އެއްވެސް ދާއިރާއެއް ރިފޯމް ކުރުމަށް އިސްނަގައިނެން ކުރެވިފައި ހުރި ކަންކަމަކީ ކޮބައިތޯ ބަލައި އަމިއްލައަށް އެސުވާލުތަކަށް ޖަވާބު ހޯދާ އެހެން މީހަކު ބުނާ ބުނުމެއްގެ މައްޗަށް ތިމާގެ ނިންމުން ނުނިންމައި އަމިއްލައަށް ކަންކަމާމެދު ފިކުރު ހިންގައި ކޮންމެ މީހަކު އެމީހެއްގެ ފަރުދީ ޒިންމާ އަދާ ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. އެންމެ ވޯޓަކުންވެސް ނަތީޖާ ބަދަލުވެދާނެއެވެ. ވޯޓުގައި ކޮންމެ މީހަކުވެސް މުހިންމެވެ. އަދި މުހިންމު ވަނީ އެއްހަމަކޮށް އެއްވަރަކަށެވެ.

ނިމިގެން މިދާ ރައްޔިތުންގެ މަޖިލީހުގައި އެތަށް ކަމެއް ހިނގާ ދިޔައިރު ބައެއް މަޖިލިސް މެންބަރުން ތިބީ ބަލާށެވެ. އަނެއްބައި މެންބަރުން ތިބީ ދުރުގައެވެ. ނިދާފައޭވެސް ބުނެވިދާނެއެވެ. އަނެއްބައި މެންބަރުން އެކަންކަމުގައި ބައިވެރިވެ ރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތުގެ ކަޅު ސޮފްހާތަށް ލިޔުމުގައި އަމަލީ ގޮތުން ބައިވެރިވީއެވެ. އެހެނަސް ބައެއް މެންބަރުން ރައްޔިތުންގެ ހައްޤުގައި ބޮޑެތި ގުރުބާނީތަކެއްވީކަންވެސް ފާހަގަކުރަންޖެހެއެވެ. އެހެންކަމުން މިފަހަރު ރައްޔިތުން އެބައިމީހުންގެ ގޮތް ނިންމައި އަޑު އުފުލުމަށް ފަރާތެއް އައްޔަން ކުރާއިރު މިކަންކަމާ ވިސްނާލުން މުހިންމެވެ.