ޤާނޫނު ތަޠްބީޤު ކުރެވޭނީ ކޮންއިރަކަށް ހެއްޔެވެ؟



ad 4
ޤާނޫނު ތަޠްބީޤު ކުރެވޭނީ ކޮންއިރަކަށް ހެއްޔެވެ؟
ޤާނޫނު ތަޠްބީޤު ކުރެވޭނީ ކޮންއިރަކަށް ހެއްޔެވެ؟

ޤާނޫނު ތަޠްބީޤު ކުރެވޭނީ ކޮންއިރަކަށް ހެއްޔެވެ؟


ޤާނޫނު ތަޠްބީޤު ކުރުމުގައި އެންމެ އޮޅުންއަރާ އެއްކަމަކީ ޤާނޫނު ތަޠްބީޤު ކުރެވެންވީ ޒަމާން (ވަގުތު) ތަޙްދީދު ކުރުމެވެ. ދުވަސްތައް ތަކުރާރުވަމުން ދިޔަދިޔަހެން އެދުވަސްތަކުގައި ހިނގާ ކަންތައްތައްވެސް ތަކުރާރުވަމުންދާނެއެވެ. ޤާނޫނު ހިންގަން ފެށުމުގައި ކުރީގައި ހިނގި ކަންތައްތަކާއި އޭގެފަހުން ހިނގި ކަންތައްތައް ހުންނާނެއެވެ. ޤާނޫނު ތަޠްބީޤު ކުރަންވީ މިތަނުން ކޮންކޮން ކަންތައްތަކެއްގެ މައްޗަށް ހެއްޔެވެ؟

މާޟީގެ މައްޗަށް ޤާނޫނު ނުހިނގުން

އަސާސީ ގަވާއިދެއްގެ ގޮތުން ޤާނޫނު ހިނގާނީ ޤާނޫނު ހިނގަން ފެށުމަށްފަހު ހިނގި ކަންތައްތަކުގެ މައްޗަށެވެ. މި މަބްދައުއަށް ކިޔަނީ "މާޟީގެ މައްޗަށް ޤާނޫނު ނުހިނގުމުގެ މަބްދައު" އެވެ. މި މަބްދައު ބުނާގޮތުން އަލަށް ހެދުނު ޤާނޫނެއް ހިނގަން ފެށުމުގެ ކުރީގައި ހިނގާފައިވާ ކަމެއްގެ މައްޗަށް އެ ޤާނޫނެއް ނުހިނގާނެއެވެ. މިކަމުގައި އައު ޤާނޫނު ހިނގަން ފެށުމުގެ ކުރީގައި ހިނގިކަންތައްތަކަކީ ޤާނޫނީ މަރުކަޒެއް އަލުން އުފެދުމާ ގުޅޭކަމެއް ކަމުގައިވިއަސް ނުވަތަ ޤާނޫނީ މަރުކަޒެއްގެ މާޟީވެފައިވާ ނަތީޖާއަކާ ގުޅޭކަމެއް ކަމުގައިވިއަސް ހަމަހަމައެވެ.

މިނަންގަނެވުނު ދެގޮތުގެ މައްޗަށް އިތުރު އަލިކަމެއް އަޅުވާލުމަށްޓަކައި މިސާލެއް ގެނައުމަކީ ބޭނުންކަމެއް ކަމުގައި ދެކެމެވެ. މިސާލު: (1) ކާވެނިވުމަށް ވަކި ޢުމުރެއް ކަނޑަނޭޅި އޮވެފައި އަލަށް ޤާނޫނެއް ނުކުމެއްޖެއެވެ. އެ ޤާނޫނުގައި ބުނަނީ ފިރިމީހާގެ ޢުމުރު 18 އަހަރަށްވުރެ މަދުނަމަ، ނުވަތަ އަނބިމީހާގެ ޢުމުރު 16 އަހަރަށްވުރެ މަދުނަމަ އަނބިފިރިކަމުގެ ގޮތުން ކުރެވޭ ދަޢުވާއެއް ޤަބޫލެއް ނުކުރެވޭނެއެވެ. މި ޤާނޫނު ހިނގަން ފެށުމުގެ ކުރީގައި ކުރެވިފައިވާ ކައިވެނިތަކުގެ މައްޗަށް މި ޤާނޫނެއް ނުހިނގާނެއެވެ. 18 އަހަރާއި 16 އަހަރުން ދަށުގެ ޢުމުރުގެ ކައިވެނިތައްވެސް މި ޤާނޫނު ހިނގަން ފެށުމުގެ ކުރީގައި ކުރެވިފައިވާނަމަ އެއީ ޞައްޙަ ކައިވެނިތަކެކެވެ. އަލަށް ނުކުތް ޤާނޫނަކުން އެކައިވެނިތަކަކީ ޣައިރު ޤާނޫނީ ކައިވެނިތަކަކަށް ނުހެދޭނެއެވެ. އެހެނީ މާޟީގެ މައްޗަށް ޤާނޫނެއް ނުހިނގާނެއެވެ.

މިސާލު: (2)  ވާރުތަވެރިން ހުއްދަނުދިނަސް ތަރިކައިގެ ދެބައިކުޅަ އެއްބައި ވަޞިއްޔަތުން ދިނުން ހުއްދަކުރާ ޤާނޫނަކާ އެއްގޮތަށް މީހަކު އޭނާގެ ތަރިކައިން ދެބައިކުޅަ އެއްބައި ވަކި މީހަކަށް ދިނުމަށް ވަޞިއްޔަތްކޮށްފިއެވެ. ދެން ވަޞިއްޔަތް ކުރިމީހާ މަރުވުމަށްފަހު އައު ޤާނޫނެއް ނުކުމެއްޖެއެވެ. މިއައު ޤާނޫނުގައިވާގޮތުގެ މަތިން ތަރިކައިގެ ދެބައިކުޅަ އެއްބައިގެ އިތުރަށް ވަޞިއްޔަތް ކުރުމެއް ވާރުތަވެރިން ޤަބޫލު ނޫންނަމަ ހުއްދައެއްނޫނެވެ. މި ޤާނޫނުން ވަޞިއްޔަތް އުފެދުމަށް ބޭނުންވާ ޝަރުޠުތަކަށް ބަދަލުގެނައީއެވެ. ވީމާ، ވަޞިއްޔަތް ކުރިމީހާ މަރުވެ އެ ވަޞިއްޔަތް ފުރިހަމަވެފައިވާތީ މި ވަޞިއްޔަތުގެ މައްޗަށް އައު ޤާނޫނެއް ނުހިނގާނެއެވެ.

މިސާލު (3): ޢިމާރާތްތަކުގެ ކުލި ހިސާބަށްވުރެ ބޮޑުވަމުންދާތީ އާއްމު މަޞްލަޙަތަށްޓަކައި 15 ޖަނަވަރީ 71 ން ފެށިގެން 30 ނޮވެމްބަރ 72 އާއި ދެމެދުގައި ބިނާކުރެވިފައިވާ ޢިމާރާތްތަކުގެ ކުލި 15% ކުޑަކުރުމަށް ޤާނޫނެއް ނުކުމެއްޖެނަމަ އެޤާނޫނު ހިނގަން ފެށުމުގެ ކުރީގައި ދޭންޖެހިފައިވާ ކުލީގެ މައްޗަކަށް އެ ޤާނޫނެއް ނުހިނގާނެއެވެ.

ނަމަވެސް ޤާނޫނީ މަރުކަޒު އުފެދުމަށް ބޭނުންވާ ޝަރުޠުތައް ފުރިހަމަވަނީ އައު ޤާނޫނު ހިނގަން ފެށުމަށްފަހުގައިނަމަ، އައު ޤާނޫނު އޭގެ މައްޗަށް ހިނގާނެއެވެ. ހަމައެފަދައިން ޤާނޫނީ މަރުކަޒެއްގެ ނަތީޖާއެއް ފެންނަނީ އެ ޤާނޫނު ހިނގަންފެށުމަށްފަހު ކަމަށްވާނަމަ، އެކަމުގެ މައްޗަށްވެސް އެޤާނޫނު ހިނގާނެއެވެ.

މިސާލު : (4) ތަރިކައިގެ ދެބައިކުޅަ އެއްބައި ވަޞިއްޔަތުން ދިނުން ހުއްދަކުރާ ޤާނޫނަކާ އެއްގޮތްވާ ގޮތުގަމެތިން މީހަކު އޭނާގެ ތަރިކައިގެ ދެބައިކުޅަ އެއްބައި އެހެންމީހަކަށް ދިނުމަށް ވަޞިއްޔަތްކޮށްފިއެވެ. އެއަށްފަހު އޭނާ މަރުވުމުގެ ކުރިން އައު ޤާނޫނެއް ނުކުމެއްޖެއެވެ. އެ ޤާނޫނުގައިވާ ގޮތުން ތަރިކައިގެ ތިންބައިކުޅަ އެއްބަޔަށްވުރެ އިތުރަށް ވަޞިއްޔަތަކުން ނުދެވޭނެއެވެ. ވީމާ، މި ވަޞިއްޔަތުގެ މައްޗަށް އައު ޤާނޫނު ހިނގާނެއެވެ. އެހެނީ ވަޞިއްޔަތް، ވަޞިއްޔަތަކަށްވާނީ ވަޞިއްޔަތްކުރިމީހާ މަރުވުމަށްފަހުގައެވެ.

މާޟީގެ މައްޗަށް ޤާނޫނު ނުހިނގުމުގެ ޙިކުމަތް

ޤާނޫނު ފަސްއެނބުރި ނުދާނެކަމާއި މާޟީގެ މައްޗަށް ޤާނޫނެއް ނުހިނގާނޭއޭ ބުނެވުނު ބަހުގެ މާނަ އިސްވެދިޔަ ތަނުން ސާފުކޮށް އެނގިއްޖެއެވެ. އެ މަބްދައު އެގޮތަށް އޮންނަން ޖެހުނީ، ކޮން ޙިކުމަތަކަށްޓަކައިތޯ ބަލާއިރު ތިރީގައި މިވާކަންތައްތައް އޮޅުމެއްނެތް ގޮތުގައި އެނގޭނެއެވެ.

  • ޤާނޫނު ނުކުތުމުގެ ކުރީގައި ހިނގާފައިވާ ކަންތަކުގެ މައްޗަށް އަލަށް ހެދުނު ޤާނޫނެއް ހިންގުމަކީ ޢަދާލަތާ އިންޞާފުން އެއްކިބާވުމެވެ. އެހެނީ އަފްރާދުންނަށް އެނގިފައިނުވާ، މުސްތަޤްބަލްގައި ނުކުންނާނޭ ޤާނޫނަކަށް އިޙްތިރާމް ކުރުމަށް އެންގުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ. އެމީހުންނަށް އެނގޭނީ އެމީހުންގެ ތެރޭގައި އޮތް ޤާނޫނަކަށް އިޙްތިރާމް ކުރުމަށެވެ. އެމީހުން ތަޞައްރުފެއް ކުރާއިރު މުސްތަޤްބަލްގައި ނުކުންނާނެ ޤާނޫނަކާ އެއްގޮތަށް އެ ތަޞައްރުފެއް ކުރާކަށް ނޭނގޭނެއެވެ.
  • މާޟީގެ މައްޗަށް ޤާނޫނު ހިންގުމަކީ ޤާނޫނާ މެދުގައި މީހުންގެ އިތުބާރުނެތިދާނޭ ކަމެކެވެ. މިހާރު އޮތް ޤާނޫނާ އެއްގޮތަށް އެމީހުން މަޞްލަޙަތުތައް ހަމަޖައްސައި ތަޞައްރުފުތައް ކުރަމުންދާއިރުވެސް، ދެން ނުކުންނަ ޤާނޫނަކުން އެމީހުންކުރި ތަޞައްރުފުތައް ބަދަލުކޮށްލާފާނެތީ، ތިބޭނީ ބިރު ހީވެހީވެއެވެ. ޤާނޫނާމެދު މީހުންގެ އިތުބާރު އޮތުމަކީ ދައުލަތުގެ ޙަޔާތަށް އެންމެ ބޭނުން އެއްކަމަކަށްވާތީ މާޟީގެ މައްޗަށް ޤާނޫނު ހިންގުންވާނީ ދައުލަތެއް ރޫޅައި، ސުންނާފަތިކުރުމަށް ބޭނުންކުރެވޭ ދަތްދަގަނޑަކަށެވެ.
  • މާޟީގެ މައްޗަށް ޤާނޫނު ހިންގުމުން ޤާނޫނީ ހަމަތައް އޮޅުންބޮޅުންވެ ހިނގައިދާނެއެވެ. ނަތީޖާއެއްގެ ގޮތުން އާއްމު މަޞްލަހަތު ގެއްލި މީސްތަކުންގެ މެދުގައި ދެކޮޅުވެރި ޙަރަކާތްތައް ހިލިގެންފާނެއެވެ.
  • މީސްތަކުންނަށް އެނގުމަށްޓަކައި، ގެޒެޓް ކުރެވުމަށްފަހުގައި މެނުވީ ޤާނޫނެއް ނުހިނގާނޭކަމީ އެންމެން ޤަބޫލުކުރާ މަބްދައު އެކެވެ. އެހެންކަމަށްވާނީވިއްޔާ މީހަކު އަމަލެއް ކުރުމަށްފަހު ނެރުނު ޤާނޫނެއް އެ އަމަލުގެ މައްޗަށް ހިންގުމަކީ ކިހިނަކުން ހުއްދަވާނޭ ކަމެއްހެއްޔެވެ؟

ނަންގަނެވިދިޔަ ސަބަބުތަކަށްޓަކައި މުތަމައްދިން ހުރިހާ ދައުލަތެއްވެސް މާޟީގެ މައްޗަށް އެ ޤާނޫނު ނުހިނގާނެ ކަމަށް އެތަންތާނގެ ޤާނޫނުގައި ކަނޑައަޅާފައިވެއެވެ. އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައިވެސް މި މަބްދައުވަނީ ކަނޑައެޅި ބަޔާންވެގެންނެވެ.

މާޟީގެ މައްޗަށް ޤާނޫނު ނުހިނގުމުގެ މަބްދައުން އިސްތިސްނާކުރެވޭ ކަންތައް

މާޟީގެ މައްޗަށް ޤާނޫނު ނުހިނގުމަކީ އަސާސީ ޤަވާއިދެއް ކަމުގައިވީނަމަވެސް އޭގެ ތެރެއިން އިސްތިސްނާވާ ދެ ޙާލަތެއް ވެއެވެ. އެއީ ޤާނޫނެއްގައި މާޟީގެ މައްޗަށް ޙުކުމް ހިންގުމަށް ކަނޑައެޅިގެން އޮތުމައި، ޖިނާޢީ ޤާނޫނެއް، ތުހުމަތު ކުރެވޭ މީހާއަށް މަޞްލަޙަތު ބޮޑުގޮތެއްގައި، ނުކުތުމެވެ.

  • ޖަމާއަތުގެ މަޞްލަޙަތު ނިޔާކުރާގޮތުން ވަކި ޤާނޫނެއް މާޟީގެ މައްޗަށް ހިންގިދާނެއެވެ. ނަމަވެސް މިއީ އާއްމު ގަވާއިދުގެ ތެރެއިން ކުރެވޭ އިސްތިސްނާއެކެވެ. މިކަންކުރުމުގެ ޙައްޤު ލިބިގެންވަނީ ހަމައެކަނި ރައްޔިތުންގެ މަޖްލިސްއަށެވެ. އެހެނީ އެ މަޖްލިހުން ފާސްކުރާ ޤާނޫނެއްގައި، އެ ޤާނޫނު މާޟީގެ މައްޗަށް ހިންގުމަށް ކަނޑައަޅާނީ ހަމަ އެމަޖްލިހުންނެވެ. އެގްޒެކެޓިވް (ވެރިކަން ހިންގާ ބާރު)ގެ ފަރާތުން ނެރޭ ފަރުޢީ ތަޝްރީޢުތައް (ފަރުޢީ ތަޝްރީޢު އަކީ ރައްޔިތުންގެ މަޖިލިސްގެ ބަދަލުގައި އެގްޒެކެޓިވްގެ ފަރާތުން ހެދޭ ގަވާއިދެވެ) މާޟީގެ މައްޗަށް ހިންގުމުގެ ޙައްޤެއް އެގްޒެކެޓިވް އަކަށް ނޯންނާނެއެވެ. ބައެއް ޤައުމުގައި ރައްޔިތުންގެ މަޖްލިސްއަށް މިކަމުގެ ޙައްޤު އޮތަސް އެކަށް މަޖްލިސްގެ (ތިންބައިކުޅަދެބައި ފަދަ) ޚާއްޞަ އަޣުލަބިއްޔަތެއް ލިބުން ޝަރުޠުކޮށްފައިވެއެވެ. އަދި ހަމަ އެހެންމެ ތުހުމަތު ކުރެވޭ މީހާއަށް ގެއްލުން ބޮޑުވާގޮތަށް ނުކުންނަ ޖިނާޢީ ޤާނޫނެއް މާޟީގެ މައްޗަށް ހިންގުމަކަށް އެ މަޖްލިސްއަކުން ކަނޑައެއް ނޭޅޭނެއެވެ.

މާޟީގެ މައްޗަށް ޤާނޫނު ހިންގުމުގެ ޙައްޤު ރައްޔިތުންގެ މަޖްލިސްއަށް ލިބިފައިވީ ނަމަވެސް މި ޙައްޤުގެ ބޭނުން ހިފަންވާނީ ރައްކާތެރިކަމާއެކު ހަފަރާތަށް ވިސްނާފައެވެ. ޢާއްމު މަސްލަހަތަކަށްޓަކައި ކޮންމެހެން ކުރަންޖެހިއްޖެ ހިންދެއްގައި މެނުވީ މި ޙައްޤުގެ ބޭނުން ނުކުރުން ހުއްޓެވެ.

  • މާޟީގެ މައްޗަށް ޤާނޫނު ނުހިނގުމުގެ މަބްދައުން އިސްތިސްނާވާ އަނެއް ޙާލަތަކީ ތުހުމަތު ކުރެވޭ މީހާއަށް މަޞްލަހަތު ބޮޑުވާގޮތަށް ޖިނާޢީ ޤާނޫނެއް އަލަށް ނުކުތުމެވެ. މިހެންވެއްޖެ ޙާލެއްގައި އެއަލަށް ނުކުތް ޤާނޫނު މާޟީގެ މައްޗަށް ހިނގާނެއެވެ. މާޟީގެ މައްޗަށް މި ޤާނޫނު ހިނގާނެކަމަށް ކަނޑައެޅުމަކާ ނުލައި އަމިއްލަ ޒާތުން މާޒީގެ މައްޗަށް އެ ޤާނޫނު ހިނގާނެއެވެ.

ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ޤާނޫނެއްގެ މަސްލަހަތު ބޮޑުވާނީ ދެގޮތަކުންނެވެ.

އެއްގޮތަކީ ތުހުމަތު ކުރެވޭ މީހާ ކުޅަ އަމަލުގެ މައްޗަށް އެއްވެސް ޢުޤޫބާތެއް ނެތްކަމަށް އައު ޤާނޫނުގައި ކަނޑައެޅިފައިވުމެވެ. އެހެން ޢިބާރާތަކުން ބަޔާންކުރަނީ ނަމަ، އެކުށް އުވާލައި އެ ޢަމަލަކީ ހުއްދަކަމެއްކަމަށް ކަނޑައެޅިފައިވެއެވެ.

އަނެއް ގޮތަކީ އަލަށް ނުކުތް ޤާނޫނުގައި އެކުށް، ކުށަކަށް ބާއްވައިމެ އެކުށުގެ ޢުޤޫބާތް ލުއިކުރުމަށް ކަނޑައެޅިފައި އޮތުމެވެ. އެއީ މިސާލަކަށް ޖަލަށްލުމުގެ ޢުޤޫބާތެއް އޮތްކަމަކަށް ގޭގައި ބަންދުކުރުމުގެ ޢުޤޫބާތް ދިނުމަށް ކަނޑައެޅިފައި އޮތުން ފަދަ، ހަތަރު އަހަރުދުވަހަށް އަރުވާލުމުގެ ޢުޤޫބާތް ދެއަހަރު ދުވަހަށް އަރުވާލުމަށް ބަދަލުކުރުމަށް ކަނޑައެޅިފައި އޮތުންފަދަ ކަންކަމެވެ.

ތުހުމަތު ކުރެވޭ މީހާއަށް މަސްލަހަތުހުރި ޖިނާޢީ ޤާނޫނެއް މާޟީގެ މައްޗަށް ހިންގުމުގެ ޙިކުމަތް، ވިސްނާލި ކޮންމެ މީހަކަށް އޮޅުމެއްނެތް ގޮތުގައި އެނގޭނެއެވެ. އެއީ ވޭތުވެދިޔަ ތާނގައި ކުށެއްކަމަށް ބަލަމުން އައި ކަމެއް މިހާރު ހުއްދަ ކަމަކަށް ވުމުން ޢަދާލަތާއި އިންޞާފު ނިޔާކުރަނީ އެކަމަށް ޢުޤޫބާތެއް ނުދިނުމަށެވެ. ހަމައެފަދައިން ކުށްކުޅައިރު ދޭންއޮންނަ ޢުޤޫބާތް ބޮޑުކަމަށް ފެނިގެން އެ އުޤޫބާތް ލުއިކުރެވިއްޖެނަމަ، ޢަދާލަތާއި އިންޞާފު ނިޔާކުރަނީ އެ ޢުޤޫބާތް ލުއިކުޅައުމަށެވެ.

ތުހުމަތު ކުރެވޭ މީހާއަށް ލުއިވާގޮތަށް ޖިނާޢީ ޤާނޫނެއް މާޟީގެ މައްޗަށް ހިންގޭނީ ހުށަހެޅިފައިވާ ޤަޟިއްޔާގެ ޙުކުމް ނިހާއީ ގޮތެއްގައި ކަނޑަނޭޅޭހައި ހިނދެއްގައެވެ. ނަމަވެސް އެކުށް މުޅިން އުވާލައި ޤާނޫނެއް ނުކުމެއްޖެނަމަ ޙުކުމްކޮށް ނިޔާކަނޑައެޅިފައި އޮތަސް އަދި ތަންފީޛުކުރަން ފަށާފައި އޮތަސް ކުށްވެރިޔާއަށް އެ ޤާނޫނުން ފައިދާ ކުރާނެއެވެ.

 

ނޯޓް:މިލިޔުމަކީ ފަޟީލަތުއްޝައިޚު އަލްއުސްތާޛު މޫސާފަތުޙީ ލިޔުއްވާފައިވާ 'ޤާނޫނަށް މަގެއް' މި ސިލްސިލާއިން ނަކަލު ކުރެވިފައިވާ ލިޔުމެކެވެ. އަލްއުސްތާޛް މޫސާފަތުޙީ އަކީ ދިވެހިރާއްޖޭގެ ޝަރުޢީ އަދި ޤާނޫނީ ދާއިރާގައި، ގިނަދުވސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ފުރަތަމަ އުއްތަމަ ފަނޑިޔާރުކަމާއި، ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ޖަސްޓިސް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ.

ad 6