އެއީވެސް ޑިމޮކްރަސީޔޯ، މިއީވެސް ޑިމޮކްރަސީޔޯ



ad 4
އެއީވެސް ޑިމޮކްރަސީޔޯ، މިއީވެސް ޑިމޮކްރަސީޔޯ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓް ބައްދަލުވުމެއްގެ ތެރެއިން

އެއީވެސް ޑިމޮކްރަސީޔޯ، މިއީވެސް ޑިމޮކްރަސީޔޯ


ޕީޕީއެމްގެ މުޒާހަރާއެއްގައި ޑިމޮކްރަސީ އަކީ ކޮބައިކަން ކިޔައިދެމުން މުޒާހަރާގެ ބައިވެރިޔަކު ބުނެފައިވަނީ ޑިމޮކްރަސީއަކީ ކޮންމެ ވެރިއަކަށްވެސް ދެ ދައުރު ދިނުންކަމަށެވެ. މިފަދައިން ޑިމޮކްރަސީ މާނަކުރުމުން ސޯޝަލް މީޑިއާގައި އެތައް ބައެއްގެ ފާޑު ކިޔުން އެކަމަށް އަމާޒުވެގެން ދިޔައެވެ. ކުޑަކޮށް މި މައުޟޫއިން ފޮތް ބަލާލީމެވެ. ފެނުނީ މުޅިންތަފާތު ވާހަކަތަކެކެވެ.

ޑިމޮކްރަސީއަކީ ގަދީމީ ގްރީކް ޙަޟާރަތުގެ ތެރެއިން އައިސްފައިވާ "ރައްޔިތުންގެ ފަރާތުން" ވެރިކަންކުރުމަށް ކިޔާ ނަމެކެވެ. ދެ ބަހަކުން އުފެދިގެން އައި ޑިމޮކްރަސީ ރަމްޒުކޮށްދެނީ ރައްޔިތުންނަށް އެބައިމީހުންގެ ކަންކަން ހިންގާނެ ފަރާތްތަކެއް ހޮވުމާއި އެފަރާތްތަކުގެ މައްޗަށް ކަނޑައެޅި ގަރާރުވެފައިވާ ހަމަތަކަކާއި އުސޫލުތަކަކާއި އެއްގޮތަށް ބަސްބުނެ ގޮތް ނިންމުމުގެ ބާރު އޮތުމަށެވެ.

ޑިމޮކްރަސީއަކީ މަތީގައި ބަޔާންވެފައިވާ އުސޫލުތަކާއި ހަމަތަކެއް ނަމަވެސް ދަންނަ ރަހުމަތްތެރިއެއްގެ ފަރާތުން ޑިމޮކްރަސީގެ ތަފާތު މާނައެއް މިދާކަށްދުވަހު އަޅުގަނޑަށް އިވުނެވެ. ޑިމޮކްރަސީއަކީ ވަކިގޮތަކަށް ލީޑަރޝިޕުން ނިންމުމުން އެއަށް ތަބާވުންކަމަށް ބުނުމުން ކުޑަ ހައިރާންކަމެއް ލިބުނެވެ. އަދި އަޅުގަނޑުގެ މައުލޫމާތު ރަނގަޅުތޯ އަލުން ބެލުމަށް ފޮތްތަކަށް ރުޖޫޢަވީމެވެ. މިފަދައިން ބެލުމުން ތިރީގައިވާ ނުކުތާތައް ފާހަގަކުރެވުނެވެ.

ވަކިމީހަކު އަންގާގޮތަށް ރައްޔިތުން އަމަލުކުރާ ނިޡާމް

ad 6

ވަކިފަރާތަކުން އަންގާގޮތަކަށް އެންމެހައި ފަރުދުންގެ ހަރަކާތްތައް ތަރުތީބު ކުރުވާ 20 ވަނަ ގަރުނުގެ އެންމެ ފަރިތަ ވިސްނުމަކީ ޑިކްޓޭޓަރޝިޕެވެ. ޑިކްޓޭޓަރޝިޕެއްގައި ފަރުދުންގެ ފިކުރާ ވިސްނުން އަދި އުޅުން ވަކިގޮތަކަށް ހުރުމަށް ބާރުއަޅާތަން ތާރީޚުން ފެންނަން އެބައޮތެވެ. ފަރުދީ މިނިވަންކަން އިންތިހާއަށް ކުޑަކޮށް ވެރިފަރާތުން ދޭން ނިންމާ މިންވަރު އެއީ ޙައްޤު މިންވަރުކަމުގައި ބަލަން އޮންނަނީ ލާޒިމްކޮށްފައެވެ. ގައުމުގެ ހަޤީޤީވެރިން ކަމުގައިވާ ރައްޔިތުން ފަހަތަށްޖައްސައި ވަކި މީހެއް މާބޮޑަށް ފުޅާވެ މުޅި ގައުމަކީވެސް އޭނާހެން ހީވާ މިންވަރަށް ބިޔަކޮށް ރައްޔިތުންނަށް މަންޒަރު ދައްކަމުންދެއެވެ.

ރައްޔިތުންގެ ފަރާތުން ރައްޔިތުން ހިންގާ ވެރިކަން

ރައްޔިތުންގެ ފަރާތުން ރައްޔިތުންކުރާ ވެރިކަމޭ ބުނުމުން ގިނަ ބައެއްގެ ވިސްނުމަށް ފުރަތަމަވެސް އަންނާނީ ޑިމޮކްރެޓިކް ވެރިކަމެކެވެ. މީގެ 2500 އަހަރު ކުރިއަށް ގޮސް ގްރީކްގެ ފަސްގަނޑުގައި ހިގާލައިފިނަމަ އެ ފެންނަނީ އެ ޒަމާނަށް ނުހަނު އައު އެހެނަސް ރައްޔިތުންގެ ބަސްއިއްވާ ބައްދަލުވުންތަކާ އެއްވުންތަކެވެ. އޭގެ ފަހުން ދިގު ދަތުރަކަށްފަހު ގިނަ ދުވަސްތަކެއް މާޒީއަށް ދޫކޮށް އައިސް އެމެރިކާގެ ފަސްގަނޑުގައި ހިގާލާއިރު ފެނިގެންދާނީ ރައީސް ލިންކަން ވެރިއެއްގެ ގޮތުގައި ހުއްޓައެވެ. ވިދާޅުވަމުން ގެންދެވީ ޑިމޮކްރަސީއަކީ ރައްޔިތުންގެ ފަރާތުން ރައްޔިތުންނަށްޓަކައި އެކުލަވާލެވޭ ރައްޔިތުންގެ ވެރިކަމެކެވެ. އޭގެމާފަހެވެ. ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 4 ވަނަ މާއްދާގައި ލިޔެފައިވަނީ "ދިވެހިދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި މި ބާރުތައް ދެމިއޮންނަނީ ރައްޔިތުންގެ ކިބައިގައެވެ."

ހަރުދަނާ ޑިމޮކްރެޓިކް މުޖުތަމައުތަކުގައި ގޮތް ނިންމާ ބަޔަކީ ރައްޔިތުންނެވެ. މިފަދައިން ގޮތް ނިންމަން އޮންނަ މައިގަނޑު ހަމައަކީ ވޯޓުލުމާއި ބަސްބުނުމެވެ. ވޯޓުލުމުގެ ޙައްޤާއި ޚިޔާލު ފާޅުކުރުމުގެ ޙައްޤަކީ ރައްޔިތުންގެ ބާރު ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ދެ މަގެވެ. ވޯޓަކަށް އެހުމުގެ ކުރިއަށް ރައްޔިތުންނާއި ގާތަށް ވައުދާއި ވިސްނުން ހުށަހަޅައެވެ. ރައްޔިތުން ފަރުވާތެރިކަމާއެކު އެކަންކަން ދިރާސާކުރަމުންދެއެވެ. ވޯޓުދެނީ ރައްޔިތުންނަށް ފެންނަ ގޮތަށެވެ. ޔޫރަޕްގެ އިއްތިހާދުން އިގިރޭސި ވިލާތް ވަކިވުމަށް ނެގި ވޯޓަށް ބައްލަވާށެވެ. އެތައް ދުވަހެއްގެ ވަރުގަދަ ކެމްޕޭންތައް ކުރަމުންދިޔައިރު ރައްޔިތުން ދިޔައީ ދިރާސާކޮށް ބަލަމުންނެވެ. އެދުވަސްވަރު އިގިރޭސިން އިންޓަރނެޓްގެ ޒަރިއްޔާއިން އެންމެ ބޮޑަށް ކިޔާ އަދި ބަލާފައި ވަނީ ޔޫރަޕްގެ އިއްތިހާދުން ވަކިވެއްޖެނަމަ ވާނެގޮތާއި އެކުގައި އޮވެއްޖެނަމަ ކަންހިގާނެ މަގެވެ. ވޯޓު ނަގައިފިއެވެ. ކާމިޔާބު ކުރީ ބޮޑުވަޒީރު ވަކާލާތު ކުރެއްވި ފަޅި ނޫން އަނެއް ފަޅިއެވެ. ވޯޓު ދިިނީ ރައްޔިތުންނަށް ފެންނަގޮތަށެވެ.

ތަފާތު އެތައް މާނައެއް ޑިމޮކްރަސީއާއި ގުޅުވައިގެން ނެރެމުންދާއިރު ޑިމޮކްރަސީގެ މާނަ ޒަމާނުއްސުރެ ކުރެވެމުން އައިސްފައިވާ ގޮތާއިމެދު ވިސްނަންޖެހެއެވެ. އަދި އެއަށްވުރެ އިސްކޮށް ޑިމޮކްރެޓިކް ހަމަތައް ރައްޔިތުންނަށް މުހިންމުވަނީ ކީއްވެތޯވެސް ސުވާލުކުރަންޖެހެއެވެ. ޑިމޮކްރަސީ ރައްޔިތުންނަށް މުހިންމުވަނީ ރައްޔިތުންގެ ބާރު އެ ނިޒާމުގައި އޮތުމުންނެވެ. އެއަށްވުރެ އިސް އެހެން އެއްވެސް ސަބަބެއް ނެތެވެ. ޤައުމުގެ ޙަޤީޤީ ވެރިންނަކީ ރައްޔިތުންކަމުގައި ވީހިނދު ރައްޔިތުންގެ ބާރު އޮންނަ ޑިމޮކްރެޓިކް ނިޒާމަކީ އޭގެ ޒާތަށް ބަލާނަމަ އަސްލުވެރިންނަށް އެވެރިންގެ ބާރު ހޯދައިދޭ ނިޒާމެކެވެ. އެހެންކަމުން އެންމެހައި ފަރުދުން ޤައުމުގެ ކަންކަން ނިންމުމުގައި އިސް ދައުރެއް އަދާކުރެއެވެ. ވަކި މީހަކު ބުނީތީ ބުނާ ގޮތަށް ވޯޓް ދިނުމުގެ ބަދަލުގައި ޙަޤީޤީ ބާރުވެރިޔަކީ ތިމަންނާކަން ސާފުކޮށް އެގިހުރެ ގޮތް ނިންމަނީ އަމިއްލަ ވިސްނުމަށް ބިނާކޮށް ދިރާސާކުރެވިގެން ރައްޔިތު މިހާއަށް ފެންނަ ގޮތަށެވެ. އަދި ވަކިވަކި ފަރުދުންގެ ވަކިވަކި ވިސްނުންތަކުގެ ތެރެއިން މިނިވަންކަމާއެކު ހޯދައިގަނެވޭ ގިނަ ވިސްނުން އިސްކޮށް ކުޑަކޮށް އޮތް ފިކުރަށް ނިކަމެތިކަމެއް ނުލިބޭގޮތުން ގައުމުގެ ހިންގުމުގެ ކަންކަން އިންތިޒާމްކުރެވިގެންދެއެވެ.