ކުލި ކޮންޓްރޯލް ކުރުމުގެ ބަޙުޘް



ad 4
ކުލި ކޮންޓްރޯލް ކުރުމުގެ ބަޙުޘް
މާލެ ސަރަހައްދުގެ ފޮޓޯއެއް

ކުލި ކޮންޓްރޯލް ކުރުމުގެ ބަޙުޘް


ދިވެހިންގެ އާބާދީގެ ބޮޑުބައެއް ދިރިއުޅެން ޖެހިފައި މިވަނީ މާލޭގައެވެ. ރަށްފުށުގެ ހިތްގައިމު ދިރިއުޅުން ދޫކޮށް ތޮއްޖެހިފައިވާ ކޮންކްރީޓް މާލެއަށް ބަދަލުވާންޖެހިފައިވަނީ ރަށުގައި ރަނގަޅު ފުރުޞަތު ލިބިފައިނެތަތީއެވެ. ވަކި ދާއިރާއެއް ނޫނެވެ. ތައުލީމާއި، ވަޒީފާއާއި ސިއްޙީ ޚިދުމަތާއި މިހެންގޮސް ލިސްޓް ނިމޭކަށް ނެތެވެ. ނަމަވެސް މާލެއަށް ބަދަލުވާ ހިސާބުން ކޮންމެ މީހަކުވަނީ ކުލީގެ އަޅަކަށެވެ. ކޮންމެ މަހެއްގައި އަވަދިނެތި ކުރާ މަސައްކަތުން ލިބޭ މުސާރަ އޮންނަނީ ކުއްޔަށް ދައްކާން ޖެހިފައެވެ. މިފަދައިން ކުލީގެ އަޅަކަށްވެ ދިރިއުޅެން މަޖުބޫރުވެފައިވާ ވުމަށް އިތުރު ނުތަނަވަސްކަން ވެރިކުރުވަނީ އަތްނުފޯރާ ފަށަށް ކުލި ބޮޑު ވުމެވެ. ތަނުގެ ކޮލިޓީއާއި ޚިދުމަތާ ނުބައްދަލަށް ކުލި ބޮޑުވުމަކީ އިންތިހާއަށް ކުރިމަތިވެފައިވާ މައްސަލައެކެވެ. ވަކި ވަރަކަށްވުރެ މަތީގައި ހުންނަ އެޕާޓްމެންޓްސް ކުއްޔަށް ދޭއިރު ލިފްޓް ހުންނަށް ޖެހޭއިރު، މި އުސޫލަށް ފެތެނީ ކުއްޔަށްދޫކުރާ ކިތައް އިމާރާތްތޯ ބައްލަވާށެވެ. ފަހަރުގައި ތިބާ ދިރިއުޅޭ ގޭގެ ހާލަތަކީވެސް މިއީކަމަށް ވުމަކީ ނުވުމަށްވުރެ ވުން ގާތް ކަމެކެވެ. އަލިފާން ފޮށްޓެއްހާ ކުޑަ ކޮޓަރީގެ އެއްފަރާތުގައި ކައްކައި ކައިބޮއި ހަދަނީ ކިތައް ޢާއިލާތޯއެވެ؟ މިފަދަ ކުދި ތަންތަންކޮޅުވެސް ކުއްޔަށްދެނީ އެހާމެ ބޮޑު އަގުގައެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ގައުމުތަކުގައި ކުލި ކޮންޓްރޯލް ކުރުމަށް ޚާއްސަ ޤާނޫނުތަކެއް އެކުލަވާލެވިފައި ހުރެއެވެ. މިފަދަ ޤާނޫނަކުން ހަމަހަމަކޮށް ކުލީގެ ރޭންޖް ކަނޑައެޅުމުގެ ފުރުޞަތު ފަހިކޮށްދެއެވެ. ވަކި ފެންވަރަކަށް ކުއްޔަށްދޭ ތަން ފިޓްވާން ޖެހެއެވެ. ކޮންމެ ކޮންމެ ފެންވަރެއްގައި ޢިމާރާތެއް ހަދައި ކޮންމެ ކޮންމެ ކުއްޔެއްގައި ކުއްޔަށް ދިނުން ހުއްޓުވައެވެ. އަދި ކޮންމެ ކޮންމެ ހާލަތެއްގައި ކުއްޔަށްދިރިއުޅޭ ފަރާތް ވެރިފަރާތަށް ބޭރު ނުކުރެވުމާއި، އަސާސީ ޚިދުމަތަކުން (މިސާލު: ފެން، ކަރަންޓް) އެއްވެސް އުސޫލެއް ހަމައެއް ނެތި މަހްރޫމް ކުރުން މަނާ ކުރެއެވެ.

ކުލި ކޮންޓްރޯލް ކުރުމުގެ ތާރީޚަށް ބަލާއިރު އެކަން އެމެރިކާގައި 1900 ގެ ކުރީ ކޮޅުވަނީ ތަޢާރަފްކޮށްފައެވެ. އަވަށްޓެރި އިންޑިއާ އަށް ބަލާއިރު ކުލި ކޮންޓްރޯލް ކުރުމުގެ ފުރަތަމަ ޤާނޫނު ވުޖޫދަށް އައިސްފައިވަނީ  1918 ވަނަ އަހަރުގައެވެ. މިގޮތުން ބަލާއިރު އާންމުކޮށް ކުލި ކޮންޓްރޯލް ކުރުމުގެ ހުރިހާ ޤާނޫނުތަކުގައި ފާހަގަކޮށްލެވޭ ދެ މަޤްޞަދެއް ވެއެވެ. އެއީ:

  • ކުއްޔަށް އުޅޭ ފަރާތުން އަދުލުވެރި އެކަށީގެންނުވާ ކުލި ދައްކަންޖެހުމުން ރައްކާތެރިކުރުން؛ އަދި
  • އެކަށީގެންވާ ސަބަބަކާނުލައި ކުއްޔަށް އުޅޭ ފަރާތް އިމާރާތުން ބޭރުކުރުން ކުއްޔަށްދޭ ފަރާތަށް މަނާކުރުން. މިއެވެ.

ކުލި ކޮންޓްރޯލް ކުރުމުގެ ބަޙުޘް ފެށުމާއެކު ކުލި ކޮންޓްރޯލް ކުރުމުން ކުރާނެ ފައިދާއާއި ގެއްލުމުގެ ވާހަކަ ދައްކާނެއެވެ. މިގޮތުން އެއްބަޔަކު ކުލި ކޮންޓްރޯލް ކުރުމުން ވެރިފަރާތުން ބޭނުންހާ އަގެއް ނުކިޔޭނެކަމަށް ބުނާއިރު އަނެއް ބަޔަކު އެފަދައިން ކުލި ކޮންޓްރޯލް ކުރުމުން ކުއްޔަށް ދޭ ތަންތަން މަދުވެދާނެ ކަމުގެ ކަންބޮޑުވުން ފާޅުކުރެއެވެ.

ކުލި ކޮންޓްރޯލް ކުރުމާ ދެކޮޅަށް ކުރެވޭ ބަޙުޘްގައި އިޤްތިޞާދީ، އިޖްތިމާޢީ ނަޒަރަކުން ބަލައިލުމަކީ މުހިންމުކަމެކެވެ.

ކުލި ކޮންޓްރޯލް ކުރުމާ ދެކޮޅަށް އިޤްތިޞާދީ ގޮތުން ކުރެވޭ ބަޙުޘްގައި ކުލި ކޮންޓްރޯލް ކޮށްފިނަމަ، ރެންޓަލް ހައުސިންގ ދާއިރާގައި އިންވެސްޓް ކުރާ މީހުން މަދުވާނެކަމަށް ބުނެއެވެ. އެއީ އެބައިމީހުންނަށް މި ދާއިރާގައި އިންވެސްޓްކޮށްގެން ލިބޭ ރިޓަރން އެހެން ދާއިރާއެއްގައި އިންވެސްޓްކުރުމާ އަޅާ ބަލާއިރު ކުޑަވާނެ ކަމަށް ދެކޭތީއެވެ. މިއީ މުސްތަޤުބަލުގައި ސަޕްލައި މާކެޓަށް އަސަރުކުރާނެ ކަމެއް ކަމަށް އެފަރާތްތަކުން ދެކެއެވެ. މީގެ އިތުރުން އިންވެސްޓްކޮށްގެން ލިބޭ ރިޓަރން ކުޑަވުމުގެ ސަބަބުން މިހާރު މާކެޓުގައި ހުރި އިމާރާތްތަށް ވީރާނާވެ ކޮލެޓީ ދަށްވުމުގެ ބިރު އޮންނަ ކަމަށް ބުނެއެވެ. އެއީ ވެރިފަރާތްތަކުން ނުވަތަ ކުއްޔަށްދޭ ފަރާތުން ކުއްޔަށްދޭ ތަނުގެ ފެންވަރު އެގޮތުގައި ދެމެހެއްޓުމަށް އިންވެސްޓް ކުރުމުގެ މާނައެއް އޮތްކަމަށް ނުދެކޭނެތީއެވެ. މިއީ ދުރު މުސްތަޤުބަލަށް ވަރަށް ބޮޑު ގެއްލުން ކުރިމަތިވާނެ ކަމެއްކަމަށް އެފަރާތްތަކުން ބުނެއެވެ.

ކުއްޔަށް އިމާރާތް ދިނުމަށްފަހު ކުއްޔަށްދޭ ފަރާތް ތަނުން ނުނެރެވުމުގެ ކަންބޮޑުވުމަކީ އެފަރާތްތަކުން ފާހަގަ ކުރާ އަނެއް ނުކުތާއެވެ. އެހެންކަމުން ކުއްޔަށްދޭ ތަނުގެ ކޮންޓްރޯލް ގެއްލިދާނެ ކަމުގެ ބިރަށް މާކެޓުން އެތަންތަން ނަގައިފިނަމަ ސަޕްލައި އަނެއްކާވެސް ދާނީ ދަށަށެވެ. ކުލި ކޮންޓްރޯލް ކުރުމުގެ ސަބަބުން 1980 ގައި އިގިރޭސިވިލާތުގެ ކޭމްބްރިޖް އަދި ބްރޮކްލިން ގައި ކުއްޔަށްދޭ ޔުނިޓްސްތަކުގެ އަދަދު %8 ދަށަށްގޮސް އެ އިންސައްތަ %12 އަށް ދަށަށް ދިޔައެވެ. އަދި ކުއްޔަށްއުޅޭ ފަރާތް ބޭރު ނުކުރެވޭނަމަ އެ ތަނެއް ވިއްކާލުމުގެ ދައްޗަކީވެސް ފާހަގަކުރާ ކަމެކެވެ.

ކުލި ކޮންޓްރޯލް ކުރުމުގެ ސަބަބުން ކުއްޔަށް ދިނުމުގެ ބްލެކް މާކެޓެއް އުފެދުމުގެ ބިރު އޮތްކަމަށް އެފަރާތްތަކުން ބުނެއެވެ. މިފަދަ މާކެޓެއް އުފެދިއްޖެނަމަ، ކުލި ކޮންޓްރޯލް ކުރުމުގެ ޤާނޫނެއް އައުމުގެ ކުރިން ކުއްޔަށްދޭ ރޭޓް ތަކަށްވުރެ އަގު މާބޮޑުތަނުން އުފުލިގެން ދާނެއެވެ. އެއީ މައިގަނޑު ދެ ސަބަބަކާ ހުރެ ކަމަށް ބުނެވިދާނެއެވެ. އެއް ސަބަބަކީ ކޮންޓްރޯލް މާކެޓުގެ ސަބަބުން އިތުރުވާ ޑިމާންޑް، ކޮންޓްރޯލް ނުކޮށް އޮންނަ މާކެޓަށް އައިސް ތަންތަނުގެ އަގު އުފުލުމެވެ. އަނެއް ސަބަބަކީ ކޮންޓްރޯލް ނުކޮށް އޮތް މާކެޓުގެ ސަޕްލައިއަށް އަސަރުުކުރުމެވެ. އެއީ ކޮންޓްރޯލް ނުކޮށް އޮތް މާކެޓުގައި ހުރި ތަންތަން ޤާނޫނުގެ ދަށަށް ގެންދާނެ ކަމުގެ ބިރާއެކު ކުއްޔަށްދޭ ފަރާތަތްކުން ކޮންޓްރޯލް ނުކޮށް އޮތް މާކެޓުން ކުއްޔަށްދިނުން މަދުކުރުމެވެ.

ކުލި ކޮންޓްރޯލް ކުރުން ވަރަށް ބޮޑަށް ބަރޯސާވާނީ އެކުލި ކޮންޓްރޯލް ކުރާ ތަނެއްގެ އާބާދީއަށާއި، ހައުސިން މާކެޓުގައި ކުލި ކޮންޓްރޯލް ކުރެވިފައިވާ މާކެޓަށާއި ކުލި ކޮންޓްރޯލް ނުވެ އޮތް މާކެޓަށެވެ.

އިޖުތިމާޢީ ގޮތުން ކުލި ކޮންޓްރޯލް ކުރުމުން ކުރާނެ އަސަރަށް ބަލާއިރު، އައު ކުއްޔަށްދޭ ތަންތަން ނުލިބޭނަމަ ކުއްޔަށްތަންތަން ހިފާފައިވާ ފަރާތްތަށް އެއްވެސް ވަރަކަށް މޫވް ނުކޮށް ތިބެން ޖެހުންފަދަ އެތައް ސަބަބުތަކެއް ކުރިމަތިިވެއެވެ. އަދި މިކަމުގެ ސަބަބުން ބޮޑަށް އަސަރުކުރާނީ އަލަށް ކުއްޔަށް ތަންތަން ހިފަން ބޭނުންވާ ފަރާތްތަކަށެވެ. މިފަދަ ފަރާތަކަށް ކުއްޔަށްދޭ ތަނެއް ލިބެން އަންނާނީ ކުއްޔަށް ހިފައިގެން އުޅޭ ފަރާތް މަރުވުމުންނެވެ. ކުލި ކޮންޓްރޯލް ކޮށްފައިވާނަމަ، މަދުވެފައިވާ ސަޕްލައިއަށް ބަލައި ކުއްޔަށްދޭ ފަރާތްތަކުން ތަފާތު ގިނަ ހީނުކުރާފަދަ ޝަރުޠުތަކެއް ކުއްޔަށްހިފާ ފަރާތުގެ ކިބައިގައި ހުރުމަށް ޝަރުޠު ކުރުމަކީވެސް ވެދާނެ ކަމެކެވެ.

ކުލި ކޮންޓްރޯލް ކުރުމާ އެއްކޮޅަށް ކުރެވޭ ބަޙުޘްގައި އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.

ކުލި ކޮންޓްރޯލް ކުރުމުގެ ސަބަބުން ކުއްޔަށްއުޅޭ ފަރާތްތަކަށް ލިބޭނެ ފައިދާ ވަރަށް ސާފެވެ. އެއީ ތަނުގެ ކޮލެޓީއާއި ޚިދުމަތަށް ރިޢާޔަތްކޮށް އެކަށޭނަ ކުއްޔެއްގައި ދިރިއުޅުމުގެ ފުރުޞަތު ފަހިވެގެން ދިއުމެވެ. މިޒަމާނުގެ ކުލި ކޮންޓްރޯލް ކުރުމުގެ ނިޒާމުގައި ކުލި ފްރީޒްވެގެން ދަނީއެއް ނޫނެވެ. އެހެނެއްކަމަކު އަހަރަކު އެއްފަހަރު ކުލި އިތުރުކުރެވޭ ރޭޓެއް ކަނޑައެޅިގެންދެއެވެ. އެމެރިކާގެ ސޭން ފްރެންސިސްކޯގެ ކުލި ކޮންޓްރޯލް ކުރުމުގެ ޕްރޮގްރާމަކީ ފާހަގަކޮށްލެވޭ ޕްރޮގްރާމެކެވެ. ސޭން ފްރެންސިސްކޯގެ ކުލި ކޮންޓްރޯލް ކުރުމުގެ ޕްރޮޮގްރާމަށް ބަލާއިރު، އެސިޓީގެ ބިމުގެ ވެރިފަރާތްތަކަށް އަހަރަކު އެއްފަހަރު ކުލި ބޮޑު ކުރުމުގެ ފުރުޞަތު ފަހިކޮށްދެއެވެ. ސޭން ފްރެންސިސްކޯ ރެންޓް ބޯޑުގެ ފަރާތުން ކުރިއަން އޮންނަ އަހަރަށް ކުލި ބޮޑު ކުރުމުގެ ރޭޓްތަށް ކަނޑައަޅައެވެ.

އިގިރޭސިވިލާތުގެ ނޭޝަނަލް ހައުސިންގ ފެޑެރޭޝަނުން ވަރަށް ފަހުން ކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ކުއްޔަށްއުޅޭ ކޮންމެ 3 މީހަކުން 1 އަކީ ކުލި ދެއްކުމަށް ސްޓްރަގަލް ކުރާ މީހެކެވެ. އަދި ކޮންމެ 10 މީހަކުން 1 އަކު ކޮންމެ މަހަކު ޕޭމަންޓްސް ދެއްކުމަށް އުދަގޫތަކާ ކުރިމަތިލާން ޖެހެއެވެ. ކުލި ކޮންޓްރޯލް ކުރުން މުހިންމުކަމަށް ބަޙުޘް ކުރާ މީހުން ބުނާ ގޮތުގައި ކުލި ކޮންޓްރޯލް ކުރުމުގެ ސަބަބުން ކުލި އަތްނުފޯރާ ފަށަށް އަރައިގެން ދިއުމަށް ހައްލެއް ގެނެވޭނެއެވެ. ކުލި ކޮންޓްރޯލް ކުރުމަށް ތާއީދު ކުރުމަކީ އެތަށް ހާސް ބަޔަކަށް އެކަމުގެ ސަބަބުން މަންފާތަކެއް ކުރާނެ ކެމެކެވެ.

ކުލި ކޮންޓްރޯލް ކުރުމުގެ ސަބަބުން އިމާރާތްކުރުމުގެ ސިނާއަތަށް ބޮޑެތި ލޮޅުންތަކެއް އަންނާނެ ކަމަށް ބުނެ ދެެކެވެނީ ޙަޤީޤީ ވާހަކަތަކެއް ނޫންކަން އެމެރިކާގެ ނިއު ޔޯކަށް ބަލައިލުމުން އެގެއެވެ. ނިއު ޔޯކުގައި އިމާރާތް ކުރުމަށް އެންމެ ބޮޑު ކުރިއެރުމެއް ލިބިގެން ގޮސްފައިވަނީ ކުލި ކޮންޓްރޯލް ކޮށްފައިވާ ދުވަސްވަރު ކަމުގައިވާ 1920، އަދި 1947 އަކާއި 1965 އާ ދެމެދުގައެވެ. މާނައަކީ ކުލި ކޮންޓްރޯލް ކުރުމުން އޭގެ ޒާތުގައި އިމާރާތްކުރުމުގެ ސިނާއަތަށް ލޮޅުން އަރާފައެއް ނުވެއެވެ.

ކުލި ކޮންޓްރޯލް ކޮށްފައިވާ ސިޓީތަކުގައި ކުއްޔަށްއުޅޭ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމަށް އިސްކަމެއް ދީފައިވެއެވެ. މިގޮތުން އެކަށީގެންވާ ސަބަބެއް ނެތި ކުއްޔަށްއުޅޭ ފަރާތް ނެރުމަކީ ކުއްޔަށްދޭ ފަރާތަށް ކުރެވޭ ކަމެއް ނޫނެވެ. މިފަދަ ރައްކާތެރިކަމާ ނުލާ ކުއްޔަށްދޭ ފަރާތްތަކުން ބޭނުން ވަގުތެއްގައި ބޭނުން މިންވަރަކަށް ކުލި ބޮޑުކޮށް ތަނުން ނިކުންނަން އެންގުމުގެ ބިރު ބޮޑެވެ.

ކުލި ކޮންޓްރޯލް ކުރުމުގެ ސަބަބުން ދުނިޔެއިން ފެނުނު މަންޒަރު

ކުލި ކޮންޓްރޯލް ކުރުން އާންމުވެ ތަޢާރަފްވެގެން އައިސްފައިވަނީ ދެވަނަ ބޮޑު ހަގުރާމައަށްފަހު ވަގުތީ ހައްލެއް ހޯދައިދިނުމުގެ ގޮތުންނޭ ބުނެވިދާނެއެވެ. މި މައްސަލަ ގުޅިފައިވީ ދެވަނަ ބޮޑު ހަގުރާމައަށްފަހު ގިނަ ސިފައިން  އެބުރި ގައުމަށް އައުމުން އުފެދުނު ބޮޑު ޑިމާންޑުގެ ސަބަބުންނެވެ. މިދުުވަސްވަރު ތައާރަފް ކުރެވުނު ކުލި ކޮންޓްރޯލްގެ މައްދާތަކަށް "ފަސްޓް ޖެނެރޭޝަން ރެންޓް ކޮންޓްރޯލް" އޭ ކިޔައެވެ. ގާތްގަޑަކަށް ދުނިޔޭގެ 60 އެއްހާ ގައުމުގައި ކުލި ކޮންޓްރޯލް ކުރުމުގެ ޤާނޫނަށް އަމަލުކުރެވެއެވެ. މީގެ ތެރެއިން ގިނައީ ތަރައްޤީ ވަމުން އަންނަ ގައުމުތަކެވެ. އެތަންތަނުގެ ބޮޑު އާބާދީއާއި، ބޮލަކަށް ޖެހޭ އާމްދަނީ ކުޑަވުމުގެ ނަތީޖާއަކީ ގެދޮރު މިލްކުކުރުމުގެ ތަނަވަސްކަން ނުލިބި ދިރިއުޅުމަށް ކުއްޔަށް ތަންތަން ހިފަން ޖެހުމެވެ.

ކުލި ކޮންޓްރޯލް ކުރުމުގެ ސަބަބުން ގިނަ މައްސަލަތަކެއް ކުރިމަތިވި ބައެއް ހިސާބުތަކަށް ބަލައިލާނަމެވެ. 1997 ގައި ހެދުނު ކޭސް ސްޓަޑީއަކުން ދައްކާ ގޮތުގައި ހައުސިންގެ ފްރީ މާކެޓެއް އޮތްނަމަ އެމެރިކާގެ ނިއު ޔޯކް ސިޓީގައި ކުއްޔަށް އުޅޭ މީހުންގެ އާބާދީގެ 21% ދިރިއުޅޭނީ އެމީހުން ދިރިއުޅުމަށް އެކަށީގެންވާ މިންވަރަށްވުރެ މަދު ނޫނީ ގިނަ ރޫމްތަކުގައެވެ. ކައިރޯގެ ހައުސިންގ މާކެޓަށް އަލިއަޅުވާލައި 1998 ގައި ހެދުނު ދިރާސާއަކުން ދައްކާގޮތުގައި ކުލި ކޮންޓްރޯލް ކުރުމުން ކުލީގެ ގޮތުގައި ކުއްޔަށްދޭ ފަރާތަށް  ދައްކާ ކުލީގެ އިތުރަށް ބޮޑެތި ސައިޑް ޕޭމަންޓްސް ވަނީ ދައްކަމުން ގޮސްފައެވެ.

ކުލި ކޮންޓްރޯލް ކުރުމުގެ ސަބަބުން މައްސަލަ ކުރިމަތިނުވާ ބައެއް ހިސާބުތަށްވެސް މަދެއްނޫނެވެ. މިސާލަކަށް ފިލިޕީންސްގެ ފިލިޕީން އިންސްޓިޓިއުޓް އޮފް ޑިވެލޮޕްމެންޓް ސްޓަޑީސް އިން ހެދި ސްޓަޑީއަކުން ދައްކާ ގޮތުގައި މެނީލާގައި ކުލި ކޮންޓްރޯލް ކުރުމުގެ ސަބަބުން ފެނިގެންދިޔައީ ހެޔޮ މަންފާތަކެކެވެ. މީގެ އިތުރުންވެސް މިސްރު، ކެނެޑާ އަދި މެކްސިކޯގައިވެސް ކުލި ކޮންޓްރޯލް ކުރުމުގެ ސަބަބުން ރެންޓަލް ހައުސިންގ މާކެޓް ތާޒާވެ އާރޯކަން އިތުރުވެގެން ދިޔައެވެ.

ކުލި ކޮންޓްރޯލް ކުރުމާ ދެކޮޅަށް ކުރެވޭ ބަޙުޘް ތިއަރެޓިކަލީ ވަރަގަދަ ނަމަވެސް އެމްޕިރިކަލް ސަޕޯޓެއް ނެތެވެ. ކުލި ކޮންޓްރޯލް ކުރުމުގެ ސަބަބުން ގޭގެ އިމާރާތްކުުރުމުގެ ރޭޓް ދަށްވެފައިވާ ކަމުގެ އެއްވެސް އެމްޕިރިކަލް ހެއްކެއް ނެތެވެ.  މިސާލަކަށް މެންހެޓަންގެ ކުލި ކޮންޓްރޯލް ކުރެވިފައިވާ ސަރަޙައްދުތަކުން އެއްވެސް ވަރަކަށް އެބޭންޑަންމެންޓް (ތަން ދޫކޮށް ދިއުން) ފެނިގެން ގޮސްފައެއް ނުވެއެވެ. ނިއު ޖަރޒީގައި މީހުން ދިރިއުޅޭ 125 ސަރަހައްދެއްގައި ކުރެވުނު ސަރވޭ އަކުން ދައްކާ ގޮތުގައި 10،000 ނުވަަތަ އެއަށްވުރެ ބޮޑު އާބާދީ އޮންނަ ސިޓީތަކުގައި ކުލި ކޮންޓްރޯލް ކުރުމުގެ ސަބަބުން އައު ގެތަކުގެ ސަޕްލައި ވީ އިތުރެވެ. އަދި ކިއެއްތަ ފެންވަރުދަށް ގެތަކުގެ ނިސްބަތް ދިޔައީ ދަށަށެވެ. އެެހެންނަމަވެސް ހަދާނުގައި ބަހައްޓަންވީ ކަމަކީ މަތީގައިވާ މިސާލުތަކަކީ އެއްވެސް ހާލެއްގައި ހަމައެކަނި ކުލި ކޮންޓްރޯލް ކުރުމުގެ ސަބަބުން ހައުސިންގ މާކެޓަށް އައިސްފައިވާ ނުވަތަ ލިބިފައިވާ މަންފާ ނޫންކަމެވެ. މިކަމާ ގުޅިފައި އެހެން މުހިންމު ކަންކަން ހުރުމަކީ ނުވެނުދާނެ ކަމެކެވެ.

ކުލިކޮންޓްރޯލްކުރުމުގެބަޙުޘްރާއްޖޭގައިކުރަންވަނީޖެހިފައެވެ. އަދި މިކަމަށް ޙައްލެއް ހޯދަންވަނީ ޖެހިފައެވެ. ދިރާސާތަކަށް ބަލާއިރު ހިސާބު ކުރެވިގެން ބޮޑު ސަޕޯޓެއް ލިބެން އޮތީ، ކުލި ކޮންޓްރޯލް ކުރުމުގެ މުހިންމު ކަމުގެ މައްޗަށެވެ.

ad 6