އަންހެނުން ބާރުވެރި ކުރުވުމާއި ސިޔާސީ މައިދާނުގައާއި ނިންމުން ނިންމާ އިސް މަޤާމުތަކުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަށް ވަކާލާތުކުރާ އަޑުތަށް މިވަނީ ގަދަވާން ފަށާފައެވެ. އަންހެނުންގެ ހިއްސާއާނުލައި ގައުމު ހިންގާނަމަ، ގައުމުގެ %50 މީހުންގެ ޚިޔާލާއި ކޮންޓްރިބިއުޝަން ގައުމު ހިންގުމުގައި ނޯންނާނެ ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. ނަމަވެސް ހަޤީޤަތަކީ ޚާއްސަކޮށް ސިޔާސީ މައިދާނުގައި އަންހެނުންނާއި ފިރިހެނުންގެ ފަރަގު ކުޑަކުރުމަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ގޮންޖެހުމެއް ކަމެވެ. 2017 ވަނަ އަހަރުގެ ގްލޯބަލް ޖެންޑަރ ގެޕް ރިޕޯޓް އިން ދައްކާ ގޮތުގައި 144 ގައުމުގެ ތެރެއިން ރާއްޖެ ރޭންކު ކުރެވިފައިވަނީ 106 ވަނައިގައެވެ. މިގޮތުން ބަލާއިރު ރާއްޖެ ވަނީ މި އިންޑެކްސްގައި ވަރަށް ފަހަތުގައެވެ.
ދިވެހިރާއްޖޭގެ ތާރީޚަށް ނަޒަރުކުރާއިރު، 14 ވަނަ ގަރުނުގައި ރާއްޖޭގެ ވެރިކަމުގެ ތަޚުތުގައި ތިން ފަހަރެއްގެ މަތިން އަންހެން ކަނބަލަކު ވަނީ ރަނިކަން ކުރައްވާފައެވެ. ސުލްޠާނާ ޚަދީޖާ މިރާއްޖޭގައި 1347 އިން 1380 (ގާތްގަޑަކަށް 30 އަހަރު) ރަނިކަން ކުރައްވާފައިވެއެވެ. ނަމަވެސް ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ދިވެހިރާއްޖެ ބަދަލުވި ފަހުން އަންހެނުންނަށް ރާއްޖޭގެ އެންމެ މަތީ ވެރިޔާކަން ކުރުމުގެ ފުރުޞަތު ފަހިކޮށް ދީފައެއް ނުވެއެވެ. ނަމަވެސް 2008 ވަނަ އަހަރު ތަސްދީޤުކުރެވުނު ޤާނޫނުއަސާސީންވަނީ އެފުރުޞަތު ދެޖިންސަށްވެސް ހަމަހަމަކޮށް ދީފައެވެ. މިފަދަ ހުރަސްތައް ނައްތާލެވިފައިވީނަމަވެސް ސިޔާސީ މައިދާނުގައި އަންހެނުންގެ ބައިވެރިވުން އޮންނަ މިންވަރު ކުޑަކަން ފާހަގަކުރެވެއެވެ.
ދިވެހިރާއްޖޭގެ ތާރީޚަށް ބަލާއިރު އަންހެނުން ސަރުކާރުގެ އިސްމަޤާމުތަކަށް އައްޔަންކުރަން ފަށާފައިވަނީ ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އަމީން ދީދީއެވެ. އެޒަމާނަށް ބަލައި މިއީ އަންހެނުން މަތީ މަޤާމުތަކުގައާއި ނިންމުން ނިންމާ މަޤާމުތަކުގައި އަންހެނުން ބައިވެރިކުރުމަށް އިސްކަންދީފައިވާ މިންވަރު ހާމަކޮށްދޭ ކަމެކޭ ބުނެވިދާނެއެވެ.
ޔޫ އެން ޑީ ޕީން 2010 ވަނަ އަހަރު ހެދި ދިރާސާއެއްގައި ބަޔާންކޮށްފައިވާގޮތުން 77 މަޖިލިސް މެންބަރުންގެ ތެރެއިން 5 މެންބަރުންނަކީ އަންހެން ކަނބަލުންނެވެ. އެއީ މުޅި މަޖިލީހުގެ %6.5 އެވެ. ޒަމާން ބަދަލުވަމުން އައިސް 2016 އަށް ބަލާއިރު ސަރުކާރުގެ 14 މިނިސްޓަރުންގެ ތެރެއިން 3 މިނިސްޓަރުންނަކީ އަންހެން މިނިސްޓަރުންނެވެ. 85 މަޖިލިސް މެންބަރުންގެ ތެރެއިން 5 މެންބަރުންނަކީ އަންހެން ކަނބަލުންނެވެ. މިއީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ %5.8 އެވެ. 2017 ވަނަ އަހަރުގެ ގްލޯބަލް ޖެންޑަރ ގެ ރިޕޯޓް އިން ދައްކާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ %5.9 އާއި މިނިސްޓަރުންގެ %17.6 ހިއްސާކުރަނީ އަންހެނުންނެވެ. ދިވެހިރާއްޖެ ޖުމްހޫރިއްޔަތަކަށް ފުރޮޅުނު ފަހުން ގައުމުގެ ވެރިޔާގެ މަޤާމު އަންހެނަކު ފުރާފައެއް ނުވެއެވެ.
އަންހެނުން ބާރުވެރިކުރުވުމާއި، ސިޔާސީ މައިދާނުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމުގެ މަސައްކަތަށް ލާމަސީލު މިސާލެއް 2018 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ދައްކަވާފައެވެ. އެމަނިކުފާނު އެކުލަވާލެއްވި ކެބިނެޓުގެ 19 މިނިސްޓަރުންގެ ތެރެއިން 7 މިނިސްޓަރުންނަކީ އަންހެން ކަނބަލުންނެވެ. ކެބިނެޓުގައި ކަނބަލުންގެ ހިއްސާ އަކީ %36 އެވެ. އަދި މީގެ ތެރެއިންވެސް އެންމެ ބޮޑަށް ފާހަގަކޮށްލެވޭ އެއް ކަމަކީ ރައީސް ޞާލިޙްގެ ކެބިނެޓުގެ ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ރާއްޖޭގައި ޑިފެންސް މިނިސްޓަރކަން ކުރައްވާ ފުރަތަމަ އަންހެން ކަނބަލަށް ވެގެން ދިއުމެވެ. މިއީ ދިވެހި ތާރީޚުގައި ކެބިނެޓެއްގައި އެންމެ ގިނަ އަންހެން ކަނބަލުން ހިމެނުނު ފަހަރުވެސް މެއެވެ.
މިގޮތުން މިނިސްޓަރުންގެ ގޮތުގައި އައްޔަންކުރެއްވި އަންހެން ކަނބަލުންގެ ތެރޭގައި ހިމެނެނީ :
ވަޒީރުންގެ މަޖިލީހަށް ގިނަ އަދަދެއްގެ އަންހެން ކަނބަލުން އައްޔަން ކުރެވިގެން ދިއުމަކީ ވަރަށްވެސް އުފާވެރި މަންޒަރެކެވެ. ނަމަވެސް މި މުޖުތަމައުގައި އަދިވެސް އަންހެނުންގެ ކިބައިގައި މިފަދަ އިސްމަޤާމުތައް އަދާކުރުމުގެ ޤާބިލްކަމާއި ކެރުން ނެތްކަމަށް ދެކޭ ދެކުން އިންތިހާއަށް ބޮޑެވެ. އަންހެނުން ނިންމުން ނިންމާ އިސް މަޤާމުތަކުގައި ތިބުމާ ދެކޮޅަށް ވާހަކަ ދެއްކެވި ކުރީގެ ސަރުކާރު ސްޓޭކްހޯލްޑަރއެއް ބުނެފައިވަނީ "ރައްޔިތުންގެ މަޖިލިސްފަދަ ނިންމުން ނިންމާ ތަނެއް ދަރިމައިވާ އުމުރުގެ އަންހެނުންނަށް ދީފައި އޮއްވައި އެ އެންމެން މާބަޑުވެއްޖެނަމަ ވާނެގޮތް ހިތަށް ގެންނާށެވެ. މުޅި ގައުމު ހުއްޓޭނީ ނޫންތޯއެވެ." އަންހެނުން ބާރުވެރި ކުރުވުން މަނާ ކުރާ އެއްވެސް ޤާނޫނެއް ރާއްޖޭގައި ނެތްނަމަވެސް، ކުރިއަށް ދިއުމުގައި ފަރުދުންގެ ވިސްނުމާއި ފިކުރަށް ހެޔޮ ބަދަލުތަކެއް ގެނައުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ޔޫ އެން ޑީ ޕީން 2010 ވަނަ އަހަރު ހެދި ދިރާސާއެއްގައިވާގޮތުން އަންހެނުން ސިޔާސީ މައިދާނަށް ނިކުތުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުންތަކަކީ ޢާއިލާގެ ސަޕޯޓް ނުލިބުމާއި، ސިޔާސީ މައިދާނުގެ ތަޖުރިބާ ލިބިފައި ނެތުމާއި، އެކަށީގެންވާ ފައިނޭންޝަލް ރިސޯސަސް ލިބިފައި ނެތުމެވެ. މި ގޮންޖެހުންތަކުން އަރައިގަތުމަށް ގުޅިގެން މަސައްކަތް ކުރަން ޖެހެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިސާލު ދެއްކެވި ފަދައިން ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައާއި ނިންމުން ނިންމާ އިސްމަޤާމުތަކުގައި އަންހެން ކަނބަލުންގެ ހިއްސާ އިތުރުކުރުމަށް މަސައްކަތް ކުރަންޖެހެއެވެ.