އަތްޖަހަންވާނީ ރައްޔިތުމީހާގެ ޝަރަފުގައި ސިޔާސީމީހާއެވެ.



ad 4
އަތްޖަހަންވާނީ ރައްޔިތުމީހާގެ ޝަރަފުގައި ސިޔާސީމީހާއެވެ.
ފަޤީރަކު މުއްސަންޖަކަށް އެހީތެރިވާ މަންޒަރު ސިފަވާ ކުރެހުމެއް

އަތްޖަހަންވާނީ ރައްޔިތުމީހާގެ ޝަރަފުގައި ސިޔާސީމީހާއެވެ.


ވެރިކަމަށް ބަޔަކު ހޮވަނީ ރައްޔިތުންގެ ސީދާ ވޯޓަކުންނެވެ. ވޯޓު ބޭނުންވުމުން ރައްޔިތުންގެ ކައިރިއަށްގޮސް ވައުދުވެއެވެ. ރައްޔިތުންގެ އަޑުއަހައެވެ. ނިކަމެތި ގެތަކަށް ވަދެ ފޮޓޯނަގާ އެ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުކުރެއެވެ. ޕާޓީއަށް ނިސްބަތްވާ ވަކި ފަރުދުންކޮޅެއް އެ ފޮޓޯ ސޯޝަލް މީޑިއާގައި ޝެއާކުރަނީ ތަފާތު ޝުއޫރުތަކާ އެކުގައެވެ. ހިތްހެޔޮ، އޯގާތެރި، އެންމެންގެ، އުންމީދު ފަދަ އެތައް ބަސްތަކަކާ އެކުގައެވެ. އިންތިޚާބު ނިމިގެންދެއެވެ. އެއްކަލަ ފޮޓޯ ނެގި ގެ ހަމަ އެގޮތުގައި ހުރެއެވެ. އެގޭގައި ދިރިއުޅޭ މުސްކުޅި ދެމަފިރިންގެ ދިރިއުޅުމަށް ހަމައެއްވެސް ހެޔޮބަދަލެއް ނާދެއެވެ. ނަމަވެސް އެ ފޮޓޯ ސޯޝަލް މީޑިއާގައި ޝެއަރ ކުރުމުގައި ޕާޓީއަށް ނިސްބަތްވާ ފަރުދުންކޮޅެއް ހަރަކާތްތެރިވަމުންދެއެވެ. އަނެއްކާ އަނެއް އިންތިޚާބު ކުރިމަތިވެއެވެ. އިތުރު ފޮޓޯއެއް ނަގަންވީއެވެ. އެ ފޮޓޯ ސޯޝަލް މީޑިއާގައި ހިންގަންވީއެވެ. ހިގަނީ އެއްކަމެކެވެ. ބަދަލު ނުވަނީ އާންމު ދިވެހި ރައްޔިތުމީހާގެ ހާލަތެވެ. އެ ފޮޓޯ ނެގިޔަދިނީ ހާދަހާވާ އޯގާތެރި ބައެކެވެ. އެ ފޮޓޯ ސިޔާސީ މީހާއަށް ފޯރުކޮށް ދީގެން އިންތިޚާބު އޭނާއަށް ހޯދައިދިން ގޮތް ބައްލަވާށެވެ.

ހަސަންބެއާއި ފާތުމަ ދިން ވޯޓުން ސިޔާސީ މީހާ ހޮވައެވެ. އަދި ހަސަންބެ މަހަށްގޮސްގެން ލިބޭ ކުޑަ ފައިސާކޮޅުގެ ތެރެއިން ޖީއެސްޓީގެ ގޮތުގައި ފިހާރަތަކުން ގަންނަ ތަކެތިން ދައުލަތައް ބައެއް ނަގައެވެ. މި ފަދައިން އެތައް ނިކަމެތިންނެއްގެ އަތުން ނަގާ ފައިސާ އެއްކޮށް އެ ފައިސާއިން ސިޔާސީ މަގާމްތަކަށް މުސާރަދެއެވެ. ހަސަންބެގެ ދެމަފިރިންގެ ހާލަތު ބަދަލެއް ނުވެއެވެ. ވޯޓްވެސް ދިނީއެވެ. ލިބޭ ކުޑަ ފައިސާކޮޅުން ބައެއްވެސް އެ ސިޔާސީ މީހާގެ މުސާރަ ހަމަޖެއްސުމަށްޓަކައި ޖީއެސްޓީގެ ގޮތުގައި ދައުލަތަށް ދައްކަންޖެހެއެވެ.

ހަސަންބެއާއި ފާތުމަ ފިނިކޮށްލަން ގޮނޑުދޮށުގައި ތިއްބާ ކައިރިކޮށްލީ މާވަރުގަދަ ލޯންޗެކެވެ. ހަސަންބެގެ ދެމަފިރިން އަތުން އަދި އެފަދަ އެތައް ރައްޔިތުންގެ އަތުން ޖީއެސްޓީގެ ގޮތުގައި ފައިސާ ނަގައިގެން ގަނެފައި އޮތް ލޯންޗެކެވެ. ލޯންޗުންފޭބީ މާ ބޯ ކަޅު ކޯޓެއްގެ އެތެރޭގައި ހުރި މީހެކެވެ. ރަނގަޅަށް ބަލާލިއިރު އަނެއްކާވެސް ހަސަންބެއާއި އެފަދަ އެތައް ބަޔަކު ޖީއެސްޓީގެ ގޮތުގައި ދޭ ފައިސާއިން މުސާރަނަގާ ފަރާތެކެވެ. އަދި ލައިގެން ހުރީވެސް ހަސަންބެއާއި އެފަދަ އެތައްބަޔަކު ދައްކާ ޖީއެސްޓީއިން ދިން މުސާރައިން ގަނެފައި ހުރި ކޯޓެކެވެ. ހަސަންބެގެ ދެމަފިރިން ބަނދަރުމަތީ ތިއްބާ މާބާރު ސްޕީޑްގައި ބޮޑުންގެ ޓީމަކާއިއެކު ހަމަ ބަލާވެސްނުލާ ގޮސް ސަލާންކޮށްލީ އެ ރަށުގައި އުޅޭ ޕާޓީގެ އިސް ފަރާތަކާއެވެ. ހަސަންބެގެ ހިތަށް އެރިއެވެ. އަޅެ ލަދެއްވެސް ނެތީ ތޯއްޗެކެވެ. މަޤާމް ހޯދައިދީ މުސާރަދީ ހެދިމާ އެވަރު ހަމަ ނުވިސްނެނީ ބާވައެވެ. މިއަދު ނުފެނުނެވެ. އަނެއްކާވެސް ފަސްއަހަރު ފަހުން އަންނާނެއެވެ. ހިލާ ތިޔަކުޅި ކުޅޭކަށް ދެނެއް ދުލެއް ނުކުރާނަމެވެ.

ގޮނޑުދޮށުގައި އެހެން ތިއްބާ ހަސަންބެގެ ދޮށީދަރިފުޅު އަލީ ފޯނުކޮށްފިއެވެ. އޮފީހުގެ ވެރިޔާ ރަށަށްގޮސްގެން އުޅޭވާހަކަ ބުނާށެވެ. އަދި އަލީ ބައްޕަގެ އަރިހުން އެދުނީ ސަޕޯޓްކުރަން އަތްޖަހަން ހުރުމަށެވެ. ހަސަންބެގެ ލޯބިވާ ދަރިފުޅަށް ބުނެލިއެވެ. ދަރިފުޅާއެވެ! ބަޖެޓުގައި ހިމެނޭ ފައިސާގެ ބޮޑުބައެއް މިދެނީ އަހަރެމެން ރައްޔިތުންނެވެ. ތި ސިޔާސީ މީހާގެ މުސާރަދެނީ އެ ފައިސާއިންނެވެ. ސިޔާސީ މިހާގެ އަނބިދަރންނަށް ކާންދެނީ ބައްޕަމެން އަތުން ޖީއެސްޓީގެ ގޮތުގައި ނަގާ ފައިސާއިންނެވެ. އަންނައުނު ހޯދަނީވެސް ބައްޕަމެންދޭ ފައިސާއިންއެވެ. މި ރަށަށް އާދެވޭ ފަހަރު ބައްޕަމެން މި ފޯރުކޮށްދޭ އެހީތެރިކަން ބަލައިގަނެ ބައްޕަމެންނަށް ތަޢުރީފްކޮށް އަތްޖަހަން ހުންނަންވާނީ ސިޔާސީ މީހާއެވެ. ބައްޕައެއް ނޫނެވެ. އަލީއަށް ބުނާނެ އެއްޗެއް ނޭގުނެވެ. ހިތަށްއެރިއެވެ. ބައްޕައެބުނީ ހާދަހާވާ ބޮޑު ތެދެކެވެ. މި އޮތް ހުރިހާ ދުވަހު އަހަރެމެން މިކަންކަން ކުރަމުންދިޔައީ ހަމަ ދިމާ އިދިކޮޅަށްތާއެވެ.

ކުއްލިއަކަށް އަލީގެ އޮފީހުން އޭނާގެ އެކުވެރި އައިންތު ގުޅިއެވެ. ގުޅާފައިބުނީ "ބޮސް" ދަތުރު ނިންމާފައި އަންނަންވާއިރަށް ހޭލާ ތިބެގެންވެސް އޮފީހުގައި ހުރި މަސައްކަތް ނިންމަންޖެހޭ ވާހަކައެވެ. އަލީ ހިތާހިތާ ބުނެލިއެވެ. އޮފީހުގައި ނިންމަންޖެހޭ ގިނަ މަސައްކަތް ނިންމަނީ އަހަރެމެންނެވެ. އަހަރެމެން ހުއްޓިއްޖެނަމަ މެނިފެސްޓޯ ތަންފީޛުކުރުން ހުއްޓޭނެއެވެ. އެހެނަސް ބޮޑު މުސާރަ ނަގަނީ "ބޮސް"އެވެ. އޭނައަށް ލިބޭ އެއްޗެއްގެ ބައިކުޅަބައެއްވެސް ނުލިބި ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް އަަހަރެމެން ބްރޭކެއްނެތި ހިންދަމާ ނުލާ މިޖެހެނީ މަސައްކަތްކުރާށެވެ.

އެޚިޔާލުގައި ހުރެ އަލީ ގޮސް އޮފީހަށްވަނެވެ. އައިންތު ކައިރިއަށްގޮސް އުދާސްތައް ބަންޑުން ކޮށްލިއެވެ. މީ އިންސާފު ހެއްޔެވެ. އެތައް ގަޑިއިރެއްގައި ހިންދަމާނުލާ މަސައްކަތްކުރާއިރު "ބޮސް" އެ އުޅެނީ ބޮޑު މުސާރަ ނަގައިގެން އަހަރެމެންކުރާ މަސައްކަތުގެ ކްރެޑިޓް ނަގައިގެން މީހަކީ ތިމާކަމަށް ދައްކައިގެންނެވެ. އިންސާފުވެރި މުސާރައެއް ކަނޑައެޅެންޖެހެއެވެ. އެއީ ރައްޔިތުންގެ ޚާދިމެއްކަން "ބޮސް"އަށް ވިސްނެންޖެހެއެވެ. މަތިހަށިނަގާ ދުވިއެއްކަމަކު ދެންވެސް ވޯޓާ ދިމާކޮށް ކުޑަކަކޫ ޖަހައިގެން އަންނަންޖެހޭނީ ހަމަ އަހަރެމެން ކައިރިއަށެވެ. ޙައްޤު ބަސްބުނަންޖެހެއެވެ. އަހަރެމެންގެ ނާޖާއިޒްފައިދާ ތަކުރާރުކޮށް އެމީހުން ނެގިޔަ ދީގެންނުވާނެއެވެ

ad 6