ޤާނޫނު ތަޠުބީޤުކުރެވޭނީ ކޮންތަނެއްގައި ކޮންބައެއްގެ މައްޗަށް ހެއްޔެވެ؟



ad 4
ޤާނޫނު ތަޠުބީޤުކުރެވޭނީ ކޮންތަނެއްގައި ކޮންބައެއްގެ މައްޗަށް ހެއްޔެވެ؟
ޤާނޫނު ތަޠުބީޤުކުރެވޭނީ ކޮންތަނެއްގައި ކޮންބައެއްގެ މައްޗަށް ހެއްޔެވެ؟

ޤާނޫނު ތަޠުބީޤުކުރެވޭނީ ކޮންތަނެއްގައި ކޮންބައެއްގެ މައްޗަށް ހެއްޔެވެ؟


ޢާއްމު އުސޫލެއްގެ ގޮތުން ބަލާއިރު ދައުލަތުގެ ޤާނޫނުތައް ހިނގާނީ ދައުލަތުގެ ސަރަހައްދުގެ ތެރޭގައެވެ. އެ ސަރަހައްދުގެ ތެރޭގައިވާ، ކޮންމެ މީހެއްގެ މައްޗަށާއި ކޮންމެ އެއްޗެއްގެ މައްޗަށެވެ. ދައުލަތުގެ ސަރަޙައްދުގެ ތެރޭގައިވާނަމަ، ތަނުގެ މުވާޠިނުންކަމުގައިވިޔަސް ނުވަތަ ބޭރުމީހުން ކަމުގައި ވިޔަސް އެމީހުންގެ މައްޗަށް އެދައުލަތުގެ ޤާނޫނު ހިނގާނެއެވެ. ދައުލަތުގެ ސަރަޙައްދުން ބޭރުގައިވާނަމަ، އެތަނެއްގެ މުވާޠިނުންކަމުގައިވިޔަސް އެމީހުންގެ މައްޗަކަށް އެޤާނޫނުތަކެއް ނުހިނގާނެއެވެ. އެހެނީ އެމީހުންގެ މައްޗަށް ހިނގާނީ އެމީހުންތިބި ތަނެއްގެ ޤާނޫނެވެ. މި އުސޫލަށް ކިޔަނީ ޤާނޫނުގެ ރަށުވަންތަކަމެވެ.

ޤާނޫނުގެ ރަށުވަންތަކަމުގެ އުޞޫލު އުފެދުމުގެ ސިއްރަކީ އެ ޤާނޫނެއް ނެރޭ ދައުލަތުގެ ސިޔާދަތުގެ ނިޝާންތަކުގެ ތެރެއިން ނިޝާނެއްކަމުގައި ޤާނޫނުވާކަމެވެ. ދައުލަތެއްގެ ސިޔާދަތު އޮންނާނީ އެ ދައުލަތެއްގެ ސަރަޙައްދުގެ ތެރޭގައެވެ. އޭގެ ބޭރަކަށް ނުދާނެއެވެ.

ވަރަށް ފަހަކާ ޖެހެންދެން ހުރިހާ ދައުލަތެއްވެސް އައީ "ޤާނޫނީ ރަށުވަންތަ" ކަމުގެ އުޞޫލުގައި ވަރުގަދައަށް ހިފަހައްޓައިގެންނެވެ. މި އުސޫލު މިހާގަދައަށް ހިފެހެއްޓުމުގެ ދެ ސަބަބެއް ވެއެވެ.

  • އެއް ސަބަބަކީ އިހުޒަމާނުގައި އެއްދައުލަތެއް އަނެއް ދައުލަތާ ގުޅުންނެތި، އެކަހެރިކޮށް ދިރިއުޅެމުން އަންނަކަމެވެ.
  • އަނެއް ސަބަބަކީ ދައުލަތުގެ ސިޔާދަތޭ މިކިޔާ އެއްޗެއްގައި ހިފެހެއްޓުމަށް ދައުލަތަށް ބާރުއަޅާލެއް ބޮޑުކަމެވެ. މިގޮތުން ދައުލަތުގެ ސަރަހައްދުގައި ހުރީވިއްޔާ ކޮންމެ މީހެއްގެ މައްޗަށްވެސް ދައުލަތުގެ ޤާނޫނު ހިންގަމުން ދަނީއެވެ.

ނަމަވެސް ތޭރަވަނަ ޤަރުނުން ފެށިގެން މި ޚިޔާލަށް ބަދަލެއް އަންނާން ފަށައިފިއެވެ. އެ ޤަރުނުން ފެށިގެން ބައިނަލްއަޤްވާމީ ތިޖާރަތު ކުރިއަރައި އެއް ދައުލަތެއްގެ ބައެއް އަފްރާދުން އަނެއް ދައުލަތެއްގައި ތިބޭންޖެހޭގޮތް ދިމާވެއްޖެއެވެ. މިހިސާބަށް ކަންދިއުމުން ރަށުވަންތަކަމުގެ އުސޫލުގައި ހުރި ދަތިކަމާއި ބުރަކަން މީހުންނަށް ވިސްނެން ފަށައިފިއެވެ. ބޭރު ދައުލަތެއްގައި ތިބެންޖެހޭ އަފްރާދުންނަށް ކުރިމަތިލާންޖެހުނީ އެމީހުން ދެކި ފަރިތަނުވާ ޤާނޫނުތަކަކާއެވެ. ދެކެން ފެށީ އެމީހުންނާ އެއްގަލަކަށް ނާރާ ޙުކުމްތަކެކެވެ. ކައިވެންޏާއި، ވަރި އަދި ތަރިކަބެހުން ފަދަ އަޙްވާލު ޝަޚްޞިއްޔަތުގެ ޤާނޫނުތަކުގައި، ވަކިން ޚާއްސަގޮތެއްގައި މި އުނދަގޫކަމާއި ދަތިކަން ފާހަގަކުރެވެއެވެ. މިސަބަބުތަކަށްޓަކައި ދައުލަތްތަކަށް ވިސްނުނީ ޤާނޫނުގެ ރަށުވަންތަކަމުގެ އުޞޫލު ތަޠުބީޤުކުރުމުގައި ދުލެއްދޭން ވެއްޖެކަމެވެ. މިހެން ނުހަދައިފިނަމަ ބޭރުމީހުން އައުން މަނާވެ ތިޖާރީ ޙަރަކާތްތަކަށް ހުއްޓުން އަރައިދާނެއެވެ.

މިހާތަނުން ޤާނޫނީ އުދަރެހުން އައު އުޞޫލެއް ފާޅުވެއްޖެއެވެ. އެއީ ޤާނޫނުގެ މީސްވަންތަކަމެވެ. މި އުޞޫލުގައި ބުނަނީ "އެ ޤާނޫނެއް ނެރޭ ދައުލަތެއްގެ ރައްޔިތުންގެ މައްޗަށް މެނުވީ އެ ޤާނޫނެއް ތަޠުބީޤް ނުކުރެވޭނެއެވެ. ބޭރު ދައުލަތެއްގައި ތިބިނަމަވެސް އަދި އަމިއްލަ ވަޠަނުގައި ތިބި ނަމަވެސް އެމީހުންގެ މައްޗަށް ތަޠުބީޤު ކުރެވޭނީ އެމީހުން އެދައުލަތަކަށް ނިސްބަތްވާ ދައުލަތެއްގެ ޤާނޫނެވެ. "

މި އުސޫލު ފުރަތަމަ ފަށައިގަތްއިރު ހިނގަމުންދިޔައީ ދައުލަތްތަކުގެ މެދުގައި ބާއްވާ ކަރޓްސީގެ (ހިތްހެޔޮކަމުގެ) ބިންގަލުގެ މައްޗަށެވެ. ވީމާ، ބައެއް ހާލަތްތަކުގައި އެހެން ދައުލަތެއްގެ ރައްޔިތުންގެ މައްޗަށް އެބައިމީހުންގެ ރަށުގެ ޤާނޫނު ހިންގުމަށް ހުއްދަކުރަނީއެވެ. ހިތްހެޔޮކަމުގެ ބިންގަލުގެ މައްޗަށެވެ. އަދި އަނެއް ދައުލަތުންވެސް ހަމަމިގޮތަށް، މުޢާމަލާތް ބެހެއްޓުން ޝަރުޠު ކުރުމާއި އެކުގައެވެ. މިކަން މިގޮތަށް ކުރުމުން ނުކުންނަ ނަތީޖާއަކީ ދައުލަތުގެ ޢާއްމު މަސްލަހަތު ރައްކާތެރިވުމެވެ.

ޤާނޫނުގެ މީސްވަންތަކަމުގެ މަބްދައު ފުޅާވުމަކުން ޤާނޫނުގެ ރަށުވަންތަކަމުގެ އަސްލު މަބްދައު އުވިގެން ދިޔައީއަކީ ނޫނެވެ. އެދެ މަބްދައުވެސް އެކުއެކުގައި ހިނގަމުންދަނީއެވެ. މިއިން ކޮންމެ މަބްދައުއެއްވެސް އަނެއް، މަބްދައުއެއްގެ މައްޗަށް ގަދަވެގަނެވޭތޯ ބަލަމުން ދެއެވެ. ބައެއް މައްސަލައިގައި ދައުލަތުގެ ސިޔާދަތުގެ ނިޝާނެއް ކަމުގައިވާ ވަޠަނީ ޤާނޫނު ތަޠުބީޤު ކުރެވެއެވެ. އެހެންކަމުން ވަޠަނީ ޤާނޫނާއި ބޭރުގެ ޤާނޫނާއި، ދެމެދުގައި މިއޮންނަ ތަނާޒުޢުވެރިކަން ޙައްލުކުރާނޭ މިންގަނޑަކަށް ބޭނުންވެއްޖެއެވެ.

މިކަމަށްޓަކައި ޤާނޫނުގެ އާގޮތްޕެއް އުފެދިއްޖެއެވެ. އެގޮތްޕަކީ ބައިނަލްއަޤްވާމީ ޚާއްސަ ޤާނޫނެވެ. މިދެ މަބްދައުގެ ދެމެދުގައި އޮންނަ ތަނާޒުޢުވެރިކަން ނެތްނަމަ އެހެން ޢިބާރާތަކުން ބަޔާންކުރަނީނަމަ، މިދެ މަބްދައު އެކުއެކުގައި ނުހިނގާނަމަ ބައިނަލްއަޤްވާމީ ޚާއްސަ ޤާނޫނެއް އޮތުމަކަށް ބޭނުން ނުވީއެވެ. އޭރުން ހުށަހެޅޭ ހުރިހާ މައްސަލައެއްގައިވެސް ތަޠުބީޤު ކުރެވުނީހީ އެދައުލަތެއްގެ ވަޠަނީ ޤާނޫނެވެ.

ބޭރުގެ ޤާނޫނާއި ވަޠަނީ ޤާނޫނާއި ތަނާޒުޢުވުމުގެ ޙުކުމްތައް ބަޔާންކުރުމުގެ މަޙައްލަކީ ބައިނަލްއަޤްވާމީ ޚާއްސަ ޤާނޫނާމެދު ތަޞްނީފު ކުރެވޭ ފޮތްތަކެވެ. މިފޮތަކީ އެފަދަ ފޮތެއް ކަމުގައި ނުވިއަސް އެކަމާބެހޭ މުހިންމު ނުކުތާތައް ކުރުގޮތެއްގައި ނަމަވެސް ލިޔެލުމަކީ މިތާނގައި އެކަށީގެންނުވާ ކަމެއް ކަމަކަށް ނުދެކެމެވެ.

  • އަމަން ޢާއްމާއި ފުލުހުންގެ ޢަމަލުތަކާބެހޭ ޤާނޫނު ތަޠުބީޤު ކުރެވެނީ "ރަށުވަންތަ" ކަމުގެ އުސޫލުންނެވެ. މާނައަކީ ދައުލަތުގެ ސަރަހައްދުގެ ތެރޭގައިވާ ކޮންމެ މީހެއްގެ މައްޗަށް (އެއީ ބޭރު ދައުލަތެއްގެ މީހއްކަމުގައިވިޔަސް) ހިންގޭނެއެވެ. ނަމަވެސް މީގެ ތެރޭގައި އިސްތިސްނާ ބަޔަކުވެއެވެ. އެއީ ބޭރު ދައުލަތް ދައުލަތުގެ ރައީސުންނާއި، އެދައުލަތްތަކުގެ ސިޔާސީ ރެޕްރެޒެންޓެޓިވް އިންނާއި އެދައުލަތްތަކުގެ ހަނގުރާމައިގެ ލަޝްކަރެވެ.
  • ނޫފުލޭ މުދަލާބެހޭ ޤާނޫނުތައް ތަޠުބީޤު ކުރެވެނީ ރަށުވަންތަކަމުގެ އުސޫލުންނެވެ.
  • އުފުލޭ މުދަލާބެހޭ ޙައްޤުތަކުގައި ހިނގާނީ އެ ޙައްޤު ލިބި ގަނެވުނުއިރު އެތަކެތި ހުރި ރަށެއްގެ ޤާނޫނެވެ.
  • އަޙްވާލު ޝަޚްޞިއްޔަތުގެ ޤާނޫނުތައް (ކައިވެނި، ތަރިކަ، ފަދަ) ތަޠުބީޤު ކުރެވެނީ "މީސްވަންތަކަމުގެ" އުޞޫލުންނެވެ.
  • ޢަޤްދުތަކުގެ މުޝްކިލާބެހޭ ޤާނޫނުތަކުގައި ތަބަޢަވާންޖެހެނީ އެރަށެއްގައި އެ ޢަޤްދު ހިންގި ރަށެއްގެ ޤާނޫނެވެ.
  • ޢަޤްދުތަކުގެ މައުޟޫޢާބެހޭ ޤާނޫނުތަކުގައި ތަބަޢަވާންޖެހެނީ ޢަޤްދުގެ ދެފަރާތުން އެއްބަސްވާ ރަށެއްގެ ޤާނޫނެވެ. އެދެފަރާތް ވަކިގޮތަކަށް އެއްބަސްނުވާނަމަ، އެއީ އެއްރަށެއްގެ ދެމީހުން ކަމުގައިވާނަމަ އެރަށުގެ ޤާނޫނެވެ. އެއްރަށު ދެމީހުންކަމުގައި ނުވާނަމަ ޢަޤްދު ކަނޑައެޅުނު ރަށުގެ ޤާނޫނެވެ.

އިސްވެދިޔަ ތަނުންވެސް ދޭހަވާގޮތުގައި އަސްލަކީ ރަށުވަންތަކަމުގެ މަބްދައުއެވެ. މީސްވަންތަކަމުގެ މަބްދައު އެއީ އިސްތިސްނާއެކެވެ. މީސްވަންތަކަމުގެ އުސޫލުން ބޭރުގެ ޤާނޫނެއް ތަޠުބީޤު ކުރަންޖެހޭއިރު އެއީ ތަނުގެ ނިޒާމް ޢާއްމާއި ޚިލާފު ޤާނޫނަކަށް ވެގެން ނުވާނެއެވެ. އެހެންވެއްޖެނަމަ އެ ޤާނޫނެއް ތަޠުބީޤެއް ނުކުރެވޭނެއެވެ.

 

ނޯޓް:މިލިޔުމަކީ ފަޟީލަތުއްޝައިޚު އަލްއުސްތާޛު މޫސާފަތުޙީ ލިޔުއްވާފައިވާ 'ޤާނޫނަށް މަގެއް' މި ސިލްސިލާއިން ނަކަލު ކުރެވިފައިވާ ލިޔުމެކެވެ. އަލްއުސްތާޛް މޫސާފަތުޙީ އަކީ ދިވެހިރާއްޖޭގެ ޝަރުޢީ އަދި ޤާނޫނީ ދާއިރާގައި، ގިނަދުވސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ފުރަތަމަ އުއްތަމަ ފަނޑިޔާރުކަމާއި، ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ޖަސްޓިސް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ.

ad 6