ގައުމެއް ވަކިގޮތަކަށް ހިގަމުންދަނީ ވަކިގޮތަކަށް އެކަށައެޅި ނިމިފައިވާ ހަމަތަކަކާއި އުސޫލުތަކެއް އޮންނާތީއެވެ. ހަމަތަކަކާއި އުސޫލުތަކެއް ހަމަޖައްސަނީ ރީތިކޮށް އޮމާންކަމާއެކު ގައުމު ކުރިއަށް ގެންދިއުމަށްޓަކައެވެ. އެފަދަ އުސޫލެއް ނެތި ގައުމު ހިގާނެނަމަ މަގާމެއް ސަރުކާރެއް ބޭނުމެއް ނުވާނެއެވެ. ސަރުކާރެއް ނުވަތަ ވެރިކަން ހިންގާ ބާރެއް ބޭނުންވަނީ ގައުމުގެ ތެރޭގައި ވަކިހަމަތަކަކާއި އުސޫލުތަކަކުން ކަންކަން ހިންގަން ބޭނުންވާތީއެވެ. އެހެންކަމުން ރައްޔިތުން ރަށު ފެންވަރުގައި އެމީހުންގެ ކަންކަން ކުރާނެ ބަޔަކު އިންތިޚާބު ކުރަނީއެވެ. އަދި އަތޮޅު ފެންވަރާއި ގައުމީ ފެންވަރުގައިވެސް އެ ރައްޔިތުންގެ ފަރާތުން އެ ރައްޔިތުން އެދޭކަންކަން ކުރާނެ ބަޔަކު އިންތިޚާބު ކުރަނީ މިދެންނެވި އުސޫލުން ތަރުތީބު ހަމަތަކެއް މުޖުތަމައުގައި ނުވަތަ ގައުމުގައި އޮތުމަށްޓަކައެވެ.
ހަމައެއް އުސޫލެއް ނެތި ގައުމެއްގައި ކަންކަން ހިންގާނަމަ މަގާމްތަކަށް ވަކި ފަރާތްތަކެއް އިންތިޚާބުކޮށް ރައްޔިތުންގެ މާލިއްޔާއިން މުސާރަ ދީފައި ބޭތިއްބުމުގެ މާނައެއް ނެތެވެ. އެ ވަޒީފާތަކަށް މުސާރަ ދިނުމަށްޓަކައި ޓެކްސް ފައިސާ އެކަށައެޅުމުގެ އެއްވެސް މާނައެއް ނުފެނެއެވެ. އެހެނީ މަގާމުތަކެއް ނެތި ގައުމު އޮންނަނަމަ ރައްޔިތުން ހޯދާ ފައިސާއިން ކޮންމެ ފައިސާ ފޮއްޗެއް ރައްޔިތުންގެ އަތުގައި އޭރުން ހަރުލާނެއެވެ. އެހެނަސް އެ ފައިސާ ފޮއްޗަށްވުރެ އިންޞާފުވެރި ހަމަތަކަކާއި އުސޫލުތަކަކުން ގައުމު ހިގަމުން ދިއުން މޮޅު އިތުރުކަމުގައި ދެކިގެން ރައްޔިތުން މަގާމްތަކެއް އުފައްދައި އެ މަގާމްތަކަށް މީހުން އިންތިޚާބުކުރެއެވެ.
ރައްޔިތުން މީހަކު އިންތިޚާބުކުރަނީ އެ ރައްޔިތުން އެދޭފަދައަކުން ކަންކަން ތަރުތީބުކޮށް ނިންމުމަށެވެ. އެއީ ރައްޔިތުން އެ އިންތިޚާބުކުރާ ފަރާތަކާއި ހަވާލުކުރާ ވަޒީފާއެވެ. އާންމު ވަޒީފާތަކާއި ޚިލާފަށް އިންތިޚާބީ މަގާމްތަކަށް މީހުން ހޮވާ ބައެއް ސަބަބު ބަޔާންކޮށްލާނަމެވެ.
މަތީގައިވާ މައިގަނޑު ސަބަބުތަކާއި އަދި އިތުރު އެހެން ބައެއް ކަންކަންވެސް ހުރުމާއެކު އެކި ޒަމާނުގައި އެކި ގޮތަށް ރައްޔިތުންގެ ފަރާތުން ރައްޔިތުންނަށް ޚިދުމަތް ދޭނެ ޚާދިމުން އައްޔަންކޮށްފައި ވެއެވެ. އަދި ދުނިޔޭގެ ތާރީޚަށް ނަޒަރުކޮށް ބަލާއިރު ވެރިމީހާ ނުވަތަ ރައްޔިތު މީހާގެ މުދަލާއި އޭނާގެ ހައްޤުތަކަށް އޭނާގެ ޚާދިމް ނޫނީ މަަސައްކަތު މީހާ އަރައިގަނެފައިވެސް ހުރެއެވެ. މިފަދަ ޚާދިމުންނަށް ހުދުމުހުތާރު ވެރިންނޭ ކިޔާ އުޅެއެވެ. ނަމަވެސް ދުނިޔެއަށް ތަހުޒީބުކަން އައިސް ރައްޔިތުންނަށް މުޅި ނިޒާމް އެތުރިފައިވަނީ ސީދާ އެ ރައްޔިތުންގެ ބޭނުމަށްކަން އެގުމުން އެ ރައްޔިތުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ވަޒީފާ އަދި އެހެން ވަޒީފާތައް އަދާކުރާ ފަރާތްތަކަށްވެސް މަޖުބޫރުވެގެން ގޮސްފައިވަނީ ވަޒީފާ ބޭނުންނަމަ ވަޒީފާދޭ ފަރާތްތަކުގެ ގާތަށްގޮސް އެ ފަރާތަކަށް އެ ވަޒީފާ ދީފިނަމަ ވަރަށް ރަނގަޅަށް ވަރަށް ފުރިހަމައަށް ކަންކަން ކޮށްދޭނެކަމުގެ ވައުދުވެ ރައްޔިތުން ހިތް ރުއްސައިގެން މަގާމަށް އަންނާށެވެ.
މިދެންނެވިހެން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުވެ މަޤާމްތަކަށް މީހުން ހޮވަނީ ރައްޔިތުން ބުނާ މަސައްކަތް ރައްޔިތުންނަށް ކޮށްދިނުމަށްކަން އެގުމުން ދުނިޔޭގެ ސިޔާސީ މައިދާން ބަދަލުވެގެންދިޔައެވެ. އިންތިޚާބީ މަގާމްތަކަށް އަންނަން ބޭނުންވާ މީހާ ތަހުޒީބު ގައުމުތަކުގައި ސީދާ ރައްޔިތުންގެ ކައިރިއަށްގޮސް ރައްޔިތުންގެ ރުހުން ހޯދައެވެ.
ދެން ރައްޔިތުންނަށް ޖެހުނީ އެ ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތަށް އެ ވަޒީފާތަކަށް ހޮވާނެ އުސޫލުތަކެއް ކަނޑައަޅާށެވެ. މިގޮތުން އެކިގައުމުތަކުގައި އެކި އުސޫލު ކަނޑައެޅިފައިވެއެވެ. ދިވެހިރާއްޖޭގައި ދާދިފަހުންވެސް ވަނީ މިދެންނެވިހެން މަޤާމްތަކަށް މީހުން ގެންނާނެ ގޮތާއި ނިޒާމް ތަރުތީބު ކުރާނެގޮތާމެދު ރައްޔިތުންގެ ލަފަޔަކަށް އަހާފައެވެ. ރައްޔިތުން އެފަހަރު ބުނެފައިވަނީ ތިމަންނާމެން ބޭނުމީ ތިންބާރު ވަކިވެފައިވާ ރިޔާސީ ނިޒާމެއްކަމަށެވެ. އެހެންކަމުން ދިވެހި ރައްޔިތުންގެ އެންމެ ފަހުގެ ނިންމުމުގައިވަނީ ޤާނޫނު ހަދާ މަޖިލިސްއަށް އެ ރައްޔިތުން ބޭނުންވާ ބަޔަކު ހޮވުމާއި އަދި ހަމައެއާއެކު ވެރިކަން ހިންގާ ބާރުގެ އެންމެ އިސް ފަރާތް ސީދާ ރައްޔިތުން ބޭނުންވާ ގޮތަކަށް އިންތިޚާބުކުރުމަށެވެ.
ރައްޔިތުން މިދެންނެވި ނިޒާމް ތަރުތީބުކޮށްފައިވަނީ ރައްޔިތުން އެވަގުތަށް އެ ގޮތް ބޭނުންވީމައެވެ. ހަމައެއާއެކު އެގޮތަށް ވަޒީފާތަކަށް މީހުން ހޮވަން ނިންމުމާއެކު ރައްޔިތުން އޮތީ އެ ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތައް އެ ރައްޔިތުންގެ ކައިރިން ރުހުން ހޯދަން ޖެހޭގޮތަށް ނިޒާމް ތަރުތީބު ކޮށްފައެވެ.
މިގޮތުން ރައްޔިތުން އުސޫލުތަކެއް ކަނޑައަޅައި އެމީހުންގެ ޚާދިމުން ނުވަތަ އެމީހުންގެ ފަރާާތުން މަސައްކަތްކުރާނެ މީހުން ކަނޑައަޅަނީ އިންތިޚާބަކުންނެވެ. އެކަން އެހެންކުރުމަށް ރައްޔިތުން ނިންމާފައިވަނީ ދުނިޔޭގައި އަމަލު ކުރެވެމުންދާ ހަމަތަކާއި އުސޫލުތަކަށް ރިއާޔަތްކޮށް ބެލުމަށް ފަހުގައެވެ. އެހެންކަމުން އެކި އެކި މަގާމްތަކަށް ނުވަތަ ވަޒީފާތަކަށް ރައްޔިތުން ހޮވާ ޚާދިމުން ވާންވާނީ ތާއަބަދު ރައްޔިތުންނަށް އިޚްލާސްތެރި ކިޔަމަންތެރި ވަފާތެރިބަޔަކަށެވެ. ވަޒީފާ ދިން މީހާއަށް ގެއްލުމެށް ލިބިދާނެ ކަމެއް ހިދުކޮޅަކަށްވެސް ކޮށްގެން ނުވާނެއެވެ.
އަދި ރައްޔިތުންވެސް އެމީހުންގެ ޚާދިމުންނަށް އިޙްތިރާމްކުރުމާއެކު އެ މީހުންގެ ވަޒީފާގައި ތިބެގެން އެ ރައްޔިތުންނަށް ގެއްލުމެއް ލިބިދާނެކަމެއް ކުރާނަމަ އެކަން ފާހަގަކޮށް އެކަންކަން ރަނގަޅުކުރަން ބުނަންވާނެއެވެ. ތިއިން ކޮންމެ ފަރާތަކީ ގައުމުގެ އެންމެ އިސް އެއް ވެރިއަކުކަން ދަނެގެން ތިޔަ ރައްޔިތުންގެ ވަޒީފާގައި އުޅޭ ފަރާތްތަކަށް މަގުދައްކާ ރަނގަޅުގޮތުގައި އެފަރާތްތަކުން ޒިންމާ އުފުލަމުންދޭތޯ ބަލާ އެފަދައިން އަމަލުނުކުރާނަމަ ނަސޭހަތްދީ އިސްލާހުކުރަން ފިޔަވަޅު އަޅަންޖެހެއެވެ. އަދި އެވަރުންވެސް ނުވެއްޖެނަމަ އެ ފަރާތެއް މަގާމުން ދުރުކޮށް ރަނގަޅު އެހެން ފަރާތެއް އެ މަގާމަށް ގެންނަންޖެހެއެވެ. ވެރިއެއްގެ ގޮތުން ތިބާއާއި ހަވާލުވެފައިވާ ޒިންމާވެސް އެންމެ ފުރިހަމަ ގޮތުގައި އުފުލަންޖެހެއެވެ. އަދި އެއަށްވުރެ ބޮޑަށް ރައްޔިތުންގެ ޚާދިމުން އެމީހުންގެ މަސައްކަތުގައި އިޚްލާސްތެރިކަން އިންތިހާއަށް އިސްކުރުމަކީ ވާޖިބެކެވެ.