2018 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުގައި ރައްޔިތުން ބޮޑު ނިންމުމެއް ނިންމައިފިއެވެ. އަނިޔާއާއި އަދުލުވެރިކަން ގެއްލި ވަޒީފާގެ ބިރުވެރިކަން ވެރިވެފައި އޮތް އޮތުމަށް ނިމުމެއް ގެނެސްފިއެވެ. ވޭތުވެދިޔަ ދުވަސްތަކުގައި ނުޙައްޤުން އަނިޔާ ލިބެމުންދިޔަ ފަރާތްތަކަށް ތަސައްލީއެއް އެކަމުގެ ސަބަބުން ގެނުވައިފިއެވެ. ބޭއިންސާފާއި ޙައްޤަކާ ނުލައި ވަޒީފާއިން ވަކިކޮށްފައިވީ ގިނަ ފަރާތްތަކަށް އެފަރާތްތަކަށް އިންސާފު ލިބޭނެ ކަމުގެ އުއްމީދު އާވެގެން ދިޔައެވެ.
އައު ސަރުކާރެއް އެކުލަވާލެވި މަސައްކަތްތައް ފެށިގެން ދާއިރު ގިނަ ބައެއްގެ ނަޒަރު ހުއްޓޭ އެއްދިމާއަކީ ވަޒީފާއާ ގުޅުންހުރި ދާއިރާއެވެ. އަލަށް އުފެދޭ ވަޒީފާ ތަކާއި ކުރިން ބޭއިންސާފުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކަށް އިންސާފު ލިބުމާ ނުލިބުމާމެދު ކުރެވޭ ބަޙުޡް ފުޅާވެފައި ކިތަންމެހާވެސް ބޮޑެވެ. އަލަށް އުފެދޭ ވަޒީފާތަކަށް މީހުން ހޮވުމުގައި މެރިޓް އުސޫލުން ބަލައި ކަަމަށް ޤާބިލް ފެންވަރު ރަނގަޅު މީހުން އައްޔަން ކުރުމަށް އިސްކަން ދިނުމަކީ ވަރަށްވެސް މުހިންމެ އެހާމެ ބޭނުންތެރިކަމެކެވެ.
އައު ސަރުކާރުގެ ރައީސް ހުވާކުރި ދުވަހު ވަޒީފާ ޔަޤީންވެގެން ފޮށިތަންމަތި ހިފައިގެން ވޭތުވެދިޔަ 5 އަހަރު ރަށުގައި އުޅުނު މީހުންގެ ދިރިއުޅުން މާލެއަށް ބަދަލުކޮށް ވަޒީފާއަށް ނިކުތުމަށް އައުމަކީ މައްސަލައެކެވެ. މިދަންނަވަނީ ސިޔާސީ މަޤާމުތަކުގެ ވާހަކައެއްނޫނެވެ. ސިވިލް ސަރވިސްއާއި ސަރުކާރު ކުންފުނިތަކުގެ ވަޒީފާތަކުގެ ވާހަކައެވެ. އުފެދޭ ސުވާލަކީ މިއީ އެންމެ އިންސާފުވެރި ގޮތްތޯއެވެ؟ ވަކި ބައެއްގެ ނުވަތަ މީހެއްގެ ބްލެސިންގ ނެތި ވަޒީފާއެއް ލިބުމުގެ ހައްޤު ދިވެހި ރައްޔިތުމީހާއަށް ގެއްލުނީ ކޮން ގޮތަކުންތޯއެވެ؟ ރައްޔިތުންގެ ކިބައިން ބާރުތައް ފެށި ބާރުތައް ދެމިއޮންނައިރު، މިފަދަ ބޮޑު ބޭއިންސާފެއް ރައްޔިތުން ތަހައްމަލް ކުރަންޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
ވޭތުވެދިޔަ ފަސް އަހަރު ވަކި މީހެއްގެ ބްލެސިންގ ހޯދުމުން ވަޒީފާ ޔަޤީންވިކަމީ އެންމެ ދަންނަ ބޮޑު ސިއްރެކެވެ. ޤާބިލް މީހާއަށް ވަޒީފާ ނުދީ ވަކި ކުލައަކަށް ބަލައި ވަޒީފާ ދިން ދިނުން ހުއްޓުމަކަށް ގެނައުމަށް ރައްޔިތުން ވޯޓް ދިނެވެ. އެހެންކަމުން ވަޒީފާތަކަށް މީހުން ހޮވުމުގައި ދާއިރާގެ މަޖިލިސް މެންބަރާއި، ދެން މަޖިލިހަށް ވާދަކުރަން އުޅޭ ކެޑިޑޭޓު ނުވަތަ މިނޫންވެސް ނުފޫޒުގަދަ ވިޔަފާރިވެރިޔާ ގެންގުޅޭ ލިސްޓަށް ބަލައި ވަޒީފާ ދެވިގެން ވާނެކަމަށް ޤަބޫލުކުރާ އެކަކުވެސް ނުހުންނާނެއެވެ. ވަޒީފާތަކަށް ހޮވަންވާނީ ކަމަށް ޤާބިލް، ފެންވަރު ރަނގަޅު މީހާއެވެ. ވަކި ލިސްޓެއްގައި އޮތް ނުވަތަ ވަކި މީހަކު އެންޑޯސްކުރާ މީހެއް ނޫނެވެ. މިހެން ކަން ހިނގާނަމަ، ރައްޔިތުން އުންމީދަކާއެކު ދިން ވޯޓުގެ ބޭނުން ނެތިގެން ހިގައިދާނެއެވެ. އޭރެކޭ މިހާރެކޭ ތަފާތެއް ނޯންނާނެއެވެ. ފޯމިއުލާ ތަފާތަސް ނަތީޖާއަކީ ހަމަ އެކައްޗެކޭ ބުނަންފަށާނެއެވެ.
މިދުވަސްވަރު އަޅުގަނޑުމެންގެ ތެރެއިން އެންމެ ބޮޑަށް އިވޭ އަނެއް ވާހަކައަކީ ކޮންމެވެސް މީހަކު ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނުތަކާއި އުސޫލުތަކާ ޚިލާފަށްކަމުން އެފަރާތްތަކަށް އެކަމުގެ ބަދަލު ނަގައިދޭން ޓްރައިބިއުނަލުތަކާއި ކޯޓުތަކުން ޙުކުމް ކުރަމުންދާ ކަމުގެ ވާހަކައެވެ. ނުޙައްޤުން އެފަރާތްތަކާއި ޢާއިލާއަށް ގަސްދުގައި ދިން ގެއްލުމުގެ ބަދަލު އެފަރާތްތަކަށް ލިބުމަކީ އިންތިހާއަށް އުފާވެ ޝުކުރުވެރިވާ ކަމެކެވެ. ނަމަވެސް މިކަމުގައި ވިސްނާލަންޖެހޭ ދެތިން ނުކުތާ އެބައޮތެވެ.
ވިސްނަވާށެވެ! ނިމިދިޔަ ސަރުކާރުގައި ސަރުކާރު މުވައްޒަފުންނާއި، ސަރުކާރު ކުންފުނިތަކުން އެތައް މުވައްޒަފުންނެއް ޤާނޫނުތަކާއި ގަވާއިދާ ޚިލާފަށް ވަޒީފާއިން ވަކިކޮށް، އެތައް ޢާއިލާ ތަކަކަށް ވޭނާ ކެކުޅުން ވެރިކުރުވުމަށްފަހު އެނިންމުން ނިންމި ފަރާތްތައް މިއަދު ކޮބައިތޯއެވެ؟ ސަރުކާރު ބަދަލުވުމާއެކު މިނިސްޓްރީތަކާއި، މުއައްސަސާތަކުގެ އިސްވެރިން ބަދަލުކޮށް ގެނެވުނު ބަދަލުތަކާއެކު އެފަރާތްތަށް މިވަނީ އެތަށް އާއިލާއަކަށް ގެއްލުން ދިނުމަށްފަހު އަތް އުރާލައިގެން ޒިންމާއެއް ނެތި ގޮސްފައެވެ. ބުނަމުންނެވެ. ތިމަންނާ ވެރިއަކަށް ހުރިއިރު އޮންނާނީ ޤާނޫނާއި ގަވާއިދާ ޚިލާފަށް ވަޒީފާއިން ވަކިކޮށްފައެވެ. ދެން މިއަދު ކޯޓާއި ޓްރައިބިއުނަލުން ބަދަލު ނަގައިދޭން ޙުކުމް ކުރުމުން އެކަމުގެ މާލީ ބުރަ އުފުލަން ޖެހޭނީ ނުވަތަ ނަގަންޖެހޭނީ އެބަޔަކު ވެރިކަމަށް ގެނައުމަށް ވަޒީފާއިން ވަކިކުރި މީހުން ތާއީދު ކުރި ސަރުކާރުންނެވެ. މަށާ ވާ ކަމެއް ނޫނެވެ. ނަމަވެސް މިކަންކަމުގައި އަމަލީގޮތުން ބައިވެރިވި ފަރާތްތައް އެ މުއައްސަސާތަކުގައި އަދިވެސް ތިބޭނެއެވެ. އެފަރާތްތަކަށް ޙައްޤު އަދަބުދެވި ފިޔަވަޅު އެޅެންޖެހެއެވެ.
ސަރުކާރު ބަދަލުވިއެއްކަމަކު ކުރީ ސަރުކާރުން މުވައްޒަފުން ވަޒީފާއިން ވަކިކުރި ޗިޓުތައް ތައްޔާރުކޮށް އެތައް ނިކަމެތި ރައްޔިތުންނަކަށް ބޭނުން ގޮތެއް ހަދާނަމޭ ހިތާ ލަފާދީ ވަޒީފާއިން ވަކިކުރި ފަރާތްތަށް ބޮޑު ގޮޑީގައި ވެޑުވިގެން އަދިވެސް އެބަތިއްބެވެ. ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކުގައި ސަރުކާރު ބަދަލުވުމުން ވާހަކަ ދައްކައިގެން ސުލްހަވުމަށް ފުރުޞަތު ހޯދައި ބައްދަލުވުން ބާއްވައެވެ. މިފަދަ ބައްދަލުވުން ތަކުގައިވެސް ވަޒީފާއިން ވަކިކުރި ފަރާތްތަކަށް ތިމާގެ ސަބަބުން ލިބުނު ނާއިންސާފާއި ގެއްލުން އިޙްސާސް ކުރެވި މަޢާފަށް އެދުމެއްވެސް ނޯވެއެވެ. އަދިވެސް ގަދަބަސް ބުނަނީއެވެ.
ނުޙައްޤުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި، މިނޫންވެސް ބޭއިންސާފުން އެބަޔަކާމެދު އަމަލުކުރެވުނު ފަރާތްތަކުން އިންސާފު ހޯދުމަށް ފަނޑިޔާރުގޭގައި ޓަކި ދެމުންދާ މިދަނޑިވަޅުގައި، މިފަދަ މައްސަލައެއްގެ ޝަރީޢަތުގެ މަޖިލިހަށް ދިއުމުން ފާހަގަވި ނުކުތާތަކެއް ހިއްސާކޮށްލާނަމެވެ. ކުރީ ސަރުކާރުގެ ސިވިލް ސަރވިސް ވަޒީފާއެއްގައި ވަރަށް ފަރުވާތެރިކަމާއެކު ވަޒީފާއަދާކުރަމުން ދިޔަ ފަރާތެއް ހަމަކުއްލިއަކަށް އެއްވެސް އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއިން ވަކިކޮށްފިއެވެ. އިންސާފު ހޯދުމަށް ދިއުމުން ނާއިންސާފުން ގޮތް ނިންމައި ވަޒީފާއިން ވަކިކުރުމުގައި އިސްކޮށް އުޅުނު ފަރާތްތަކުގެ ރާގު ބަދަލުވެ، ވަޒީފާއަށް އަލުން އަނބުރާ ނިކުތުމަށް އާދޭސް ކުރަން ފަށައިފިއެވެ. އެއްބަޔަކު ހިތަށް އަރާފާނެއެވެ. ކިހާ ރަނގަޅު ހެއްޔެވެ؟ އޭނާއަށް ވަޒީފާ އަލުން އަނބުރާ ލިބުނީ ނޫން ހެއްޔެވެ؟ މިކަމުގައި އަޅުގަނޑުގެ ހިތުގައި އުފެދޭ ޝުޢޫރު ވަރަށްވެސް ތަފާތެވެ. ވިސްނަވާށެވެ! ކުރީ ސަރުކާރުގައި އެތައް ބަޔަކު ބޭއިންސަފުން ވަޒީފާއިން ވަކިކުރުމަށް ގޮތް ނިންމި މީހުން މިއަދު ހަމަ އެގޮޑީގައި އެބަތިއްބެވެ. އެފަދަ ފަރާތްތަކާމެދު އެޅުނީ ކޮން ފިޔަވަޅެއް ހެއްޔެވެ؟ ބަޔަކަށް އެފަދަ ބޮޑު ގެއްލުމެއް ދިނުމުގައި ބައިވެރިވެ، އެކަމުގައި ޝާމިލްވި ފަރާތްތައް އެކަމުގެ ޒިންމާ އުފުލަން ނުޖެހޭތޯއެވެ؟ އެއްފުޅަށްމަތިން ފުންމާލި ބަކަރި އަނެއް ފުޅައްމަތިން ފުންމާލާނެއޭ ބުނެއެވެ. އެފަރާތްތަކުން ދެވަނަ ފަހަރަށް އެފަދަކަމެއް ނުކުރާނެ ކަމުގެ ޔަޤީން ކަމަކީ ކޮބައިތޯއެވެ؟ މިއަދު އެހެން ސަރުކާރެއް އައުމުން އެފަރާތްތަށް ވައި ޖެހޭކޮޅަށް ގޮތް ނިންމާހެން ވަޒީފާ އަބުރާ އިއާދަކުރުމަށް އެދުނެއް ކަމަކު، ބޭއިންސާފުން އެމީހުން ކުރި ކަންތައް ޑިލީޓްވެ ފަސްބައި ސާފުވެގެން ނުދާނެކަމީ އެންމެ ކުޑަ ކުއްޖާވެސް ޤަބޫލުކުރާނެ ކަމެކެވެ. އެފަދަ ފަރާތްތަކަށް ހައްޤު އަދަބުދީ ފިޔަވަޅު އެޅެން ޖެހެއެވެ. އެއީ މުސްތަޤުބަލަށްޓަކައި ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެކެވެ. އެހެން ނޫންނަމަ އަނެއްކާ ފަސް އަހަރުފަހުން ހަމަ އެއްވާހަކައެއް ތަކުރާރުކުރަން ޖެހިދާނެއެވެ. ގޯސްހަދައި، ފަސާދައާއި ކޮރަޕްޝަނާއި ބޭއިންސާފުން ނިކަމެތި ރައްޔިތުންނަށް ފިޔަވަޅު އެޅި މީހުންނަށް އެކަމުގެ އަދަބު ނުދެވުމަކީ ދައުލަތަކަށް ދުރުރާސްތާގައި އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ. އެފަދަ ފަރާތްތަކާއެކު ކުރިއަށް ދިއުމަކީ އެންމެ ރަނގަޅު ގޮތްކަމުގައި ނުދެކޭ މީހުން ގިނަވާނެއެވެ.
ތިމަންނާ ހުރި މުއައްސަސާ އަށްޑަނައަކަށް ހަދައިގެން އޭގެ ނިވާފަތް ގަނޑަކަށް ވެހުރެ ކޮންމެ ގޮތަކަށް ނިންމިއަސް ތިމަންނާ މާލީ ނުވަތަ އެނޫންވެސް ޒިންމާއެއް އުފުލަން ނުޖެހޭނެކަމަށް ދެކޭ ދެކުމަށް ނިމުމެއް އަންނަން ޖެހެއެވެ. ތިމަންނާ ހިތަށް އެރިހާ ގޮތަކަށް ޤާނޫނާއި ގަވާއިދުގައި އޮތް އެއްޗެއް ނުބަލައި ނިންމާ ނިންމުމަކުން ނިކަމެތި އެތައް އާއިލާއަކަށް ގެއްލުން ދިންއިރު ތިމާ އޭނާގެ މަޤާމުގައި ހުރިނަމަ ކުރެވޭނެ އިޙުސާސް ހިތަށް ގެންނަވާށެވެ. ވަޒީފާއިން ވަކިކުރީ ޤާނޫނާއި ޚިލާފަށް ކަމަށް ކަނޑައެޅި ނަމަވެސް ނުޙައްޤުން އެތައް ބަޔަކު ވަޒީފާއިން ވަކިކުރި ފަރާތްތަކާމެދު އެޅޭނެ ފިޔަވަޅެއް ނެތްކަމަށް ނުވަތަ ޒިންމާ ނަގަން ނުޖެހޭ ގޮތަށް އޮންނަ އޮތުން ބަދަލުކުރަންޖެހެއެވެ.
ތިމާ ނިންމުމެއް ނިންމާއިރު އެނިންމުމެއް ޤާނޫނާއި ގަވާއިދާ ޚިލާފުވެ، އެކަމުގެ ސަބަބުން އެހެން ބަޔަކަށް ގެއްލުން ވާނަމަ، އެކަމުގެ ޒިންމާ ތިމާ އުފުލަންޖެހޭ ގޮތަށް ބަދަލުކުރެވިއްޖެނަމަ ކޮންމެ ފަރުދަކުވެސް ނިންމުމެއް ނިންމުމުގެ ކުރިން ހަތަރު ފަސް ފަހަރަށް ވިސްނާނެއެވެ. ވަޒީފާއިން ވަކިކުރާ މައްސަލަތަކުގައިވެސް ކަންވާންވީ މިގޮތަށެވެ. ތިމާ ވަކި ތަނެއް އަށްޑަނައަކަށް/ނިވާފަތްގަޑަކަށް ހަދައިގެން މީހުންނަށްދީފައިވާ ނިކަމެތިކަމާ ބޭއިންސާފަށް ހައްޤު އަދަބު ނުދެވި ރެކިގެން ތިބުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ.