ކައުންސިލަރުންގެ ޒިންމާ އަދާކުރާ މަޖިލިސް މެންބަރު



ad 4
ކައުންސިލަރުންގެ ޒިންމާ އަދާކުރާ މަޖިލިސް މެންބަރު
ގިނަ މިނިސްޓްރީތައް ހިމެނޭ ވެލާނާގެ ފޮޓޯއެއް

ކައުންސިލަރުންގެ ޒިންމާ އަދާކުރާ މަޖިލިސް މެންބަރު


ދިވެހިރައްޔިތުން ރިޔާސީ ނިޒާމެއްގެ ދަށުން ރާއްޖޭގައި ކަންކަން ހިންގަން ބޭނުންވާކަމަށް ދިވެހިރައްޔިތުން ވަނީ ނިންމާފައެވެ. އަދި 2008 ވަނަ އަހަރު ތަސްދީޤުކުރެވުނު ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ވެރިކަން ހިންގުމުގެ ބާރާއި، ޤާނޫނު ހެދުމުގެ ބާރާއި ޢަދުލު އިންސާފު ޤާއިމް ކުރުމުގެ ބާރުވަނީ ވަކިކޮށް ތަފާތު ތިން ފަރާތަކާ ހަވާލުކޮށްފައެވެ. މިގޮތުން ޤާނޫނު ހެދުމުގެ ބާރު މަތިކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހަށެވެ.  ޢަދުލު އިންސާފު ޤާއިމް ކުރުމުގެ ބާރު ދިވެހިރާއްޖޭގެ ކޯޓުތަކަށް މަތިކޮށް، ވެރިކަން ހިންގުމުގެ ބާރު ރައީސުލް ޖުމްހޫރިއްޔާއާ ވަނީ ހަވާލުކޮށްފައެވެ. މިފަދައިން ތިންބާރު ވަކިކޮށްފައިވާ ނިޒާމެއް ދިވެހިރާއްޖޭގައި އެކަށައެޅިފައިވާއިރު، މިހާރު ބޯމަތިވެފައިވަނީ ޤާނޫނު ހެދުމުގެ ބާރަށް މެންބަރުން އައްޔަން ކުރުމުގެ މަރުހަލާއެވެ.

އުފެދޭ ސުވާލަކީ ރައްޔިތުން ނިކުމެ މަޖިލިހަށް މެންބަރު ހޮވަނީ ކީއްކުރަންތޯއެވެ؟ މަޖިލިސް މެންބަރެއްގެ ޙަޤީޤީ ޒިންމާތަކާއި ވާޖިބުތަކަކީ ކޮބައިބާއެވެ؟ ރައްޔިތުން ނިކުމެ މަޖިލީހަށް މެންބަރަކު އައްޔަން ކުރަނީ ރައްޔިތުންގެ ޙައްޤުގައި ކޮންކޮން މަސައްކަތްތަކެއް ކޮށްދޭން ތޯއެވެ؟ މިސުވާލަކީ ކޮންމެ ފަރުދަކުވެސް އަމިއްލައަށް ވިސްނާލައި ޖަވާބު ހޯދަންޖެހޭ ސުވާލެކެވެ. ތިމާ ވޯޓް ލުމުގެ ކުރިން މިކަންކަން ސާފުކޮށްލުމަކީ މުހިންމު ކަމެކެވެ. މި ރިޕޯޓް ލިޔުމަށް އަޅުގަނޑު މިސުވާލު ބައެއް ފަރާތްތަކާ ކޮށްލީމެވެ. ލިބުނު ޖަވާބުތަކުގެ ތެރޭގައި ގިނައިން ހިމެނެނީ ރަށާއި ދާއިރާއަށް ސަރުކާރުން ކޮށްދޭން ބަޖެޓް ކޮށްފައިވާކަންކަން ކޮށްދިނުމުގައި މިނިސްޓްރީތަކާއެކު މަސައްކަތް ކޮށްދިނުމެވެ. ރާވެރިބޭ މައިޒާން ދޮށުން މިނިސްޓްރީތަކަށް ވަންނަން ފަށާގޮތަށް ވެލާނާގެއާ ހަމައަށް، އެއް މިނިސްޓްރީން އަނެއް މިނިސްޓްރީއަށް ރަށާއި ދާއިރާގެ ކަންކަން ކޮށްދިނުމަށް މިނިސްޓަރުންނާ ބައްދަލުކޮށް ކަންކަން ނިންމުމަށް ބާރުއަޅަމުން ހިގުމެވެ.

މަޖިލިހަށް މެންބަރަކު ހޮވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކަށް މަތިކޮށްފައިވާ ޒިންމާ އަދާކުރުމަށްނޫންކަން ޤާނޫނުއަސާސީއާއި ޤާނޫނުތަކަށް ބެލުމުން ވަރަށް ސާފެވެ. ރަށުގެ މަގުތަކަށް ފަސްއަޅާ ލެވެލް ކުރުމާއި،ލޭންޑް ޔޫސް ޕްލޭން ހެދުމާއި، މިސްކިތުގައި ފެން އިސްކުރު ބަރިއެއް ލުމާއި، ބަށިކޯޓެއް އެޅުމާއި، މަދަރުސާގައި ކުލާސް ރޫމެއް އެޅުން ފަދަ ކުދި ކުދި ކަންކަމަކީ އެކަންކަން ތަންފީޛު ކުރުމުގައި ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކަށް މަޖިލިސް މެންބަރ ދުވާލުގެ ބޮޑުބައެއްގައި ހިގަންޖެހޭ ކަމެއްކަމަށް ޤަބޫލެއް ނުކުރެވެއެވެ. އަތޮޅު ފެންވަރުގައި ކުރަންޖެހޭ ކަންކަން ކުރުމުގެ ޒިންމާ އެންމެ ބޮޑަށް އަދާކުރަންޖެހޭ ފަރާތަކީ  މަޖިލިސް މެންބަރ ކަމަށް ދެކޭނަމަ،  މެންބަރު މަޖިލީހަށް ހޮވުމުގެ ބަދަލުގައި އަތޮޅު ކައުންސިލަށް ހޮވުން ރަނގަޅުވާނެއެވެ. އޭރަށް އެއް ކަމެއް ކުރުމަށް ދެމީހަކަށް މުސާރަ ދޭން ނުޖެހި ދައުލަތުގެ ބަޖެޓަށް ލުއިވާނެއެވެ.

ވެރިކަން ހިންގުމުގެ ބާރުގެ ތެރެއިން ރަށާއި ދާއިރާއަށް ބޭނުންވާ ކަންކަން ކޮށްދިނުމުގައި މިނިސްޓްރީތަކަށް ދެއިރު ދެދަޅައަށް ދާއިރާގެ މަޖިލިސް މެންބަރު ދާންޖެހޭކަމަށް ޤަބޫލުކުރާނަމަ، ރަށު ކައުންސިލާއި އަތޮޅު ކައުންސިލަށް ބޭފުޅުން އައްޔަން ކުރުމުގެ ބޭނުމެއްނެތެވެ. ރަށާއި، އަތޮޅު ކައުންސިލަށް އިންތިޚާބު ކޮށްފައިވާ ފަރާތްތަކަކީ އެފަރާތްތަކަށް ޤާނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާ ޒިންމާތައް އަދާކުރުމުގެ ހުނަރާއި ޤާބިލްކަން ހުރި ފަރާތްތައްކަމަށް ދެކިގެން ރައްޔިތުން އިންތިޚާބު ކުރާ ފަރާތްތަކެކެވެ. އެފަރާތްތަކުގެ ޒިންމާ އަދާނުކޮށް އެމަސައްކަތް މަޖިލިސް މެންބަރު ކުރަންޖެހި ދިއުމަކީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ދަންނަ މަފްހޫމެއް ނޫނެވެ.

އެހެންކަމުން ރައްޔިތުންގެ މަޖިލިހަށް މެންބަރަކު ހޮވުމުގެ އިންތިޚާބު ކުރިއަށް އޮތް އިރު މިކަންކަމާ ވިސްނާ ލުމަކީ މުހިންމު ކަމެކެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޒިންމާތަކަކީ ކޮބައިކަން ދެނެގަތުމުން، އިންތިޚާބުގައި ވާދަކުރާ ކެޑިޑޭޓުންގެ ތެރެއިން ކަމަށް އެންމެ ޤާބިލް ކެޑިޑޭޓް ހޮވުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމީ ޝައްކެއްވެސް ނެތް ކަމެކެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެފަރާތްތަކަށް ޤާނޫނުއަސާސީންނާއި ޤާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާ ކުރުމަށް ފުރުޞަތުދީ، ހަރުދަނާ، ޒަމާނާއި ތަނަށާއި ހާލަތަށް އެކަށޭނަ އައު ޤާނޫނުތައް ވުޖޫދަށް ގެނެސް މިހާރު އަމަލު ކުރަމުންދާ ޤާނޫނުތަކަށް އިސްލާހު ގެނައުމުގެ މަސައްކަތަކީ ބުރަ އެހާމެ ގިނަ ވަގުތު ހޭދަކުރަންޖެހޭނެ ކަމެކެވެ. ސަރުކާރުތަކުގެ ލެޖިސްލެޓިވް އެޖެންޑާއަށް ކޭޓަރ ކުރުމަށް ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެވި އައު ޤާނޫނު ވުޖޫދުވެގެން ދިއުމަކީ ގައުމަކަށް ލިބޭނެ ފުރިހަމަ ކަމެކެވެ. ޙާދިސާއެއް ނުވަތަ ކާރިސާ އެއް ދިމާވުމުން އެކަމަށް ޤާނޫނެއް ހެދިފައި ނެތްކަމަށްބުނެ ވާހަކަ ދެކެވެއެވެ. އަދި ޤާނޫނެއް ވުޖޫދުގައި ނެތުމުގެ ސަބަބުން ކަންކަން ހިންގުމުގައި ގިނަ ގުނަ ގޮންޖެހުންތައް ކުރިމަތިވެފައިވާކަމީ އަދި މިހާރުވެސް މިފަދަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭކަމީ އަދުގެ ހަޤީޤަތެވެ. މިކަންކަމަށް ހައްލު އެބައޮތެވެ. މިދަންނަވަނީ ކޮންމެ ކޮންމެ ކަމަކަށް ޤާނޫނެއެް ހަދާ ވާހަކައެއް ނޫނެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މައިގަނޑު އެއް ޒިންމާ ކަމުގައިވާ ޤާނޫނު ހެދުމުގެ މަސައްކަތް ބާރުމިނުގައި ރަނގަޅަށް ހިގާނަމަ މިކަންކަމަށް އެކަށީގެންވާ ހައްލެއް ލިބިގެންދާނެވެ. ދިވެހިރާއްޖޭގައި އަންޒަމާނުއްސުރެ އަމަލުކުރެވެމުންދާ ޤާނޫނުތަކެއް އެބަހުއްޓެވެ. އަދި މިފަދައިން އަމަލުކުރެވެމުންދާ ޤާނޫނުތަކަށް އިސްލާހުގެނެއުމަށް ބިލްތަކެއް މަޖިލީހަށް ފޮނުވިފައިވެއެވެ. ނަމަވެސް މިފަދަ ބިލްތަކަށް އެންމެ އެކަށޭނެ ގޮތުގައި ބަހުޡް ކުރެވި، އެކަށީގެންވާ އަވަސް މިނެއްގައި ފާސް ކުރެވިގެން ގޮސްފައިނުވާކަން ފާހަގަކުރެވެއެވެ. ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ ސީރިއަސް އެތައް މަސައްކަތްތަކެއް ހުއްޓައި އެކަންކަން ދޫކޮށް އެހެން ކަންކަމުގައި މަޝްއޫލުވެ އުޅުމަކީ އެފަރާތްތަކުން ޒިންމާއިން ބަރީއަވެގެން ތިބުމެވެ.

މިގޮތުންހުށަހެޅޭބިލްތަކަށްރަނގަޅަށްދިރާސާކުރެވިގިނަމެންބަރުންގެޚިޔާލާއިފިކުރުންމުއްސަދިވެގެންދިއުމަކީޙަޤީޤަތުގައިޤާނޫނުހެދުމުގެބާރުންއަޅުގަނޑުމެންދެކެންބޭނުންވާމަންޒަރެވެ. މިފަދައިން ކޮންމެ ފަރާތަކުންވެސް އެފަރާތާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތު އަދާ ކުރަމުންދާނަމަ ޕެރަލްލަލްކޮށް ގައުމުގެ ކަންކަން ބާރުމިނުގައި ދާނީ ކުރިއަށެވެ. މިއަދަށްވުރެ މާދަމާ ދާނީ މިދެންނެވި ބީދައިން ފާގަތިވަމުންނެވެ. ނަތީޖާއަކަށް ވެގެންދާނީ ޤާނޫނީ ނިޒާމް އިތުރަށް ފުރިހަމަ ވެގެން ދިއުމެވެ. ޤާނޫނުތައް ރައްޔިތުންގެ މަޖިލީހުން ޑްރާފްޓްކޮށް، ފާސްކޮށް ރައީސުލް ޖުމްހޫރިއްޔާ ތަސްދީޤުކޮށް ގެޒެޓުގައި ޝާއިއު ކޮށް އަމަލުކުރަން ފަށާ ހިސާބުން، ޤާނޫނުތައް ތަންފީޛުކުރުމަށް ވެރިކަން ހިންގުމުގެ ބާރުގެ ތެރެއިން މަސްއޫލިއްޔަތު މަތިކޮށްފައިވާ ފަރާތްތަކުގެ ޒިންމާ ފެށިގެންދާނެއެވެ.

ރައްޔިތުންގެމަޖިލީހުގެމެންބަރގެޒިންމާތައްއަދާކުރުމަށްފަހުވަގުތުވީމިންވަރަކުންރަށާއި،އަތޮޅުފެންވަރުގައިއަދިގައުމީފެންވަރުގައިދިމާވާކަންކަންހައްލުކޮށްމަގުފަހިކޮށްދިނުމަށްއުޅުމަކީވަރަށްބޮޑަށްއެދެވިގެންވާކަމެކެވެ. ނަމަވެސް މަޖިލިސް މެންބަރެއް ހޮވުމުގެ މައިގަނޑު ޒިންމާއަކީ އެއީ ކަމުގައި ދުށުމަކީ އެންމެ ރަނގަޅުގޮތެއް ނޫނެވެ. ތިމާމެންގެ ޓެކްސް ފައިސާއިން މުސާރަދޭ ބަޔަކާ ހަވާލުކުރެވޭ ޒިންމާ ދެނެގަތުމަކީ ވަރަށްވެސް މުހިންމު އަދި އެހާމެ ބޭނުންތެރިކަމެކެވެ.

ad 6