ލަފްޒީގޮތުން ޤާނޫނަކީ ދުނިޔޭގެ އެކިއެކި ކަންތައް ވަކި ތަރުތީބެއްގެ މަތީން ގަވާއިދަކުން، ހިނގަމުންދާ ނިޒާމަށް ކިޔާ ނަމެކެވެ. މިސާލަކަށް، ރޭދުވާ ތަކުރާރުވަމުން ދިއުމުގެ ޤާނޫނު، މަރުގެ ޤާނޫނު ޖާޒުބިއްޔަތުގެ ޤާނޫނު، މިއީ މުޅިންވެސް މި މާނައިގައި ޤާނޫނެވެ ކިޔޭ ކަންތަކެވެ. ޠަބީޢަތުގެ ޤާނޫނަކީ ބާރެކެވެ. އަޚްލާޤުގެ ޤާނޫނަކީ ހެޔޮގޮތެވެ. މަންޠިޤުގެ ޤާނޫނަކީ ޙައްޤެވެ. ޢަދާލަތުގެ ޤާނޫނަކީ މީސްތަކުންގެ މެދުގައި އިންޞާފަށް ޙުކުމް ކުރުމެވެ. ނަމަވެސް ޤާނޫނީ ޢިލްމުވެރިންގެ ކައިރީގައި ޤާނޫނަކީ އަދި މިއެއް ނޫނެވެ.
ޤާނޫނީ ޢިލްމުވެރިންގެ އިޞްޠިލާޙުގައި ޤާނޫނަކީ ޖަމާޢަތެއްގެ ތެރޭގައި މީހުންގެ ދިރިއުޅުމުގެ ކަންތައްތައް އިންތިޒާމުކުރާ އަދި އެންމެން އެއަށް ބޯލަނބައި ކިޔަމަން ކުރުވުމަށް ވެރިކަމުގެ ފަރާތުން ބާރުގެ ބޭނުން ކުރަންޖެހިއްޖެ ހިންދެއްގައި އޭގެ ބޭނުންކުރާ ހުރިހާ ގަވާއިދުތަކެވެ.
މި ތަޢުރީފަށް ބަލާއިރު ތިރީގައި މިނަންގަނެވޭ މީޒާތައް ޤާނޫނެއްގައި ހުރުން ލާޒިމެވެ.
- ޤާނޫނެއް އޮތުމަށްޓަކައި މީސްތަކުންގެ ޖަމާޢަތެއް އޮތުން ބޭނުމެވެ. މީސްތަކުންގެ ޖަމާޢަތެއް އޮވެގެން ނޫނީ ޤާނޫނެއް ނޯންނާނެއެވެ. އެހެނީ ޤާނޫނަކީ އެމީހުން މުޖުތަމަޢުގައި ދިރިއުޅުމުގެ ކަންތައްތައް ތަންޒީމު ކުރުމަށް އުފެދިފައިވާ އެއްޗެކެވެ. މުޖުތަމަޢެއް ނެތްނަމަ ޤާނޫނެއް ނޯންނާނެއެވެ. މިގޮތުން ބަލާއިރު އިންސާނަކު އެހެން އެއްވެސް އިންސާނަކާއި ގުޅުމެއްނެތި ޖަންގައްޔެއްގެ ތެރޭގައި އެކަހެރިން ދިރިއުޅޭނަމަ އޭނާއަކަށް، ޤާނޫނެއް އޮތުމުގެ ބޭނުމެއް ނެތެވެ. ނަމަވެސް އިންސާނުންނަކީ އެމީހުންގެ ޠަބީޢަތުގައި އެއްބަޔަކު އަނެއް ބަޔަކާއި ގުޅިގެން އުޅުމުގެ ގޮތުން އަށަގެންފައިވާ ބަޔަކަށްވާތީ މި މިސާލަކީ ޙަޤީޤަތުގެ ޢާލަމުން ވަރަށްވެސް ނުފެންނާނޭ މިސާލެކެވެ.
- ޤާނޫނުގެ އަނެއް މީޒާއަކީ، އެ ޤާނޫނު ވާންވާނީ ޢާއްމު އެއްޗަކަށެވެ. އޭގެ މާނައަކީ މުޖުތަމައުގެ އަފްރާދުންގެ ތެރެއިން އެ ޤާނޫނު ތަޠްބީޤު ކުރުމުގެ ޝަރުޠުތައް ފުރިހަމަވެގެންވާ ކޮންމެ ފަރުދެއްގެ މައްޗަށް ހިނގުމަކަށް ނުވަތަ ވަކި ޚާއްސަ ވާޤިޢާއަކަށް ހިނގުމަކަށް ނޫނެވެ. ވީމާ މީހަކު ވަކި ވަޒީފާއަކަށް އައްޔަންކުރުމަށް ކަނޑައަޅާ ކަނޑައެޅުމަކީ ނުވަތަ ވަކި ފިހާރައެއް ބަންދު ކުރުމަށް ކަނޑައަޅާ ކަނޑައެޅުމަކީ ނުވަތަ ވަކިމީހެއްގެ މިލްކިއްޔާ މުޞާދަރާ ކުރުމަށް ކަނޑައަޅާ ކަނޑައެޅުމަކީ ޤާނޫނެއް ކަމަކަށް ނުބެލެވޭނެއެވެ. ޤާނޫނަކީ އެންމެންގެ މައްޗަށް ހިނގާ އެއްޗެކޭ ބުނުމަކުން އެއް ވަޤުތެއްގައި މުޖްތަމަޢުގެ ހުރިހާ އަފްރާދުންގެ މައްޗަށް އެ ޤާނޫނު ހިންގުމަށް ލާޒިމެއް ނޫނެވެ. އެގޮތުގެ މަތިން އެ އޮންނަނިކޮށް ވީއެވެ. ދެން އެއަށްފަހުގައި އެންމެންގެ މައްޗަށް އެހިނގިޔަސް، އަދި ވަކިބައެއްގެ މައްޗަށް އެހިނގިޔަސް އަދިހަމަ އެންމެ ފަރުދެއްގެ މައްޗަށް ހިނގިއަސް ވަރިހަމައެވެ.
ފަހެ މަސްވެރިންގެ ކަންތައް ނުވަތަ ކިޔަވާކުދިންގެ ކަންތައްތައް ތަންޒީމުކުރާ ގަވާއިދެއް އުފެދިއްޖެނަމަ އެވާނީ ޤާނޫނަކަށެވެ. މުޖުތަމައުގެ ބައެއްގެ މައްޗަށް ހިނގިކަމުގައި ވިއަސް އެވާނީ، ނަންގަނެވި ދިޔަގޮތުން އާއްމު އެއްޗަކަށެވެ. އެހެނީ ޙަޤީޤަތުގައި އެ ޤާނޫނު ހެދިފައިވަނީ މުޖުތަމައުގެ ކޮންމެ ފަރުދެއްގެ މައްޗަށް ހިނގާނޭ ގޮތަށެވެ. ނަމަވެސް މަސްވެރިއަކަށްވުން ނުވަތަ ކިޔަވާ ކުއްޖަކަށްވުން އޭގައި ޝަރުޠުވަނީއެވެ.
އަދިހަމަ މިފަދައިން ކަނޑައެޅިގެންވާ މުއްދަތެއްގައި ހަމަ އެންމެ ފަރުދެއްގެ މައްޗަށްނޫނީ ނުހިނގާ ޤާނޫނުވެސް ހުރެއެވެ. މިސާލަކަށް ދައުލަތެއްގެ ރައީސްގެ ބާރުތައް ތަންޒީމުކުރާ ޤާނޫނެއް ހިނގާނީ އެއިރަކު އެ ދައުލަތެއްގެ ރައީސްއަކަށް ހުރި މީހެއްގެ މައްޗަށެވެ. ނަމަވެސް މި ޤާނޫނު ހިމެނޭނީ ޢާއްމު އެއްޗެއް ކަމުގައެވެ. އެހެނީ ޤާނޫނު ހެދިފައިވަނީ ވަކިނަމެއް ކިޔާ ވަކި މީހަކަށް ނޫނެވެ. އަދި ކިއެއް ހެއްޔެވެ؟ އެ ޤާނޫނަކީ ދައުލަތެއްގެ ރައީސްއަކަށް އަންނަ ކޮންމެ މީހެއްގެ މައްޗަށް (އެމީހަކީ ކޮންމެ މީހެއް ކަމުގައިވިއަސް) ހިނގާނޭ ޤާނޫނެވެ.
- ޤާނޫނުގެ އަނެއް މީޒާއަކީ އެ ޤާނޫނުން ޙުކުމްކުރެވޭނީ އިންސާނާގެ ބޭރުފުށުގެ ޢަމަލުތަކުގެ މައްޗަށެވެ. ފަހެ އިންސާނާގެ ހިތަށް އަރާ ފައިބާ ކަންތައްތަކުން އެއާއެއްގޮތަށް ބޭރުފުށުގެ އެއްވެސް ޢަމަލެއް ގެނެސް ނުގަންނަހާ ހިނދަކު ޤާނޫނު އެކަމާ ނުބެހޭނެއެވެ. މުޖުތަމައުގެ ފަރުދެއްގެ ހިތުތެރޭގައި ނުބައި ކަންތަކުގެ ތެރެއިން އެންމެ ދަށްކަންތައްވެސް ހިނގައިފާނެއެވެ. ނަމަވެސް ހިތުތެރެއިން ބޭރަށް އެކަން ނުނިކުންނަހާ ހިނދެއްގައި ޤާނޫނު އޭނާއާއިމެދު އަޅާނެ ފިޔަވަޅެއް ނޯންނާނެއެވެ. ނަމަވެސް ހިތުތެރޭގައިވާ ޝުޢޫރު ނުވަތަ ޢަޒުމް، އެއްވެސް ސިފައެއްގައި ބޭރަށް ނިކުމެއްޖެނަމަ ޤާނޫނު އެދޭތެރެއަށް ވަދެގަންނާނެއެވެ. މިސާލަކަށް މީހަކު މެރުމަށް މީހެއްގެ ހިތުގައި ޢަޒުމް އޮތްކަމުގައިވިއަސް ޤާނޫނު އެކަމަކާ ނުބެހޭނެއެވެ. ނަމަވެސް އޭނާގެ ގައިގައިޖަހައި ނުވަތަ އެއްޗެހިގޮވައި މިފަދަ އަމަލެއް ބޭރަށް ނުކުމެއްޖެނަމަ ޤާނޫނު އެކަމަކާއި ބެހޭނެއެވެ. މީގެ މާނައަކީ މީހާގެ ޤަސްދާއި ނިޔަތަކީ ޤާނޫނުގެ ކުރިމަތީގައި އެއްވެސް އަހަންމިއްޔަތުކަމެއްނެތް އެއްޗެއް ނޫނެވެ. އަދި ކިއެއް ހެއްޔެވެ. ބޭރުފުށުގެ ޢަމަލަކާއި ޤާނޫނު ބެހޭއިރު އެ ޢަމަލުކުޅަ މީހާގެ ނިޔަތާއި ޤަސްދާއިވެސް ބެހޭނެއެވެ. ނަމަވެސް އޭގެ ޒާތުގައި އެއީ ކުށެއްކަމަށް ބަލައިގެނެއް ނޫނެވެ. ކުށުގެ ބައެއް ކަމުގައި ބަލައިގެންނެވެ.
- ޤާނޫނުގެ އަނެއް މީޒާއަކީ އެ ޤާނޫނަށް ބޯލަނބައި، ކިޔަމަންވުން އެންމެންގެ މައްޗަށް ލާޒިމުވެގެންވުމެވެ. މަޖްބޫރުވެގެން ވުމެވެ. މި މަޖްބޫރުކަން އޮންނަންވާނީ ވެރިކަމުގެ ފަރާތުންނެވެ. އޭގެ މާނައަކީ ޤާނޫނަށް ކިޔަމަން ނުވިނަމަ އެ ނުވިމީހަކަށް ވެރިކަމުގެ ފަރާތުން (ޖަޒާއެއް) ޢުޤޫބާތެއް ދިނުމެވެ.
ޤާނޫނަކީ މުޖްތަމަޢުގެ އެންމެހައި އަފްރާދުން އެއަށް ބޯލަނބައި ކިޔަމަންވާންޖެހޭ އެއްޗެކެވެ. ބޭނުން މީހަކު ކިޔަމަންވާން، ބޭނުންމީހަކު ކިޔަމަން ނުވާން މިގޮތަށް އޮންނަ އެއްޗެއް ނޫނެވެ.
ޤާނޫނަކީ އެއަށް ބޯލަނބައި ކިޔަމަންވުން އެންމެންގެ މައްޗަށް ލާޒިމުވެގެންވާ އެއްޗެއް ކަމުގައި ވުމުގެ ޙުކުމް ހޯދުމަކީ މާ ދަތިކަމެއް ނޫނެވެ. އެހެނީ ޤާނޫނުތައް ހެދިފައިވަނީ މުޖްތަމަޢުގައި ދިރިއުޅޭ އެންމެންގެ ކަންތައްތައް ތަންޒީމު ކުރުމަށެވެ. މިގޮތުން މިކަންތައްތައް ތަންޒީމު ކުރެވޭނީ ޤާނޫނަކަށް ކިޔަމަންވުމަށް އެންމެން އެއްގޮތުގެ މަތީން މަޖްބޫރުކޮށްގެންނެވެ. އެހެންވީމާ ކޮންމެ ޤާނޫނަކާ އެކުގައި އެއަށް ކިޔަމަންނުވި މީހަކަށް އޮންނަ ޖަޒާއަކީ އެ މަޖްބޫރު ކުރުމަށް އޮންނަ ބާރެކެވެ. މިފަދަ ޖަޒާއެއް ނެތްނަމަ ޤާނޫނަކަށްވުމުގެ ބަދަލުގައި އެވާނީ ހަމައެކަނި ދެވޭ ނަސޭހަތަކަށެވެ. މިހަމައިން ބަލާއިރު އެއާއެކުގައި ޖަޒާއެއް ނޯންނަ ގަވާއިދެއްވާނަމަ، ޤާނޫނެއްގެ ސިފައިގައި އޮތްނަމަވެސް އެއީ ޤާނޫނެއް ކަމަކަށް ނުބެލެވޭނެއެވެ.
ޤާނޫނަށް ކިޔަމަން ނުވުމުން ލިބޭ ޖަޒާ އޮންނާނީ އެކިޔަމަން ނުވި ޤާނޫނެއްގެ ޚުޠޫރަތްތެރިކަން އޮތް މިންވަރަކުންނެވެ. މިސާލަކަށް ކަނާތްފަރާތުން ބައިސްކަލް ދުއްވި މީހެއްގެ ޖަޒާއަށްވުރެ ދޮގުހެކި ދިންމީހެއްގެ ޖަޒާ ބޮޑުވާނެއެވެ. އެއީ ދޮގުހެކި ދިނުމުގެ ޚުޠޫރަތްތެރިކަން ބޮޑުކަމަށް ވާތީއެވެ.
ކުށުގެ ބޮޑު ކުޑަމިނުން ޖަޒާވެސް ބޮޑުވެ ކުޑަވެ ތަފާތުވާފަދައިން އެ ޖަޒާލިބޭ ވަގުތުގެގޮތުން ބަލާއިރު ޖަޒާގެ ދެބާވެއް ވެއެވެ.
- ފުރަތަމަ ބާވަތަކީ ޤާނޫނާއި ޚިލާފުވުމުގެ ކުރީގައި ދެވޭ ޖަޒާއެވެ. މިގޮތުން ދެވޭ ޖަޒާގެ މަޤްޞަދަކީ ޤާނޫނާއި ޚިލާފުވުމުގެ ޢަމަލު ކުރިޔަ ނުދިނުމެވެ. މިބާވަތުގެ ޖަޒާއަށް ކިޔަނީ "ކުރިޔަނުދޭ ޖަޒާ" އެވެ. މިބާވަތުގެ ޖަޒާއަކީ ވަރަށް ނާދިރު އެއްޗެކެވެ. އެހެނީ ޢާއްމު ގޮތަކަށް ވާނީ ފުރަތަމަ ޤާނޫނާއި ޚިލާފުވުމެވެ. ދެން އެއަށްފަހުގައި އެ ޚިލާފުވީ މީހަކަށް ޖަޒާ ދިނުމެވެ. "ކުރިއަނުދޭ ޖަޒާ" ގެ މިސާލަކީ ޣައިރު ޤާނޫނީ އެއްވުމަކަށް ވެދާނޭ އެއްވުމެއް އެއްވިޔަނުދީ ފުލުހުން (ސިފައިން) ނުކުމެ ވަކިކޮށްލުމެވެ.
- ދެވަނަ ބާވަތަކީ ޤާނޫނާ ޚިލާފުވުމަށްފަހު ދެވޭ ޖަޒާއެވެ. މި ޖަޒާގެ މަޤްޞަދަކީ ޤާނޫނާއި ޚިލާފުވި މީހާގެ އަމިއްލަ ނަފްސަށް ޒަޖްރެއް ކަމުގައްޔާއި އެނޫން މީހަކަށް ޢިބްރަތަކަށްވުމަށް ދެވޭ އަދަބެވެ. މިބާވަތުގެ ޖަޒާއަށް ކިޔަނީ ތައުދީބީ ޖަޒާއެވެ. މިބާވަތުގެ ޖަޒާގެ މިސާލަކީ ދައުލަތާއި އިދިކޮޅު ޢަމަލެއްކުޅަ މީހަކު ޖަލަށްލުންފަދަ ކަންތަކެވެ.
ނޯޓް:މިލިޔުމަކީ ފަޟީލަތުއްޝައިޚު އަލްއުސްތާޛު މޫސާފަތުޙީ ލިޔުއްވާފައިވާ 'ޤާނޫނަށް މަގެއް' މި ސިލްސިލާއިން ނަކަލު ކުރެވިފައިވާ ލިޔުމެކެވެ. އަލްއުސްތާޛް މޫސާފަތުޙީ އަކީ ދިވެހިރާއްޖޭގެ ޝަރުޢީ އަދި ޤާނޫނީ ދާއިރާގައި، ގިނަދުވސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ފުރަތަމަ އުއްތަމަ ފަނޑިޔާރުކަމާއި، ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ޖަސްޓިސް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ.