ކުދި ޤަބީލާތަކަށް ދުނިޔެ ބެހިފައި އޮތްއޮތުމާއި ޤާނޫނެއް އުސޫލެއްނެތް ގޮތެއްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިގަމުންދިޔަ ނޭދެވޭ އެތައްކަމެއް ޙައްލުކޮށްދިން އެކައްޗަކީ އެކި ޒަމާނުގައި ދުނިޔެ ދެކެފައިވާ ދީންތަކެވެ. ޤަބީލާތަކަށް ގައުމެއްގެ ސިފަގެނުވީ އެ ދީންތަކެވެ. ހިގަމުންދިޔަ އެތައް ނޭންގާނީ ކަންކަމެއް ހުއްޓުވީ އެ ދީންތަކެވެ. މީހުންމެރުން، ވައްކަންކުރުން ފަދަ ބޮޑެތި ޖަރީމާތައް ގިނަ ދީންތަކެއްގައި މަނާކޮށްފައިވެއެވެ. ދީންތައް ދުނިޔޭގެ އަލިކަން ދެކެފައިވަނީ ރަނގަޅު ސިސްޓަމެއްގެ ތެރެއިން އިންސާނުންނަށް އުޅެވޭނެ މަގެއް ނުފެނި ވަނިކޮށެވެ. ޤާނޫނުތަކެއް ނެތެވެ. ޤާނޫނުތަކެއް އެކަށައަޅާނެ ގޮތް އަދި އަމުދުން ނުވެސް އެގެނީއެވެ. އުނުއޮރިޔާން ނިވައިކޮށްލާނެހާވެސް ނެތް، ދިރިއުޅޭނެ އެކަށޭނަ ތަނެއް ބިނާކުރެވެންވެސް ނެތް އަދި ރަނގަޅު ކާބޯތަކެތި ބަރާބަރަށް ލިބެންނެތް ދަތި ދުވަސްތަކެކެވެ. އިންސާނުން އުޅެމުންދިޔައީ ބައެއް ޖަނަވާރުވެސް އުޅޭ ބީދައިން ޝިކާރަކޮށްގެން ލިބޭއެއްޗަކުން ބަޑުފުރާނަ މުއްތިކޮށްގެނެވެ. އެ ޒަމާނުގެ ޙާލަތު ހިތަށް ގެންނަންވެސް ދައްޗެވެ. މިފަދަ ނިކަމެތި ޙާލަތެއްގައި ދީން އަދާކޮށްފައިވަނީ މުހިންމު ދައުރެކޭ ބުނެވިދާނެއެވެ.
ކޮންމެއަކަސް ދުވަސްތައް މާޒީވަމުންއައިސް މިއަދު އަޅުގަނޑުމެން މިތިބީ ވަރަށްބޮޑަށް ދުނިޔެ ބިނާކޮށް ދިރިއުޅުމުގެ ހަރުދަނާ އުސޫލުތަކެއް ގާއިމްކޮށް އެ އުސޫލުތަކުގެ މަތީގައެވެ. ޤާނޫނު އެކަށައެޅުމަށްޓަކައިވެސް ވަރަށް ވަރުގަދަ ސިސްޓަމެއްގެ ތެރެއިން މެންބަރުން ހޮވައެވެ. އަދި ޚުދު އެ މެންބަރުންވެސް ތަބާވާންޖެހޭ ޤާނޫނާއި ގަވާއިދުތަކެއް އެކަށައެޅި އެ ގާނޫނުތަކާއި ގަވާއިދުތައް ތަންދޭ ގޮތަކަށް އެ ގައުމެއްގައި ދިރިއުޅޭ ރައްޔިތުންގެ އަމަލުތައް ބަހައްޓަންޖެހޭ ގޮތްތަކެއް ޤާނޫނުތަކެއްގެ ސިފައިގައި އެކަށައަޅައެވެ. އަދި މި ޒަމާނުގައި ގިނަ ތަހުޒީބު ގައުމުތަކުގައި ވެރިކަން ހިންގުމުގެ ޒިންމާ އުފުލާނެ މީހަކު ކަނޑައަޅަނީވެސް ތަފާތު ގިނަ މަރުހަލާތަކަކުންނެވެ. އެތެރޭގެ ޕްރައިމަރީތަކަށްފަހު އެތައް ކެމްޕެއިނެއްކޮށް ވައުދުތަކެއްވެ ގައުމީ ބޮޑު އިންތިޚާބާއި ކުރިމަތިލަނީއެވެ. ހަމައެހެންމެ ފަނޑިޔާރު މަނިކުފާނަކީ މިނިވަން ފަރާތެކެވެ. އޭނާ މަގާމަށް ގެންނަނީވެސް އެތައް ހަރުފަތްތަކެއް ކަޑައްތުކުރުމަށް ފަހުގައެވެ. މިއީ މިއަދު ވަކި ގައުމެއް ހިގަމުންދާ ގޮތެވެ. އަދި އޭގެ އިތުރުން ބައިނަލްއަޤްވާމީ ގާނޫނުތައް ވުޖޫދުވެއްޖެއެވެ. އެ ޤާނޫނުތަކުގެ ދަށުން މުޅި ދުނިޔެ ޤަބޫލުކުރާ ހަމަތަކަކާއި އުސޫލުތަކެއްވެސް އެކަށައެޅިއްޖެއެވެ. އާދެ! ދުނިޔެ ވަރަށްބޮޑަށް ތަރުތީބު ވެއްޖެއެވެ.
ދުނިޔެ މިކުރި ދިގު ދަތުރުގައި ދީން ކުޅެފައިވަނީ މުހިންމު ދައުރެކެވެ. މަތީގައިވާ އުސޫލުތައް އެކަށައެޅުމުގެ ކުރިން ކިރިޔާވެސް މަގެއް ނުވަތަ ގޮތެއް ދައްކައިދެވިފައިވަނީ ދީނުގެ ސިފައިގައެވެ. އެހެންކަމުން ދީނަށް އިންސާނާގެ ހިތުގައި ޚާއްސާ އިސްކަމެއް ދެވިފައިވެއެވެ.
ދީނަކީ ވަކި ޢިލްމެކެވެ. މިގޮތުން ބަލާނަމަ މި ޢިލްމު މައިގަނޑު ގޮތެއްގައި ދެ ބަޔަކަށް ބެހިދާނެއެވެ. އެއްބަޔަކީ ޚާއްސަ އެކި ދީންތަކުގެ ޢިލްމެވެ. މިސާލަކަށް އިސްލާމް ދީނުގެ ޢިލްމު އުގެނިގެން ތިބޭ ފަރާތްތަކަށް ޝެއިޚުންނޭކިޔާ އުޅެއެވެ. އަނެއްބަޔަކީ ހުރިހާ ދީނެއް ދިރާސާކުރާ ފަރާތްކެވެ. މިހާރު ޔުނިވަރސިޓީތަކުގައި މި ޢިލްމު އުގެނުމުގެ މަގު ފަހިކޮށް ދީފައިވެއެވެ. މި ދެބަޔަށް ބަލާއިރު ވަކި ދީނަކަށް ޚާއްސަވެފައިވާ ފަރާތްތައް އެ ދީނުގެ ކަންކަން އެހެން އިންސާނުންނަށް އުގަންނައި ދިނުމުގައި ޙަރަކާތްތެރިވެއެވެ. އަދި ހުރިހާ ދީނެއް އަޅާކިޔާ އެ ދާއިރާއިން ޚާއްސާވެފައިވާ ފާރާތްތައް އެ މަޢުލޫމާތު ޙިއްސާކުރުމުގައި ދެމިތިބެއެވެ.
މިދުވަސްކޮޅު ދިވެހިރާއްޖޭގައި އެންމެ ބޮޑަށް ދެކެވޭ އެއްވާހަކައަކީ ޖަމްޢިއްޔާއަކުން ނެރެފައިވާ ރިޕޯޓެއްގައި އިސްލާމް ދީނާ ފުށުއަރާގޮތަށް ލިޔުމެއް ޝާއިއުކޮށްފައި އޮތްވާހަކައެވެ. ވަރަށް ބޮޑު މައްސަލައަކަށް އެކަން ވެއްޖެއެވެ.
އިސްލާމްދީނާއި ގުޅުންހުރި ފެކްޓްސްތައް ގެނައުމުގައި އެ ދީނުގެ ޢިލްމު ހޯދާފައިވާ ފަރާތެއްގެ އެހީތެރިކަން ހޯދުމަކީ މިގޮތުން ބަލާއިރު ނެތްކަމެއް ނޫނެވެ. އަދި އެ އެހީތެރިކަން ދިނުމަކީވެސް ޢިލްމުވެރިންނަށް ކުރެވިދާނެ ވަރަށް ރަނގަޅުކަމެވެ.
އަޅުގަނޑުމެން ދެކޭ ގޮތުގައި ކޮންމެ ދާއިރާއެއްގައިވެސް އެ ދާއިރާއަކަށް ޚާއްސަ ބަޔަކު ޚިދުމަތްކުރަންވީއެވެ. އާންމު ވާހަކައަކަށްނުވާ ކަމެއްނަމަ އެކަމަށް ޚާއްސަ ބައެއްގެ އެހީތެރިކަން ހޯދަންވީއެވެ. އިސްލާމް ދީނުގެ ޢިލްމު ހުރި މީހުން އެދީން އުގަންނައިދީ އެ ދީނުގެ މަޢުލޫމާތު ފަތުރައި އާންމުކުރަންވީއެވެ. އަދި އެހެން ދާއިރާތަކަށް ޚާއްސަ މީހުން އެހެން ދާއިރާތަކުގައި ޚިދުމަތް ކުރަންވީއެވެ. އެއްބަޔަކު އަނެއްބަޔަކަށް ނޭދެވޭ ބަސްތަކުން މުއާމަލާތުނުކޮށް ރިވެތިގޮތުގައި އެބައެއްގެ މިންވަރުން ދުނިޔެ އަނެއް ހަރުފަތަށް ގެންދިއުމަށް މަސައްކަތްކުރަންވީއެވެ.