ޤާނޫނު އުފަންވުން



ad 4
ޤާނޫނު އުފަންވުން
ރައްޔިތުންގެ މަޖިލިސް

ޤާނޫނު އުފަންވުން


 

ޤާނޫނުގެ މަންބަޢުތައް ނުވަތަ އަޞްލުތައް

މިހާރު އަޅުގަނޑު މިކުރިމަތިލަނީ ޤާނޫނެއް އުފައްދަވަނީ ނުވަތަ އުފެދެނީ ކޮންކޮން ގޮތްގޮތަކުންތޯ ބަލާލުމަށެވެ. ޤާނޫނަކަށް ދުނިޔޭގެ އަލިކަން ފެންނަނީ ކޮންކޮން މަންބަޢުއަކުން އައިސްގެންތޯ ބަލާލުމަށެވެ. އެހެން ޢިބާރާތަކުން ދަންނަވަނީނަމަ ދައުލަތެއްގައި ޤާނޫނުތައް ހެދެނީ ކޮންކޮން ވަސީލަތަކުންތޯ ބަލާލުމަށެވެ.

މިގޮތުން ބަލާއިރު ޤާނޫނު އުފެދެނީ ހަ އަސްލަކުންކުރެ އަސްލަކުންނެވެ. ވީމާ ޤާނޫނުގެ މަންބަޢުތައް ހައެކެވެ. އެއީ:

  • ލެޖިސްލޭޝަން
  • ކަސްޓަމް
  • ރިލިޖަން
  • އިކްވިޓީ
  • އެޖުޑިކޭޝަން
  • ސައިންޓިފިކް ޑިސްކަޝަން

 

  • ލެޖިސްލޭޝަން

މިޒަމާނުގެ ގިނަ ޤާނޫނުތަކުގެ މަންބަޢުއެއް ކަމުގައިވަނީ ލެޖިސްލޭޝަންއެވެ. ތަޝްރީޢުއެވެ. ތަޝްރީޢުއޭ ބުނުމުން ޤަސްދުކުރެވެނީ ޤާނޫނު އަސާސީ އެކަމަށް ޚާއްސަ ކޮށްފައިވާ  ވަސީލަތަކުން ނޫނީ ޤާނޫނީ ގަވާއިދުތައް ނުހެދުމެވެ. ގިނަފަހަރަށް އެ އެކުލެވިފައި އޮންނަނީ ރައްޔިތުން އެކަމަށް ހޮވާ ރައްޔިތުންގެ ވަކީލުންތަކެއްގެ މައްޗަށެވެ. މިއަށް ކިޔަނީ ލެޖިސްލޭޗަރއެވެ. މިގޮތުން ހެދޭ ޤާނޫނަށްވެސް ތަޝްރީޢުއޭ ކިޔައެވެ.

ލެޖިސްލޭޝަންއަކީ މިޒަމާނުގެ ދުސްތޫރީ އަދި ޑިމޮކްރެޓިކް އުސޫލުން ހިނގާ ކޮންމެ ދައުލަތެއްގެ އެއް މައިގަނޑެވެ. އަދި އެފަދަ ދައުލަތްތަކުގައި ޤާނޫނުތައް އުފެދުމުގެ އެންމެ މުހިންމު މަންބަޢުއެވެ.

ލެޖިސްލޭޗަރއަކީ ޤައުމެއްގައި ޤާނޫނުތައް ހެދުމުގެ ބާރު ޤާނޫނުއަސާސީން ލިބިފައިވާ ފަރާތެވެ. އެ ފަރާތް އެކުލެވިގެންވަނީ ރައްޔިތުން އިންތިޚާބުކުރާ ރައްޔިތުންގެ ވަކީލުންތަކެއްގެ މައްޗަށެވެ. ޤާނޫނު ހެދުމާއި ހެދިފައިވާ ޤާނޫނު ބާޠިލްކުޅައުމުގެ ޙައްޤު ލިބިގެންވަނީ މިނަންގަނެވުނު ލެޖިސްލޭޗަރއަށެވެ. ލެޖިސްލޭޗަރގެ އަސްލު ވަޒީފާއަކީ ޤާނޫނުތައް ހެދުމާއި އުވާލުން ކަމުގައިވީނަމަވެސް އެނޫން އެކިއެކި ކަންތައްތައްވެސް އެކި ޤައުމުގައި ލެޖިސްލޭޗަރއާއި ހަވާލު ކުރެވިފައިވެއެވެ.

ބައެއް ޤައުމުގައި ލެޖިސްލޭޗަރ އެކުލެވިފައިވަނީ ދެ މަޖްލިސްއެއްގެ މައްޗަށެވެ. އެއް މަޖިލިސްއަކީ ޢާއްމުންގެ މަޖްލިސް (ރައްޔިތުންގެ މަޖިލިސް) އެވެ. އަނެއް މަޖްލިސްއަކީ، ޚާއްސަ މަޖްލިސް (ސެނެޓް) އެވެ. ބައެއް ގައުމުގައި ހަމައެކަނި ރައްޔިތުންގެ މަޖްލިސް އެކަނި އޮވެގެންވެސް ހިންގަމުން ގެންދެއެވެ. ސެނެޓްއަކީ މި ދެ މަޖްލިސްގެ ތެރެއިން މަތީ މަޖްލިހެވެ. އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައި އޮންނަނީ އެއްމަޖްލިސްއެވެ. އެއީ ރައްޔިތުންގެ މަޖްލިސް އެވެ. ސެނެޓަށް ޤަޟާއީ ބާރު ލިބިފައިވާ ގައުމުތައްވެސް ވެއެވެ. ފަރަންސޭސި ވިލާތާއި އެމެރިކާގައި ތަންފީޒު ކުޅައުމާބެހޭ ބައެއް ކަންތައް ސެނެޓުން ޙިއްސާކުރެވެމުން ދެއެވެ. ފަރަންސޭސި ވިލާތުގައި ރައްޔިތުން މަޖްލިސް ރޫޅާލާންވެއްޖެނަމަ، ސެނެޓްގެ ޤަބޫލު ހޯދަންޖެހެއެވެ. އެމެރިކާގައި ބޭރު ދައުލަތަކާމެދު މުޢާހަދާ ކުރުމާއި ވަކި ދަރަޖައެއްގެ ވެރިން ޢައްޔަންކުޅައުންވަނީ ސެނެޓްގެ ލަފާގެ މަތިންނެވެ. މިތަފާތު ގޮތްތައް ހުރުމުގެ ސަބަބަކީ އެކި ގައުމުގައި ޤާނޫނުއަސާސީ އުފެދެން މެދުވެރިވީ ކަންތައްތައް ތަފާތުވުމެވެ.

 

ތަޝްރީޢުގެ މަޒިއްޔާތައް

  • ތަޝްރީޢުގެ ވަސީލަތުން ހެދޭ ޤާނޫނުތައް ހުންނާނީ ޢިބާރާތް ކުރެވި ލިޔެފައެވެ. ވީމާ އޮޅުމެއްނެތި ފާޅުކަން ބޮޑުވާނެއެވެ. އެއިން ދޭހަވާ މާނަ ހޯދައިގަތުން ފަސޭހަވާނެއެވެ. އެއާ ޚިލާފަށް ޢުރުފް (އާދަކާދަ) އަކީ ލިޔެވުމަކާއި ނުލައި މީސްތަކުންގެ ހިތްތަކުގައި ޤަރާރުވެފައިވާ މާނައެވެ. ވީމާ އެ މައުޖޫދުވެގެންވާ ކަމާއިމެދުވެސް ބައެއް ފަހަރަށް ޝައްކު އުފެދިދާނެއެވެ.
  • ތަޝްރީޢުގެ އަނެއް މަޒިއްޔާއަކީ އޭގެ ވަސީލަތުން ޤާނޫނުތައް ހެދޭލެއް އަވަސްކަމެވެ. ތަނުގެ ޟަރޫފް ނިޔާކުރާގޮތުން ވަރަށް އަވަސްގޮތެއްގައި ޤާނޫނެއް ހަދަންޖެހިދާނެއެވެ. މިފަދަ ޙާލެއްގައި އެންމެ ދުވަހަކުން އަދި ކިއެއްތަ އެންމެ ގަޑިއިރެއްގެ ތެރޭގައިވެސް ޤާނޫނެއް ހެދިދާނެއެވެ. އެއާ ޚިލާފަށް ޢުރުފު، ޤާނޫނަކަށްވާނީ ވަރަށްދިގު ޒަމާންތަކަކަށް ފަހުގައެވެ.
  • އާދަވެގެން ތަޝްރީޢުގެ ވަސީލަތުން ހެދޭ ޤާނޫނު ވަޠަންގެ ހުރިހާ ތަނަކަށް ހިނގައިދާނެއެވެ. އެއާ ޚިލާފަށް ޢުރުފު، ވަޠަންގެ އެކި ހިސާބުތަކުގައި އެކި ގޮތަށް ހުރެދާނެއެވެ. އައްޑުއަތޮޅުގައި ޢުރުފަކަށް ހިމެނޭކަމެއް ތިލަދުންމަތީގައި ޢުރުފަކަށް ނުވެ ހިނގައިދާނެއެވެ. މިސާލަކަށް ފަރަންސޭސިވިލާތުގައި އަށާރަވަނަ ޤަރުނުގެ ފަހުކޮޅުގައި ހިނގަމުންއައީ ޢުރްފީ ގަވާއިދުތަކެކެވެ. އެއްއަތޮޅާއި އަނެއް އަތޮޅު ތަފާތު ގޮތަކަށެވެ. ނަމަވެސް އޮނަވިހިވަނަ ޤަރުނުގެ ކުރީކޮޅުގައި ނަޕޯލިއަންގެ ކޯޑު ނިކުތުމުން މުޅި ފަރަންސޭސިވިލާތުގައި އެ ޤާނޫނު ހިނގަން ފަށައިފިއެވެ.

 

ތަޝްރީޢުގެ ބާވަތްތައް

ތަޝްރީޢުގެ ތިން ބާވަތެއް ވެއެވެ. އެތިންބާވަތުން އެންމެ މަތީ ދަރަޖައިގައި ވަނީ ދުސްތޫރީ ތަޝްރީޢުއެވެ. އެއާ ޖެހިގެން ދެން އޮންނާނީ އާދައިގެ ތަޝްރީޢުއެވެ. އޭގެ އެންމެދަށު ދަރަޖައިގައި ވަނީ ފަރުޢީ ތަޝްރީޢުއެވެ. ވީމާ ދުސްތޫރީ ތަޝްރީޢާ ޚިލާފަކަށް އެއްވެސް ތަޝްރީޢެއް ނުހެދޭނެއެވެ. އާދައިގެ ތަޝްރީޢާ ޚިލާފަށް ފަރުޢީ ތަޝްރީޢެއް ނުހެދޭނެއެވެ.

ދުސްތޫރީ ތަޝްރީޢު

ދުސްތޫރީ ތަޝްރީޢުއަކީ ޤާނޫނު އަސާސީއެއް ހެދުން ނުވަތަ ހެދިފައިވާ ޤާނޫނުއަސާސީއަކަށް ބަދަލު ގެނައުމެވެ. (ޤާނޫނު އަސާސީއެއް ހެދޭގޮތާއި، ޤާނޫނު އަސާސީއަށް ބަދަލުގެނެވޭގޮތްތައް ދުސްތޫރީ ޤާނޫނުގެ މައްޗަށް ވާހަކަދެކެވުނުތާނގައި އިސްވެ ހިނގައްޖެއެވެ.)

އާދައިގެ ތަޝްރީޢު

އާދައިގެ ތަޝްރީޢުއޭ ބުނެވެނީ ރައްޔިތުން މަޖްލިހުން ހެދޭ ޤާނޫނުތައް އެ މަޖްލިހުން ހެދުމަށެވެ. މިގޮތުން ޤާނޫނެއް ހެދޭއިރު އެތައް މަރުޙަލާއެއް ކަޑައްތު ކުރަންޖެހެއެވެ.

  • ފުރަތަމަ ކަމަކީ މަޖްލިސްއަށް ބިލެއް ހުށަހެޅުމެވެ. ޔަޢުނީ: ހަދަންބޭނުންވާ ޤާނޫނީ ގަވާއިދެއްގެ މަޝްރޫޢުއެއް ނުވަތަ އިޤްތިރާޙެއް މަޖްލިސްގެ ކުރިމައްޗަށް ގެނައުމެވެ. މިގޮތުން ބިލް ހުށަހެޅުމުގެ ޙައްޤު ލިބިފައިވަނީ މަޖްލިސް މެންބަރުންނަށާއި ސަރުކާރަށެވެ.
  • ދެވަނަ ކަމަކީ ބިލާމެދު މަޖްލިސްގައި ބަޙުސްކޮށް މަޖްލިސްގެ އަޣުލަބިއްޔަތުން އެބިލް ފާސްވުމެވެ.
  • ތިންވަނަ ކަމަކީ މަޖްލިހުން ފާސްވި ޤާނޫނާމެދު ރައީސުލްޖުމްހޫރިއްޔާ އިޢުތިރާޟް ނުކުރެއްވުމެވެ. އެހެން ޢިބާރާތަކުން ބަޔާންކުރަނީނަމަ ރައީސުލްޖުމްހޫރިއްޔާ އެ ޤާނޫނަކާ އެއްބަސްވެވަޑައިގަތުމެވެ. ތަޞްދީޤު ކުރެއްވުމޭ ބުނެވެނީ، މި އެއްބަސްވެވަޑައިގަތުމަށެވެ. ފަހެ ރައްޔިތުންގެ މަޖްލިހުން ފާސްކުރާ ޤާނޫނުތަކާމެދު އިޢްތިރާޟް ކުރެއްވުމުގެ ޙައްޤު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންވެއެވެ. މިގޮތުން އިޢުތިރާޟް ކުރައްވާނަމަ 30 ދުވަހުގެ ތެރޭގައި މަޖްލިހަށް އެކަން އަންގަވަންވާނެއެވެ. މިމުއްދަތުގެ ތެރޭގައި މަޖްލިހަށް އެކަން ނުއެންގެވިނަމަ އެ ޤާނޫނެއް ޤާނޫނަކަށްވީއެވެ. ރައީސުލްޖުމްހޫރިއްޔާ އިޢުތިރާޟް ކުރެއްވިނަމަވެސް މަޖްލިހުން އެ ޤާނޫނެއް ފާސްކުރެވިދާނެއެވެ. ނަމަވެސް މިކަމުގައި ޚާއްސަ އަޣުލަބިއްޔަތެއް ބޭނުންވެއެވެ. އެއީ ތިންބައިކުޅަ ދެބައިގެ އަޣްލަބިއްޔަތެވެ.

މިތިން މަރުޙަލާ ފުރިހަމަވެއްޖެނަމަ އެ ޤާނޫނެއް އުފަންވީއެވެ. ނަމަވެސް ޤާނޫނު އުފަންވުމަކުން އަދި އެ ޤާނޫނެއް ނުހިންގޭނެއެވެ. ޤާނޫނު ހިނގުމަށްޓަކައި އިތުރަށް ދެކަމެއް ބޭނުންވެއެވެ. އެއީ ޤާނޫނު ނެރުމާއި ގެޒެޓް ކުރުމެވެ. އަންނަނިވި ތާނގައި މިދެ ކަންތަކާމެދު ވާހަކަދައްކާނަމެވެ.

 

ފަރުޢީ ތަޝްރީޢު

ފަރުޢީ ތަޝްރީޢުއަކީ ރައްޔިތުންގެ މަޖްލިސްގެ ބަދަލުގައި އެގްޒެކެޓިވްގެ ފަރާތުން ހެދޭ ގަވާއިދުތަކެވެ. އެގްޒެކެޓިވްގެ ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށްވާތީ އަޞްލުގައި މިފަދަ ގަވާއިދުތައް ހެދުމުގެ ވެރިޔަކީ އޭނާއެވެ. އޭނާގެ ދަށުން ވަޒީރުންނާއި އެކިއެކި ދާއިރާތަކުގެ ވެރިން މިފަދަ ގަވާއިދުތައް ހެދުމަށް ހަމަޖެއްސިދާނެއެވެ.

އެގްޒެކެޓިވް އަކީ އަސްލު ޤާނޫނުތައް ހަދާ ފަރާތެއް ނޫނެވެ. އެއީ ހެދޭ ޤާނޫނު ތަންފީޒުކުރާ ފަރާތެވެ. މި ޤާނޫނުތައް ތަންފީޒުކުރަން ބަލާއިރު ކުދިކުދި ތަފްސީލީ ގަވާއިދު އެކަމަށްޓަކައި ހަދަން ބޭނުންވެއެވެ. ރައްޔިތުންގެ މަޖްލިސް އަށްވުރެ މިކަމާބެހޭ ފަސޭހަގޮތްތައް އެނގުން ބޮޑުވާނީ އެގްޒެކެޓިވް އަށެވެ. ވީމާ އިސްތިސްނާއެއްގެ ގޮތުން އެގްޒެކެޓިވް އާ މިކަން ހަވާލުކުރެވެނީއެވެ. އަދި މީގެ އިތުރަށް ދައުލަތަށް ކުއްލިއަކަށް ކުރިމަތިވާ ބޮޑެތި ކަންތައްތައް ހަމަޖެއްސުމަށްޓަކައި ޤާނޫނުއަސާސީއާ ޚިލާފު ނުވާގޮތުގެ މަތީން ޤާނޫނު ހެދުމުގެ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.

 

ތަޝްރީޢުއެއް ހިންގުން

އިސްވެދިޔަތާނގައި ބަޔާންކުރެވުނު ފަދައިން ޤާނޫނެއް ފާސްވެ ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރެއްވުމުން އެ ޤާނޫނެއް ހަދައި ނިމުނީއެވެ. އެ ޤާނޫނެއް އުފަންވީއެވެ. ނަމަވެސް ޤާނޫނު އުފަންވުމަކުން އެ ޤާނޫނެއް ނުހިނގާނެއެވެ. އަދި ދެކަމެއް ބޭނުންވެއެވެ. އެދެކަމަކީ ޤާނޫނު ނެރުމާއި ގެޒެޓް ކުރުމެވެ.

 

ޤާނޫނު ނެރުން (އިޞްދާރު)

ޤާނޫނު ނެރުމޭ ބުނެވުނުބަހުގައި ދެކަމެއް އެކުލެވިގެންވެއެވެ. އޭގެތެރެއިން އެއްކަމަކީ ޤާނޫނު އުފެދިއްޖެކަމަށް އެގްޒެކެޓިވްގެ ފަރާތުން އެންގުމެވެ. މިކަމަކީ އަލަށް އުފެދުނު ޤާނޫނުގެ ބަރތް ސެޓިފިކެޓް ދިނުންފަދަ ކަމެކެވެ.

ދެވަނަ ކަމަކީ އެގްޒެކެޓިވްގެ އެންމެ މަތީ ފަރާތުން އޭގެ ދަށުގެ ފަރާތްތަކަށް އެ ޤާނޫނު ހިންގުމަށް އަމުރުކުރުމެވެ. ތަޝްރީޢުގެ ހުރިހާ ބާވަތެއްވެސް ހިންގުމަށްޓަކައި އެ "ނެރުން" ލާޒިމްވެގެންވެއެވެ. ޤާނޫނު ނެރުމަކީ އެގްޒެކެޓިވްގެ ވާޖިބެކެވެ. އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި ކަނޑައެޅިގެން މިކަމާ ބެހޭ މާއްދާއެއް ނެތްނަމަވެސް މި ޢަމަލު މިގޮތަށް ދަނީ ކުރެވެމުންނެވެ.

 

ޤާނޫނު ގެޒެޓްކުރުން

ޤާނޫނު ގެޒެޓް ކުރުމަކީ ރަސްމީގޮތެއްގައި ލިޔެ ޝާއިޢު ކުރުމެވެ. ގިނަ ތަންތާނގައި، މިކަން އޮންނަ ގޮތަކީ ސަރުކާރުގެ ފަރާތުން މިކަމަށް ޚާއްސަ ކުރެވިފައިވާ ރަސްމީ ނޫހެއްގައި ޗާޕްކޮށް ޝާއިޢުކުރުމެވެ. މިނޫހަކީ ޤާނޫނުތަކާއި އެނޫންވެސް ސަރުކާރުގެ ފަރާތުން ޝާއިޢުކުރަން ބޭނުން ކަންތައް ޝާއިޢުކުރާ ނޫހެވެ. ޝާއިޢުކޮށް ނުކުތުމަށްފަހުވެސް އާދަވެގެން ކަނޑައެޅޭ މުއްދަތަކަށް ފަހުގައި މެނުވީ ޤާނޫނެއް ނުހިނގާނެއެވެ.

ޤާނޫނު ގެޒެޓް ކުރުމުގެ ބޭނުމަކީ މީސްތަކުންނަށް އެ ޤާނޫނެއް އޮތްކަން އެންގުމެވެ. ނުވަތަ އެންމެ ކުޑަމިނުން އެ ޤާނޫނެއް އޮތްކަން އެންގުމަށް ފުރުޞަތު ދިނުމެވެ. ގެޒެޓް ކުރުމަށްފަހު (10 ދުވަސް ނުވަތަ 25 ދުވަސްފަދަ) މުއްދަތެއް ދީފައި އޮންނަނީވެސް ހަމަ މިސަބަބަށްޓަކައެވެ.

ޤާނޫނަކީ މީސްތަކުން އެއާ އެއްގޮތަށް އަމަލުކުރަންޖެހޭ އެއްޗެކެވެ. އެއާ ޚިލާފަށް ޢަމަލެއް ކޮށްފިނަމަ އެކަމުގެ މަސްއޫލިއްޔަތު އެމީހަކު އުފުލަން ޖެހެއެވެ. ވީމާ ޤާނޫނެއް އުފެދިއްޖެނަމަ އެކަން މީސްތަކުންނަށް އެނގުމަށް ފުރުޞަތެއް ނުދީ އެ ޤާނޫނާ ޚިލާފުވާ މީހުންނަށް އުޤޫބާތް ދިނުމަކީ އިންސާފުން އެއްކިބާ ވުމެވެ. ނަމަވެސް އެންމެންނާ ހަމައަށް ޤާނޫނެއް ގެންގޮސް ދިނުމަކީ ނުވަތަ ޤާނޫނެއް އުފެދިއްޖެކަން އަންގައިދިނުމަކީ މާއްދީގޮތުން މުސްތަޙީލު ކަމެކެވެ. ވީމާ ރަސްމީ ނޫހުގައި އެ ޤާނޫނެއް ޝާއިޢު ކުރުމުން އެމީހުންނަށް އެކަން އެނގުމަށް ފުރުޞަތު ދީފައި ފުއްދާލާނީއެވެ. އެއަށްފަހު އެއްވެސް މީހަކަށް ތިމަންނާ ތިޔަ ޤާނޫނެއް އޮތްކަމެއް ނުދެނަހުރީމޭ ބުނުމަކަށް ޙައްޤެއް ނޯންނާނެއެވެ.

 

ޤާނޫނު ނޭންގުމަކީ ޢުޒުރަކަށް ނުވުން

ޤާނޫނު ގެޒެޓްކޮށް ޤާނޫނު ހިނގަންފަށާ ވަގުތު އައިސް ޖެހުމަށްފަހު އެއްވެސް މީހަކަށް ތިމަންނާ ތިޔަ ޤާނޫނެއް އޮތްކަމެއް ނުދެނަހުރީމޭ ބުނެ ޢުޒުރެއް ނުދެއްކޭނެއެވެ. ޤާނޫނު ހިނގަން ފެށުމަށްފަހު އެ ޤާނޫނަކަށް އިޙްތިރާމް ކުރުމީ އެންމެންގެ މައްޗަށް ލާޒިމް ކަމެކެވެ. ތަގުދީރު ނިޔާކުރާގޮތުން ފަހަރެއްގައި މީހަކަށް ނޭނގި އޮތުން އެކަށީގެންވެއެވެ. ނަމަވެސް އެއަކީ ޤަބޫލުކުރެވޭނެ އެއްޗެއް ނޫނެވެ. މިސާލަކަށް، ތިޔަ ޤާނޫނެއް ނުކުތީ ތިމަންނާ ބަލިވެ ހޮސްޕިޓަލްގައި އޮއްވައެވެ. ނުވަތަ ތިމަންނާ ރަށުގައި ނެތީހެވެ. އަދި އެހެންމެ މިސާލަކަށް އެމެރިކާ މީހަކު ރައްޖެއަށް އައިސް ގަވާއިދާ ޚިލާފަށް މަގުގެ ކަނާތްފަރާތުން ކާރުދުއްވާފައި މިތާނގައި މަގުމަގުގައި އެއްޗެތި ދުއްވަން އޮންނަ ގަވާއިދެއް ނުދަންނަމޭ ބުނެ ޢުޒުރެއް ނުދެއްކޭނެއެވެ.

  • އާދަކާދަ (ޢުރުފް)

އާދަކާދަ (ކަސްޓަމް) އަކީ ވަކިކަމެއްގައި ޢައްޔަންވެގެންވާ ވަކި ގަވާއިދެއް އޮތްކަމަށް ޤަބޫލުކުރެވި އެ ގަވާއިދަށް އެންމެން ޢަމަލުކުރަމުން އައިސް އެ ގަވާއިދަށް އިޙްތިރާމް ކުރުމަކީ ކޮންމެހެން ބޭނުންކަމެއްކަން މީސްތަކުން ދެކެމުން އަންނަ ކަންތައްތަކެވެ. ޤަދީމީ ޒަމާނުގައި ޤާނޫނު އުފެދޭ މަންބަޢުއެއް ކަމުގައި މުޅީންވެފައި އޮންނަނީ އާދަކާދައެވެ. ސަބަބަކީ ޤަދީމީ ޒަމާނުގައި ޖަމާޢަތްތަކުގެ މައްޗަށް ވެރިކަން ކުރާ ފަރާތަކީ ގަވާއިދުތަކެއް ކަނޑައަޅާ ނެރެވޭ ވަރުގެ އާރާއި ބާރު ލިބިގެންނުވާ އިސްތިޤުރާރު ކަމެއްނެތް ފަރާތަކަށް ވާކަމެވެ. ވީމާ ކާބަފައިންގެ ކިބައިން ވާރުތަވަމުން އައި އާދަކާދައާ އެއްގޮތްވާ ގޮތުގެމަތިން ކަންތައްތައް ތަންޟީމު ކުރަމުން އައީއެވެ. އެޒަމާނުގައި ދެމީހަކު ދެމެދުގައި ދެކޮޅުވެރިކަމެއް އުފެދިއްޖެނަމަ އެދެ ޚަސްމުން ބޭނުން ކޮންމެވެސް މީހަކު ކައިރިއަށްގޮސް އާދަކާދައިގެ ގަވާއިދާ އެއްގޮތަށް ފައިސަލާ ކުރުވަނީއެވެ. އެގޮތަށް ހިނގަމުން އައިސް ޙާކިމާގެ އަތްމައްޗަށް އެކަން އެރީއެވެ. އެއަށްފަހު ނިޔާކަނޑައަޅަނީ ޚުދު ޙާކިމާއެވެ. ނުވަތަ އޭނާ އެކަމަށް ޢައްޔަންކުރާ ބައެކެވެ. ޒަމާން ބަދަލުވަމުން އައިސް ޙާކިމާގެ އާރާބާރު ގަދަވުމުން އޭނާ އަމުރުތައް ނެރެން ފެށީއެވެ. ވަގުތުން ފެށިގެން ޤާނޫނު އުފެދޭ އައު މަންބަޢުއަކަށް ދުނިޔޭގެ އަލިކަން ފެނިއްޖެއެވެ. އެއީ "ތަޝްރީޢު" އެވެ. އެއަށްފަހު އާދަކާދައިގެ ހިޔަނި ދިޔައީ ކުރުވަމުން ފަނޑުވަމުންނެވެ. ތަޝްރީޢުއަށް ތަންދެމުންނެވެ. އެންމެފަހުން ތަޝްރީޢު އަރައި ބޮންތި އަތުލީއެވެ.

ގިނަ ޤާނޫނުތަކަށް އާދަކާދައިގެ އަހްމިއްޔަތުކަން މިއަދު ކުޑަވެފައިވީނަމަވެސް، ބައިނަލްއަޤްވާމީ ޢާއްމު ޤާނޫނުތަކުގައި އަދިއަދަށްދާންދެންވެސް އާދަކާދައަށް ލިބިފައިވަނީ ވަރަށް ޚައްޞަ އަހްމިއްޔަތު ކަމެކެވެ.

އާދަކާދައިގެ ޝަރުޠުތައް

އާދަކާދައިން ޤާނޫނެއް އުފެދުމަށް ތިރީގައިމިވާ ޝަރުޠުތައް ފުރިހަމަވަމުން ބޭނުމެވެ.

  • އާދަކާދައަކީ ގިނަބަޔަކާބެހޭ ޢާއްމު އެއްޗަކަށް ވާންވާނެއެވެ. އޭގެ މާނައަކީ، އެއްއަތޮޅެއްގައިވެސް ޢުރުފަކަށްވާން ވާނެއެކޭ ނޫނެވެ.
  • އާދަކާދައަކީ ޒަމާންވެ ގިނަދުވަސްވީ އެއްޗަކަށް ވާންވާނެއެވެ. ނަމަވެސް ޒަމާންވީކަމަށް ބަލާނެ މުއްދަތަކީ ކަނޑައަޅައި މިންވަރު ކުރެވޭނެ އެއްޗެއް ނޫނެވެ. ޤާޟީ މިކަމުގައި ބަލާނީ ޤައުމުގައި އެއާދަކާދަ ހަރުލާފައިވޭތޯއެވެ. ހަރުލާފައިވަނީނަމަ އެއީ ގިނަ ދުވަސްވީ އެއްޗެކެވެ. ނޫންނަމަ ނޫނެވެ.
  • އާދަކާދައަކީ ސާބިތުކަމާއެކު އަފްރާދުން އަބަދުވެސް އެއްގޮތެއްގެ މަތިން އެއަށް ތަބަޢަވަމުންދާ އެއްޗެއްކަމުގައި ވާންވާނެއެވެ. ބައެއް ފަހަރަށް އެއަށް ތަބަޢަވެފައި އަނެއްބައި ފަހަރަށް ތަބަޢަނުވެ ދޫކޮށްލެވޭ އެއްޗަކަށް ވެގެން ނުވާނެއެވެ.
  • އާދަކާދައަކީ އަދާލަތާއި ނިޒާމު ޢާއްމާއި ރިވެތި އަދަބާ ޚިލާފުވެގެންވާ އެއްޗަކަށް ވެގެންނުވާނެއެވެ. ފަހެ އިޖްތިމާޢީ އަދި އަޚްލާޤީ ރިވެތި އަދަބާ ޚިލާފަށް ހިނގަމުން އަންނަ އާދަކާދައެއް، ކިތަންމެ ދުވަހެއްވީ ނަމަވެސް ޤާނޫނެއް ކަމަކަށް ނުބެލެވޭނެއެވެ.
  • އާދަކާދައަކީ، މީސްތަކުންގެ ހިތްތަކުގައި އެއަށް އިޙްތިރާމްކުރުން ކޮންމެހެން ބޭނުން އެއްޗެއްކަމުގެ ޝުޢޫރު އުފެދެން ޖެހޭނެއެވެ. މީސްތަކުންގެ ހިތްތަކުގައި، އެއާދަކާދައަށް ބޯލަނބައި ކިޔަމަންވާންޖެހޭނޭކަމުގެ ޝުޢޫރު ނުއުފެދޭނަމަ އަދި، އެއަށް އިޙްތިރާމް ނުކުރި މީހަކަށް ޖަޒާ ދޭންޖެހޭނެކަމުގެ ޝުޢޫރު ނުއުފެދޭނަމަ އެއީ ޤާނޫނެއް ކަމުގައި ނުބެލެވޭނެއެވެ. މި ޝަރުޠުތައް ފުރިހަމަވެއްޖެނަމަ އާދަކާދަ ޤާނޫނަކަށް ވީއެވެ. ތަޝްރީޢުގައިހެން ތަޞްދީޤުކޮށް ނެރެ ގެޒެޓް ކުރާކަށް ނުޖެހޭނެއެވެ.

އާދަކާދަ އުފެދޭގޮތް

އާދަކާދަ އުފެދެނީ، މުޖްތަމަޢުގެ ޟަމީރުންނެވެ. އެއުފެދޭކަން އިޙްސާސްވުމަކާ ނުލައެވެ. އެއުފެދެނީ ލަސްލަހުން މަޑުމަޑުންނެވެ. ގަސްތުގައި ނުވަތަ ގަސްތަކާ ނުލައިނަމަވެސް އެތައް ފަހަރަކު އެއްކަމެއް ތަކުރާރުކުރެވިގެންނެވެ. ކޮންމެވެސް މީހަކު އޭނާއަށް ދިމާވިކަމެއްގައި ރަނގަޅު ގޮތެއްކަމަށް ފެނިގެން ޢަމަލުކޮށްފާނެއެވެ. އެހެން މީހަކުވެސް ހަމައެގޮތަށް ދިމާވިކަމެއްގައި އެފަދައިން ޢަމަލުކޮށްފާނެއެވެ. މިގޮތަށް މިކަން ތަކުރާރުވަމުން އައިސް މުޖުތަމަޢުގެ މަޞްލަޙަތަށްޓަކައި އެއީ ރަނގަޅު ކަމެއްކަން އެނގުމުން މުޖްތަމަޢުގެ ދެންތިބި އަފްރާދުންވެސް ތަޤްލީދު ކުރުމުގެ ޣަރީޒާގެ ބާރުގައި އެ ގަވާއިދަށް ތަބަޢަވެދާނެއެވެ. މިގޮތަށް މިއާދަ ހިނގަމުންއައިސް އެއްޖީލުން އަނެއް ޖީލަށް ވާރުތަވެ ތަކުރާރުވަމުން ދިއުމުގެ ސަބަބުން މީސްތަކުންގެ ހިތްތަކުގައި އެއަށް އިޙްތިރާމްކުރުން ލާޒިމުކަމުގެ ޝުޢޫރު އުފެދިދާނެއެވެ. މިހިސާބަށް އެއާދަކާދަޔާމެދު މީސްތަކުންގެ ޚިޔާލުދާއިރު، އެއާދައެއް އޮންނާނީ ޤާނޫނަކަށް ވެފައެވެ.

އާދަކާދައިން އުފެދިފައިވާ ޤާނޫނުގެ މިސާލު

އިނގިރޭސިވިލާތުގެ "ކޮމަންލޯވ" މިއީ އާދަކާދަ އޭގެ ބިންގަލަކަށްވެގެން އުފެދިފައިވާ ޤާނޫނެވެ. އަދި އެއީ ޝަރީޢަތް ހިންގާ ކޯޓުތަކުގައި ޤަބޫލުކުރެވޭ އެއްޗެކެވެ.

އަޅުގަނޑުމެން ދިވެހިރާއްޖޭގައި ކައިވެނިމަތީގައި ތިންގަނޑެތި (ހެދުމެއް) އެހެންމީހާއަށް ފިރިހެން މީހާ ދޭން ލާޒިމުވުން އެއީ އާދަކާދައިން އުފެދިފައިވާ ޤާނޫނެވެ.

  • ރިލިޖަން (ދީން)

އިހުޒަމާނުގައި މުޖްތަމަޢު ތަކުގައި ގަވާއިދުތަކާއި އާދަކާދަތައް އޮންނަނީ ދީނާއި އެކުވެ މަސްހުނިވެފައެވެ. އެފަދަ މުޖްތަމަޢު ތަކުގައި ނުވަތަ ގައުމުތަކުގައި އަފްރާދުންގެ ދިރިއުޅުމާބެހޭ ކޮންމެ ގަވާއިދެއް ގުޅިފައިވަނީ ދީނާއެވެ. އިހުޒަމާނުގައި ތަޝްރީޢު އަދި ފާޅުނުވެ އޮތްއިރު، ނުވަތަ ތަޝްރީޢުއަށް މިއަދު ލިބިފައިވާ މަޤާމް ނުލިބިއޮތްއިރު މީސްތަކުންގެ ކަންތައްތައް ތަންޒީމުކޮށްދޭ ގަވާއިދުތަކަކީ އާދަކާދައިގެ ގަވާއިދުތަކެވެ. މިނަންގަނެވުނު އާދަކާދައިގެ ގަވާއިދުތައް އުފެދުމުގައިވެސް އަދި އޭގެ ފާސިދު ގަވާއިދުތައް އިޞްލާޙު ކުރުމުގައިވެސް ދީން ކުޅެފައިވާ ދައުރަކީ ދުނިޔޭގެ ތާރީޚަށް ވިސްނާ އެއްވެސް މީހަކު އިންކާރު ކުރާނޭ އެއްޗެއްނޫނެވެ.

ޔޫރަޕްގެ ގިނަ ޤައުމުތަކުގައި ފެތުރިފައިވަނީ މަސީޙީ ދީނެވެ. މަސީޙީ ދީނަކީ، ދުންޔަވީ މުޢާމަލާތާއި އިޖްތިމާޢީ ގުޅުންތައް ތަންޟީމު ކުރުމުގެ ގިނަ ގަވާއިދުތަކެއް އެކުލެވިފައިވާ ދީނެއް ނޫނެވެ. ނަމަވެސް އެދީނުގެ ފައްޅީގެ ރާހިބުން އެފަދަ ގުޅުންތައް، ތަންޟީމުކުރުމުގެ ގަވާއިދުތަކެއް ދީނުގެ ނަމުގައި ހަދައިގެން ނުވާނެއެވެ. ސަރުކާރުގެ އާރާއި ބާރު ދެރަވެފައިވީ ދަނޑިވަޅެއް ވިސްނައި ފުރުޞަތުގެ ބޭނުން ހިފައިގެން މީސްތަކުންގެ މައްޗަށް ފައްޅީގެ ބާރު ހިންގާ އުޅުނެވެ. އެތައް ގަވާއިދުތަކެއް ފައްޅީގެ ފަރާތުން ނެރެފައިވޭމެއެވެ. ކަނަސީ ޤަނޫނޭ ކިޔެނީ މި ގަވާއިދުތަކުގެ މަޖްމޫޢަށެވެ. މި ޤާނޫނަކީ މެދުތެރޭ ޤަރުނުތަކުގައި ޔޫރަޕްގައި ވަރަށް ކުލަގަދަ ދައުރެއް ކުޅެފައިވާ ޤާނޫނެވެ. ނަމަވެސް ސަރުކާރުތަކުގެ އާރާއިބާރު ގަދަވާން ފެށުމުން މަޑުމަޑުން ކަނަސީ ޤާނޫނުގެ ބާރު ހުލިވަމުން ހުލިވަމުން އައިސް ޤާނޫނު ހެދުމުގެ ބާރު އެފަރާތަށް މުޅިން ނެތި އެންމެފަހުން ނިމުނީ "ފައްޅިޔާ" ދައުލަތާ ވަކިކޮށްލައިގެންނެވެ. ސިޔާސަތާއި ދީނާ ވަކިކޮށްލައިގެންނެވެ.

އިސްލާމީ ގައުމުތަކުގައި ދީނީ ތައުޘީރު

އިސްލާމްދީންގެ ހިދާޔަތުގައި އަލިގަދަ ނޫރު ފެތުރިފައިވާ ޤައުމުތަކުގެ ޤާނޫނުތަކަށް އެދީނުގެ އަސަރު ފޯރާފައިވަނީ ވަރަށް ބޮޑަށެވެ. ސަބަބަކީ އެދީނުގައި، އިޢްތިޤާދީ ޢިބާދަތާއި އަޚްލާޤީ ގަވާއިދުތަކުގެ އިތުރަށް މީސްތަކުންގެ މެދުގައި ހިނގާގުޅުންތައް ތަންޟީމުކުރާނޭ ހުރިހާ ގަވާއިދެއް އެކުލެވިފައިވާ ކަމެވެ. އަފްރާދުންގެ އެކަކު އަނެކަކާއި އެއްބަޔަކު އަނެއް ބަޔަކަކާއި އެއްޤައުމު އަނެއް ޤައުމާއި ދެމެދުގެ ގުޅުންތަކާ ބެހޭ ގަވާއިދުތައް އެދީނުގައި ވަނީ ތަފްޞީލުކޮށް ބަޔާންކުރެވިފައެވެ. އަދި އޭގެއިތުރުން ދައުލަތް އޭގެ މައްޗަށް ބިނާކުރެވޭ އަސާސްތައްވެސް ވަނީ އިސްލާމްދީނުގައި ކަނޑައެޅި ބަޔާންވެގެންނެވެ. އާއެކެވެ. އިސްލާމްދީނަކީ، ދީނާއި، ދުނިޔޭގެ ކަންތައްތައް ތަންޟީމުކުރާ ދީނަކަށްވާތީ ނުހަނު ޙައްޤުގޮތެއްގައި ބުނެވެނީ އެދީނަކީ ދީނާއި ދައުލަތް އެކުލެވިފައިވާ ދީނެވެ.

މިއަދު އިސްލާމީ ބައެއް ޤައުމުތަކުގައި ދީނުގެ އަސަރު ކުޑަވަމުންދަނީ، ދީނުގެ އަހުލުވެރިން އެދީނުގެ އުޞޫލުތަކަށް ފުރަގަސްދީ ޔޫރަޕްގެ ގައުމުތަކަށް ތަޤްލީދުކޮށް ބޭރުގެ ޤާނޫނުތައް އަކުރުން އަކުރަށް ގެނެސް ރަށަށް ވައްދަމުން ދިއުމުގެ ސަބަބުންނެވެ.

  • އިކްވިޓީ (ޢަދާލަތު)

ޤާޟީން ކުރިމައްޗަށް ޤަޟިއްޔާއެއް ހުށަހެޅުމުން ފުރަތަމަ ބަލާނީ މިކަމާމެދު ކަނޑައެޅިގެންވާ ވަކި ތަޝްރީޢެއް (ޤާނޫނެއް) އޮތްތޯއެވެ. ތަޝްރީޢެއް ނެތްނަމަ ދެން ބަލާނީ އާދަކާދައިގެ ގޮތުން ހެދިފައިވާ ޤާނޫނެއް އޮތްތޯއެވެ. ނެތްނަމަ ދެންވެސް ޤާނޫނު އުފެދޭ އެހެނިހެން މަންބަޢުއަކުން އުފެދިފައިވާ ޤާނޫނެއް އޮތްތޯއެވެ. މިގޮތްވެސް ދިމާނުވެއްޖެ ހިނދެއްގައި ޢަދާލަތާއި ހަމައާއި އިންޞާފު ބަލައިގެން އެކަމަށް ޖެހޭނީ ވަކި ޙުކުމެއް ކަނޑައަޅާށެވެ. މިނަންގަނެވުނު ޢަދުލު އިންޞާފާއި ހަމައަކީ އިކްވިޓީއެވެ. މިގޮތުން ޤާޟީ ޙުކުމެއް ކުރާއިރު ބަލަންވާނީ ޤާނޫނީ މަބްދައުތަކާއި ޢަދާލަތާއި ޤައުމުގައި ޤާއިމްވެފައިވާ ހަމަތަކާއި އިންޞާފުގެ ރޫޙަށެވެ. ޢަދާލަތަކީ މިވެނިގޮތަކަށް ޙުކުމް ކުޅައުމޭ ބުނެ ކަނޑައަޅާ ބަޔާންކުރަން ނޭނގޭ ޚިޔާލެވެ. އެއީ އޭގެ އިންތައްޖަހައި ފާހަގަކޮށްދެއްކޭނެ އެއްޗެއްނޫނެވެ. އެކަން މުޅިންހެން ދޫކުރެވިފައިވަނީ ޢަދުލް އިންޞާފުގެ ރޫޙާ އެއްގޮތްވާ ގޮތުން ޤާޟީގެ އިޖްތިހާދަށެވެ. މިކަން މިގޮތަށް އޮތުމުގެ ސިއްރަކީ ޤާޟީގެ ކުރިމައްޗަށް ޤަޟިއްޔާއެއް ހުށަހެޅުނީމާ، ތިޔަ ޤަޟިއްޔާގައި ޙުކުމްކުރާނޭ ޤާނޫނެއް ގަވާއިދެއް ނެތޭ ބުނެ ޤަޟިއްޔާ ބެލުމުން މަނާވެގަތަ ނުދިނުމަށެވެ.

  • އެޖުޑިކޭޝަން (ޤަޟާ)

ޤަޟާ އޭ ބުނެވޭ ބަސް ދެމާނައެއްގައި ބޭނުންކުރެވެއެވެ. އެއްމާނައަކީ، ދައުލަތެއްގައި ނިޔާކަނޑައަޅާ މަޙްކަމާތަކާއި ކޯޓްތަކުގެ މަޖްމޫޢެވެ. ޤަޟާގެ އަނެއް މާނައަކީ އަފްރާދުންގެ މެދުގައި އުފެދޭ ޚުޞޫމަތްތެރިކަން ފައިޞަލާ ކުރުމުގެ ތެރޭގައި ނިޔާކަނޑައަޅާ މަޙްކަމާތަކުންނާއި ކޯޓުތަކުން ކަނޑައަޅާ ޙުކުމްތަކުގެ މަޖްމޫޢެވެ. ނަމަވެސް ޤަޟާއަކީ ޤާނޫނުގެ މަންބަޢުއެއްކަމަށް ބަލާއިރު ޤަސްދުކުރެވެނީ މިދެމާނައިންކުރެ މާނައެއްނޫނެވެ. މުޅިން އެހެން މާނައެކެވެ. އެއީ ވަކިކަހަލަ ކަމެއްގައި ވަކިކަހަލަ ޙުކުމެއް ކުރުމަށް ކޯޓްތަކުން ޤަބޫލުކޮށް އެގޮތުގެމަތީން ކޯޓުތަކުން ޢަމަލުކުރަމުންދާ ދިއުމެވެ.

ނަޒަރީގޮތުން ބަލާއިރު ޤާޟީގެ ވަޒީފާއަކީ އޭނާގެ ކުރިމައްޗަށް ހުށަހެޅޭ ޤަޟިއްޔާ ތަކުގައި ހެދިފައި އޮތް ޤާނޫނަކާ އެއްގޮތަށް ޙުކުމް ކުރުމެވެ. ޤާނޫނު ހެދުމަކީ އޭނާގެ ވަޒީފާއެއް ނޫނެވެ. ނަމަވެސް ޢަމަލީގޮތުން ކަންހިނގަމުން ދަނީ މިއާ ޚިލާފަށެވެ. އެހެނީ ޤާނޫނެއްގެ ނައްޞަކުން ބުނާއެއްޗެއް ސާފުކޮށް ދޭހަ ނުވެއްޖެނަމަ އެ ޤާނޫނެއް ތަފްސީރު ކުރުމަކީ، ޤާޟީގެ ވާޖިބުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މިގޮތުގެ މަތީން ތަފްސީރު ކުޅައުމުގެ ތެރޭގައި އައު ޤާނޫނުތައް ހެދެމުންދެއެވެ. ކުރީގެ ޤާނޫނަށް ބައެއް އިތުރުވެ ތަނަވަސްވަމުންދެއެވެ. އިންސާފުން އެއްކިބާވާ ޤާނޫނެއް ޤާޟީއަށް ފެނިއްޖެނަމަ އޭގައި ބުނާއެއްޗެއް ސާފުނުވާކަމަށް ޙުއްޖަތު ދައްކައި އެ ޤާނޫނެއް އޭނާ ތަފްސީރުކުރެއެވެ. އަދި އެ ތަފްސީރު ކުރުމުގެ ފަރުދާގެ ނިޔަލަށް އޭނާ ދަނީ ޤާނޫނު ހަދަމުންނެވެ. މިގޮތުން ކުރެވޭ ތަފްސީރުތައް ކޯޓްތަކުން ޤަބޫލުކޮށް އެއާ އެއްގޮތަށް ކޯޓްތަކުގައި އަމަލުކުރަމުންދާނަމަ އެއޮންނަނީ ޤާނޫނަކަށް ވެފައެވެ. އޭގެ މަންބަޢުއަކީ ޤަޟާއެވެ.

އަދި މީގެ އިތުރުން ޢަދާލަތުގެ ރޫޙާ އެއްގޮތްވާގޮތުން ޤާޟީގެ އިޖްތިހާދުން ނެރޭ ޙުކުމްތައް ކޯޓުތަކުން ޤަބޫލުކޮށް އެއާއެއްގޮތަށް ކޯޓުތަކުގައި ޢަމަލުކުރަމުންދާނަމަ، އެވާނީ ޤާނޫނަކަށެވެ. އޭގެވެސް މަންބަޢުއަކީ ޤަޟާއެވެ.

ފަރަންސޭސިވިލާތާއި މިޞްރުގައި އަދި އެދެ ޤައުމާ އެއްގޮތަށް ހިނގާ ޤައުމުތަކުގައި ޤަޟާއަކީ ޤާނޫނު އުފެދުމުގެ ރަސްމީ މަންބަޢުއެއްނޫނެވެ. ނަމަވެސް އެތަންތާނގައި ކަންހިނގަމުންދަނީ އިސްވެ ބަޔާންވެދިޔަގޮތުގެ މަތީން ކަމަށްވާތީ އެއީ ޝިބްހު ރަސްމީ މަންބަޢުއެއް ކަމުގައި ބައެއް ދަންނަ ބޭކަލުން ބުނުއްވަތެވެ.

އިނގިރޭސި ވިލާތުގައްޔާއި އަދި އެނޫންވެސް އެންގްލޯ ސެކްޝަން ގައުމުތަކުގައި ޤަޟާގެ ނިޒާމް އޮންނަނީ މުޅިން ތަފާތު ގޮތަކަށެވެ. އެ ޤައުމުތަކުގައި ޤަޟާއަކީ ޤާނޫނު އުފެދޭ ރަސްމީ މަންބަޢުއެވެ. ފަހެ އިނގިރޭސިވިލާތުގެ ކޯޓަކުން ޙުކުމެއް ކޮށްފިނަމަ އެކަހަލަ ހުރިހާ ޤަޟިއްޔާއެއްގައި އެކޯޓުން ކުރަންވާނީ ހަމަ އެޙުކުމެވެ. އަދި އޭގެ ދަށުދަރަޖައިގެ ކޯޓްތައްވެސް މިނަންގަނެވުނު ޙުކުމާ އެއްގޮތަށް ޙުކުމްކުރުމީ ލާޒިމުކަމެކެވެ. މަތީ ދަރަޖައިގެ ކޯޓަކުން ކޮށްފި ޙުކުމަކަށް އޭގެ ދަށު ދަރަޖައިގެ ހުރިހާ ކޯޓެއް ތަބަޢަވާންޖެހޭނެއެވެ.

އިނގިރޭސިވިލާތުގެ "ހައުސް އޮފް ލޯރޑްސް" އިން ކޮށްފި ޙުކުމަކާ އެއްގޮތަށް ޙުކުމް ކުޅައުމަށް ތަބަޢުވުމަކީ އިނގިރޭސިވިލާތުގެ ހުރިހާ ދަރަޖައެއްގެ ކޯޓުތަކަކަށް ލާޒިމުކަމެކެވެ. އެއާ ޚިލާފަށް ޢަމަލު ހިންގޭނީ އެގޮތަށް ޕާލިއަމެންޓުން ޤާނޫނެއް ފާސްކޮށްގެންނެވެ.

ކޮންމެއަކަސް ޤަޟާއަކީ ބައެއް ޤައުމުގައި ޤާނޫނު އުފެދޭ ރަސްމީ މަންބަޢުއެއްކަމުގައި ނުވިއަސް ޤާނޫނު ބުނާ ޙުކުމްތައް ނެރެ ހޯދުމުގައި ޤާޟީއަށް ވަރަށްބޮޑަށް އެހީވާ އެއްޗެކެވެ. ޤާނޫނު ތަފްޞީރު ކުރުމުގައާއި އަދި ހުށަހެޅިފައިވާ ޤަޟިއްޔާގެ މައުޟޫޢާ އެއްކަހަލަ މައުޟޫއުތަކާ ބެހިގެން ޙުކުމެއް ހޯދުމުގައި ކޯޓުތަކުން ކޮށްފައިވާ ޙުކުމްތަކާއި ނިޔާތައް ބެލުމަކީ ޤާޟީއަށް މަގުއަލިކޮށްދީ ތަނަވަސްކޮށްދޭ އެއްޗެކެވެ. މިކަމުގައި އެތަނެއްގެ ކޯޓުތަކުން ކޮށްފައިވާ ޙުކުމްތަކާއި ބޭރުގެ ކޯޓުތަކުން ކޮށްފައިވާ ޙުކުމްތަކާއި ނިޔާތައް ބެލުމަކީ ޤާޟީއަށް މަގުއަލިކޮށްދީ ތަނަވަސް ކޮށްދޭ އެއްޗެކެވެ. މިކަމުގައި އެތަނެއްގެ ކޯޓުތަކުން ކޮށްފައިވާ ޙުކުމްތަކާއި ބޭރުގެ ކޯޓުތަކުން ކޮށްފައިވާ ޙުކުމްތަކަކީ އެއްވެސް ތަފާތެއް ނެތި ޤާޟީއަށް ނުހަނު ބޭނުންތެރި މުހިއްމު އެއްޗެކެވެ.

ފިޤުހު

ފިޤުހޭ ބުނެވެނީ ޤާނޫނާމެދު ބަޙުޘްކުރާ އިލްމުވެރިންގެ ޚިޔާލުތަކަށެވެ. އެމީހުން އެޚިޔާލުތައް ފާޅުކޮށްފައިވަނީ ޤާނޫނުން ދޭހަވާ ޙުކުމްތައް ބަޔާންކުރުމުގެ ގޮތުން ނުވަތަ ޤާނޫނީ ނައްޞުތައް ތަފްޞީރުކުރުމުގެ ތެރޭގައި ނުވަތަ އެމީހުން ހަދާފޮތް ފޮތުގައި ނުވަތަ ނެރޭ ފަތުވާތަކުގައި  ނުވަތަ ކޯޓުތަކުން ކުރާ ޙުކުމްތަކަށް ނަޤްދުކުރުމުގެ ތެރޭގައި ނުވަތަ ޔުނިވަރސިޓީތަކުގެ ޠާލިބުންނަށް އެމީހުންދޭ ލެކްޗަރތަކުގައެވެ.

އިހުޒަމާނުގެ ރޯމަން ޤާނޫނުގައި ފިޤުހަކީ ވަރަށްބޮޑަށް އަހްމިއްޔަތުކަން ދީފައިވާ އެއްޗެކެވެ. އަދި ކިއެއްހެއްޔެވެ. ރޯމަން ޤާނޫނުގެ ގިނަ ގަވާއިދުތައް އުފެދިފައިވާ މަންބަޢުއަކީ ފިޤުހެވެ. ރޯމަން ދައުލަތުގައި ފިޤުހުގެ އަހްމިއްޔަތުކަން ހުރި ދަރަޖައަކީ ބައެއް ފިޤުހުވެރިން ނެރޭ ޚިޔާލުތަކާއި ފަތުވާތަކަކީ ޤާޟީން އެއަށް ޢަމަލުކުރުން ލާޒިމު އެއްޗެއްކަމުގައި ހަދާފައިވާ ކަމެވެ.

އިސްލާމީ ޝަރީޢަތުގައިވެސް ފިޤުހަކީ ވަރަށް އަހަންމިއްޔަތުކަން ދެވިފައިވާ އެއްޗެކެވެ. ކީރިތި ޤުރުއާނާއި ކައު އިތުރު ރަސޫލާގެ ޙަދީޘްފުޅުތަކުން ޙުކުމްތައް ނެރުމުގައި އަދި އެދެ އަޞްލުން ދައްކާފައިވާ ބިންގަލުގެ މައްޗަށް ބިނާކޮށް ތަފްޞީލީ ޙުކުމްތައް ނެރުމުގައި ފިޤްހުވެރިން ކޮށްފައިވާ އަގުހުރި މަސައްކަތްތަކަކީ ތަޢުރީފުކުރުން ޙައްޤުވެގެންވާ މަސައްކަތްތަކެކެވެ. އިސްލާމީ ފިޤްހު ކުރިއަރައިގެން އައިދުވަސްވަރުގައި އެތައްއެތައް އިމާމުވެރި ބޭކަލުންތަކާއި އެތައް މަޒުހަބުތަކެއް އުފެދުނެވެ. އޭގެތެރޭގައި ބައެއް މަޒުހަބު މިހާރު އުވިގެން ގޮސްފައިވީނަމަވެސް ސުންނަތް ޖަމާޢަތުގެ ހަތަރު މަޒުހަބު އަދި އަދަށްދާންދެންވެސް ފެންނަން އެބައޮތެވެ. އެއީ އަލްއިމާމް އަބޫ ޙަނީފާގެ މަޒުހަބެވެ. އަލްއިމާމު މާލިކުގެފާނުންގެ މަޒުހަބެވެ. އަލްއިމާމް ޝާފިޢީގެފާނުންގެ މަޒުހަބެވެ. އަލްއިމާމް އަޙްމަދު ބުން ޙަންބަލްގެ މަޒުހަބެވެ.

ޝައްކެއްނެތެވެ. އިސްލާމީ ޝަރީޢަތުގެ ދަށަށް ދޫކުރެވިފައިވާ ޤާނޫނުތަކުގެ ރަސްމީ މަންބަޢުއެއްކަމުގައި އިސްލާމީ ފިޤްހުވާނޭކަން ކަށަވަރެވެ.

މިނޫން ގޮތެއްގައި ޤާނޫނާމެދު ބަޙުޘްކުރާ ޢިލްމުވެރިން ނެރެމުންދާ ޚިޔާލުތަކަކީ މިޒަމާނުގައި ރަސްމީ ސިފައެއް ލިބިފައިވާ އެއްޗެއްނޫނެވެ. އެއަށް ތަބަޢަވުމަކީ ޤާޟީއަށް ކޮންމެހެން ލާޒިމުކަމެއް ނޫނެވެ. މީގެ މާނައަކީ ފިޤްހަކީ އެއްވެސް ފައިދާއެއް ނެތް އެއްޗެކޭ ނޫނެވެ. އަދި ކީއްތޯއެވެ. ޤަޟާއާ މެދު ބުނިފަދައިން ފިޤްހީ ޤާނޫނީ ނައްޞުތައް ތަފްސީރުކުރުމުގައްޔާއި ޤާނޫނުތަކުން ޙުކުމްތައް ހޯދުމުގައި ޤާޟީއަށް ނުހަނު އެހީވެދޭ އެއްޗެކެވެ.

ފިޤްހުގެ ތައުސީރު ހުއްޓިފައިވަނީ ހަމައެކަނި ޤާޟީއާ ހަމައަކަށް ނޫނެވެ. އަދި ކިއެއް ހެއްޔެވެ. ތަޝްރީޢާ ހަމައަށްވެސް އެފޯރައެވެ. އެހެނީ ޤާނޫނުގައި ހުންނަ އުނިކަމާއި ޢައިބުތައް ފިޤުހުވެރިންގެ ޚިޔާލުތަކުން ވަރަށްގިނަ ފަހަރަށް ހާމަކުރެވެމުންދެއެވެ. އަދި އެއުނިކަން ފޫބެއްދުމަށް އަޅަންވީ ފިޔަވަޅުތަކާމެދުވެސް ޚިޔާލު ފާޅުކުރެވެއެވެ. ނަތީޖާއަކަށްވާނީ މަސްއޫލު ފަރާތްތަކުން އެއުނިކަން ފޫބެއްދުމަށްޓަކައި ޤާނޫނެއް ފާސްކުރުމެވެ. ނުވަތަ ޤާނޫނަށް އިޞްލާޙު ގެނައުމެވެ.

 

ނޯޓް:މިލިޔުމަކީ ފަޟީލަތުއްޝައިޚު އަލްއުސްތާޛު މޫސާފަތުޙީ ލިޔުއްވާފައިވާ 'ޤާނޫނަށް މަގެއް' މި ސިލްސިލާއިން ނަކަލު ކުރެވިފައިވާ ލިޔުމެކެވެ. އަލްއުސްތާޛް މޫސާފަތުޙީ އަކީ ދިވެހިރާއްޖޭގެ ޝަރުޢީ އަދި ޤާނޫނީ ދާއިރާގައި، ގިނަދުވސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ފުރަތަމަ އުއްތަމަ ފަނޑިޔާރުކަމާއި، ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ޖަސްޓިސް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ.

 

 

ad 6