ރައްޔިތުންގެ މަޖިލިހުން އެ އިވުނީ އުފާވެރި ވާހަކަތަކެކެވެ



ad 4
ރައްޔިތުންގެ މަޖިލިހުން އެ އިވުނީ އުފާވެރި ވާހަކަތަކެކެވެ
ރާއްޖޭގައި މީހުން ދިރިއުޅޭ ރަށެއް

ރައްޔިތުންގެ މަޖިލިހުން އެ އިވުނީ އުފާވެރި ވާހަކަތަކެކެވެ


ޒަމާންތަކެއް ވެއްޖެއެވެ. ރަށްރަށުގައި އެ ރަށްރަށުގެ ރައްޔިތުން ތިބެގެން އާމްދަނީ ހޯދައި އުފާވެރި ކަމާއެކުގައި ދިރިއުޅުމަކީ އެތައްހާސް ބައެއްގެ އުންމީދެކެވެ. ރަށުގައި އޮތް ބޮޑު ބިމާއި ގެ ދޫކޮށްލާފައި އައިސް މާލޭގައި ކުލިދައްކައިގެން އުޅުމަކީ އެއްގޮތަކަށްވެސް އިންސާފެއް ނޫނެވެ. އެ މީހެއްގެ ބިމުގެ ނަފާ އެ މީހަކަށް ލިބެންޖެހެއެވެ. ސަރުކާރެއްގެ ދަށުގައި ތިބުމަށް އެކިރަށްތަކެއްގެ ރައްޔިތުން އެއްބަސްވެ އެ ސަރުކާރަކަށް ތަބާވަނީ މިދެންނެވި މަގަށް ކަންކަން ގެންގޮސް ދޭތޯއެވެ. އެ ސަރުކާރަކަށް ތަބާވުމަކީ އެ ސަރުކާރަށް ވަފާތެރި ބިޔަ މެޖޯރިޓީއަށް ތަކުލީފަކަށް ވާނަމަ އެ ސަރުކާރެއްގެ ހަޤީޤީ ބޭނުމެއް ނެތެވެ. ސަރުކާރެއް ދެމިއޮންނަނީ ބޮޑު މެޖޯރިޓީއަށް ކަންކަން ފަހިކޮށް ދިނުމާއެކު މައިނޯރިޓީގެ މަތިންވެސް ހަދާންނައްތާނުލައި ކުރިއަށް ދިއުމަށެވެ.

މިގޮތުންބަލާއިރު ތަރައްޤީގެ މަޝްރޫއުތައް އެކަށައަޅައި އެ ރަށްރަށާއި އެރަށްރަށުގެ ވަށައިގެންވާ ސަރަޙައްދުގެ ބޮޑު ޕްލޭނަކާއިއެކު އިންތިހާއަށް ތަރައްގީ ހޯދިދާނެ އެތައް ރަށެއް ރާއްޖޭގައި އެބަހުއްޓެވެ. ބޭނުންވަނީ އެރަށްރަށުގެ ރައްޔިތުންނަށް އެ ރަށެއްގެ ތަރއްޤީގައި ބަސްބުނުމާއިއެކު ސަރުކާރުގެ ތެރެއިން ތަރައްޤީއަށް މަގުފަހިކޮށްދިނުމެވެ. މިސާލަކަށް ނޮޅިވަރަންފަރުގެ ރައްޔިތުން ނާއި ކުޅުދުއްފުށީގެ ރައްޔިތުންނާއި އެ ސަރަހައްދުގެ ގިނަ ރަށްތަކެއް އެކުލެވިގެންދާގޮތެއްގައި ރަށު ލެވެލްގެ ޕްލޭންތައް އެކަށައެޅުމާއި އަތޮޅު ފެންވަރުގެ ޕްލޭންތައް އެކަށައެޅުމުން އެ ކަންކަން ހަޤީޤަތަކަށް ހެދުމަށް ދެވެން އޮތް އެންމެ ފުޅާމިނެއްގައި ތާއީދާއި ސަޕޯޓް ސަރުކާރުން ދީފިނަމަ ސަރުކާރަށްވެސް ލުއިވެގެންދެއެވެ. އެ ސަރަހައްދުގެ ތަރައްޤީގެ ގިނަ މައްސަކަތުގައި ސަރަހައްދުގެ ރައްޔިތުން ބާރަށް ހަރަކާތްތެރިވާންފަށައެވެ. އަދި ޕްލޭންތައް އެކަށައެޅި ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު އެ ޕްލޭންތަށް ފުރިހަމަކުރެއެވެ. އެއަށްފަހު އެ ޕްލޭންތަކުގެ ދަށުން އެކަށައެޅިގެންދިޔަ ތަރައްޤީގެ މަޝްރޫއުތަކަށް ފައިނޭސްކުރާނެ މީހުން ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ހޯދުމުގައި ހަރަކާތްތެރިވާންފަށައެވެ. އެތައް އެތައް ޕްރޮޖެކްޓެއް ރަށްރަށުގައި ހިގަންފަށައެވެ. މި ޕްރޮޖެކްޓްތަށް ހިންގުމަށްޓަކައި ރަށާއި ދާއިރާތަކުގެ މީހުންނަށް އެކަށީގެންވާ ވަޒީފާތައް ހަމަޖެހިގެންދެއެވެ. އެވަޒީފާތަކާއި ވިޔަފާރިތަކުގައި ބައިވެރިވާ ރައްޔިތުންގެ ސަބަބުން އިތުރަށް ދާއިރާގެ ތަރައްޤީ ބާރުވެގެން ދެއެވެ.

ރާއްޖެ ތަރައްޤީ ކުރެވެންއޮތީ މި ބީދައިން ރަށްރަށުގައި ތަރައްޤީގެ ހަރަކާތްތައް ހިންގުމުގެ ބާރާއި އިޚްތިޔާރު އެ ރަށްތަކަށް ދެވިގެންނެވެ. އެ ސަރަޙައްދަކުން ލިބޭ އާމްދަނީން ގާނޫނުގައި ކަނޑައެޅޭ އަދަދެއް އެ ސަރަޙައްދަކަށް ދެވިގެންނެވެ. މިސާލަކަށް ނޫނު އަތޮޅަކީ ލަގްޒަރީ ރިސޯޓްގިނަ ބޮޑު އެއާޕޯޓެއް ފައްކާވެފައިވާ އަތޮޅެކެވެ. އެ އަތޮޅުގެ ރައްޔިތުންނަށް އެ އަތޮޅުން ލިބޭ އަންމުދަނީން ނިސްބަތެއް ލިބެންޖެހެއެވެ. އަދި އެ އަތޮޅުގައި ހުރި ފަރުތަކާއި ފަޅު ރަށްތަކާއި އެހެނިހެން ވަސީލަތްތަކުގެ ބޭނުންހިފައި އެ އަތޮޅުގެ ރައްޔިތުންގެ އަސްލު މިންވަރުން އުޅެންޖެހެއެވެ. ހުވަދު އަތޮޅުގެ ރައްޔިތުން އެ އަތޮޅުގައިވާ ރީތި ގުދުރަތީ ވަސީލަތްތަކުގެ ތެރެއިން ނަފާހޯދައި މުޅިން އެހެން ހިސާބެއްގައި ދިރިއުޅެންޖެހެއެވެ. ފުވައްމުލަކާއި އައްޑޫގެ ރީތިކަމާއި އާބާދީއާއި ގުޅި ލާމެހިފައި އޮތް މިންވަރު ނިކަން ބައްލަވާށެވެ. މިހެން ކޮންމެ އަތޮޅަކަށް ނަޒަރުހިންގިޔަސް ގިނަގުނަ ގުދުރަތީ ވަސީލަތްތައް ކޮންމެ އަތޮޅަކަށް ލިބިފައިވާތަން ފެނެއެވެ. ތަފާތުތަކަކާއެކުގައެވެ. ތަރައްޤީގައި އަތޮޅުތައް އަދި ސަރަހައްދުތައް ވާދަކުރަން ދޫކޮށްލައިފިނަމަ ރަނގަޅު ނަތީޖާތަކެއް ފެންނާނެއެވެ.

މި މަގަށް ދިވެހި ގައުމު ދާއިރު މުޅި ރާއްޖެ ފެންނާނީ އާރޯކަމާއެކު ތަނަވަސްވެންދާތަނެވެ. ރަށުގައި ކުދި މަސް ފެކްޓްރީތަކާއި، ގެސްޓްހައުސްތަކާއި، ދަނޑުވެރިކަމާއި، އޮޑިދޯނިފަހަރު ބަނުމާއި، ކޮންސްޓަރަކްޝަނާއި އެކިކަހަލަ ވަޑާމާއި ގިނަގުނަ ޚިދުމަތްތައްދޭނެ ކުންފުނިތަކާއި މުއައްސަސާތައް އުފެދޭނެއެވެ. ރައްޔިތުމީހާގެ ފަޅު ގޯތީގައި މި ކުންފުނިތަކުގެ އޮފީސް އިމާރާތާއި ޚިދުމަތްދޭ ތަފާތު ވަސީލަތްތަކާއި ތަންތަން ގާއިމްވެ ފުދުންތެރި ބަޔަކަށް ބަދަލުވެގެންދެއެވެ.

ރަށުގައި އެއްޒުވާނަކު ރާއްޖޭން ބޭރަށް މަސްބޭރުކުރާ ކާރުހާނާއެއް ހިންގާއިރު އަނެއް ޒުވާނަކު ރަނގަޅު ކެފޭއެއް ހިންގާނެއެވެ. އެކެފޭ ވެގެންދަނީ ދުވާލު ބުރަ މަސައްކަތުގައި އުޅޭ އަނެއް ޒުވާނާ އާއިލާއާއެކު ނުވަތަ ރަހުމަތްތެރިންނާއެކު ހަވީރު ސައެއް ބޯލަންދާ ހިތްގައިމު ތަނަކަށެވެ. މާ ދުރުނޫން ހިސާބެއްގައި އެހެރީ އެރަށު ޒުވާނަކު ބިނާކޮށްފައި ހުރި ފެންވަރު ރަނގަޅު ގެސްޓަހައުސްއެކެވެ. އެ ގެސްޓްހައުސްއަށް އައިސްގޮސް ނުކުމެ އެއުޅެނީ އޭނާގެ އެކުވެރި ޓްރެވަލް އެޖެންސީއެއް ހިންގާ އަދި ބައެއް ސްވެނިއަރ ފަދަ ތަކެތި ވިއްކާ އެރަށުގެ ޒުވާނެކެވެ. އެޒުވާނާވެސް އެ މަސައްކަތުން މައިންބަފައިންނާއި އެކުގައި އުޅެމުންއެދަނީ މަހަކު މަދުވެގެން 40،000 ރުފިޔާ ފައިދާނެ ގޮތުގައި ހޯދަމުންނެވެ. އޭނާގެ ގޯތީގައި ޒަމާނީ ގެއެއް އެބަހުއްޓެވެ. އެ ގޯތި އޮތީ ރަނގަޅަށް ލޭންޑްސްކޭޕްކޮށް އައުޓްޑޯ ފަރުނީޗަރ ބަހައްޓާފައެވެ. ރޭގަނޑު ގޯތިތެރޭގައި ބާބަކިއު ހަދައިގެން ދޮންވެލި އަޅާފައި އޮތް ފަންޖެހި ހަޓުގައި އުފާވެރިކަމާއެކު ރޭގަނޑުގެ ކެއުމަށް އިންސާފުކުރެއެވެ. އޭނާގެ ބައްޕަ މިހެން އޮންނަ ކެއުންތަކުގައި ބުނެއުޅެއެވެ. އަހަރެމެން ދަރިފުޅުމެންގެ އުމުރުގައި އުޅުނީ 15،000 ރުފިޔާގެ މުސާރައެއް ލިބުމުން ކިރިޔާ ވަދެލެވޭވަރު ކުޑަ ކޮޓަރިއަކަށް އެތަނުން 10،000 ރުފިޔާ ދައްކައިގެން އަނެއް 5000 ރުފިޔާއިން ...... މިއަދު ދަރިފުޅު ތިއުޅެނީ މަހަކު 40،000 ރުފިޔާ ހޯދައިގެން ކުއްޔައް އެއްޗެއް ނުދައްކައި އަނބި ދަރިންނަށް ވާއިރަށް އަދި މާ އުޖާލާ ދިރިއުޅުމެއް ހޯދޭތޯއެވެ. އެ ދަރިފުޅު ބުނެލައެވެ. ބައްޕާއެވެ. މިއީ ކުރީގެ ސަރުކާރުތަކާއި މަޖިލިހަށް އަހަރެމެން ހޮވި މެންބަރުންނަށް ހެޔޮވިސްނުނީތީ ފެނުނު މަންޒަރެކެވެ. އެހެންނޫންނަމަ އަހަރެމެންވެސް ހަލާކުވެދާނީ ނިކަމެތިކޮށެވެ

ޙަގީގަތަކީ ތަސައްވުރަކާއިއެކު ކުރެވޭ ބުރަ މަސައްކަތުން މި ރާއްޖެ ބަދަލުކޮށްލެވޭނެކަމެވެ. މިރާއްޖޭގައި ވަސީލަތްތައް ނެތީއެއް ނޫނެވެ. ވަސީލަތްތަކުގެ ބޭނުން ނުހިފަނީއެވެ. އަދި އެ ވަސީލަތްތަކުގެ ބޭނުން ހިފޭނެމަގަކަށް ކަންކަން ތަރުތީބު ކުރެވިފައިނެތީއެވެ. މިއަދު ދުނިޔެ ދެކޭ ތަރައްގީ ކޮންމެ ގައުމަކީ ތަސައްވުރަކާއިއެކު ކަނޑައެޅުނު ހަރުދަނާ އުސޫލުތަކެއްގެ މަތިން ކުރެވުނު ބުރަ މަސައްކަތުގެ ނަތީޖާއެވެ. އެކަން މިރާއްޖޭގައި ނުވާންވީ ސަބަބެއް ހަމަ ނުފެނެއެވެ.

އެއް މޭޒަކުން ކަންކަން ނިންމި ދުވަސް މާޒީއަށް ދޫކޮށްލަންވެއްޖެއެވެ. އެއަށްވުރެ މާ ފުޅާކޮށް ވިސްނަންވެއްޖެއެވެ. ޝައްކެއްވެސްނެތެވެ. މައި ސަރުކާރެއްގެ ޒިންމާ ބޮޑެވެ. މައި ސަރުކާރަކުން ރައްޔިތުންނަށް ރަށްރަށަށް އަތޮޅުތަކަށް ކުރިއަށް ދިއުމުގައި އެހީތެރިވެވިދާނެއެވެ. އެހެނަސް މައި ސަރުކާރު ވާންވާނީ ރަށްރަށުގެ ތަރައްޤީއަށް ރަށްރަށުން ސަލާންޖަހަން އޮންނަ މުއައްސަސާއަކަށް ނޫނެވެ. އަޅުގަނޑުހަދާންވެއެވެ. ރަށަކުން އެރަށުގެ ބިމެއް ޓްއަރިޒަމްގެ ބޭނުމަކަށް ކުންފުންޏަކަށް ދޫކޮށްލުމަށް ބޭނުންވެގެން ހަމަ ލިޔަނީއެވެ. އޭގެ ޕްލޭންތައްވެސް އެކަށައެޅުނެވެ. އަދި ބިޑްކޮށް އެންމެ ރަނގަޅު ފަރާތެއް ހޮވުނެވެ. އެހެނަސް އެ ބިން ދޫނުކޮށްގެން އެ ރަށުގެ ކައުންސިލުން އުޅުނު ހާލު އަޅުގަނޑުމެން ދުށީމެވެ. މީ ނިކަމެތިކަމެކެވެ. ޚުދު ތިމާމެންގެ އުފަން ރަށުގެ ތަރައްޤީއަށް ތިމާމެންގެ އަތުގައި ބާރު ނެތުމަކީ ވަރަށް ދެވަވަރު ކަންކަމެވެ.

ކޮންމެއަކަސް އައު ރައްޔިތުންގެ މަޖިލިހާއެކު މި ފެންނަނީ އައު މަންޒަރެކެވެ. އެ ކުރަހާ ތަސްވީރަށް ނޫނެކޭ ބުނާނެ ބަޔަކު ތިބޭނެއެވެ. އެހެނަސް ދުރުން އެފެންނަ ހިތްގައިމު މަންޒަރަށް ބައްލަވާށެވެ. މި ރާއްޖޭގެ ރައްޔިތުންނަށް ޙައްޤު މިންވަރު ހޯއްދަވައި ދެއްވާށެވެ. ނިކަމެތި ކަމުގައި ބައިތިއްބާ 500 ރުފިޔާއަށް ވޯޓް ގަނެގެން ކުރިއަށް ދެވޭނެކަމަށް ދެކޭނަމަ އެއީ ހަމަ ކަނޑައެޅިގެން ކުށްހީއެވެ. ދުވަސްކޮޅެއްގައި ތިޔަ މަގަކުން ދެވިދާނެއެވެ. އެހެނަސް ދުރު މުސްތަޤުބަލެއް ނެތެވެ.

އަޅުގަނޑުމެންގެ އުންމީދަކީ ޤާނޫނުއަސާސީން އެކަށައަޅާފައިވާ ލާމަރުކަޒީ ނިޒާމްގެ ހަޤީޤީ މަންފާ ދިވެހި ބޮޑު މެޖޯރިޓީއަށް ލިބުމެވެ. އަދި އެ އެންމެހައި ރައްޔިތުންނަށް ދިމާވެފައިވާ ބޭއިންޞާފުން އެ ފަރާތްތައް މިންޖުކޮށް ދިނުމެވެ

ad 6