މިއީ މި ފަހަކަށްއައިސް މަޑުމަޑުން ދެކެވޭ ވާހަކައެވެ. ޤާނޫނުއަސާސީން ސާފު އިބާރާތުން ސިޔާސީ ޕާޓީ އުފަންކުރުވުމަށް ބާރު އެޅުމުގެވެސްކުރިން އެތެރެއިންނާއި ބޭރުން ކުރިމަތިވި ޕްރެޝަރާއެކު ދިވެހި ރާއްޖޭގައި އުފަންވި ދެވަނަ ސިޔާސީ ޕާޓީއަށް އެމްޑީޕީ ވެގެންދިޔައެވެ. ފުރަތަމަ ސިޔާސީ ޕާޓީ ވުޖޫދުވީ މުތަގައްދިމް ޕާޓީގެ ނަމުގައި ރައީސް މުޙައްމަދު އަމީންގެ ދުވަސްވަރުއެވެ. މިގޮތުންބަލާނަމަ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ސިޔާސީ ޕާޓީގެ ޝަރަފް ލިބެނީވެސް އެމްޑީޕީއަށެވެ. އަދި މިހާރު އަމަލުކުރަމުންމިދާ ޤާނޫނުއަސާސީ ތަސްދީޤްކުރެއްވުމަށްފަހު ބޭއްވުނު ފުރަތަމަ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް އަނެއްކާވެސް ތާރީޚީ ފުރަތަމައެއް އެ ޕާޓީ ހޯދިއެވެ. އަދި މިއަދާހަމައަށް އައިއިރު މި ދެންނެވި ގާނޫނުއަސާސީގެ ދަށުން ދެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރި ފުރަތަމަ ޕާޓީއަކަށް ވުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެންމެ ބޮޑު ކާމިޔާބެއް ހޯދި ޕާޓީއަކަށްވެސް އެ ޕާޓީވެއްޖެއެވެ. ޝައްކެއް ކުރާނެ ތަނެއްނެތެވެ. ދިވެހި ތާރީޚުގައި ނުހަނު މުހިންމު މަގާމެއް އެ ޕާޓީއިންވަނީ ހޯދާފައެވެ.
ކާމިޔާބު ކޮންމެ ބަޔަކަށް އަމާޒުވާ ނުރުހުމާއި ފާޑުކިޔުން މި ޕާޓީއަށްވެސް ކުރިމަތިވާނެކަމީ ޤަބޫލުކުރަންޖެހޭ ޙަޤީޤަތެކެވެ. މި ޙަޤީގަތާއެކު ވިސްނާބެލުމުން ސާފުވާ އެއްކަމެއް އެބައޮތެވެ. ބޭރުން ފެކްޝަނެއްގެ ވާހަކަ މި ދައްކަނީ ނުރަނގަޅު ނިޔަތެއްގައެވެ. ދެންއެތެރެއިންއެއަޑުއިވެނީކީއްވެތޯސުވާލުކުރަންޖެހެއެވެ؟
ގަބޫލުކުރެވޭ ގޮތުގައި ކޮންމެވެސް މިންވަރަކަށް އެތެރޭގައި މިވާހަކަ ދެކެވެމުންދަނީ ބޭރުން ކުރާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުންނެވެ. ދޭތެރެއަކުން ދިމާވާ މީހަކު މިދެންނެވިހެން ވާހަކަ ދެއްކުމުން އެމްޑީޕީގެ އަސާސީ ގަވާއިދަށް އަހަރެމެންބެލީމެވެ. ތި ބޭފުޅުންނަށްވެސް އެގިލައްވާނެފަދައިން ފެކްޝަން އުފެއްދުމާއި ޕާޓީ ދެބަޔަށް ނުވަތަ ތިން ބަޔަށް ބެހުމަކީ އެ ގަވާއިދު އެއްގޮތަކަށްވެސް ދަންނަކަމެއް ނޫނެވެ.
ރިޔާސީ އިންތިޚާބެއް ކުރިމަތިވުމުން އަމަލުކުރާނެ ސާފުގޮތެއް އެމްޑީޕީގެ އަސާސީ ގަވާއިދުގައި ހިމަނާފައިވެއެވެ. އެގޮތަކީ ޕްރައިމަރީއަކުން ރިޔާސީ ކެނޑިޓޭޓް ހޮވުމެވެ. އެހެންކަމުން އެމްޑީޕީގެ މެމްބަރުންނަށް އޮތީ މިދެންނެވި އިންތިޚާބުގައި ވާދަކުރާ ފަރާތްތައް އެގުމުން އެތަނުން އެންމެ ރަނގަޅު ފަރާތަކަށް ވޯޓް ދިނުމެވެ. އަދި ޕްރައިމަރީ ކާމިޔާބު ކުރުމުން އެ ފަރާތެއްގެ ފަހަތުގައި އިޚްލާސްތެރިކަމާއެކު މަސައްކަތް ކުރުމެވެ. ވާދަވެރި އެތެރޭގެ ޕްރައިމަރީތަކަށް އެންމެ ފަރިތަ ދިވެހި ޕާޓީއަކީވެސް އެމްޑީޕީއޭ ބުނުން ދޮގަކަށް ނުވާނެއެވެ. ޕްރައިމަރީތަކަށްފަހު އެއްވާނެއްގައި އެއް މިސްރާބަކަށް މަސައްކަތްކުރުމުގެ ރީތި މިސާލުވެސް އެ ޕާޓީއިންވަނީ ދައްކާފައެވެ.
ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ އެމްޑީޕީގެ ލީޑަރޝިޕަކީ ދިވެހިރާއްޖޭގައި އޮތް އެންމެ ތަޖުރިބާކާރު ސިޔާސީ ލީޑަރޝިޕްކަމެވެ. އެހެންކަމުން ޝައްކެއްނެތި އެގޭ އެއްކަމަކީ އަދި އެޕާޓީގެ މާޒީން ދަލީލުކުރަނީ ރިޔާސީ ކެންޑިޓޭޓަކަށް ވަކިފަރާތެއް އިންތިޚާބުވުމުން ދެން އެ ޝައުގުގައި ތިއްބެވި ފަރާތްތައް ފަހަތަށްޖެހި އެކުގައި އިންތިޚާބު ކާމިޔާބު ކުރަން ނުކުންނަކަމެވެ. އަދި ޑިމޮކްރެޓިކް ޕާޓީއެއްގެ އަސާސީ ސިފައާއި އެއްގޮތަށް ގިނަ ކެންޑިޓޭޓުން އެތެރޭގެ އިންތިޚާބުތަކުގައި ވާދަކުރުމަކީ ރިވެތި އެހާމެ ޗާލު މަންޒަރެކެވެ. ވާދަކުރާނެ މީހަކު ނެތުމަކީ ފޯރިނެތިކޮށްލާ ފޫހިކަމެކެވެ. އެތެރޭގައި ވާދަވެރިކަން އޮންނާނެއެވެ. އެހެނަސް އެވާދަވެރިކަމަކީ ޕާޓީ ބައިބައިކުރާނެ ވާދަވެރިކަމަކަށް ވެގެން ނުވާނެއެވެ. އެހެނެއްކަމަކު އެއީ ޑިމޮކްރެޓިކް ކޮންމެ ޕާޓީއެއްގެވެސް އެންމެ އަސާސީ އެއް ސިފައެވެ. އެ ސިފަ ލިބުމަކީ އޭގެ ޒާތުގައި ފަޚުރެކެވެ. އެ ފަޚުރުވެރިކަމާއެކު މެންބަރުންގެ ޒިންމާއަކަށްވާންވީ ތިމަންނާއަށް އިތުރަށް ކޮށްދެވޭނީ ކޮންކަމެއްތޯ ބެލުމެވެ. އަދި ޕާޓީއަށް ކުރިއެރުން ލިބުމަކީ އާޚިރުގައި ގައުމަށްވެސްލިބޭ ކުރިއެރުމެއްކަން އެގިތިބެ ޕާޓީއަށް ކާމިޔާބާއި ކުރިއެރުން ހޯދައިދުނުމަށް މަސައްކަތްކުރުމެވެ.
އެހެންކަމުން އާންމު މެންބަރުން ކުރަން އޮތް އެންމެ ރަނގަޅުކަމަކީ ޕާޓީ ވަރުގަދަކުރުމާއި މެންބަރުން އިތުރުކުރުމުގެ މަސައްކަތެވެ. ދެން ހުރި ކަންކަން ހަމަޖެހިފައިވާ ގަވާއިދުތަކާއި އުސޫލުތަކުގެތެރެއިން ވަގުތުޖެހުމުން ހިގަންޖެހޭގޮތަށް ތަރުތީބުން ހިގަމުންދާނެއެވެ.
ފެކްޝަނަކީ ޙަޤީގަތެއް ނޫނެވެ. އެއީ ބައެއްގެ އުފެއްދުމެކެވެ. އުސޫލުތަކާއި ގަވާއިދުތައް ހުރީ ވަރަށް ސާފުކޮށް އެކަށައެޅިފައެވެ. އެއުސޫލުތަކާއި ހަމަތަކާއި އެއްގޮތަށް ޕާޓީތައް ހިގަމުންދާނެއެވެ.
ފެކްޝަން އޮންނަންޖެހޭކަމަށް ގަބޫލުކުރުމުގެ ހިތި ނަތީޖާ އެންމެ ބޮޑަށް ފެންނަންއޮތީ ޑީއާރުޕީ އާއި ޕީޕީއެމް އިންނެވެ. ޑީއާރުޕީ ބޮޑު ޕާޓީއެއްގެ ގޮތުގައި ވަނިކޮށް ފެކްޝަން ވުމުގެ ނަތީޖާ މިއަދު ބައްލަވާށެވެ. ހަމަ އެފަދައިން ޕީޕީއެމް އަށް ބައްލަވާށެވެ.
އަޅުގަނޑުމެން އެދެނީ ކޮންމެ ސިޔާސީ ޕާޓީއެއްވެސް ވަރުގަދަކޮށް ބާރަށް ހިގަމުންދިއުމެވެ. ފަޅިފަޅިވެ ބަލިކަށިވެގެން ދިއުމަކަށް ނޫނެވެ. ގައުމަށް އެންމެ ފައިދާހުރި ގޮތަކީ ވަރުގަދަ ސިޔާސީ ޕާޓީތަކެއް ހަރަކާތްތެރިވަމުންދިއުމެވެ. އަޅުގަނޑުމެން ގަބޫލުކުރަނީ މިރާއްޖޭގެ އުފާވެރި މާދަމާ ދެމިއޮންނާނީ ޤާނޫނުއަސާސީއާއި ގާނޫނުތަކާއި އެއްގޮތަށް ސިޔާސީ ޕާޓީތައް ވަރުގަދަވެ ފުޅާވެގެންކަމެވެ. އަދި ރާއްޖެއަށް އެހާމެ ގިނަ ޚިދުމަތްތަކެއް ކޮށްދީފައިވާ ޕާޓީއެއް ވީ އެންމެ ވަރުގަދައެއްކޮށް އޮތުމަކީ ވަރަށް މުހިންމުކަމެކެވެ. ކޮންމެ ޕާޓީއެއްވެސް މި ދެންނެވިހެން ވަރުގަދަކޮށް އެކަތިގަޑެއްގެ ގޮތުގައި ދެމިއޮންނަނީ މެންބަރުންގެ މެދުގައި އޮންނަ ހެޔޮވިސްނުމުގެ މައްޗަށެވެ.