އިންކަމްޓެކްސް އަކީ ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި އެ ދަޢުލަތެއްގެ ބާރުހިނގާ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނާއި ވިޔަފާރިތަކަށް ލިބޭ އާމްދަނީން ކަމާބެހޭ މުއައްސަސާތައް މެދުވެރިކޮށް ނަގާ ޓެކްސްއެކެވެ.
ބައެއް ޤައުމުތަކުގައި 1700ގެ ފަހުކޮޅުން ފެށިގެން އިންކަމްޓެކްސް ކޮންމެވެސް ސިފައެއްގައި ނަގަމުން އައި ނަމަވެސް ވަރަށް ފަހަކާޖެހެންދެން ދިވެހިރާއްޖެ އޮތީ ޓެކްސް (ޚާއްސަގޮތެއްގައި އިންކަމް ޓެކްސް) ނުނަގާ ޤައުމުތަކުގެ ތެރޭގައެވެ. މި ލިސްޓުގައި ގަތަރު އަދި ބުރުނައި ފަދަ ފުދުންތެރިކަން ބޮޑު ޤައުމުތައް ހިމެނިފައިވާއިރު ސޯމާލިޔާފަދަ ފުދުންތެރިކަން ދަށް ޤައުމުތައްވެސް ހިމެނިފައިވެއެވެ. މުޅި ދުނިޔެއަށް ބަލާއިރު މިއީ ކުޑަ ލިސްޓެކެވެ. މިއަދު ދިވެހިރާއްޖެ މިދަނީ މި ލިސްޓުންވަކިވެ އިންކަމް ޓެކްސް ނަގާ ޤައުމަކަށް ބަދަލުވާށެވެ. މުހިންމު ފިޔަވަޅެކެވެ. ޓެކްސް ނިޒާމަށް އިތުރު ފުރިހަމަކަމެއް ގެނުވާނެކަމެކެވެ.
ޓެކްސް ނެގެނީ ހަމަ ރައްޔިތުންގެ ދިރިއުޅުން ރަނގަޅުކޮށް ދިނުމަށެވެ. ރަށްރަށުގެ މަގުތައް ހެދުމަށެވެ. ބަދަރުތައް މަރާމާތު ކުރުމަށެވެ. ސިއްޙީ ޚިދުމަތާއި ތަޢުލީމީ ފެންވަރު މަތިކޮށް ރަނގަޅު ކުރުމަށެވެ. އިންކަމް ޓެކްސްގެ ގޮތުގައި ވަކި މިންވަރަކަށް ތަނަވަސްކަން ހުރި ފަރާތްތަކުގެ އަތުން ނަގާ ފައިސާ ޚަރަދުކުރަނީ ޖުމްލަ ގޮތެއްގައި މުޅިޤައުމުގައި ދިރިއުޅޭ ޖުމްލަ އާބާދީއަށް ތަނަވަސް ރަނގަޅު ގޮތްތަކެއް ހޯދައި ދިނުމަށެވެ.
މިހާރު ފެންނަފެނުމަށް މަހަކު 40،000ރ އަށްވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން މި ޓެކްސް ނެގިގެންދާނެއެވެ. މިއީ މިހާރު ސަރުކާރުގައި އޮތް ޕާޓީ (އެމްޑީޕީ)ގެ ވައުދާއި އެއްގޮތަށް އަދި ކިއެއް އެއަށްވުރެވެސް ރަނގަޅަށް ހުށަހެޅިފައި އޮތް ހުށަހެޅުމެކެވެ. އެހެނީ އެ ޕާޓީން މީގެކުރިން ވައުދުވީ 60،000ރ އަށްވުރެ މަތިން އާމްދަނީ ލިބޭ އެންމެންގެ އަތުން ދައުލަތަށް ޓެކްސް ނެގުމަށެވެ. 40،000ރ އަށްވުރެ މަތިން އާމްދަނީ ލިބޭ މީހުންގެ އަތުން ޓެކްސް ނެގުމުން މި ދެންނެވި ވައުދުގައިވާ 60،000ރ އަށްވުރެ މަތިން އާމްދަނީ ލިބޭ އެންމެންގެ އަތުންވެސް ޓެކްސް ނެގިގެންދާނެއެވެ. އޭގެއިތުރަށް މިހާރު ހުށަހެޅިފައި އޮތްގޮތުން 40،000ރ އާއި 60،000ރ އާއި ދެމެދުގެ އާމްދަނީއެއް ލިބޭ އެންމެހައި ފަރާތްތަކެއްގެ އަތުންވެސް އިންކަމް ޓެކްސް ނެގިގެންދާނެއެވެ.
އިންކަމްޓެކްސް މައިގަނޑު ގޮތެއްގައި ނަގަނީ ލިބޭ އާމްދަނީންނެވެ. މިގޮތުން މުސާރައާއި، މުދަލުން ލިބޭ އާމްދަނީއާއި، ޚިދުމަތްތައް ފޯރުކޮށްދީގެން ލިބޭ އާމްދަނީއާއި ވިޔަފާރީގެ ތެރެއިންލިބޭ އާމްދަނީންނެވެ.
އިންކަމް ޓެކްސްއާއި ގުޅިގެން އާންމު ކުރެވިފައިވާ މައުލޫމާތަށް ބަލާއިރު ގާތްގަނޑަކަށް 6000 މީހުންގެ އަތުން ގާތްގަނޑަކަށް 600 މިލިއަން ރުފިޔާ އިންކަމް ޓެކްސްގެ ގޮތުގައި މިއަންނަ އަހަރުން ފެށިގެން (2020 އިން ފެށިގެން) ލިބިގެންދާނެއެވެ. އެހެންކަމަށްވާނަމަ މިއީ ދައުލަތުގެ ބަޖެޓަށް ކޮންމެވެސްވަރެއްގެ އާރޯކަމެއް ގެނުވާނެކަމެކެވެ.
ދުނިޔޭގައި މައިގަނޑުގޮތެއްގައި 3 ގޮތަކަށް ޓެކްސް ނަގަމުންދާއިރު ރާއްޖެއިން ނިންމާފައިވަނީ ޕްރޮޕޯޝަނަލް ނުވަތަ ޕްރޮގްރެސިވް އުސޫލުން މި ޓެކްސް ނަގަމުން ދިއުމަށެވެ. މި އުސޫލުން ޓެކްސް ނެގުމުން އާމްދަނީ ކުޑަ ފަރާތްތަކާއި އާމްދަނީ ބޮޑު ފަރާތްތަކާއި ދެމެދުގައި ތަފާތުކުރެވުނު ނަމަވެސް އެ ތަފާތުކުރެވެނީ އެ ފަރާތެއްގެ ހާލަތަށް ބެލިގެންނެވެ. އެހެނީ ހަމަހަމަކަން ދަމަހައްޓަން ބަލާއިރު މި އުސޫލުގެ ދަށުން ހޮރިޒޯންޓަލް ހަމަހަމަކަން ބާރުއަޅަނީ އެއް ހަމައެއްގައި ތިބި ފަރާތްތަކަށް އެއް އުސޫލަކުން ކަންކުރުމަށެވެ. މިގޮތުން 40،000ރ ލިބޭ އަލީއާއި 40،000ރ ލިބޭ ފާތުމަތު ތަފާތު ރަށަކަށް އަދި ތަފާތު ޖިންސަކަށް ނިސްބަތްވި ނަމަވެސް ދައުލަތައް ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ އަދަދަކީ އެއްވަރުގެ އަދަދެއްކަން ޔަގީންކުރެއެވެ. މީގެ އިތުރުން ވާޓިކަލް އިކްއިޓީ ބާރުއަޅަނީ މުޖުތަމައަށް ލިބޭ އާމްދަނީ ބެހިގެން ދިއުމަށެވެ. އެގޮތުން ގިނައިން އާމްދަނީ ލިބޭ ފަރާތްތައް ގިނައިން އިންކަމް ޓެކްސް ދައްކަން ޖެހެއެވެ. މިސާލަކަށް މަހަކު 50،000ރ ރުފިޔާ ލިބޭ ފަރާތެއްގެ އަތުން 10 ޕަސެންޓް ޓެކްސްގެ ގޮތުގައި ނަގާނަމަ، މަހަކު 100،000ރ ރުފިޔާ ލިބޭ ފަރާތެއްގެ އަތުން 20 ޕަސެންޓް ޓެކްސްގެ ގޮތުގައި ނެގުމަކީ މި އުސޫލުން ބަލާއިރު އިންސާފުވެރިގޮތެކެވެ. މިފަދައިން ބޮޑު އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން ނެގޭ އަދަދު ބޮޑުވާ އެއް ސަބަބެއް ކަމުގައިވަނީ އެ ފަރާތްތަކަށް ދައުލަތުގެ ތެރެއިން ލިބޭ ފައިދާ ބޮޑުވުމެވެ. އެހެން ގޮތަކަށް ދަންނަވާނަމަ ދައުލަތެއް ނުވަތަ ގައުމެއް މިއީ އެ ގައުމެއްގައި ދިރިއުޅޭ އެންމެންގެ ހަމަހަމަ ހިއްސާ އޮންނަންޖެހޭ ތަނެކެވެ. އެހެނަސް ހާލަތު ނިޔާކުރާގޮތުން ބައެއް ފަރާތްތަކަށް ލިބޭ މަންފާ ބޮޑުވުމުން އެންމެ އިންޞާފުވެރި އެއްގޮތެއްކަމަށް މިވަނީ މިފަދައިން ޕްރޮގްރެސިވް ޓެކްސް އެއްގެ ތެރެއިން ހަމަހަމަކަން ގާއިމްކުރެވޭތޯ ބެލުމެވެ.
ދިވެހިރާއްޖެއިން މިހާރު އިންކަމް ޓެކްސް ނެގުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ ހަމަތަކާއި އެއްގޮތަށެވެ.
40،000ރ އާއި 60،000ރ އާއި ދެމެދުން 8 އިންސައްތަ
60،000ރ އާއި 100،000ރ އާއި ދެމެދުން 10 އިންސައްތަ
100،00ރ ފެށިގެން މަތިން 15 އިންސައްތަ
މިގޮތުން ބަލާއިރު ގާތްގަނޑަކަށް 2621 މީހުންނާއެކު އެންމެ ގިނަ ޓެކްސް ދައްކާ މީހުން ހިމެނެނީ 40،000ރ އާއި 60،000ރ އާއި ދެމެދުގައެވެ. ދެން 2،285 މީހުންނާއެކު 60،000ރ އާއި 100،000ރ އާއި ދެމެދު އޮތް އިރު 100،000ރ މަތިން އާމްދަނީ ލިބިގެން ޓެކްސް ދައްކަންޖޭ މީހުންގެ ޢަދަދު ހާހަކަށްވެސް ނާރައެވެ. މިހާރު ހުރި ހިސާބުތަކަށް ބަލާއިރު އެ ޢަދަދު އުޅެނީ 960 ގައެވެ.
މި ހިސާބުތަކަށް ބަލާއިރު ދިވެހިރާއްޖެއިން އިންކަމް ޓެކްސް ދައްކަންޖެހެނީ މުޅި އާބާދީގެ ގާތްގަނޑަކަށް 1 އިންސައްތަ މީހުންނަށެވެ. މިއީ ވަރަށް ކުޑަ ޢަދަދެކެވެ.