ގެވެށި އަނިޔާ ހުއްޓުވާނީ ކިހިނެއް؟



ad 4
ގެވެށި އަނިޔާ ހުއްޓުވާނީ ކިހިނެއް؟
ގެވެށި އަނިޔާ

ގެވެށި އަނިޔާ ހުއްޓުވާނީ ކިހިނެއް؟


ގެވެށި އަނިޔާ ހުއްޓުވާނީ ކިހިނެއް؟

ގެވެށި އަނިޔާގެ ވާހަކައަކީ އަޅުގަނޑުމެންގެ މުޖުތަމައަށް އައު ވާހަކައެއްނޫނެވެ. ދިވެހި މި ކުޑަކުޑަ މުޖުތަމައުގައި ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވަނި ނިސްބަތުން ގިނަ އަދަދެކެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން ކޮންމެ 3 އަންހެނަކުން 1 އަކީ އަނިޔާގެ ޝިކާރައަކަށްވެފައިވާ މީހެކެވެ. ގެވެށިއަނިޔާ ހުއްޓުވުމުގެ ޤާނޫނެއް 2012 ވަނަ އަހަރުވަނީ ވުޖޫދުވެފައެވެ.

ގެވެށިއަނިޔާގެ ސައިކަލް

ގެވެށިއަނިޔާގެ ސައިކަލް ތަފާތު ޕެޓާންތަކަށް ހުރެއެވެ. މިގޮތުން އަބަދުމެ، މެދުކެނޑުމެއްނެތި ގެވެށިއަނިޔާ ތަހައްމަލްކުރަން ޖެހިދާނެއެވެ. އަނެއް ގޮތަކީ ގެވެށިއަނިޔާ ދުވަސްކޮޅަކު ތަހައްމަލްކުރަން ޖެހުމަށްފަހު ހުއްޓުމެވެ. މިގޮތުން ގިނަ ފަހަރަށް ފުރަތަމަ ދެފަރާތުގެ ދެމެދުގައިވާ ގުޅުމުގެ ޓެންޝަން އުފެދި، އަސްލު އަނިޔާ ކުރުމާ ހަމައަށް ދެއެވެ. އެއަށްފަހު އަނެއްކާވެސް އަނިޔާ ނުކޮށް ލޯބިން އުޅޭ ހަނީމޫން ފޭސްއަށް ދެއެވެ. ހަނީމޫން ފޭސްއަށްފަހު އަނެއްކާވެސް އަނިޔާ ތަހަންމަލް ކުރަން ޖެހެއެވެ.

ހައްލަކީ ކޮބާ؟

ގެވެށި އަނިޔާގެ ޝިކާރައަކަށް ވުމުން އެކަން ރިޕޯޓް ނުކުރަނީ ކީއްވެތޯ ގިނަ ބަޔަކު ސުވާލުކުރެއެވެ.  ދަރިފުޅަށް ބަލިވެ އިންދާ ފިރިމީހާ ގާތަށް އަންނަ ރުޅީގައި އަލަމާރި ގައިމައްޗަށް ވައްޓާލާ އަނިޔާކޮށް ހޭނެތޭވަރު ކުރުމުން ދަރިފުޅުގެ ޙައްޤަށްޓަކާ ފިރިމީހާއާ ދުރުނުވީ ކީއްވެތޯ އަހައެވެ. ދަރިފުޅުގެ ޙައްޤަށްޓަކައި ފިރިމީހާއާ ވަކިވުން އެއީ މަޖުބޫރު ކަމެއް ނޫންތޯ ބުނެއެވެ.

އެއްވެސް ޝައްކެއް ނެތް ގޮތުގައި އެންމެ މުހިންމު އެއްކަމަކީ ގެވެށިއަނިޔާއާމެދު މުޖުތަމައު ހޭލުންތެރި ކުރުވުމެވެ. އެފަދަ އަނިޔާއެއް ލިބުމުން ރައްކާތެރިކަން ހޯދުމަށް ޤާނޫނުން ލިބިދީފައިވާ ފުރުޞަތުތަކާއި، އެޅެންހުރި ފިޔަވަޅުތަކާމެދު ހޭލުންތެރިވުމެވެ. ބޮޑެތިވަމުން އަންނަ ޒުވާން ޖީލަށް ރެސްޕެކްޓްފުލް ހެލްތީ ރިލޭޝަންޝިޕްސްގެ މުހިންކަން ކިޔައިދީ އަނިޔާވެރި ގުޅުންތަކުގެ ސައިކަލްއަށް ނިމުމެއް ގެނެސް ދާއިމީ ހައްލަކާ ހަމައަށް ދިއުމެވެ. ޤާނޫނު ތަންފީޛުކުރަންތިބި ފަރާތްތަކަށް އަވަސް ފިޔަވަޅުތަކެއް އެޅޭނެފަދައިން އިންސާފު ހޯދުމުގެ ކަންކަން އިންތިޒާމް ވެފައި އޮތުމެވެ. ގެވެށި އަނިޔާ ހުއްޓުވުމަށް އަޅަންޖެހޭ ފުރަތަމަ ފިޔަވަޅު އަޅަން އަނިޔާ ލިބޭމީހާ ތައްޔާރުވާންޖެހެއެވެ. އެ ބަދަލު ގެނައުމަށް ތިބާ މުހިންމު ދައުރެއް ކުޅެއެވެ.

މާލީ ގޮތުން އަންހެން މީހާ ބާރުވެރިކުރުވުން މިއީ މިކަމަށް އޮތް އެންމެ ބޮޑު އެއް ހައްލުކަމުގައި ޤަބޫލުކުރަންޖެހެއެވެ. ގިނަ ފަހަރަށް އަނިޔާވެރި ދިރިއުޅުން ދޫކޮށް ކުދިންނަށްޓަކައިކަމަށްބުނެ މަޑުކުރަނީ މިދެންނެވި ފަދައިން މާލީ ގޮތުން ދެން ކުރިމަތިލާންޖެހޭނެ ދަތިތަކާމެދު ވިސްނާފައިކަމަށް ވުމަކީ ނުވުމަށްވުރެ ވުން ގާތް ކަމެކެވެ. އަނިޔާވެރި ދިރިއުޅުން ދޫކޮށް އައު ދިރިއުޅުމެއް ފަށަން އަމިއްލައަށް މަސައްކަތް ކުރުމަށް ކިތަންމެ ނަސޭހަތެއް ބަޔަކު ދިން ނަމަވެސް، ލިބިފައިވާ އަނިޔާއާހުރެ ސައިކޮލޮޖިކަލީ މީހާ ހުންނަނީ ވަރަށް ބޮޑަށް ބަލިކަށިވެފައެވެ. ފުރަތަމަފަހަރު އަނިޔާކުރުމުން ޢާއިލާ މީހެއް ނުވަތަ ރައްޓެއްސެއް ކައިރީ އެވާހަކަ ބުނިކަން އެގުނު ފަހުން ކުރި އަނިޔާ ބޮޑުވުމުން ކަމަށްވެދާނެއެވެ. ނުވަތަ ކަމާ ބެހޭ ފަރާތަށް ރިޕޯޓް ކުރިކަން އެނގި، ނަމަވެސް އެންމެ އެކަށީގެންވާ ފިޔަވަޅު އަވަސްމިނުގައި ނޭޅުމުގެ ސަބަބުން އިހުނަށްވުރެ އަނިޔާ ކުރުން އިތުރުވީ ކަމަށްވެދާނެއެވެ.

ގެވެށިއަނިޔާގެ މާހައުލުން ނިކުމެ އަމިއްލައަށް އުޅުމަށް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ނުވަތަ ގިނަ ފަރާތްތަކުން ފަސްޖެހެނީ ފައިނޭންޝަލް އިންޑިޕެންޑެންސް (މާލީ މިނިވަންކަން) ނެތުމުގެ ސަބަބުންނެވެ. މާލީ މިނިވަންކަން ލިބުމުން އެމީހަކަށް އަނިޔާވެރި ގުޅުމާ ދުރަށްދާން އިތުރު ބާރެއް ލިބިދެއެވެ. ގިނަ ފަހަރަށް ދަރިން ލިބިފައިވަނިކޮށް ފިރިމީހާއާ ވަކިވުމުން ކުދިންގެ ޚަރަދު ބަރަދާމެދު ވިސްނާ، ވަކިވެއްޖެނަމަ ނުވަތަ ފިޔަވަޅު އަޅަން ރިޕޯޓްކޮށްފިނަމަ ދެން ޙަޟާނަތު/ކުދިންނަށް ޚަރަދު ޔަޤީނުންވެސް ނުދޭނެކަން އެގި، އެންމެ ވޯސްޓް ކޭސްއަށް ރެޑީވާން ބަލާއިރު، މިއޮންނަނީ މާލީގޮތުން ފިރިމީހާއަށް ވަރަށް ބޮޑަށް ބަރޯސާވެވިފައެވެ. ގިނަ ފަހަރަށް ކައިވެނި ކުރުމަށްފަހު، ދަރިން ލިބުމުން ވަޒީފާއަށްގޮސް އާމްދަނީ ހޯދަނީ ފިރިމީހާއެވެ. އަނިޔާކުރާ މިހާއެވެ. އެހެނެއްކަމަކު އަނިޔާވެރިޔާގެ އަނިޔާއިން ސަލާމަތްވުން، މާލީ ގޮތުން އުފުލަންޖެހޭ ތަކުލީފާ ހަމައިން ހުއްޓާނުލާށެވެ.

އަމިއްލައަށް ކޮންމެވެސް މަސައްކަތެއް އާމްދަނީއެއް ހޯދުމަށް ކުރުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ. މި ބުނަނީ ކޮންމެހެން ވަޒީފާއަށް އޮފީހަށް ދާ ވާހަކައެއް ނޫނެވެ. އާމްދަނީ ހޯދުމުގެ ގޮތުން ގޭގައި ތިބެގެން މަސައްކަތްކުރަނީ ކިތައް އަންހެނުންތޯއެވެ. ކޮންމެވެސް މަސައްކަތެއްކޮށް އާމްދަނީ ހޯދާ ތިމާއަކީ މާލީ ފުދުންތެރި މީހަކަށްވުމަށް މަސައްކަތް ކުރާށެވެ. އޭރަށް ގެވެށިއަނިޔާފަދަ އަނިޔާވެރި މާހައުލަކުން ދުރަށްދާން މާލީ ބުރައަކީ ސަބަބަކަށް ނުވާނެއެވެ.

ގެވެށި އަނިޔާއިން ރައްކާތެރިވުމަށް ނުވަތަ ސަލާމަތްވާން ބޭނުންނަމަ ވިސްނާލުން މުހިންމު ބައެއް ނުކުތާތައް ހިއްސާކޮށްލާނަމަވެ. މިގޮތުން ތިމާއަށް ރައްކާތެރިކަމާއެކު އުޅެވޭނެ މާހައުލަކާމެދު ވިސްނާ ތިމާ މި ވާހަކަ ހިއްސާކުރާނެ އިތުބާރުކުރެވޭ މީހާކު ހޯދާށެވެ. އެހެން މީހުން ކައިރިން އެހީއަށް އެދޭށެވެ. ތިމާ އެބައެއް ރައްކާތެރިކުރަންއުޅޭ ޢާއިލާއާމެދު ވިސްނާށެވެ. ޕްލޭން ކުރުމަށްފަހު އެސްކޭޕްވާށެވެ. އަނިޔާ ތަހަންމަލް ކުރިމަކީ އޯކޭ ކަމެއްކަމަށް ހީނުކުރާށެވެ. އަނިޔާއަށްފަހު، ހަނީމޫން ފޭސްއަށް ދިއުމުން ހުރިހާ ކަމެއް ހަދާން ނައްތާ ނުލާށެވެ. ތިބާ އަކީ އަގުހުރި މީހެކެވެ. ގެވެށި އަނިޔާއަކީ ހަމައެކަނި ރިލޭޝަންޝިޕް މައްސަލައެއް ކަމަށް ނުދެކޭށެވެ. އެއީ ޤާނޫނީ ކުށެކެވެ.

އަނިޔާއަށް ނޫނެކޭބުނެ، އައު ދިރިއުޅުމަކަށް މަގުކޮށަންޖެހެއެވެ. އެގެއެވެ. މިއީ އެހާ ފަސޭހަކަމެއް ނޫނެވެ. ނަމަވެސް ހިތްވަރު ކުރަން ޖެހެއެވެ. ތިމާއަށްޓަކައެވެ. ދަރިންނަށްޓަކައެވެ. ދަރިންގެ މުސްތަޤުބަލަށްޓަކައެވެ. ޢާއިލާއަށްޓަކައެވެ.

 

ad 6