އެހެން ގައުމުތަކުގެ ރައްޔިތުންނާއި ދިމާވުމުން މަދުމަދުން ނަމަވެސް ވާހަކައިގެ ތެރެއިން ބުނެލާ އެންމެ އަސަރުކުރާ އެއްވާހަކައަކީ އަހަރެމެންގެ ޖީލަށް ރާއްޖެއަށް އައިސް ރާއްޖެ ބަލާލެވި ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލެވުނަސް ދެން އަންނަ ޖީލުތަކަށް އެފުރުސަތު ފަހަރުގައި ނުލިބިދާނެ ކަމަށް ބުނެ ދައްކާ ވާހަކައެވެ. އެތަނުން އެއް ފަރާތަކުން ބުންޏެއެވެ. މުސްތަގުބަލުގެ ޖީލުތަކުން މޯލްޑިވްސްއޭ ކިޔާ ރީތި ކުދި ރަށްތަކެއް އޮތްކަމަށް ފޮތްތަކުން ކިޔާއުޅޭނެއެވެ. އަދި ތިމަންމެން މިއަދު މި ނަގާ ފޮޓޯތައްބަލައި، އަޖައިބުވެ އެތަން ނެތުމުގެ ހިތާމަ ކުރާނެއެވެ.
ކަނޑުގެ ލޮނުގަނޑު އުފުލުމަށް މެދުވެރިވާ މައިގަނޑު ދެ ސަބަބަކީ ހޫނުވުމުގެ ސަބަބުން ލޮނުފެން ހިފާޖާގަ އިހުނަށްވުރެ ބޮޑުވުމާއި (ނުވަތަ ތާމަލް އެކްސްޕެންޝަނާއި) އެއްގަމުގައި ހުރި އައިސް ވިރި ފެނަށް ބަދަލުވުމެވެ. މި ދެ ސަބަބުގެ މައިގަނޑު އަސްލަކީ ދުނިޔެ ހޫނުވުމެވެ. 1900 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު 1 ނުވަތަ 2 މިލިމީޓަރަށް ކަނޑުގެ ލޮނުގަނޑު އުފުލެއެވެ. އަދި ކޮންމެ 100 އަހަރެއްގައި 10އާއި 20 ސެންޓިމީޓަރާއި ދެމެދުގައި ކަނޑުގެ ލޮނުގަނޑު އުފުލެއެވެ. މިއީ ރާއްޖެފަދަ ކުދި ޖަޒީރާ ގައުމުތަކުގެ ކުރިމަގާމެދު ސުވާލު އުފައްދާ މައިގަނޑު ސަބަބެވެ. އަދި މީގެ އެންމެ ބޮޑު ނުރައްކާ އޮތް ސަރަހައްދުތަކުގެ ތެރޭގައި އިންޑިޔާ ކަނޑުގައިވާ ކުދި ޖަޒީރާ ރަށްތައް ހިމެނިފައިވުމަކީ ދިވެހިން އިންތިހާއަށް ވިސްނަންޖެހިފައިވާ ކަމެކެވެ.
އެއްބަޔަކު ދެން އަންނަ ޖީލުތަކަށް ބެލުމެއްނެތި މި ވަގުތައް ކުރެވެން އޮތްކަމެއް ކުރަމުންދާއިރު އަނެއްބަޔަކު އަންނަން އޮތް ޖީލުތަކުގެ ސަލާމަތަށްޓަކައި މިކަންކަމަށް ދުނިޔެ ހޭލުމަށް ދަނީ ގޮވާލަމުންނެވެ. މި ގޮވާލުމުގައި ދިވެހިރާއްޖޭގެ ސަރުކާރުތަކުން މިހާތަނަށް އަދާކޮށްފައިވަނީ މުހިންމު ދައުރެކެވެ. އެގޮތުން ރައީސް މައުމޫނާއި، ރައީސް ނަޝީދުގެ މަސައްކަތް ފާހަގަކުރަންޖެހެއެވެ. ދިވެހިރާއްޖެއަކީ ދުނިޔެ ހޫނުވުމުގައި ބޮޑު ދައުރެއް ނެތް ބައެއް ނަމަވެސް އެ ހޫނުގެ އަސަރު އެންމެ ބޮޑަށް ތަހައްމަލްކުރަންޖެހޭ އެއްބަޔަކަށް ދިވެހިންވާނެއެވެ. އެހެންކަމުން ރައީސް މައުމޫނާއި ރައީސް ނަޝީދުވަނީ މިކަން ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް އެތައް މަސައްކަތެއް ކުރައްވާފައެވެ. މި މަސައްކަތްތަކުގެ ތެރެއިންވެސް ރައީސް ނަޝީދުގެ ސަރުކާރުގައި ކަނޑުއަޑީގައި ބޭއްވި ކެބިނެޓް ބައްދަލުވުމަކީ ފާހަގަކޮށްލެވޭ ބައިނަލްއަގްވާމީ ދުނިޔޭގެ ނަޒަރުވެސް އެ ހަރަކާތަކަށް ހުއްޓުނު ވަރަށް ކާމިޔާބު ހަރަކާތެކެވެ.
ދިވެހިރާއްޖެއަކީ ބިންތިރި ގައުމަކަށްވުމާއެކު ދުނިޔެ ހޫނުވުމުގެ ސަބަބުން ކުރިމަތިވާ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ރާއްޖޭގެ ކުރިމަގާމެދު ސުވާލުކުރެވުނު ނަމަވެސް އުންމީދީ މަންޒަރުތަކެއްވެސް އެބަފެނެއެވެ. މިކަމަކީ ބައިނަލްއަގްވާމީ ދުނިޔެއިން މިހާރު އަޅާލާ ކަމަކަށް ވެއްޖެއެވެ. ގިނަ ގައުމުތަކަކުން ދުނިޔެ ހޫނުވުމަށް މެދުވެރިވާ ސަބަބު ކުޑަކުރުމަށް ދަނީ އެކި މިންވަރުން މަސައްކަތްކުރަމުންނެވެ. އަދި ހަރުދަނާ ޕްލޭންތައް މިކަމަށްޓަކައި އެކަށައެޅެމުން ދެއެވެ. މީގެ އިތުރުން ދެން ހިގަމުންދަނީ ވިރެމުންދާ އައިސް އަލުން ރީފްރީޒް ކުރުމަށް ކުރެވެމުންދާ މަސައްކަތެވެ. ސައިންސްވެރިންނާއި އެހެނިހެން ގުޅުންހުރި ދާއިރާތަކުގެ ތަޖުރިބާކާރުން ގުޅިގެން ވިރެމުންދާ ގަޑުފެން އަލުން ގަޑުކުރުމަށް ތަފާތު އެކި އިޖާދުތައް ދަނީ ކުރަމުންނެވެ. މީގެ ގިނަ އިޖާދުތަކަކީ އަދި ޓެސްޓްކުރެވެމުންދާ ނުވަތަ ހަމަ ޕްލޭނެއްގެ ސިފައިގައި ހުރި ކަންކަމެވެ. ކޮންމެއަކަސް ހޫނުމިން ދަށްކުރުމަށް ކުރެވޭ މަސައްކަތާއި ވިރެމުންދާ އައިސް ވިރުނަ ނުދިނުމަށް ނުވަތަ އަލުން ގަޑު ކުރުމަށް ކުރެވޭ މަސައްކަތް ކުރިއަށް ދާކަމީ އުފާވެރި މަންޒަރެކެވެ. އަދި އުންމީދެއް ގެނުވައިދޭ ކަމެކެވެ.
މި ދެ ބައި މިހެން ހިގަމުންދާނަމަ އަހަރެމެން މި ކުޑަކުޑަ ދިވެހިރާއްޖެއަށް އޮތް ބިރު ކޮންމެވެސް މިންވަރަކަށް ކުޑަވެގެންދެއެވެ. ވަގުތު ފާއިތުނުވަނިސް ހައްލެއް ލިބިދާނެ ކަމުގެ އުންމީދާއެކު މާ ފަހުގެ ޖީލުތަކަށްވެސް މި ޖަޒީރާ ދިވެހިރާއްޖެ ތަޖުރިބާކުރުމުގެ ފުރުސަތު ލިބޭނެކަމުގެ އުފާވެރި އިހްސާސްކުރެވެއެވެ. އެހެނަސް އަދިވެސް ކުރަންހުރި މަސައްކަތް ވަރަށް ގިނައެވެ. ފަރުދީގޮތުންނާއި ޖަމާއަތްތަކުގެ ތެރެއިންނާއި ސަރުކާރާއި ގައުމީ ފެންވަރުގައި ގިނަގުނަ މަސައްކަތް ހުއްޓުމެއްނެތި ކުރެވެންޖެހެއެވެ. އެހެން ނުވެއްޖެނަމަ ވަގުތު ފާއިތުވެދާނެއެވެ.
ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 22 ވަނަ މާއްދާގައިވަނީ "ދިވެހިރާއްޖޭގެ ޤުދުރަތީ ތިމާވެއްޓާއި، ދިރޭތަކެތީގެ މުއްސަނދިކަމާއި، ޤުދްރަތީ ވަސީލަތްތަކާއި ރީތިކަން މިހާރުގެ ޖީލުތަކަށާއި އަންނަން އޮތް ޖީލުތަކުގެ މަންފާއަށްޓަކައި ރައްކާތެރިކޮށް ދެމެހެއްޓުމަކީ ދައުލަތުގެ އަސާސީ ވާޖިބެކެވެ" މިފަދައިންނެވެ. އެހެންކަމުން ޤާނޫނީ މި ޒިންމާ ދައުލަތުން އޭގެ އެންމެ ފުރިހަމަ ގޮތުގައި އުފުލަންޖެހެއެވެ. މި ޖީލާއި އަންނަން އޮތް ޖީލުތަކުގެ ކުރިމަގަށްޓަކައެވެ. އަދި މިކަމުގައި ފަރުދުންނަށް ބޮޑު ދައުރެއް އަދާކުރެވިދާނެއެވެ. ފަރުދީގޮތުން މިކަންކަމަށް ބާރުއަޅަން ފެށުމުން ޖަމާއަތުގެ ފެންވަރަށް މިކަންކަން ފުޅާވެގެންދެއެވެ. ޖަމާއަތުގެ ފެންވަރުގައި އެކަން ކުރެވެންފެށުމުން، ސަރުކާރުތަކަށް އެއަޑު އުފުލަން މަޖުބޫރުވެއެވެ. ސަރުކާރުތަކުން އެއަޑު އުފުލަން ފެށުމުން ގިނަ ސަރުކާރުތަކެއް ގުޅި ދުނިޔެއަށް ޖުމްލަ ގޮތެއްގައި ހައްލެއް ހޯދުމަށް މަސައްކަތްކުރެއެވެ. ވީމާ ކޮންމެ ފަރުދަކު އެމީހެއްގެ ފަރުދީ ޒިންމާ މިކަމުގައި އަދާކުރުމުން އުންމީދީ ކުރިމަގެއް ފެންނާނެއެވެ.