ދިވެހިރާއްޖޭގެ ދުސްތޫރީ ޤާނޫނުގެ ތާރީޚް



ad 4
ދިވެހިރާއްޖޭގެ ދުސްތޫރީ ޤާނޫނުގެ ތާރީޚް
މުލިއާގެ

ދިވެހިރާއްޖޭގެ ދުސްތޫރީ ޤާނޫނުގެ ތާރީޚް


 

އެންމެ ފުރަތަމަ އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައި ޒަމާނީގޮތަށް ޤާނޫނުއަސާސީއެއް ހިންގަން ފެއްޓުނީ 1932 ވަނަ އަހަރު ޑިސެމްބަރ މަހު 22 ވަނަ ދުވަހުގައެވެ. އެ ޤާނޫނު އެކުލެވިފައިވަނީ އެއިރު ތަޚުތުގައި އިންނެވި އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން އިސްކަންދަރި އިބުނު އައްސުލްޠާން އިބްރާހީމް ނޫރައްދީން އިސްކަންދަރި މިރަދުންގެ އަމުރުފުޅަށް ހޮވުނު ކޮމިޓީއަކުންނެވެ.

އެކޮމިޓީ އެކުލެވިގެންވަނީ ތިރީގައިމިވާ މެންބަރުންގެ މައްޗަށެވެ.

އަލްއަމީރު ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު (ރައީސް)

އަލްއަމީރު ޢަލީ ކުޑަރަންނަބަނޑޭރި ކިލެގެފާނު (ނާއިބު ރައީސް)

އަލްޤާޟީ ޙުސައިން ޞަލާޙުއްދީން އުއްތަމަފަނޑިޔާރު މަނިކުފާނު (ސެކްރެޓަރީ)

އަލްފާޟިލް ޙުސައިން ޙިލްމީ ދީދީ (ނައިބު ސެކްރެޓަރީ)

އަލްއަމީރު އަޙްމަދު ދޮށިމޭނާ ކިލެގެފާނު

އަލްފާޟިލް ގަލޮޅުގޭ މުޙައްމަދު ދީދީ

އަލްއަމީރު މުޙައްމަދު ފަރީދު ދީދީ (ފަހުން ފާށަނާ ކިލެގެނެފާނު)

އަލްއަމީރު ނޫމަރާ ގަނޑުވަރު އިބްރާހީމް ތުއްތު މަނިއްޕުޅު

އައްސައްޔިދު ޢަބްދުﷲ ޢަލީ ދޮށީސީދީ ކަޅުހުރާގެ

އަލްފާޟިލް އިބްރާހީމް ޢަލީދީދީ އެއްގަމުގެ (ފަހުން ފާމުލަދޭރިކިލެގެފާނު)

އަލްފާޟިލް އަޙްމަދު ކާމިލް ދީދީ

އައްޝައިޚު އިބްރާހީމް ރުޝްދިލްއަޒްހަރީ

އަލްއަމީރު ޙަސަން ފަރީދު ދީދީ

އަލްފާޟިލް މުޙައްމަދު އަމީން ދީދީ (ފަހުން ދޮށިމޭނާ ކިލެގެފާނު)

 

ދެންފަހެ، މިކޮމިޓީން އެކަށައެޅުއްވި ޤާނޫނުއަސާސީ އިއުލާން ކުރެވުނީ 22 ޑިސެންބަރ 1932 ވަނަ ދުވަހު ބޭއްވުނު ޚާއްސަ ދަރުބާރެއްގައެވެ. އާދެ! މި ތާރީޚީ ދުވަހަކީ ދުސްތޫރީ ޤާނޫނެއް ދިވެހި ޖައްވަށް ނޭވައިލާން ފެށި ފުރަތަމަ ދުވަހެވެ. މި ޤާނޫނު އަސާސީގެ މައްޗަށް ވިސްނާލާއިރު ޤާނޫނީ ދުނިޔެއަކަށް އަލަށް ނޭވާލާން ފަށައިގަންނަ ދިވެހި އުއްމަތަށް، ހެޔިވަތަށްވުރެ މަތީ ފެންވަރެއްގެ ބައެއް މާއްދާ އޭގައި އެކުލެވިގެންވީ ނަމަވެސް ޤާނޫނު އަސާސީއެއްގެ ގޮތަށް އެއީ ވަރަށް ފުރިހަމަ ޤާނޫނެއް ކަމަށް ފެނެއެވެ.

މި ޤާނޫނު ދުވަސްކޮޅަކު ހިންގުމަށްފަހު މެދުވެރިވީ ކަންތައްތަކެއްގެ ސަބަބުން މި ޤާނޫނު އަސާސީ ހިންގުމަށް ދަތިވެ، ޤާނޫނުގެ ބައެއް މާއްދާ ބަދަލުކުރެވުނެވެ. މިބަދަލު ގެނެވި އިޞްލާޙު ކުރެވުނީ އަލްއަމީރު ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު ދެއްވި ލަފާފުޅުގެ މަތިންނެވެ. މި އިޞްލާޙު ކުރެވުނު ޤާނޫނުއަސާސީއަށް ދައުލަތް ހިންގަން ފެއްޓުނީ 1353ހ. ވަނަ އަހަރު ޞަފަރުމަހުގެ 29 ވަނަ ދުވަހުއެވެ. އޭރު ރާއްޖޭގެ ތަޚްތު ޒީނަތްތެރިކޮށް ދެއްވުމަށް އިންނެވި އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން އިސްކަންދަރު ކައްތިރި ބަވަނަ މާހާރަދުން ރަސްކަމުން ޢަޒުލުކުރެވުނީ، މި ދެންނެވި ޤާނޫނުއަސާސީގެ 26 ވަނަ މާއްދާއާއި އެއްގޮތްވާ ގޮތުގެމަތިންނެވެ.

މެދުވެރިވި ސަބަބުތަކަކަށްޓަކައި މިދެންނެވީ ޤާނޫނުއަސާސީއަށް އަނެއްފަހަރު އިޞްލާޙު ގެނެވުނީ 1355ހ. ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ 16 ވަނަ ދުވަހުގައެވެ. އަލްއަމީރު ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުންގެ ލަފާފުޅުގެ މަތީންނެވެ. 1358 ހ. ވަނަ އަހަރު ޖުމާދިލްއޫލާ މަހުގެ 17 ވަނަ ދުވަހަކީވެސް މި ޤާނޫނުއަސާސީގެ ވަރަށްގިނަ މާއްދާ ބަދަލުކުރެވި އިޞްހާޙު ގެނެވުނު ދުވަހެކެވެ.

ދުވަހަކީ 1358 ހ. ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ 20 (30 ޖެނުއަރީ 1940 މ.) ވަނަ ދުވަހެވެ. ދުވަހަކީ ދިވެހިރާއްޖޭގެ ޙާލާއި އެކަށީގެން ނުވާކަމަށް ފެނިގެން އެ ޤާނޫނުއަސާސީގެ 80 ވަނަ މާއްދާގައި ނަންގަނެވިގެންވާ ޚާއްސަ މަޖިލީހުން ޤާނޫނުއަސާސީ އުވާލުމަށް ފާސްކޮށް، އެ ޤާނޫނު ނައްތާލި ދުވަހެވެ. އެދުވަހުން ފެށިގެން ދިވެހި ދައުލަތް ހިނގަމުން އައީ ޤާނޫނުއަސާސީއެއް ނެތިއެވެ. އޭރު ދިވެހި ދައުލަތް ހިނގަމުން އައީ، ދައުލަތް ހިންގެވުމަށް އިސްވެ ހުންނެވި އަލްއަމީރު ޙަސަން ފަރީދު ދީދީއަށް ފެނިވަޑައިގަތް ގޮތެއްގެ މަތީންނެވެ. ކުރީގެ ޤާނޫނުތަކުގެ ޢާއްމު ރޫޙާއި މާބޮޑު ތަފާތު ނޫން ގޮތެއްގައެވެ.

މިގޮތުގައި ދުވަސްތަކެއް ވޭތުވުމަށްފަހު، އަލުން އައު ޤާނޫނުއަސާސީއަކަށް ދުނިޔޭގެ އަލިކަން ފެނުނީ 1361 ހ. ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ 6 ވަނަ ދުވަހުގައެވެ. 1942 މ. ވަނަ އަހަރު އޭޕްރީލްގެ 23 ވަނަ ދުވަހުގައެވެ. މި ޤާނޫނަކީ ވަރަށް މުޚްތަޞަރު ޤާނޫނެކެވެ. މިކަމަށްޓަކައި ދިވެހި ތާރިޚުގައި މި ޤާނޫނު މަޝްވަރާވެފައިވަނީ، "ކުޑަ ޤާނޫނުއަސާސީ" ގެ ނަމުންނެވެ.

ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއެއްގެ ގޮތުގައި މި ޤާނޫނު ހިނގުމަށްފަހު 1363 ހ. ވަނަ އަހަރު ޛުލްޤަޢިދާމަހުގެ 11 ވަނަ ދުވަހު އަނެއްކާވެސް 1355 ހ. ވަނަ އަހަރު އިޞްލާޙު ކުރެވުނު ޤާނޫނުއަސާސީއަށް ދައުލަތް ހިންގުމަށް ފެށުނެވެ. އާދެ! އެއަށްފަހު، އެ ޤާނޫނަށް ހިންގަމުން، އެކިއެކި އިޞްލާޙުތައް އޭގެ މާއްދާތަކަށް ގެނެވެމުން އައެވެ. މިގޮތުގެމަތީން އިޞްލާޙުތައް އަންނަމުން އައިސް 1370ހ. ވަނަ އަހަރު ޝަޢުބާން މަހުގެ 24 ވަނަ ދުވަހު ފާސްކުރެވުނު ޤާނޫނުއަސާސީއަކީ، ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާއާއި ޖެހެންދެން ދެމިއޮތް ޤާނޫނުއަސާސީއެވެ.

ދެންފަހެ 1371 ވަނަ އަހަރު ރަޖަބުމަހުގެ 23 ވަނަ (19 އޭޕްރީލް 1952) ދުވަހު ނެގުނު ޢާއްމު ވޯޓެއްގެ ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖޭގެ ވެރިކަން ރަސްކަމަކުން ޖުމްޙޫރިއްޔާއަކަށް ބަދަލުކުރުމަށް ކަނޑައެޅި، މިދެންނެވި ފުރަތަމަ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ފާސްކޮށް އިޢުލާނުކުރެވުނީ 1372 ވަނަ އަހަރު ރަބީޢުލްއާޚިރުމަހުގެ 14 ވަނަ (1 ޖަނަވަރީ 1953) ދުވަހުއެވެ. ދިވެހިރާއްޖޭގައި އުފެދުނު ޤާނޫނުއަސާސީތަކުގެ ތެރޭގައި މިފަދަ ފޭރާންދެރަ ޤާނޫނު އަސާސީއެއް ފެނިފައެއް ނެތެވެ. މި ޤާނޫނުއަސާސީގެ ޢުމުރަކީވެސް ވަރަށް ކުރު ޢުމުރެކެވެ. 7 މަހާއި އެތައް ދުވަހެކެވެ.

މިނަންގަނެވުނު ޖުމްހޫރިއްޔާވެސް މި ޤާނޫނާއިއެކު ފަސްދާނުލެވި ނިމިދިޔައީއެވެ. މިކަން ހިނގި ދުވަހަކީ 1372 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ 11 ވީ ހުކުރު ދުވަހެވެ. އާދެ، މިދުވަހު މި ޤާނޫނު އުވިގެން ދިޔައީއެވެ.

މިދުވަހަށްފަހު އަނެއްކާވެސް ދިވެހިރާއްޖޭގެ ވެރިކަން ރަސްކަމަކަށް ފުރޮޅިގެން ހިނގައްޖެއެވެ. މިއައި ބަދަލާ ގުޅޭގޮތުން އެކުލަވާލެވުނު އައު ޤާނޫނުއަސާސީ އިޢުލާން ކުރެވުނީ 1 ރަޖަބު 1373ހ. 7 މާރޗް 1967 މ. ގައި އިޞްލާޙު ގެނެވުނެވެ. މިގޮތުގެމަތިން މި ޤާނޫނަށް ޢަމަލުކުރެވެމުން ދަނިކޮށް ޖަލާލަތުލްމުލްކު މުޙައްމަދު ފަރީދުލް އައްވަލު ކީރިތި މަހާރަދުންގެ ރަސްކަމުގައި 15 މާރޗް 1968 ދުވަހު ނެގުނު ޢާއްމު ވޯޓަކުން ދިވެހިރާއްޖޭގެ ވެރިކަން ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލުކުރުމަށް އަޣްލަބިއްޔަތު ލިބި ފާސްވެއްޖެއެވެ.

ދެންފަހެ މި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަކަށް ދިވެހިރާއްޖޭގެ ރައްޔިތުން ރާއްޖެއަށް ލިބިގަތުމަށް ޤަސްދުކުރި ޤާނޫނު އިޢުލާން ކުރެވުނީ 11 ނޮވެމްބަރ 1968މ. (20 ޝަޢުބާން 1388 ހ.) ގައެވެ. މި ޤާނޫނު އެކުލެވިފައިވަނީ ރިޔާސީ ޖުމްހޫރިއްޔާގެ އުސޫލަށެވެ. އެއަށްފަހު 2 ފެބްރުވަރީ 1972 ގައި ޕާލިމެންޓްރީ ޖުމްހޫރިއްޔާގެ އުޞޫލަށް މި ޤާނޫނު ވަނީ ބަދަލުކުރެވިފައެވެ. އެއަށްފަހު 21 އޭޕްރީލް 1975 ގައި ރިޔާސީ ޖުމްހޫރިއްޔާގެ އުސޫލަށް މި ޤާނޫނުވަނީ ބަދަލުކުރެވިފައެވެ.

 

ނޯޓް:މިލިޔުމަކީ ފަޟީލަތުއްޝައިޚު އަލްއުސްތާޛު މޫސާފަތުޙީ ލިޔުއްވާފައިވާ 'ޤާނޫނަށް މަގެއް' މި ސިލްސިލާއިން ނަކަލު ކުރެވިފައިވާ ލިޔުމެކެވެ. އަލްއުސްތާޛް މޫސާފަތުޙީ އަކީ ދިވެހިރާއްޖޭގެ ޝަރުޢީ އަދި ޤާނޫނީ ދާއިރާގައި، ގިނަދުވސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ފުރަތަމަ އުއްތަމަ ފަނޑިޔާރުކަމާއި، ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ޖަސްޓިސް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ.

 

ad 6