ދުނިޔެއަށް ނަޒަރުހިންގާ ބަލާއިރު ގައުމުތަކުގެ އެތެރޭގައި ހަމަނުޖެހުން ހިނގަން މެދުވެރިވާ މައިގަނޑު ސަބަބަކީ ދީނީ ބައިބައިވުންތަކެވެ. އާންމުގޮތެއްގައި ގައުމެއްގެ ތެރޭގައި އޮންނަ ދެ ދީނެއްގެ ބައެއްގެ ދެމެދުގައި ހިގާ ނުތަނަވަސްކަމެއްގެ ސަބަބުން ހަމަނުޖެހުމަކަށް ދަނީއެވެ. އަދި ދޭދޭ ގައުމުތަކުގެ މެދުގައި ހަނގުރާމަތައްކޮށް ހަމަނުޖެހުން ހިގާފައިވަނީ ގައުމީ އަދި ދީނީ ތަފާތު ސަބަބުތަކާއެކުގައެވެ. އެއް ގައުމެއްގެ ބަޔަކު އެކަތިގަނޑެއްގެ ގޮތުގައި ތިބޭއިރު އެއް ދީނަކަށް ތަބާވާ ފަރާތްތައްވެސް އެކަތިގަނޑެއްގެ ގޮތުގައި ދެމިތިބެއެވެ. މިދެންނެވި ސަބަބުތައް ތާރީޚުން ފެންނަން އޮތުމުން ގައުމުތައް ބިނާކުރުމުގައި މި ދެންނެވި ދެ ބަޔަށް ނުހަނު އިސްކަންދެވިފައިވެއެވެ.
އިންސާނާގެ އިޙްސާސްތަކާ އެންމެ ބޮޑަށް ކުޅެލާ އެކައްޗަކީ ލަވައެވެ. މިގޮތުން ގައުމީ ލޯބި އާލާކޮށް ގައުމީ ޖޯޝު އުފެއްދުމަށް ބޭނުންކޮށްއުޅޭ ލަވަތަކުގައިވެސް ޅެންވެރިން މި ދެބައި ހިމަނަން ވަރަށް އިސްކަންދީފައި ވަނިކޮށް ފެނެއެވެ. މިގޮތުން ދިވެހި ލަވަތަކަށް ބަލާނަމަ "މާތްވި އިސްލާމްދީނާ ގައުމަށްޓަކައި ހިގާށެދާން މިޖާނުދޭން........." އާއި "ގައުމާ މަގެ ދީނާ މަގެ އަމްނާ ނުކުޅެއްޗޭ..." ފަދަ ލަވަތަކަކީ މީގެ ކުޑަ މިސާލެކެވެ.
ސިޔާސީ މައިދާނުގައި ތާރީޚާއި އިންސާނާގެ ވިސްނުމަށް ބެލިގެން މި ދެ ބައިގެ ބޭނުންކުރެވިފައިވަނީ ވަރަށް މަތީ ދަރަޖައަކަށެވެ. މި ލިޔުމުގައި އަޅުގަނޑު ބަލައިލާނީ ދިވެހިރާއްޖޭގެ ފުރަތަމަ ގާނޫނުއަސާސީ ވީދާލައި ނެތިކޮށްލުމުގައި މުޙައްމަދު ޝަމްސުއްދީން ރަދުން "ދީނާއި ގައުމު" ބޭނުންކުރެއްވި ގޮތުގެ މައްޗަށެވެ.
ދިވެހިރާއްޖޭގައި ފުރަތަމަ ގާނޫނުއަސާސީއެއް އުފެދުމަށް މެދުވެރިވި ސަބަބުތަކުގެތެރޭގައި އޭރު ރާއްޖޭގެ ރަސްކަމުގެ ތަޚުތުގައި އިންނެވި މުޙައްމަދު ޝަމްސުއްދީންގެ ދަރިކަލުން އޭރު ރާއްޖޭގެ ވަލީއަހުދުގެ ގޮތުގައި ހުންނެވި އަލްއަމީރު ހަސަން އިއްޒުއްދީނުގެ އަޚްލާގާއި މެދުގައި އެދުވަސްވަރު ތިއްބެވި ސިޔާސީ ބައެއް ލީޑަރުންގެ ހުރި ނުތަނަވަސްކަން މުހިންމު ދައުރެއް އަދާކުރިއެވެ. މުޙައްމަދު ޝަމްސުއްދީންގެ ދަރިކަލުންނަށް އެޒަމާނަށްބަލާއިރު ވަރަށް ލަގްޒަރީ ގަނޑުވަރެއް ހުރީ ބިނާކޮށްދެއްވާފައެވެ. އެއީ މިހާރުގެ މުލިއާގެއެވެ. ވަގުތުތައް ހޭދަކުރެއްވީ މިއުޒިކާއި ނެށުމާއި ނާޗަރަންގީ ކުޅުމުގެ ތެރޭގައެވެ. ނޭދެވޭ ކިތަންމެ ކިތަންމެ ކަމެއް ގަނޑުވަރު ތެރޭގައި ހިގަމުންދިޔައެވެ.
މިކަންކަމާ ހިތްހަމަޖެހި ވަޑައިނުގެން އޭރުގެ ބޮޑުވަޒީރު ޢަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނު ފިޔަވަޅުތަކެއް އަޅުއްވަން ފައްޓަވައިފިއެވެ. މުޙައްމަދު ޝަމްސުއްދީންގެ ދިގު ރަސްކަމުގެ ބާރުގެ މައްޗަށް ކާމިޔާބު ހޯދުމަށް އިގިރޭސިންގެ އެހީތެރިކަން ކަމަށްވެސް ކޮއްކޯފުޅު މެދުވެރިކުރައްވާ އެދިލައްވައިފިއެވެ. ބޭނުމަކަށް ވެފައި އޮތީ މައިޑަނޑު ގޮތެއްގައި މުޙައްމަދު ޝަމްސުއްދީނަށް ފަހު މުޙައްމަދު ޝަމްސުއްދީންގެ ދަރިކަލުން ތަޚްތަށް އިސްވިޔަ ނުދިނުމެވެ.
ބޮޑުވަޒީރު ޢަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނުގެ ހިކުމަތާއި ދިވެހިރާއްޖެއާއި މެދުގައި ފުންކޮށް ވިސްނަމުންދިޔަ ސިޔާސި އެތައް ބައެއްގެ މަސައްކަތުގެ ނަތީޖާއަކަށްވީ ގާނޫނުއަސާސީއެއް އެކަށައެޅިގެން ދިއުމެވެ. އިގިރޭސިންގެ ނުހަނު ބޮޑު މަދަދުވެރިކަމާއެކުގައެވެ. ގާނޫނުއަސާސީގައި ވެރިކަން ހިގާނެ މަގު ސާފުކޮށް ލިޔެވި ގަރާރުވެއްޖެއެވެ. ރަސްކަމުގައި ހުންނެވި މުޙައްމަދު ޝަމްސުއްދީނަށް މިއީ އެއްގޮތަކަށްވެސް ބަލައިގަނެވޭކަމަކަށް ނުވިއެވެ. ބާރުތައް ހަނިކޮށް ބޭނުންހާ ގޮތަކަށް ކަންކަން ނުކުރެވޭގޮތަށް އޮތުމުން އެ ނުތަނަވަސްކަން ބޮޑުވެ އެންމެފަހުން ގާނޫނުއަސާސީ ނިމުމަކަށް ގެންނާނެ ގޮތެއް ހޯއްދަވަން ފައްޓަވައިފިއެވެ. މުޙައްމަދު ޝަމްސުއްދީނަކީ އެތައް ޒަމާނެއްވަންދެން ދިވެހިރާއްޖޭގެ ރަސްކަން ކުރައްވާފައި ހުރި ފަރާތެއްކަމުން ދިވެހި އާންމު ރައްޔިތުންގެ ވިސްނުމާއި ކުޅެލާނެ މޮޅުގޮތެއް ދިޔައީ ރާއްވަވަމުން ތަރުތީބުކުރައްވަމުންނެވެ. ރަނގަޅަށް މި ރޭއްވެވުންތައް ރާއްވަވައި ފުރަތަމަ ގާނޫނުއަސާސީ އުވާލެއްވުމަށް މުޙައްމަދު ޝަމްސުއްދީން ކުރެއްވި މަޝްވަރާގައި ވަނީ އެ މަނިކުފާނު މަސައްކަތް ކުރައްވަނީ "ޙައްޤު އިސްލާމް ދީނާ، ދިވެހި ދައުލަތާ ރައްޔިތުންނަށް ޓަކައި." ކަމަށެވެ. އަދި މި މަސައްކަތުގައި ބައިވެރިވާނެ ބަޔަކު ހޯއްދެވިއެވެ. މިމީހުންގެ ތެރޭގައި އެވަގުތު ރާއްޖޭގައި ތިބި ވިޔަފާރިވެރިން އިސް ދަރެއް އަދާކުރިއެވެ. އެ ޒަމާނުގައި ހުރި އެންމެ ބޮޑު މަހުޖަނު ގުޅީ އީސާ ކަލޭފާނު އޮތީ ލިސްޓުގެ ވަރަށް ކުރީގައެވެ. ދިވެހި ދައުލަތައް ގެއްލުމެއް ދީގެން ނަމަވެސް އެ ވިޔަފާރިވެރިންގެ ޖީބަށް އެއްޗެއް ވަންނަނީނަމަ އެގޮތާ ރުހިގެންގެންނެވެ. އަދި 4 ރަށެއްގެ ކަތީބުންވެސް މި ހަރަކާތާއި ގުޅިއްޖެއެވެ. އެއީ ބަޑިދޫ ކުޑަ ކަތީބު، މާއެބޫދޫ ކަތީބު، ނިލަންދޫ ކަތީބު އަދި ވާނީ ކަތީބުއެވެ. އެގޮތުން އެ މަނިކުފާނާއި އެއްބައިވި މީހުނަށް އަތުން ލިޔެފައި ކަރުދާހެއް ދިނެވެ. އެކަރުދާހުގައިވަނީ "މާތްކަލާންގެ ޙައްޤުފުޅަށްޓަކައި، އިތުރު ނަބީކަލޭގެފާނުގެ ޙައްޤު ފުޅަށްޓަކައި، އިސްލާންދީނާ ދިވެހި ދައުލަތާ ރައްޔިތުންނަށްޓަކައި..." ކުރާކަމެއްކަމަށެވެ. ރަނގަޅަށް ފިކުރުކޮށް ބެލުމެއްނެތި މީސްތަކުންގެ ތެރެއިން އެތައްބަޔަކު ރަސްކަމުގައި ހުންނެވި މުޙައްމަދު ޝަމްސުއްދީނަށް ވާގިވެރިވެ މަސައްކަތް ފަށައިފިއެވެ. ދީނާއި ގައުމަށްޓަކައޭ ބުނެއެވެ. މި މަސައްކަތް މުޙައްމަދު ޝަމްސުއްދީން ކާމިޔާބު ކުރައްވައިފިއެވެ. އެންމެފަހުން ރައްޔިތުންގެ ބަޔަކު ގުޅަކުޅޭ ފަސްގަނޑަށް ނުކުމެ ގާނޫނުއަސާސީ ވީދާލައިފިއެވެ. އަނެއްކާވެސް ހިތުހުރި ގޮތަކަށް ކަންކުރަން ފުރުސަތު ލިބުނީއެވެ. ބައިތުލްމާލާއި މުޅި ދައުލަތް އަމިއްލަ މިލްކެއް ފަދައިން ބޭނުންކުރަން މަގުކޮށުނީއެވެ.
އިސްލާމްދީނާ ގައުމައްޓަކައޭ ބުނެ ފަރުދާގެ ފުރަގަހުގައި މި އެންމެހައި ކަންކަން ރާވަމުން އާންމު ރައްޔިތުންނަށް ތަފާތު މޫނެއް ދައްކަމުން ދިޔަ ނަމަވެސް އެތެރެއިން ބަލަން ތިބި މީހުންނަށް ފެނުނީ މުޅިން އެހެން މަންޒަރެކެވެ. އެ ފަރާތްތަކުން ތިބީ ދޫ ދޭކަށެއްނޫނެވެ. މުޙައްމަދު ޝަމްސުއްދީން ރީތި އިބާރާތްތަކުން ރައްޔިތުންނާއި މުޚާތަބު ކުރައްވާ، ޖުއްބާ ކޮޅެއް ތުރުކުރައްވައި ބޮލުގައި ފަގުޑިއެއް އަޅުއްވައިގެން އާންމުންގެ ތެރެއަށް ނުކުމެ ވަޑައިގަތުމުން އާންމު ރައްޔިތުންނަށް މާ ބޮޑު އަސްލެއް ޙަޤީޤަތެއް އޮތީ ސާފުނުވެއެވެ. އެހެނަސް މާ އެތެރެއިން ކަން ހިގަމުންދިޔަ ސާފުނޫން މަގު އެންމެ އިސް ސަފަށް ދިޔައީ ފެންނަމުންނެވެ.
ދިވެހި ގައުމަށް މާ ރަނގަޅު އުޖާލާ ޒަމާނެއް ހޯދުމަށް އެދިއެދިތިބި ދިވެހިން ހުއްޓުމެއްނެތި ދިޔައީ މަސައްކަތް ކުރަމުންނެވެ. ބޭރުގެ ދައުލަތްތަކާއެކުއެވެ. އަދި ރާއްޖޭގެ އެތެރޭގައެވެ. އެންމެ ފަހުން މުޙައްމަދު ޝަމްސުއްދީނަށް ޖެހުނީ ތަޚްތު ދޫކޮށްލާށެވެ. މުޙައްމަދު ޝަމްސުއްދީނާއި އޭނާގެ ދަރިކަލުން ފުވައްމުލަކަށް އަރުވާވެސް ލެވިއްޖެއެވެ.
މުޙައްމަދު ޝަމްސުއްދީނުގެ 31 އަހަރުވީ ދިގު ރަސްކަން ނިމި އެކުގައި ތިބި މީހުންވެސް އެންމެފަހުން ގެއްލި ދިޔައީއެވެ. ވެރިކަން ލިބޭނެކަމުގެ ފޮނި އުންމީދުގައި ހުރި އަލްއަމީރު ހަސަން އިއްޒުއްދީން ފުވައްމުލަކުގައި އެހެން ހުނަނަވަނިކޮށް އާލާސްކަންފުޅެއްގައި އަވަހާރަވީއެވެ. ދީނާއި ގައުމަށްޓަކައި ކަމަށް ވިދާޅުވެ ފެއްޓެވި ނުކިއްސަރު މަސައްކަތުގެ އާޚިރު ނަތީޖާ އެބައިމީހުންނާއި އަރައި ހަމަކުރި ގޮތް ނިކަން ބައްލަވާށެވެ. ދިވެހި ޤާނޫނުއަސާސީގެ ތާރީޚުގައި ކަޅުލައްގަނޑެއް ޖެހުނުނަމަވެސް އަލުން ދިވެހިރައްޔިތުން ޤާނޫނުއަސާސީއެއްވެސް ވަނީ ހޯދާފައެވެ. އަދި އެއަށްފަހު ވުޖޫދުވި ޤާނޫނުއަސާސީ މެދުކެނޑުމެއްނެތި، އިސްލާހުތަކެއް ކުރެވުނު ނަމަވެސް މިއަދާ ހަމައަށްވެސް މިއަންނަނީ ހިނގަމުންނެވެ.