މާލޭގެ މަގުމަތީގެ ތޮއްޖެހުން ކޮޅެއްގައި ޖައްސަންވެއްޖެ



ad 4
މާލޭގެ މަގުމަތީގެ ތޮއްޖެހުން ކޮޅެއްގައި ޖައްސަންވެއްޖެ
ޓްރެފިކް

މާލޭގެ މަގުމަތީގެ ތޮއްޖެހުން ކޮޅެއްގައި ޖައްސަންވެއްޖެ


 

މާލެ، އާދެ! ރާއްޖޭގެ ވެރިކަން ކުރާ ރަށުގެ ކާރޫ ބާރޫ ބޮޑު ކަމުގެ ވާހަކައަކީ ދައްކާ ކޮޅެއްގައި ޖައްސަންވެއްޖެ ވާހަކައެކެވެ. މަޖީދީމަގު އެއްކޮޅުން އަނެއްކޮޅަށް (ގާތްގަޑަކަށް 1.78 ކިލޯމީޓަރ) އެވަރެޖް ސްޕީޑެއްގައި ހުރަސްކުރުމަށް ފަނަރަ މިނިޓް ނަގައެވެ. ކުރިން މާލޭގައި މިފަދައިން އެއްގަމު އުޅަނދު ގިނަވެ ތޮއްޖެހިފައި އޮންނަތަން ގިނައިން ފެންނަނީ ޢީދު ވިލޭރޭ، ރަމަޟާން މަހުގެ ދުވަސްތައްފަދަ ޚާއްސަ ދުވަސްތަކުގައެވެ. ނަމަވެސް މިހާރު، މަގުމަތި ތޮއްޖެހިފައި ނޯންނަ އިރެއް ނުފެނެޔޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. މެންދުރުގެ ގަދަ އަވީގައިވެސް ފެންނަނީ މިދެންނެވި ފަދައިން ތޮއްޖެހިފައިވާ މަގުތަކެވެ. މަގުމަތި ތޮއްޖެހުމުން އެތައް ގިނަގުނަ ގެއްލުންތަކެއް ދަނީ ލިބެމުންނެވެ.

ތަފާސްހިސާބުތަކަށް ކަޅިއެއް

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ރިޕޯޓްތައް ދައްކާގޮތުގައި މިދިޔަ އަހަރު (2018ވަނަ އަހަރު) މުޅިން އަލަށް 11،319 އުޅަނދު ވަނީ ރަޖިސްޓްރީ ކޮށްފަ އެވެ. އެގޮތުން އެންމެ ގިނައިން ރަޖިސްޓްރީ ކޮށްފައި ވަނީ ސައިކަލެވެ.  9،038 ސައިކަލް ރަޖިސްޓްރީކޮށްފައިވާއިރު ދެން އެންމެ ގިނައިން ރަޖިސްޓްރީ ކޮށްފައިވަނީ ބެޓަރި ބައިސްކަލެވެ. މިއީ 2016 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ބޭނުންކުރަން ފަށައި ރާއްޖެ އެތެރެކުރުން ގިނަވަމުން އަންނަ އުޅަނދުތަކެކެވެ. މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގައި 1،183 ބެޓަރި ސައިކަލު ވަނީ ރަޖިސްޓްރީ ކޮށްފައެވެ. ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އެއްގަމު އުޅަނދުތަކުގެ ތެރެއިން އެންމެ ގިނަ އުޅަނދުތައް ދުއްވަނީ މާލެ ސަރަހައްދުގަ އެވެ. އެއީ 74،488 އުޅަނދެވެ.

ރާއްޖެ އެތެރެކުރާ އުޅަނދުތަކުގެ ތެރެއިން 90 ޕަސެންޓަކީ ސައިކަލެވެ. ދުވާލަކު 44 ސައިކަލު ރަޖިސްޓްރީކުރާއިރު، މަހެއްގެ މައްޗަށް މާލެއަށް 600 އަށްވުރެ ގިނަ ސައިކަލް ރަޖިސްޓްރީކުރެއެވެ. އަދި މާލޭގައި އެކަނި 68000 އަށްވުރެ ގިނަ ސައިކަލް ރަޖިސްޓްރީކޮށްފައިވާކަމީ އަޅުގަނޑުމެން ވިސްނާލަންޖެހޭ ކަމެކެވެ. މި ރޭޓުން ސައިކަލް ރަޖިސްޓްރީ ކުރާނަމަ ވިސްނާލާށެވެ. ކޮންމެ ސައިކަލެއް ޕާކްކުރުމަށް އެއް ފޫޓް ނަގާނެއެވެ. މަޖީދީމަގުގެ ދިގުމިނުގައި ގާތްގަޑަކަށް 5900 ފޫޓް ހުރެއެވެ. މާނައަކީ މިހާރު ރަޖިސްޓްރީކޮށްފައިވާ ސައިކަލުތައް މަޖީދީމަގުގެ ދެފަރާތުގައި ޕާކްކޮށްލަން ބެލިނަމަވެސް މަޖީދީމަގުގެ ދިގުމިންހުރި އިތުރު 5 މަގު ބޭނުންވާނެއެވެ.

މާލޭގައި ދިރިއުޅޭ ކޮންމެ ދެމީހަކަށް އުޅަނދެއް ހުރި ކަމަށް މީގެ މަހެއްގެ ކުރިން ހެދި ތަފާސްހިސާބުތަކަކުން ދައްކާ ކަމަށްވެސް 8 ސެޕްޓެމްބަރ 2019 ގައި  ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

އެތައް ފުރާނައެއް ގެއްލިއްޖެ

އެއްގަމު އުޅަނދު ގިނަވުމުން ސިއްޙަތަށް އެތައް ގިނަގުނަ ގެއްލުންތަކެއް ކުރިމަތިވެއެވެ. އަދި މިކަމަކީ ޚާއްސަ ސަމާލުކަމެއް ދީގެން އަވަސް ފިޔަވަޅުތަކެއް އަޅައި ހައްލެއް ގެންނަންޖެހޭ ކަމެކެވެ. މިގޮތުން އެކްސިޑެންޓްތައް ގިނަވުމުގެ ސަބަބުން މަގު ބޭނުންކުރާ ފަރާތްތަކަށް ރައްކާތެރި ތަނަކަށް ނުވުމާއި، ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުމުގެ ސަބަބުން ބޮޑެތި އިންޖަރީ ވުމާއި، މަރާ ކުރިމަތިލާން ޖެހިފައިވާކަން ފާހަގަކުރެވެއެވެ. 2019 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހަށް ބަލާއިރުވެސް  އެވްރެޖްކޮށް ހަފްތާއަކު މާލޭގެ މަގުތަކުގައި 04 އެކްސިޑެންޓް ހިގައިފައިވެއެވެ. އަދި 2019 އޮކްޓޫބަރ މަހުގެ ފުރަތަމަ ހަފްތާގައި އެކަނިވެސް 58 އެކްސިޑެންޓް ހިގައިފައިވެއެވެ. ރާއްޖެއަށް ބެލިނަމަވެސް ކިތައް ހިތާމެތި ޙާދިސާ ހިނގައި ކިތައް  ފުރާނަ ގެއްލިފައިވޭތޯއެވެ. އަދި މަގުމަތީގެ ނުރައްކާތެރި އެކްސިޑެންޓްތަކުގެ ސަބަބުން ފޫނުބެއްދޭވަރުގެ ކިތައް އަނިޔާ ލިބިފައިވޭތޯއެވެ.

ވައި ނުސާފުވުން

އުޅަނދުތަކުން އަރާ ދުމަކީ ވައި ނުސާފުވުމުގައި ވަރަށްބޮޑު ދައުރެއް އަދާކުރާ އެއްޗެކެވެ. 1999 ވަނަ އަހަރު ހެދުނު ދިރާސާއަކުން ދައްކާގޮތުގައި އޮސްޓްރޭލިޔާގައި އެއަރ ޕޮލިއުޝަންގެ 40 އާއި 90 އިންސަތަ އަކީ މޮޓޯ ވެހިކަލްތަކެވެ. އަޅުގަނޑުމެންގެ ވެރިރަށް މާލޭގައި، ވައި ތަގައްޔަރު ވެފައިވާ މިންވަރު ބަލަމުން ނުދިޔަ ނަމަވެސް އެނގޭ ޙަޤީޤަތަކީ އަޅުގަނޑުމެން ނޭވާލާ ޖައްވުގައި އެއްގަމު އުޅަނދުތަކުގެ ދުމުގެ ސަބަބުން ތަގައްޔަރުވެފައިވާ ވައި އިންހޭލް ކުރެވި އޭގެ ގެއްލުން އެތެރެހައްޓަށް ނޭންގި ނަމަވެސް ވަމުންދާނެކަމަވެ. މިފަދައިން ވައި ނުސާފުވެ ތަގައްޔަރު ވުމުގެ ސަބަބުން އިންސާނާ މަރާ ހަގުރާމަކުރަންޖެހޭ މިންވަރު އިތުރުވަމުންދާކަން ކުރެވޭ ދިރާސާތަކުން ދައްކައެވެ.

އެހެނިހެން ގިނަގުނަ ގެއްލުންތަކެއް

އެމެރިކާގައި ކުރެވިފައިވާ ދިރާސާތަކަކުން ދައްކާ ގޮތުގައި، އެވަރެޖްކޮން އަހަރަކު 42 ގަޑިއިރު ޓްރެފިކްގެ ސަބަބުން ގެއްލިގެން ދެއެވެ. އަދި އަހަރެއްގެ މައްޗަށް 100 ބިލިއަން ޑޮލަރުގެ ގެއްލުން ޓްރެފިކްގެ ސަބަބުން ވެގެންދެއެވެ. އަދި ޖަރނަލް އޮފް ޕަބްލިކް އިކޮނޮމިކްސްގައި ޝާއިޢުކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި، ދުވާލުގެ ޓްރެފިކްގެ ސަބަބުން ރޭގަނޑުގައި ގެވެށިއަނިޔާކުރުން 9 އިންސައްތަ އިތުރުވެފައިވެއެވެ. އަދި އާންމުގޮތެއްގައި ދިރާސާތަކުން ފާހަގަކުރެވިފައިވާ ގޮތުން ޓްރެފިކްގެ ސަބަބުން އިންސާނުން ސްޓްރެސްވުމަށް މަގުފަހިވެއެވެ. އަދި މިކަމަކީ ސިކުޑީގެ ދުޅަހެޔޮކަމަށްވެސް އަސަރުކުރުވާ ކަމެކެވެ.

ހައްލަކީ ކޮބާ؟

އެއްބަޔަކު ދެކޭގޮތުގައި މިކަމަށް އޮތް ހައްލަކީ ރާއްޖެ އެތެރެކުރާ ވެހިކަލްގެ އަދަދު ކޮންޓްރޯލް ކުރުމެވެ. ނަމަވެސް މީގެ ކުރިން މާލޭގެ ޕަބްލިކް ޓްރާންސްޕޯރޓް ހަރުދަނާކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. މިހާރު އެތެރޭގެ ޕަބްލިކް ޓްރާންސްޕޯރޓެއްގެ ގޮތުގައި އޮޕަރޭޓްކުރަނީ ޓެކްސީތައް އެކަނި ކަމަށްވެފައި، ގިނަފަހަރަށް ޓެކްސީ ނުލިބި ގަޑި ދެގަޑިއިރުވާކަމީވެސް ޤަބޫލުކުރަންޖެހޭ ހަޤީޤަތެވެ. ދެން އޮތީ ޕަބްލިކް ޓްރާންސްޕޯޓަށް ބަހުގެ ޚިދުމަތް ދޭން ފެށުމުގެ ވާހަކައެވެ. މިއީ އެއް އިރެއްގައި މާލޭގައި ދިން ޚިދުމަތެކެވެ. ނަމަވެސް ދެމެހެއްޓެނިވި ގޮތެއްގައި މި ޚިދުމަތް ނުދެވުނު ސަބަބުތައް ހޯދައި، ކަންކަން ރަނގަޅުކޮށް އަލުން ފަށައި އަޖުމަ ބެލުމަކީ ނެތްކަމެއް ނޫނެވެ. މާލޭގެ މަގުތަކުގެ ހަނިކަމާއެކު މިނީ ބަސްތަކެއް މާލޭ ސަރަހައްދަށް ގެނެސް އިންޓްރޮޑިއުސްކޮށް، ދަތުރުތަކުގެ ފްރިކުއެންސީ ހައިކޮށް އެކްސެސިބިލިޓީ ފަސޭހައިން ލިބޭނެ ގޮތަކަށް ހެދުމަށްފަހު މާލެއަށް ރަޖިސްޓްރީވަމުންދާ އުޅަނދުފަހަރު ކޮންޓްރޯލް ކުރުމަކީ ކަމާބެހޭ މުއައްސަސާއިން ގެންގުޅޭ ވިސްނުމެކެވެ.

އަނެއްބައި ފަރާތްތަކުން ދެކޭގޮތުގައި ވެހިކަލްގެ އަދަދު މަދުކުރުމަށް، ގަވައިދުތައްވެސް ހަރުކަށި ކުރަން ޖެހެއެވެ. އެގޮތުން ވެހިކަލް ރަޖިސްޓްރީކޮށްދޭ އުމުރުގެ ގޮތުގައި 18 އަހަރުން މަތި ކަނޑައެޅުމާއި މީހަކަށް ތިން ހަތަރު އުޅަނދު ރަޖިސްޓްރީ ކުރުމުގެ ބަދަލުގައި އެއް އުޅަނދަށް ބަދަލު ކުރުން ހިމެނެއެވެ. އަދި ލައިސަންސް ނެގުމުން ނޫނީ ވެހިކަލް ރަޖިސްޓްރީ ނުކޮށްދޭ ގޮތަށް ވެސް ހެދިދާނެ ކަމަށްވެސް ބައެއް ފަރާތްތަކުން ދެކެއެވެ.

މާލޭގައި ޕާކް ކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމް ކުރުމުން މިކަމަށް ހައްލެއް ލިބިގެންދާނެކަމަށް ދެކޭ ފަރާތްތައްވެސް އުޅެއެވެ. މިހާރުވެސް ޕާކިން އޭރިޔާތައް ނުދައްކައި، ސްޓިކާޖަހާ ކަމީ ގިނަބަޔަކު ކުރާ ޝަކުވާއެކެވެ. މި އަހަރުގެ ތެރޭގައި ސައިކަލް ތަކަށް 1000 އާއި 1500 ދޭތެރޭގެ ޕާކިން ޒޯންތަކެއް ހެދުމަށް ނިންމާފައިވާ ކަމަށާއި، ހަތަރު ފުރޮޅުލި އުޅަނދުތަކަށް 100 އަށް ވުރެ ގިނަ ޕާކިން ސްލޮޓް ހަމަޖެހިގެން ދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރވަނީ ވިދާޅުވެފައެވެ. ނަމަވެސް ސުވާލަކީ މާޒީއަށްބަލައި އުޅަނދު އެތެރެކުރާ ޜޭޓުން މި އޭރިޔާތައް ފުރެން ނަގާނީ ކިތައް ދުވަސްތޯއެވެ. އެހެންކަމުން އެއް ބަޔަކު ދެކޭގޮތުގައި ކިތަންމެ ޕާކިން އޭރިއާތަކެއް ދެއްކިނަމަވެސް އަނެއްދުވަހު އައު ޕާކިން އޭރިޔާއެއް އޮންނާނީ ދައްކަން ޖެހިފައެވެ. މިކަމުގެ ހައްލަކީ ރަޖިސްޓްރީ ކުރެވޭ އުޅަނދުގެ އަދަދު ކޮންޓްރޯލް ކުރުމެވެ. ތިޔަ ބޭފުޅުންގެ ނަޒަރުގައި މިކަމުގެ ހައްލަކީ ކޮބައިތޯއެވެ.؟

ad 6