ޤާނޫނު ތަފްސީރު ކުރުމަކީ ޤާނޫނުގެ ނައްސުތަކުން އޭގެ މާނަ ދޭހަކޮށްގަތުމެވެ. ގިނަފަހަރަށް ޤާނޫނެއްގެ ނައްސަކުން ޤަސްދުކުރެވޭ މާނަ ދެނެގަތުން ދަތިވާގޮތް ޤާޟީއަށް މެދުވެރިވެދެއެވެ. މިގޮތް ދިމާވެއްޖެ ހިނދެއްގައި އެ ނައްސެއް ތަފްސީރުކޮށްގެން އޭގެ މާނައަށް ވާސިލްވެވޭތޯ ބަލަންޖެހެއެވެ.
ތަފްސީރުގެ ބާވަތްތައް
ޤާނޫނު ތަފްސީރުކުރާ ފަރާތަށް ބަލާއިރު ތަފްސީރުގެ ތިން ބާވަތެއް ވެއެވެ. އެއީ ތަފްސީރު ތަޝްރީޢީ، ތަފްސީރު ފިޤުހީ، އަދި ތަފްސީރު ޤަޟާއީއެވެ.
ތަފްސީރު ތަޝްރީޢީ
ތަފްސީރު ތަޝްރީޢީއަކީ، ކުރިން ނެރެވިފައިވާ ތަޝްރީޢެއްގައި ސާފުނުވާ ނުކުތާތަކެއް ހުރެގެން އެނުކުތާތައް ސާފުކުރުމުގެ ގޮތުން ސުލްޠަތުއް ތަޝްރީޢުގެ ފަރާތުން ކުރާ ތަފްސީރެވެ. އުސޫލެއްގެ ގޮތުން ތަފްސީރީ ތަޝްރީޢެއް ނެރޭނީ އަސްލު އެ ޤާނޫނު ނެރުނު ސުލްޠާއެއްގެ ފަރާތުންނެވެ. ނަމަވެސް ބައެއް ފަހަރަށް އަސްލު ޤާނޫނު ނެރުނު ސުލްޠާއަށްވުރެ ދަށުދަރަޖައިގެ ސުލްޠާއަކާ އެކަން ޙަވާލުކުރެވިދާނެއެވެ.
ތަފްސީރު ތަޝްރީޢީއަކީ ނިޔާކަނޑައަޅާ ހުރިހާ ކޯޓުތަކުން އޭގެ މައްޗަށް އަމަލު ކުރުން ލާޒިމު އެއްޗެކެވެ. އެހެނީ އެނުކުންނާނީ ޤާނޫނެއްގެ ސިފައިގައެވެ.
ތަފްސީރު ފިޤްހީ
ތަފްސީރު ފިޤުހީއަކީ ފިޤުހުވެރިންކުރާ ތަފްސީރެވެ. މި ތަފްސީރަކީ ކޯޓުތަކުން އެއާ އެއްގޮތަށް އަމަލުކުރުން ކޮންމެހެން ލާޒިމު އެއްޗެއްނޫނެވެ. ނަމަވެސް އެއީ ކޯޓުތަކުގެ ޤާޟީން ޤާނޫނު ތަފްސީރު ކުރުމަށް ނުހަނު ބޭނުންތެރި އެއްޗެކެވެ.
ތަފްސީރު ޤަޟާޢީ
ތަފްސީރު ޤަޟާޢީ އަކީ އުފުލިފައިވާ ދަޢުވާއެއް ބެލުމުގެ ތެރޭގައި ޤާޟީންކުރާ ތަފްސީރެވެ. ތަފްސީރު ފިޤްހީއާއި އެއްފަދައިން މއީވެސް ކޯޓްތަކުން އެއާ އެއްގޮތަށް އަމަލުކުރުން ކޮންމެހެން ލާޒިމު އެއްޗެއް ނޫނެވެ. އެބަހީ ކޯޓަކުން ޤާނޫނީ ނައްސެއް ވަކިގޮތަކަށް ތަފްސީރު ކުރިއަސް ހުށަހެޅޭ އެހެން ޤަޟިއްޔާއެއްގައި އެ ތަފްސީރަށް އަމަލުކުރުމީ އެކޯޓަށް ކޮންމެހެން ލާޒިމުކަމެއް ނޫނެވެ. އަދި އެހެން ކޯޓުތައްވެސް އެއަށް ތަބާވާކަށް ކޮންމެހެން ނުޖެހޭނެއެވެ. ކޯޓްތަކުން ޤާނޫނު ތަފްސީރު ކުރުމުގައި ބަލަނީ ހުށަހެޅޭ މައްސަލަތަކުގެ ޟުރޫފު ނިޔާކުރާގޮތާ އެއްގޮތްވޭތޯއެވެ. އެހެނީ ދިރިއުޅުމުގެ ހަނގުރާމައިގައި ކޯޓްތަކުގެ ވާޖިބަކީ މީސްތަކުންގެ މެދުގައި ހިނގާ ދެކޮޅުވެރިކަން ފައިސަލާކުރުމާއި ޙައްޤުތަކުގެ ވެރީންނަށް ޙައްޤުތައް ލިބިދިނުމެވެ.
ކޯޓުތަކުން ޤާނޫނު ތަފްސީރު ކުރަންޖެހުނީ ހަމައެކަނި ހުށަހެޅޭ ދައުވާއަކާ ބެހޭގޮތުންނެވެ. އެ ދައުވާގައި ޤާނޫނުގެ ޙުކުމަކީ ކޮބައިކަން ދެނެގަތުމުގެ ގޮތުންނެވެ. ވީމާ ޤާނޫނެއްގެ ނައްސު ތަފްސީރުކޮށްދިނުން އެދި އަފްރާދުން ކޯޓަށް ހުށަހެޅުމެއް ނޯންނާނެއެވެ.
ޤާޟީ ޤާނޫނު ތަފްސީރު ކުރާނީ ދެ ޚަސްމުންކުރެ ޚަސްމެއް އެކަމަށް އެދުމަކާނުލައި އޭނާ އަމިއްލައަށެވެ. އެހެނީ ހުށަހެޅޭ ދައުވާގައި ޤާނޫނުގެ ޙުކުމް ބަޔާންކުޅައުމީ ޤާޟީގެ ވާޖިބެކެވެ.
ޤާނޫނު ތަފްސީރުކުރާނީ ކިހިނަކުން؟
ޤާނޫނު ތަފްސީރު ކުރުމުގެ ބޭނުމަކީ އެ ޤާނޫނެއްގެ މާނައާއި މަޤްޞަދު ތަޙްދީދު ކުރުމެވެ. އެމާނަ ތަޙްދީދު ކުރެވޭނީ ޤާނޫނުގެ ނައްސުގައިވާ އިބާރާތްތަކާއި ލަފްޒުތަކުންނެވެ. މިއަށް ކިޔަނީ މަންތޫޤެވެ. ނުވަތަ އެ ނައްސުގެ ރޫހުންނެވެ. މިޔަށް ކިޔަނީ މަފްހޫމެވެ.
ޤާނޫނުގެ ޢިބާރާތް ނުވަތަ މަންތޫޤުން މާނަ ދެނެގަތުން
ޤާނޫނުން، މަންތޫޤުން މާނަ ނަގާއިރު ބަލާނީ އެކި ލަފްޒު ވަކިވަކީންނެއް ނޫނެވެ. ޢިބާރާތުގެ މުޅި ޖުމްލައެވެ. އެހެނީ ޝަރުޢީ ގަވާއިދެއްގައިވާ ފަދައިން "ބެލޭނެ އެއްޗަކީ މާނައާއި މަޤްޞަދެވެ. ލަފްޒުތަކާއި އަކުރުތަކެއްނޫނެވެ". ވީމާ ޤާނޫނު ތަފްސީރު ކުރުމުގައި އެ ޤާނޫނުގެ ނައްސުގެ ތެރޭގައި ލަފްޒެއް އޮންނަންވީތަން ނޫން އެހެންތަނެއްގައި އޮތްނަމަވެސް އެ ލަފްޒަކަށް ބަލާނެކަމެއް ނެތެވެ. ތަޝްރީޢުނެރޭ ފަރާތުން ޤަސްދުކުރާ މާނައެއް ބަލަނިކޮށް އެވީއެވެ.
ލަފްޒެއްގެ އިސްތިލާހީމާނައަކާއި ލުޣަވީ މާނައެއްވާނަމަ، ބަލަންޖެހޭނީ އިސްތިލާޙީ މާނައެވެ. ނަމަވެސް ތަޝްރީޢު ނެރޭ ފަރާތުގެ މަޤްޞަދަކީ ލުޣަވީ މާނަކަމުގައިވާނަމަ ނަގަންޖެހޭނީ އެމާނައެވެ.
ޤާނޫނުގެ ރޫހުން ނުވަތަ މަފްހޫމުން މާނަ ނެގުން
ޤާނޫނު ނައްސެއްގެ ރޫހުން ނެގޭ މާނައަކީ އޭގެ ލަފްޟުތަކުން ދޭހަނުވާ އެކަމަކު އެބުނާ އެއްޗަކުން ނެގޭ ލާޒިމު މާނައެވެ. މި ލާޒިމު މާނަ ބައެއް ފަހަރަށް އޮންނަނީ މަލްޒޫމުގެ ޙުކުމާ އެއްގޮތަށެވެ. މިއަށް ކިޔަނީ މަހްފޫމުލް މުވާފަޤާއެވެ. އަނެއްބައި ފަހަރަށް ލާޒިމު މާނަ އޮންނާނީ މަލްޒޫމުގެ ޙުކުމާއި ޚިލާފަށެވެ. މިޔަށް ކިޔަނީ މަހްފޫމުލް މުޚާލަފާއެވެ.
މަހްފޫމު މުވާޤަފާ
މަހްފޫމު މުވާޤަފާއަކީ، އިބާރާތަކުން ނެގޭ ލާޒިމު މާނަ އޭގެ މަލްޒޫމުގެ ޙުކުމާ އެއްގޮތްވެގެންވުމެވެ. މިގޮތަށް ޙުކުމެއް އެއްގޮތްވާނީ އެދެކަންތަކުގެވެސް ޢިއްލަތަކީ ހަމަ އެކައްޗެއް ކަމުގައިވެގެންނެވެ. ޤާނޫނީ ޢިލްމުވެރިން މިއަށް "ޤިޔާސް" އޭވެސް ކިޔަތެވެ. ޤިޔާސްގެ ދެބާވަތެއް ވެއެވެ. އެއްބާވަތަކީ ޤިޔާސް ޢާދީއެވެ.
މިސާލަކަށް އަނެކެއްގެ މުދާ އޭނާގެ ރުހުމާ ނުލައި ކައިފި މީހަކަށްދެވޭ އުޤޫބާތަކީ 2 އަހަރު ދުވަހަށް އަރުވާލުމެވެ. މިގޮތަށް ޤާނޫނު ނައްސެއް އޮވެއްޖެ ހިނދެއްގައި މީހަކު އަނެކެއްގެ މުދާ އަންދައިލައިފިނަމަ، އޭގެ ހުކުމަކީ ކޮބައިބާއެވެ؟ މި ޤާނޫނަކު މުދާ އަންދައިފި މީހެއްގެ ޙުކުމެއް ނެތެވެ. މި ދެކަންތަކުގެވެސް ޢިއްލާއަކީ ހަމައެކައްޗެކެވެ. އެއީ، މުދަލުގެ ވެރިޔާއަށް މުދާ ނުލިބޭގޮތަށް ޤަސްދުގައި ހެދުމެވެ. ވީމާ، އެމުދާ އަންދައިލުމަކީވެސް ކުށެއްކަމަށް ކަނޑައަޅައި، މުދާކެއި މީހަކަށްވެސް އޮތް ޢުޤޫބާތް ދޭނީއެވެ.
ޤިޔާސްގެ އަނެއް ބާވަތަކީ ޤިޔާސް އައުލާއެވެ. އެއީ ޤާނޫނީ ނައްސެއްގައި ވަކިކަމަކަށް ޙުކުމެއް އޮއްވައި އެ ޙުކުމް ކުރުމުގެ އިއްލާ، އެއަށްވުރެންބޮޑަށް އޮތް އެހެންކަމެއް ދިމާވެއްޖެނަމަ އެކަމަކަށް އެ ޙުކުމް ދިނުން މާއައުލާކަން ބޮޑުވުމެވެ.
މިސާލަކަށް މީހަކު ތިބާގެ އަނބިމީހާއާ ހިލޭ ފިރިހެނަކާ ޒިނޭކުރާކަން އެނގިތިބި ހާލުގައި އެދެމީހުން މަރާލައިފިނަމަ، އަމްދުން، މެރުމަށް އޮންނަ ބުރަ މަސައްކަތާއެކު ޖަލަށްލުމުގެ ބަދަލުގައި އާދައިގެ ޖަލަށްލެވޭނެއެވެ. މިފަދައިން ޤާނޫނެއްގެ ނައްސުގައި އޮވެއްޖެނަމަ، ދޭހަވަނީ، އެދެމީހުންމެ މަރާލައިފިނަމަ، ލުއި އަދަބެއް ދިނުމެވެ. ނަމަވެސް އެތަނުން އެކަކު މަރާލައިފިނަމަ ޙުކުމަކީ ކޮބައިބާވައެވެ؟ އެއްވެސް އޮޅުމެއްނެތެވެ. އެފަދަ ޙާލެއްގައި ދެމީހުން އެކުގައި މަރާލުމުގެ އަދަބު ލުއިކުރެވެންޏާ އެކަކު މަރާލުމުގެ އަދަބު ލުއިކުރުން މާ އައުލާކަން ބޮޑެވެ.
ޤިޔާސްގެ ދެބާވަތުން ޤިޔާސް އައުލާ ބޭނުންކުރުމުގައި ފައިކައްސާލުން ދުރުވެފައި ސަލާމަތްކަން ބޮޑެވެ.
ޤިޔާސް ޢާދީ ބޭނުންކުރަންވާނީ އިންތިހާ ދަރަޖައިގެ ފަރުވާތެރިކަމާއެކުގައެވެ. ޤާނޫނީ ނައްސުގައި އާއްމު މަބްދައުއެއް އެކުލެވިގެންވާ ޙާލެއްގައި މެނުވީ ޤިޔާސް ޢާދީ ބޭނުން ނުކުރުން ހުއްޓެވެ. ޢާއްމު ގަވާއިދަކުން ކުރެވޭ އިސްތިސްނާއެއްގެ މައްޗަށް މިގޮތުން ޤިޔާސްކޮށްގެން ނުވާނެއެވެ.
ކޮންމެއަކަސް ޤިޔާސް ކުރުމަކީ ޖަމާޢަތުގެ ޟުރޫފް ބަދަލުވެގެންދާ ދިއުމާއި ގުޅިގެން އަލަށް މެދުވެރިވާ ހާލަތްތަކުގެ މައްޗަށް ކުރާނޭ ޙުކުމް ހޯދައިދޭނޭ އެންމެ ކާމިޔާބު ވަސީލަތެވެ.
މަފްހޫމު މުޚާލަފާ
މަފްހޫމު މުޚާލަފާއަކީ ޢިބާރާތަކުން ނެގޭ ލާޒިމު މާނަ އޭގެ މަލްޒޫމްގެ ޙުކުމާ ޚިލާފުވުމެވެ. އެދެކަންތަކުގެ ޢިއްލާވެސް އޮންނަންވާނީ ތަފާތުކޮށެވެ. މިސާލަކަށް: "ވިއްކިއެތި ގަތްމީހާގެ އަތަށް އެރުމުގެ ކުރީގައި ހަލާކުވެއްޖެނަމަ އެކަމުގައި މަސްއޫލުވާނީ ވިއްކިމީހާއެވެ". މިގޮތަށް ޤާނޫނީ ނައްސެއް އޮވެއްޖެނަމަ ދޭހަވަނީ ވިއްކިއެތި ގަތްމީހާ އަތަށް ލިބުމުގެ ކުރީގައި ހަލާކުވެ، އެއީ ވިއްކި މީހާގެ ބޮލުގައި އަޅަންޖެހޭ ޒިންމާއެއްކަމެވެ. ގަތްމީހާ އަތަށް އެލިބުމަށްފަހު ހަލާކުގެ ވާހަކައެއް މި ނައްސަކު ނެތެވެ. ނަމަވެސް އެ ނައްސުގެ ރޫޙުން ދޭހަވަނީ ގަތްމީހާގެ އަތަށް އެރުމަށްފަހުވާ ހަލާކުގެ ޒިންމާ އުފުލަންޖެހޭނީ ގަތްމީހާއެވެ. އެއީ އެދެކަންތަކުގެ ޢިއްލާ ތަފާތުވާތީއެވެ.
މަފްހޫމް މުޚާލަފާގެ ބޭނުންކުރަންވާނީ އިސްތިސްނާއެއްގެ ގޮތުން ކުރެވިފައިވާ ޙުކުމުންނެވެ. ޢާއްމު މަބްދައުއެއްގެ މައްޗަށް ކުރެވޭ ޙުކުމަކުން ނެގޭ މަފްހޫމް މުޚާލަފާއެއް ބޭނުންކުރުމަކީ ކުށުގެ ތެރެއަށް ހުށަހޮޅިގަތުން ކަމުގައި ނޫނީ ނުވާނެއެވެ.
ނައްސެއްގެ މަންޠޫޤުން ދޭހަވާ މާނަ، އޭގެ މަފްހޫމުން ނެގޭ މާނައަށްވުރެ ބާރުގަދަވާނެއެވެ. ވީމާ މަފްހޫމަކުން ނެގޭ މާނަ، އެއްވެސް މަންޠޫޤަކާ ތަޢާރަޟުވެއްޖެނަމަ ޢަމަލުކުރަންޖެހޭނީ މަންޠޫޤަށެވެ.
ޤާނޫނު ތަފްސީރުކުރުމަށް އެހީވާ ވަސީލަތްތައް
ޤާނޫނު ތަފްސީރު ކުރުމަށް އެހީވާނޭ ވަރަށްގިނަ ވަސީލަތްވެއެވެ. އޭގެ އެންމެ މުހިންމު ވަސީލަތްތައް ތިރީގައި އެވަނީއެވެ.
ތަފްސީރީ ނޯޓްތަކަކީ ޤާނޫނުގެ ބައެއް ނޫނެވެ. ނަމަވެސް އެއީ ޤާނޫނުގެ މާނައާއި މަޤްޞަދު ސާފުކުރުމަށްޓަކައި ޤާޟީއަށް އެންމެ ބޭނުންތެރި އެކައްޗެވެ. އައި އެއަށް ރުޖޫޢަވާއިރު ވަރަށް ބޮޑަށް ރައްކާތެރިވާންވާނެއެވެ. އެހެނީ އޭގެ ތެރޭގައި އެކިއެކި މީހުންގެ އަމިއްލަ ޚިޔާލުތައްވެސް ލިޔެވިފައި ހުންނާނެއެވެ.
މިސާލަކަށް ފަރަންސޭސި ޤާނޫނު އަސްލަކަށް ބަލައިގެން ހެދިފައިވާ ޤާނޫނެއްނަމަ، އެ ޤާނޫނުގެ ފަރަންސޭސި އަސްލަށް ރުޖޫޢަވެ ހޯދުމަކީ ތަފްސީރު ކުރުމަށް އެހީވެދޭނޭ ކަމެކެވެ.
މިސާލަކަށް: ވައްކަމެއް ރޭގަނޑުގައި ކޮންފިނަމަ އުޤޫބާތް ބޮޑުކުރެވޭނޭކަމަށް ޤާނޫނެއްގައި އޮވެއްޖެނަމަ، ރޭގަނޑޭ ބުނުމުން ޤަސްދުކުރެވެނީ ކޯންޗެއްތޯ ބަލަން ޖެހެއެވެ. އެއީ ފަލަކީ މާނައިގައި ރޭގަނޑުތޯ ނުވަތަ އަނދިރިކަން ފެތުރިފައިވުމުގެ މާނައިގައިތޯ ބަލަންޖެހެއެވެ. ރޭގަނޑަކީ ވައްކަންފަދަ ކުށެއްކުރުމަށް ފަސޭގަވަގުތެވެ. ކުށްވެރިން ފިލާރައްކައުވުމަށްވެސް ފަސޭހަ ވަގުތެކެވެ. ރޭގަނޑޭ ބުނެވޭބަސް މިތާނގައި ބޭނުންކުރަންޖެހެނީ އަނދިރިކަން ފެތުރިފައިވުމުގެ މާނައިގައެވެ. ވީމާ، ހަމައިރުއޮސްފުހޭ ވަގުތުން ފެށިގެން އިރުއަރާ ވަގުތަށް އެއީ ރޭގަނޑުކަމަކަށް ނުބެލެވޭނެއެވެ. ރޭގަނޑުގެ ދެކޮޅުންވެސް ވަގުތުކޮޅެއް ކަނޑާލަންޖެހެއެވެ.
ކޮންމެއަކަސް ތަފްސީރު ކުރުމުގެ ވަސީލަތްތައް ވަރަށް ގިނައެވެ. އެކަމުގައި ޤާޟީއަށް ފެނުނު ކޮންމެ ވަސީލަތެއް ބޭނުންކުރެވިދާނެއެވެ. ތަފްސީރު ކުރުމަކީ ހިސާބުގެ އަމަލިއްޔާއެއް ހެދުމެއް ނޫނެވެ. އެވެނިގޮތެއް ހަދައިފިއްޔާ އެވެނި ނަތީޖާއެއް ނުކުންނާނެއޭ ބުނާކަށް ނޭނގޭނެއެވެ. ތަފްސީރު ކުރުމަކީ ފަންނީ މަސައްކަތެކެވެ. އޭގެ ބިންގަލަކީ ތަފްސީރު ކުރާމީހާގެ ޒައުޤު އާއި ތަޖުރިބާއެވެ. ޢިލްމާއި ވިސްނުމެވެ.
ނޯޓް:މިލިޔުމަކީ ފަޟީލަތުއްޝައިޚު އަލްއުސްތާޛު މޫސާފަތުޙީ ލިޔުއްވާފައިވާ 'ޤާނޫނަށް މަގެއް' މި ސިލްސިލާއިން ނަކަލު ކުރެވިފައިވާ ލިޔުމެކެވެ. އަލްއުސްތާޛް މޫސާފަތުޙީ އަކީ ދިވެހިރާއްޖޭގެ ޝަރުޢީ އަދި ޤާނޫނީ ދާއިރާގައި، ގިނަދުވސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ފުރަތަމަ އުއްތަމަ ފަނޑިޔާރުކަމާއި، ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ޖަސްޓިސް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ.