ޤާނޫނަކީ އެއަށް އުފެދުމެއްވާ އަދި އޭގެ ޙަޔާތެއް ވޭތިކޮށް، މަރުވެދާ އެއްޗެކެވެ. ޤާނޫނު އުފެދޭ ގޮތާއި އޭގެ ޙަޔާތާމެދު އިސްވެދިޔަތާނގައި އަލިއަޅުވާލެވިއްޖެއެވެ. މިހާރު އަޅުގަނޑު ކުރިމަތިލަނީ ޤާނޫނު މަރުވެގެންދާގޮތް ބަޔާންކޮށްދެވޭތޯއެވެ.
ޤާނޫނެއްގެ ޙަޔާތް ނިމެނީ އެ ޤާނޫނެއް އުވާލުމުންނެވެ. ޤާނޫނު އުވާލުމަކީ އެ ޤާނޫނަކަށް ޢަމަލު ނުކުރާގޮތަށް ބާޠިލް ކުރުމެވެ. އެހެން ޢިބާރާތަކުން ބުނަނީނަމަ އެ ޤާނޫނު ބާރުކެނޑުމެވެ.
ޞަރީޙަކޮށް އުވާލުމާއި ނުޞަރީޙަކޮށް އުވާލުން
ޤާނޫނު އުވުން ހުރީ ދެގޮތަކަށެވެ. އެއީ ޞަރީޙަކޮށް އުވާލުމާއި ނުޞަރީޙަކޮށް އުވާލުމެވެ.
ޞަރީޙަކޮށް އުވާލުމަކީ ކުރީގެ ޤާނޫނު އުވާލުމަށް ޞަރީޙަބަހުން ކަނޑައަޅާ ޤާނޫނެއް، އަލަށް ނުކުތުމުގެ ނަތީޖާއެއްގެގޮތުން އުވާލެވޭ އުވާލުމެވެ. އޭގެ މިސާލަކީ 11 ނޮވެމްބަރ 1968 ގައި ނުކުތް ޤާނޫނު އަސާސީއިން އޭގެ ކުރީގެ ޤާނޫނު އަސާސީ އުވާލުމުގެ މިސާލެވެ.
ނުޞަރީޙަކޮށް އުވާލުމަކީ، ކުރީގެ ޤާނޫނު އުވާލުމަށް ޞަރީޙަބަހުން ކަނޑައެޅުމާއި ނުލައި ކުރީގެ ޤާނޫނު، އައު ޤާނޫނާ ތަޢާރަޟުވުމުގެ ނަތީޖާއެއްގެ ގޮތުން އުވާލެވޭ އުވާލުމެވެ. ނުޞަރީޙަކޮށް އުވާލެވޭ ދެގޮތެއް އޮވެއެވެ.
މިސާލަކަށް، އުފުލޭ މުދަލާއި ނޫފުލޭ މުދަލުގެ މިލްކުވެރިކަން ބަދަލުވާނީ އެބަދަލުކުރުމުގެ އަޤްދުކުރެވޭ ހިނދުންފެށިގެންކަމަށް ޤާނޫނެއް އޮއްވައި، އަލަށް ނުކުތް ޤާނޫނެއްގައި، "ނޫފުލޭ މުދަލުގެ މިލްކުވެރިކަން ބަދަލުކުރެވޭނީ އެކަމުގެ ޢަޤްދުކޮށް ރަޖިސްޓްރީކުރުމަށްފަހުގައި" ކަމަށް އޮވެއްޖެނަމަ، ކުރީން އޮތް ޤާނޫނުގެ ނޫފުލޭ މުދަލާބެހޭބައި އުވުނީއެވެ. އަނެއްބައި އޮތްގޮތަށް އޮތީއެވެ. ވީމާ، ނޫފުލޭ މުދަލާމެދު ޢަމަލުކުރެވޭނީ އައު ޤާނޫނާ އެއްގޮތަށެވެ.
ގިނަފަހަރަށް އައު ތަޝްރީޢެއް ނުކުންނައިރު ކުރީގެ ތަޝްރީޢު އުވުނީކަމުގައި ކަނޑައަޅާ ނައްސެއް އޮވެއެވެ. އެކަމަކުން، ޤާނޫނީގޮތުން ބަލާއިރު، އިތުރު ފައިދާއެއް ނެތެވެ. އެގޮތަކީ އެހެން ކަނޑައަޅައި ނައްސެއް އޮތުމަކާ ނުލައި އެއޮންނަނީ އުވިފައެވެ. ވާކަމަކީ ހަމައެކަނި ނުޞަރީޙަކޮށް އޮއްވާ ޞަރީޙަކޮށްލެވެނީއެވެ.
ޤާނޫނެއް އުވާލުމުގެ ބާރު ލިބިފައިވާ ފަރާތް
ޤާނޫނެއް އުވާލެވޭނީ ޤާނޫނެއް ހެދި ސުލްޠާއެއްގެ ފަރާތުންނެވެ. ނުވަތަ އެއަށްވުރެ މަތީ ދަރަޖައިގެ ޤާނޫނު ބާރު ލިބިފައިވާ ސުލްޠާއެއްގެ ފަރާތުންނެވެ.
މިސާލަކަށް: އާދަކާދައަކުން އުފެދޭ ޤާނޫނަކަށް ތަޝްރީޢެއް އުވައެއް ނުލެވޭނެއެވެ. އާދައިގެ ތަޝްރީޢަކަށް ދުސްތޫރީ ތަޝްރީޢެއް އުވައެއް ނުލެވޭނެއެވެ.
ޤާނޫނު އުވާލެވެނީ ކިހިނަކުން
ޤާނޫނު އުވާލެވެނީ ތިރީގައި ބަޔާންކުރެވޭ ގޮތްތަކުންކުރެ ގޮތަކުންނެވެ.
މިސާލަކަށް: އަވަސް މައްސަލައެއްގައި ރައްޔިތުންގެ މަޖްލިސް އެއްކުރެވެން ނެތް ހިނދެއްގައި ކަމާބެހޭގޮތުން ޤާނޫނެއް ހެއްދެވުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ. ނަމަވެސް އެންމެ އަވަހަށް އެއްވާ ޖަލްސާއަކަށް ހުށަހަޅައި، އެ ޤާނޫނާމެދު ރައްޔިތުންގެ މަޖްލިސްގެ އިޢްތިރާޟެއްނެތުން ޝަރުޠުވާނެއެވެ. މިފަދަ މާއްދާއެއް ދުސްތޫރީ ޤާނޫނުގައި އޮތްނަމަ، އަދި އެގޮތުން އުފެދުނު ޤާނޫނު، އެ މަޖްލިސްއަށް ހުށަހެޅުމުން، މަޖްލިހުން އިޢްތިރާޟްކޮށްފިނަމަ، އެ އިއްތިރާޟްކުރި ވަގުތުން ފެށިގެން އެ ޤާނޫނެއް އުވުނީއެވެ. ނަމަވެސް ޤާނޫނު ނެރުމާއި، އެ އިޢްތިރާޟް ފާސްވުމާއި ދެމެދުގައި ހިނގައިދިޔަ ކަންތައްތަކަށް އެ އިޢްތިރާޟްގެ އަސަރެއް ނުފޯރާނެއެވެ.
މިސާލަކަށް: ވިރާޘީ ރަސްކަމެއް ހިނގަމުން އައި ޤައުމެއް ޖުމްހޫރިއްޔާއަކަށް ބަދަލުވެއްޖެނަމަ، ރަސްކަލަކާބެހޭ ޤާނޫނުތަކާއި ވަލީޢަހުދާބެހޭ ހުރިހާ ޤާނޫނެއް ނުނުކުތަސް އެފަދަ ޤާނޫނުތައް އޮންނާނީ އުވިފައެވެ. އެހެނީ ޤާނޫނު، އެކަމެއްގެ މައްޗަށް ހިންގުމަށް ކަނޑައެޅުނު ޤާނޫނީ މަރުކަޒީ އުވިގެން ދިއުމުން އެ ޤާނޫނުވެސް އޮންނާނީ އުވިގެން ގޮސްފައެވެ.
ނޯޓް:މިލިޔުމަކީ ފަޟީލަތުއްޝައިޚު އަލްއުސްތާޛު މޫސާފަތުޙީ ލިޔުއްވާފައިވާ 'ޤާނޫނަށް މަގެއް' މި ސިލްސިލާއިން ނަކަލު ކުރެވިފައިވާ ލިޔުމެކެވެ. އަލްއުސްތާޛް މޫސާފަތުޙީ އަކީ ދިވެހިރާއްޖޭގެ ޝަރުޢީ އަދި ޤާނޫނީ ދާއިރާގައި، ގިނަދުވސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ފުރަތަމަ އުއްތަމަ ފަނޑިޔާރުކަމާއި، ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ޖަސްޓިސް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ.