ކަމާބެހޭ ފަރާތްތަކަށް: ފިނޮޅުތަކާއި ފަރުތައް ހިމާޔަތްކޮށްދީ



ad 4
ކަމާބެހޭ ފަރާތްތަކަށް: ފިނޮޅުތަކާއި ފަރުތައް ހިމާޔަތްކޮށްދީ
ދިވެހިރާއްޖޭގެ ރީތި ފިނޮޅެއް

ކަމާބެހޭ ފަރާތްތަކަށް: ފިނޮޅުތަކާއި ފަރުތައް ހިމާޔަތްކޮށްދީ


 

ބޮޑު ހިލަޔާއި ވަރުގަދަ ތޮށިތަކުންވެސް ރަށްރަށް ހިއްކުމަށްފަހު އަޅާ ވެލި ހިމާޔަތް ނުވާތަން ފެނެއެވެ. އަދި އަމުދުން އެފަދަ ތޮށިގަނޑެއް ނުލައިފިނަމަ ގިރާލައެވެ. ކަނޑެއްގެ މެދުގައި އޮތް ކުޑަ ފަޅަކަށް މިފަދައިން ފަސްކޮޅެއް ޖަމާކޮށްފައި ދޫކޮށްލައިފިނަމަ ގިނަ ދުވަސްތަކެއްނުވެ ގިރާ ހުސްވެއެވެ. އިންސާނާއަށް ފަސްކޮޅެއް ފަޅެއްގެ މެދުގައި ވަރުގަދަ ތޮށިގަނޑުތަކާ ނުލައި އެއްގޮތަކަށްވެސް ނުހިފެހެއްޓެއެވެ. އެހެނަސް ގުދުރަތީ ގޮތުން އުފެދިފައިވާ ފިނޮޅުތައް އެއްވެސް ތޮއްޓަކާއި ނުލައި އެ ގޮތުގައި ދެމިއޮވެއެވެ. އަޖައިބު ކުރުވަނިވި ރީތިކަމަކާއެކުގައެވެ.

ފިނޮޅުތައް ޚާއްސަވާ އެއްސަބަބު މިދެންނެވީއެވެ. ސާފު ރީތި ދޮންވެލި ކޮޅެއް ފަރެއްގައި ހަރުލާފައި އޮތުމުންނެވެ. އެ ދޮންވެލި ކޮޅުގެ ވަށައިގެން އެވާ ހިތްގައިމު ފަޅުގެ ސަބަބުންނެވެ. އަދި އެ ފިނޮޅަކީ ކަނޑު ދޫނީގެ ގެއެކެވެ. އެ ދޫނި ބިސްއަޅަނީ އެ ފިނޮޅުތަކަށެވެ. އެތަނުގައި ކަނޑު މަތީ ދޫނިތައް އާލާވެ ގިނަވެއެވެ. ރީތި ދޮންވެލި ފިނޮޅުގައި ކަނޑުމަތީ ދޫނިތައް ބައިބަޔަށް ޖައްސާފައި ތިބޭ މަންޒަރު އެއީ ބަލާ ފޫހިވާނޭ މަންޒަރެއް ނޫނެވެ. އެއްގޮތަށްވުރެ ގިނަގޮތުން ތިމާވެށި ފުރިހަމަ ކޮށްދޭ ގުދުރަތީ އުފެދުމެކެވެ.

މި ރީތި ފިނޮޅުތައް ހިއްކައި ރިސޯޓްތަކަށް ހަދާ ވާހަކަ ދޭތެރެ ދޭތެރެއިން އަޑުއިވެއެވެ. ވަރަށް ދެރަކަމެކެވެ. ގުދުރަތީ މިފަދަ މޫރިތި ކަމެއް ގެއްލުވައި ނުލާވެސް ރިސޯޓް ހެދޭހާ ފަޅު މި ގައުމުގައި އޮންނާނެއެވެ. އެއިން ކޮންމެ ފިނޮޅެއް ނެތިގެން ދިއުމުން އެ ހަލާކުވެގެން ދަނީ އެތައް ކަނޑުމަތީ ދޫނިތަކެއްގެ ގޯތިތަކެވެ. އެތަކެތި ދިރިއުޅެ ބިސް އަޅަން އޮތް ތަނެވެ. އަހަރެމެން މީހެއްގެ ގޯތިން އަހަރެމެން ނެރެ އެއްލާލުން ފަދަ ކަމެކެވެ. އެ ދިރޭތަކެތި ދިރިއުޅޭ މާހައުލު ގެއްލިގެން ދިޔަދީގެން ނުވާނެއެވެ.

ދެން އޮތީ ރީތި މުރަކައިގެ ފަރުތަކުގެ ވާހަކައެވެ. އަޅުގަޑުމެން ގަބޫލުކުރާގޮތުގައި އެކިއެކި ބޭނުމަށް ފަޅުތައް ހިއްކުމަކީ މައްސަލައެއް ނޫނެވެ. އެހެނަސް މައްސަލައަކީ ފަސްއަޅައި ފޮރުވާލެވެނީ ކިހާ މުއްސަދި ކިހާ ރީތި ފަރެއްތޯ ނުބަލާތީއެވެ. ތަފާތު އެކިކަހަލަ ފަރުތައް ރާއްޖޭގައި ހުރިއިރު ތަފާތު ރީތި ފަރުތައް އެބަހުއްޓެވެ. އެހެންކަމުން އެތައް ދިރުންތަކެއްގެ ގޯތިކަމުގައިވާ ފަރުތައްވެސް ފަސްއަޅާ ތާއަބަދައް ނެތިކޮށްލާއިރު މުއްސަދި ރީތި ފަރުތައް ހިމާޔަތްކުރުމަށް ޚާއްސަ އިސްކަމެއް ދޭންޖެހެއެވެ.

މި މަސައްކަތް އަޅުގަނޑުމެން މިއަދުކުރަންވީ އަންނަން އޮތް ޖީލުތަކަށްޓަކައެވެ. މި ފިނޮޅުތަކާއި ފަރުތަކުގައި އަންނަން އޮތް ޖީލުތަކުގެވެސް ޙައްޤުތަކެއްވެއެވެ. އަޅުގަނޑުމެންގެ ޖީލުން އަންނަން އޮތް ޖީލުތަކުގެ ޙައްޤުތައް ނިގުޅައިގަތުމަކީ އެއްވެސް ހާލެއްގައި ކޮށްގެންވާނެކަމެއް ނޫނެވެ. އެކަން ކޮށްފިނަމަ އެ ޖީލުތަކުން އަޅުގަނޑުމެންނަށް މައާފެއް ނުކުރާނެއެވެ. އަދި ދޫނި ސޫފާސޫތްޕާއި މަސްމަހާމެހީގެ ގޯތިތައް ނެތިކޮށްލުމަކީ އެ ތަކެއްޗަށްދެވޭ ކިހާ ނިކަމެތިކަމެއް ތޯއެވެ. ވިސްނަވާށެވެ. 

ވީމާ، ކަމާބެހޭ ފަރާތްތަކުގެ އަރިހުން މި އެދެނީ ފިނޮޅުތަކާއި ފަރުތައް ހިމާޔަތްކޮށް ދިނުމަށެވެ. ޓުއަރިޒަމްގެ ބޭނުންތަކަށާއި އެހެނިހެން ބޭނުންތަކަށް އެތަންތަން ދެއްވާއިރު އިންތިހާއަށް ބެއްލެވުމަށެވެ. އެތައް ދިރޭތަކެތީގެ ނަސްލެއް ނައްތާލާ ބަޔަކަށް އަޅުގަނޑުމެން ނުވަމާތޯއެވެ. އަދި އަންނަން އޮތް ޖީލުގެ ޒުވާނާ ފީނާލަން ދާން އޮތް ރީތި ފަރު ނެތިކޮށްލި ބަޔަކަށް އަޅުގަނޑުމެން ނުވަމާތޯއެވެ. އަދި ފުރިހަމަ ފިނޮޅުތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ހިއްމަތާއެކު މަސައްކަތްކުރާ ބަޔަކަށް އަޅުގަނޑުމެން ކޮންމެމީހަކު ވަމާތޯއެވެ.    

 

ad 6