އޮފީހަށް ނުގޮސް ޒަމާނަށް އަހުލުވެރިވެ މަސައްކަތްކުރުން



ad 4
އޮފީހަށް ނުގޮސް ޒަމާނަށް އަހުލުވެރިވެ މަސައްކަތްކުރުން
ރާއްޖޭގައި މަސައްކަތްކުރުން

އޮފީހަށް ނުގޮސް ޒަމާނަށް އަހުލުވެރިވެ މަސައްކަތްކުރުން


 

ކޯވިޑް 19 އާއި ދުނިޔެ ކުރިމަތިލުމުގެ މާކުރިއްސުރެ އޮފީހަކަށް ނުވަތަ ވަކިތަނަކަށް ނުގޮސް މަސައްކަތް ކުރެވޭނެ އިންތިޒާމްތައް ދުނިޔޭގެ ހަތަރު ބިތުގައި އެކި ކުންފުނިތަކާއި އިދާރާތަކުން ހަމަޖައްސައި އެގޮތަށް އަމަލުކުރަމުން ގޮސްފައިވެއެވެ. ހަމައެއާއެކު ކޯވިޑް 19 އާއި ދުނިޔެ ކުރިމަތިލުމުން ނަން މަޝްހޫރު ކުންފުނިތައް ކަމަށްވާ ފޭސްބުކް އަދި ޓްވިޓާ ފަދަ ކުންފުނިތަކުން ވަރަށް ސާފުކޮށް ގޭގައި ނުވަތަ މުވައްޒަފުން ބޭނުން ތަނަކުން މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވާލިއެވެ. ހަމައެއާއެކު ރާއްޖޭގައިވެސް މި އުސޫލުން މަސައްކަތްކުރެވޭނެ މަގު ފަހިކޮށްދިނެވެ. ނަމަވެސް މަޑުމަޑުން ކުރީގެ ގޮތަށް އެނބުރި، ދުރުން މަސައްކަތް ކުރުމުގެ ފުރިހަމަ ގޮތް އެކުގައި ދޫކޮށްލަފާނެކަމުގެ ނިޝާންތަކެއްވެސް ފެންނަން ފަށައިފިއެވެ. މި ޚިޔާލުގައި އަހަރެމެން މި ބަލައިލަނީ ކުދި ޖަޒީރާ ގައުމަކަށް ދުރުން މަސައްކަތްކުރުމުގެ މުހިންމުކަމާ މިހާރު ރާއްޖޭގައި ހުރި ގިނަ މައްސަލަތަކަށް މީގެން ގެނެވިދާނެ ހައްލުގެ ޚުލާސާއަކަށެވެ.

ރާއްޖެއަކީ ޖަޒީރާ ގައުމެކެވެ. ރާއްޖޭގެ އެންމެ ރިވެތި އެއް ސިފައަކީ ޖަޒީރާ ވަންތަކެމެވެ. ވަރަށް ފަހަކާ ޖެހެންދެން ދިވެހި ރައްޔިތުން އުޅެމުން ދިޔައީވެސް މިދެންނެވިފަދަ ޖަޒީރާ ވަންތަ ގޮތެއްގައެވެ. ތަނަވަސް ގެތަކާއި ބޮޑެތި ގޯތިތަކުގައި ދިވެހިން އުޅެމުން ދިޔައީ ރިވެތި ދިރިއުޅުމެކެވެ. އުފާވެރި ދިރިއުޅުމެކެވެ. އެގޮތް ނެތިގޮސް ތަޢުލީމާއި، ސިއްޙީ ޚިދުމަތާއި ވަޒީފާއަށް އެހެން ތަންތަނަށް ހިޖުރަކުރަން މަޖުބޫރިވިތާ އަދި ވާނީ 30 ނުވަތަ 40 އަހަރެވެ. މިކަންކަމާއެކު އުފެދިގެން އައި ގިނަ މައްސަލަތަކަށް ގެނެވިދާނެ ހައްލުތަކެއް ފާހަގަވެއެވެ.

  1. ތަޢުލީމު އުނގެނުމުގެ މަގު ރަށްރަށުގައި ތަނަވަސްވެގެން ދިއުމެވެ. ވަރަށް ގިނަ ރަށްރަށުގައި މިހާރު އޯލެވެލް ނުވަތަ އޭ ލެވެލްއާ ހަމައަށް ރަނގަޅަށް ކިޔެވުމުގެ ފުރުސަތު މިވަގުތު އެބައޮތެވެ. މިކަން އެގެނީ އޯލެވެލް އަދި އޭލެވެލްގައި އެ ރަށްރަށުގައި ކިޔަވާކުދިން ހޯދާ ފުރިހަމަ ނަތީޖާއިންނެވެ. އެހެނަސް އަދިވެސް މިދާއިރާ ރަނގަޅުކުރަން ވަރަށް ގިނަ މަސައްކަތްކުރަންޖެހެއެވެ. އޮންލައިން ކްލާސްތައް މިހާރެކޭ އެއްގޮތަށް ހިންގުންއެއީ ކުރިއަށް އޮތްތަނުގައި ތަފާތު ނައްތާލުމަށް ކުރެވިދާނެ މުހިންމުކަމެވެ.
  2. ސިއްޙީ ޚިދުމަތް ރަށްރަށުގައި ރަނގަޅުވެގެން ދިއުމެވެ. މިދާއިރާއަށް އެންމެ އެކަށީގެންވާ ބަދަލެއް އައިތަނެއް ނުފެނެއެވެ. ރަށްރަށުގައި މިދާއިރާ އޮތީ ވަރަށް ނިކަމެތިކޮށެވެ. ނަމަވެސް ކުރިއެރުންތަކެއްވެސް ލިބިއްޖެއެވެ. މިދިޔަ ދުވަސްތަކުގައި ތައާރަފްވެގެން ދިޔަ އޮންލައިންކޮށް ޑޮކްޓަރަށް ދެއްކުން އިތުރަށް ފުޅާކޮށް ފުރިހަމަކުރުން އެއީ ކުރެވިދާނެ މުހިންމުކަމެކެވެ.
  3. ވަޒީފާގެ ފުރުސަތު ރަށްރަށުގައި ތަނަވަސްވެގެން ދިއުމެވެ. މިކަމަށް އޮތް އެންމެ ޖަޒީރާވަންތަ ހައްލަކީ ދުރުން މަސައްކަތްކުރުމުގެ ފުރުޞަތު ފަހިވުމެވެ.

މުސްކުޅި ޚިޔާލާއި ދުރު ނުފެންނަ ވިސްނުމެއްގެ ތެރޭގައި ބަނދެވި މި ދީބުގެ ރިވެތި ގޮތް އެކުގައި ގެއްލުވާލާ ތިބޭތާ ލައްކަ ދުވަސްވެއްޖެއެވެ. ކޮންމެ ސަރުކާރަކުންވެސް ދައްކަނީ ބަދަލެއް ގެންނާނެވާހަކައެވެ. ކޮންމެ 5 އަހަރެން ނިމިދެއެވެ. ތިއިން ކޮންމެ ބޭފުޅެއް ވަކިވަކިން ސުވާލުކުރައްވާށެވެ. މިދިޔަ 5 އަހަރު ނިމުނު އިރު ނުވަތަ އެއިގެ ކުރިން އައި 5 އަހަރު ނިމުނު އިރު ތިޔަ ފަރާތަށް ސަރުކާރެއްގެ ހިންގުންތެރިކަމެއްގެ މޮޅުކަމުން ލިބުނީ ކޮންކަމެއް ތޯއެވެ. ވޯޓްލާން ގޮސް ކޮޅަށް ހުރި ވަގުތު ގެއްލުން ފިޔަވައި ހަމައެއްވެސް ކަމެއް ވަކިން ރަނގަޅަށް ވެއްޖެތޯއެވެ. މި ސުވާލުގެ ޖަވާބަކީ "ނޫން" ކަމުގައި ވާނަމަ އަހަރެމެންނަށް އިވެމުން މިދަނީ ހަގީގަތެއްނެތް ވާހަކަތަކެކެވެ. އެއަކުން ތިއިން ފަރާތަކަށްވެސް އަދި ތިއިން ފަރާތްތެއްގެ ދަރިންނާ ދަރިންނަށްވެސް ހެވެއް ރަނގަޅެއްނެތެވެ.

ad 6

އެހެންކަމުން ހެޔޮބަދަކަށް އަހަރެމެން އެންމެން މިސްރާބް ޖަހަންވެއްޖެއެވެ. ތިމާއާއި ތިމާގެ ވަށައިގެން ހެޔޮ ބަދަލެއް ގެނައުމަށް ވަކާލާތުކުރަންޖެހެއެވެ. ކޮންމެ ގޮތެއް ވަރިހަމަވެގެން ހުރުން އެއީ އެންމެ ރަނގަޅުގޮތެއް ނޫނެވެ. ކޯވިޑް 19 އިން އަހަރެމެންނަށް ދަސްކޮށްދިން އެއްކަމަކީ ތިއިން ކޮންމެ ފަރާތަކަށްވެސް ރަށުގައި ކުލި ނުދައްކާ އެކަށީގެންވާ ރަނގަޅު މުސާރައެއްގައި މަސައްކަތް ކުރެވޭނެކަމެވެ. ރަނގަޅު ޑޮކްޓަރުންނަށް ރަށުގައި ހުރެގެންވެސް ދައްކާލެވޭނެކަމެވެ. ކޮންމެ ޓީޗަރެއްގެ ކިބައިންވެސް ހަމަ ރަށުގައި ހުރެގެން އުގެނި ދަސްކުރެވޭނެކަމެވެ. ދެން މިކަން ނުކުރަންވީ ސަބަބެއްނެތެވެ. މިކަން މިހެން ވުމަށް ބާރު ނާޅަންވީ ސަބަބެއް އަމުދުން ނެތެވެ. މިއީ މާލޭގެ ތޮއްޖެހުމަށްވެސް އޮތް އެއް ހައްލެވެ.

އަހަރެމެންގެ ރައްޓެއްސަކު އޭނާގެ އުންމީދު މި މައުޟޫއާގުޅިގެން ހިއްސާކުރިއެވެ. " އަހަރެން ބޭނުމީ އަހަރެން އުޅެ ބޮޑުވި ބީޗް ފްރަންޓް ގޭގައި 3 ބުރީގެ އިމާރާތެއް އަޅާށެވެ. ގްރައުންޑްގައި އަހަރެމެން ދިއުޅުމަށެވެ. ފަސްޓް ފްލޯ ބީޗް ވިއު ލިބޭގޮތަށް އޮފީހެއް ހެދުމަށެވެ. އަދި ދެވަނަ ފްލޯރ ހިތްހަމަޖައްސާލަން އެކި ކުޅިވަރުތައް ކުޅެލާ ހެދޭނެ އޯޝަން ވިއު ލިބޭނެ ތަނެއްގޮތުގައި ޓެރެސްއަކާއެކު ތަރައްގީ ކުރުމަށެވެ. މިހާރުވެސް މި އޮތް މުސްކުޅި ނިޒާމް ބަދަލުވެ ދުރުން މަސައްކަތް ކުރެވޭ ގޮތް ވެއްޖެނަމަ މީ 7 ނުވަތަ 8 މަސްތެރޭގައި އަހަރެންގެ ދިރިއުޅުން ބިނާވާނެގޮތެވެ. " މިއެވެ. މިފަދަ ކިތަންމެ ބަޔަކު މިއަދު ކުދި އެޕާޓްމެންޓްތަކުގައި ކާރޫބާރޫތެރޭގައި ދިރިއުޅެމުން އެބަދެއެވެ. މިއީ އެއްގޮތަކަށްވެސް ހައްގުމިންވަރެއް ނޫނެވެ. ތިބާއާއި ތިބާގެ ދަރިންނާ ދަރިންގެ ދަރިންނަށް އަސްލު ހައްގު މިންވަރު ލިބޭނީ ރަށުގައި އަމިއްލަ ބިމުގައި ތިބެގެން ވަޒީފާ އަދާކުރެވޭނެ ގޮތަކަށް މިރާއްޖޭގެ މުޅި ނިޒާމް ބައްޓަންވެގެންނެވެ. މިހެން ނިޒާމް ބައްޓަންވުމުން ގިނަ އިޖްތިމާއީ މައްސަލަތަކަށް ހައްލުބިގެންދާނެއެވެ.

އަހަރެމެންވެސް ޤަބޫލުކުރަމެވެ. ބައެއް ވަޒީފާތައް އޮފީހަށް ނިކުމެގެން ނޫނީ އަދާކުރުން އުދަގޫވެދާނެއެވެ. އެހެނަސް ގިނަ ވަޒީފާތަކަކީ ކޮންމެހެން ވަތިތަނެއްގައި އިދެގެން އަދާކުރަންޖެހޭ ވަޒީފާތަކެއް ނޫނެވެ. މުހިންމުވަނީ ކަނޑައެޅޭ މަސައްކަތް ފުރިހަމަކުރުމެވެ. ވަކިވަގުތެއްގައި ވަކިތަނެއްގައި އިށީންދެ އިނުމެއްނޫނެވެ. ރާއްޖޭގެ ބައެއް އޮފީސްތަކުގައި ޤަބޫލުކުރާ ހަމައެއް އޮވެއެވެ. އެންމެ ގިނައިރު އޮފީހުގައި އުޅޭ މުވައްޒަފަކީ އެންމެ ކޮމިޓެޑް އެންމެ ރަނގަޅު މުވައްޒަފެވެ. ނޫން ނޫން މުޅިން ގޯސް ވިސްނުމެކެވެ. ފަހަރުގައި އެ މުވައްޒަފު އެހާ ގިނައިރު އޮފީހުގައި އިންނަނީ 15 މިނެޓުން ލިޔެ ނިންމަންޖެހޭ ސިޓީއެއް 2 ދުވަހުން ނިންމަންކަމަށް ވެދާނެއެވެ. ނުވަތަ ކޮންމެވެސް ސޯޝަލް މީޑިއާއެއްގައި ވަގުތު ހޭދަކުރަނީ ކަމަށް ވެދާނެއެވެ. އެހެންކަމުން ގިނަ ވަގުތު އޮފީހުގައި ހޭދަކުރުމަކީ މުވައްޒަފު އޮފީހަށް ހެވަކަށް ކުރާކަމަކަށްވުރެ މާބޮޑަށް އިންތިހާއަށް އޮފީހަށް ގެއްލުން ލިބޭކަމަކަށް ވެދާނެވެ. ވިސްނަވާށެވެ.

ކޮންމެއަކަސް ރާއްޖެފަދަ ޖަޒީރާ ގައުމަކަށް ކޯވިޑް 19 ދަސްކޮށްދިން އެންމެ ރަނގަޅު ފިލާވަޅަކީ ރަށުގައި ތިބެގެން ނުވަތަ ގޭގައި ތިބެގެން މަސައްކަތް ކުރުމުގެ ފިލާވަޅެވެ. މިހާރު ދުނިޔޭގައި ހުރި ވަސީލާތްތަކުގެ ބޭނުންހިފައި ފުރިހަމަ ނިޒާމެއްގެ ތެރެއިން އޮފީހަށް ނުދިޔަނަމަވެސް މަސައްކަތް ކުރެވޭނެ މަގެއް ހޯދިއްޖެނަމަ އެއީ ދިވެހިންގެ އަސްލު ގޮތަށް ދިވެހިން އެނބުރި ދިއުމަށް ލިބޭ ފުރުސަތެކެވެ. އެއީ އިންތިހާއަށް ތަނަވަސްކަން އޮތް ގޮތެވެ. އަދި އެއީ އުފާވެރިކަމާ ހިތްގައިމު ދިރިއުޅުމަށް ދެވެން އޮތް މަގެވެ. މިއީ މިރާއްޖޭގައި ކޮންމެވެސް ދުވަހަކުން ރައްޔިތުން އުޅޭނެ ގޮތްކަމާމެދު ޝައްކެއްނެތެވެ. އެދުވަސް އަވަސްކުރުމާ ލަސްކުރުން އޮތީ މިހާރު ދިރިތިބީންގެ އަތްމަތީގައެވެ. ނަމަވެސް އެދުވަސް ދިވެހިރާއްޖެ ދެކޭނެއެވެ.