ޝަރުޢީ ކޯޓުތަކުން ކޯވިޑް-19 އާއިއެކު އައު ހަރުފަތަކަށް



ad 4
ޝަރުޢީ ކޯޓުތަކުން ކޯވިޑް-19 އާއިއެކު އައު ހަރުފަތަކަށް
އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އަޑުއެހުމެއް ޓެކްނޮލޮޖީގެ އެހީގައި ކުރިއަށް ދަނީ

ޝަރުޢީ ކޯޓުތަކުން ކޯވިޑް-19 އާއިއެކު އައު ހަރުފަތަކަށް


 

ކޯޓުތަކުގައި އޮންނަ މައްސަލަތަކުގެ ޝަރީޢަތުގެ އަޑުއެހުންތަކަށް ގޮސް މަޑުކޮށްލައިގެން ތިބޭއިރު އިވޭ އެންމެ އާންމު ވަހަކައަކީ އަޑު އެހުން ނުފެށި އެތަނުގައި އެތައްއިރަކު މަޑުކުރަންޖެހޭ ވާހަކައެވެ. ޝައްކެއް ނެތެވެ. ވަގުތަކީ އިންސާނާއަށް ލިބިފައިވާ އެންމެ އަގުބޮޑު ހަދިޔާއެވެ. އެ ވަގުތު އެއްވެސް ފަރާތެއްގެ އަމަލެއްގެ ސަބަބުން ގެއްލިދާނަމަ އެވާހަކަ ދެއްކުމަކީ ފިތުރީކަމެކެވެ. މި ބީދައިން އެވާހަކަ ދެކެވެނީއެވެ. ހަމަމިއާއެކު ޒަމާނީ ވަސީލަތްތަކުގެ އެހީގައި ފަސޭހަކަމާއެކު އަޑުއެހުންތައް ބޭއްވުމުގެ މަގުފަހިކުރެވިފައިވާ އަދުގެ ދުނިޔޭގައި މުސްކުޅި ވައްޓަފާޅިއަށް ސީދާ ކޯޓަށް ގޮސްގެން އަޑުއެހުންތައް ބާއްވަންވީ އެއްވެސް ސަބަބެއް ނެތެވެ. އަމުދުން ދިވެހިރާއްޖެފަދަ ޖަޒީރާ ގައުމެއްގައި އެމީހަކު ހުރި ރަށަކުން ޒަމާނީ ވަސީލަތްތަކުގެ އެހީގައި އަޑުއެހުންތައް ބޭއްވުން އެއީ ނުހަނު ފަސޭހަކަމެކެވެ.

ކޯވިޑް-19 އާއި ދުނިޔެ ކުރިމަތިލުމުން ހެޔޮ ބަދަލުއައީ ހަމައެކަނި ޒަމާނީ ޓެކްނޮލެޖީއަށް އަހުލުވެރި ބޮޑެތި ކުންފުނިތަކަށް އެކަންޏެއް ނޫނެވެ. ޝަރުޢީ ކޯޓްތަކަށްވެސް މި މަޖުބޫރީ ހާލަތުގައި އެ ހެޔޮބަދަލު އަތުވެއްޖެއެވެ. ބައިނަލްއަޤްވާމީ ކޯޓްތަކުގައިވެސް ޚަސްމުން އަދި ޤާނޫނީ ވަކީލުން ކޯޓަށް ހާޟިރުނުވެ ޒަމާނީ ވަސީލަތްތަކުގެ އެހީގައި، ޝަރީޢަތްތައް ކުރިއަށް ގެންދަން ފަށައިފިއެވެ. އަދި ދިވެހިރާއްޖޭގައިވެސް މިފަދައިން ޝަރީޢަތްތައް ކުރިއަށް ގެންދަން ފަށައިފިއެވެ.

މިއީ އުނދަގޫ ކަމެއް ނޫންކަން މިއަދު އެންމެނަށްވެސް ސާފުވެއްޖެއެވެ. ހަރުދަނާ އުސޫލަކުން ވެރިފައި ކުރެވިފައިވާ އީމެއިލެއް މެދުވެރިކޮށް ވީޑިއޯ ފެންނާނެހެން އަޑުއެހުންތައް އެހެރަ ކުރިއަށް ދަނީއެވެ. ވަކީލުންގެ ވަގުތު އިންތިހާއަށް ސަލާމަތްކުރެވިއްޖެއެވެ. އަދި  ކޯޓަށް އައިސް ގޮސްވުމުގެ ބުރަ ނެތިގޮސްފިއެވެ. މިއީ ޒަމާނަށް އަހުލުވެރިވުމުން މިއަދު ލިބިފައިވާ ފަސޭހަތަކެވެ. މިއީ ޝަރުޢީ ދާއިރާއަށް އައި އިންޤިލާބީ މުހިންމު ހެޔޮ ބަދަލެކެވެ.

އުފެދޭ ސުވާލަކީ މަސައްކަތްކުރާކަން ޔަގީންވެފައިވާ މި ނިޒާމް އިތުރަށް ހަރުދަނާކޮށް ވަރުގަދަކުރެވޭނެތޯ ކުރާ ސުވާލެވެ. ދުވަހުން ދުވަހަށް މި ނިޒާމް ވަރުގަދަކޮށް ޖަޒީރާވަންތަ ގޮތެއްގައި ޝަރުޢީ ކޯޓްތައް ހިގަންފެށުމަކީ ގިނަގުނަ ފައިދާތަކެއް އެކަމާއި ގުޅިފައިވާ ދިވެހިވަންތަ ގޮތެކެވެ. ރާއްޖެއާއި ގުޅޭ ގޮތެކެވެ.

ad 6

ފުތަރަމަ މި ހެޔޮ ބަދަލާއެކު ފެންނާނެ އެންމެ އުފާވެރި މަންޒަރަކީ ޤާނޫނުއަސާސީން ލިބިދީފައިވާ ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤު ކަށަވަރުވުމެވެ. ހަމަމިއާއެކު ޙައްޤު ހޯދުމަށް ކޯޓަށް މައްސަލަ ހުށަހެޅުމަށް ރައްޔިތުންނަށް އޮތް ހައްޤު ކަށަވަރުކުރުމަށްވެސް މި ނިޒާމް މުހިންމު ދައުރެއް އަދާކުރާނެއެވެ. މުސްތަޤުބަލުގައި އެކި އަތޮޅުތަކުގައި ލޯ ފާމްތަކުގެ އޮފީސްތަކާއި ގޮފިތައް ޤާއިމްގެން ދިއުމުން ރައްޔިތުންނަށް މިދެންނެވި އަސާސީ ޙައްޤުތައް ހޯދުމުގައި އިންތިހާއަށް ފަސޭހަވެ ލުއި ލިބިގެންދާނެއެވެ.

ދެވަނަ ހެޔޮބަދަލަކީ މަސައްކަތް އަވަސްވެ މުޅި ރާއްޖެއަށް ފެތުރިގެން ދިއުމެވެ. ހަދާން ހުންނާނެފަދައިން ހައި ކޯޓްގެ ދެ ގޮފި އުފެދި އެ ދެ ގޮފި ކޮންމެވެސް ސިފައެއްގައި ހިންގިއެވެ. އަމަލުކުރެވެމުން މިދާ ނިޒާމާއެކުގައި ވަކި ކޯޓެއް ކިޔާނެކަމެއްނެތެވެ. ކޮންމެ ކޯޓެއްގެ އަޑުއެހުމެއްގައިވެސް އެމީހަކު ހުރި ރަށަކުން ބައިވެރިވެވޭނެއެވެ. ރައްޔިތުމީހާއަށް އަނެއްކާވެސް ވަރަށް ބޮޑު ލުއިކަމެކެވެ. އަދި އެ ރަށްރަށުގައި ދިރިއުޅޭ ޤާނޫނީ ވަކީލުންނަށްވެސް ރަށުގައި ހުރެގެން އަޑުއެހުމުގައި ބައިވެރިވެވޭނެއެވެ. މީގެ ނަތީޖާއަކަށްވާނީ މިހާރާ އަޅާބަލާއިރު މަސައްކަތުގެ ސްޕީޑް ވަރަށް ބޮޑުތަނުން އަވަސްވެގެން ދިއުމެވެ.

ތިންވަނަ ހެޔޮ ބަދަލަކީ ގާޟީންނަށް ލިބޭ ލުއިކަމެވެ. ހައި ކޯޓްގެ ގޮފިތައް އުފައްދައިގެން ދަތުރުކުރި ދުވަސްތައް ގިނަ ބަޔަކު ހަދާން ހުންނާނެއެވެ. މި ނިޒާމާއެކު އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫނެވެ. މާލޭގައި ތިބެން ބޭނުން ގާޟީން މާލޭގައި އެހެން ރަށްރަށުގައި ތިބެން ބޭނުން ގާޟީން އެ ރައްރަށުގައި ތިބެގެން ފަސޭހަކަމާއެކު ޝަރީޢަތްތައް ހިންގަންވީއެވެ. މިކަމަށް ފެސިލިޓޭޓްކުރަން މިހާރު އެކި ރައްރަށުގައި ހުރި ކޯޓްތައް ބޭނުންކުރެވިދާނެއެވެ.

ހަތަރުވަނަ ހެޔޮބަދަކީ އިންސާފު ހޯދަން ކުރަންޖެހޭ ޚަރަދު ކުޑަވުމެވެ. އެއީ ދައުލަތަށް ބެލި ނަމަވެސް އާންމު ރައްޔިތުންނަށް ބެލިނަމަވެސް މެއެވެ.

ފަސްވަނަ ހެޔޮބަދަލަކީ ގިނަ ރަށްތަކެއްގައި ލޯ ފާމްތަކުގެ އޮފީސްތަކާއި ގޮފިތައް ޤާއިމްވެ އެރަށްތަކަށް އަންނާނެ ހެޔޮބަދަލެވެ. މިސާލަކަށް ކުޅުދުއްފުށީގައި ހުންނަ އޮފީހަކުން އެރަށާއި އަތޮޅު ތެރެއަށް ޚިދުމަތް ދިނުމުން އޭގެ ސީދާ އަދި ނުސީދާ ފައިދާ ރަށާއި އަތޮޅަށް އިންތިހާއަށް ކުރާނެއެވެ.

މިދެންނެވިފަދަ އެތައް ފައިދާތަކެއް މިފަދައިން ޝަރުޢީ ދާއިރާ ހަރުދަނާކޮށް ކުރިއަށްގެންދިއުމުން ދިވެހިންނަށް ލިބެން އެބައޮތެވެ. ރީތި ޖަޒީރާ ރަށްތަކުގައި ފުރިހަމަ އޮފީސްތައް ޤާއިމްކުރެވި މާރީތި ގޮތެއްގައި ތަރައްޤީއަށް ސަޕޯޓް ދެވެން އެބައޮތެވެ. އަހަރެމެންވެސް ޤަބޫލުކުރަމެވެ. ހެޔޮ ތަރައްޤީގެ ކޮންމެ ފިކުރަކާ ދެކޮޅު ބަޔަކު ކޮންމެ ޒަމާނަކުވެސް ތިބޭނެއެވެ. އެއީ މާޒީ އަހަރެމެންނަށް ދަސްކޮށްދިން ފިލާވަޅެކެވެ. އެހެނަސް ދެންތިބި މީހުންނަށް އޮތީ މިދެންނެވި ތަރައްޤީއާއި ކުރިއެރުން އޮތް މަގު އިޚްތިޔާރުކޮށް ކުރިއަށް ދިއުމެވެ. އެއީ ހަޤީޤީ ޖަޒީރާ ވަންތަ ރާއްޖެއެއް ހޯދެން އޮތް އެންމެ މޮޅު އެއް މަގެވެ.