ނިމިގެން މިދިޔަ 30 ދުވަހު އަޅުގަނޑަށް ކުރެވުނު ތަޒުރިބާއަކާއި ގުޅިގެން މި މައުޟޫއަށް އަޅުގަނޑުގެ ޚިޔާލެއް ހިއްސާކޮށްލަމެވެ. ނިމިގެންދިޔަ 30 ދުވަހު އަޅުގަނޑު ދިވެހިރާއްޖެއިން ބޭރުގެ 2 މުއައްސަސާއަކާއި ސީދާ މުއާމަލާތުކުރީމެވެ. އަދި ހަމައެފަދައިން ދިވެހިރާއްޖޭގެ ދައުލަތުގެ ބަޖެޓުން ޚަރަދުކުރާ ދެ މުއައްސަސާއަކާވެސް މުއާމަލާތުކުރީމެވެ. މި މުއާމަލާތުތަކާއި ގުޅިގެން އަޅުގަނޑަށް ތރީގައިވާ ކަންކަން ފާހަގަކުރެވުމާއެކު އެކަންކަމާމެދު ވިސްނުނެވެ. އަދި މައްސަލައެއް އުޅޭކަމާއި އެ މައްސަލައަށް ހައްލެއް ލިބެންޖެހޭކަމުގައިވެސް ދުށީމެވެ.
ރާއްޖެއިން ބޭރުގެ ބޮޑު ދެ މުއައްސަސާއާއެކު ކުރެވުނު މުއާލަމާތުތަކުގައި އަޅުގަނޑު މަސައްކަތްކުރީ ސަރވިސްއެއް ހޯދައި އަދި އެ ސަރވިސްއާއި ގުޅިގެން ދިމާވި ބައެއް މައްސަލަތަކަށް ހައްލު ހޯދުމަށެވެ. ފާހަގަވިކަމަކީ އެތައް މިލިއަން ބަޔަކަށް ޚިދުމަތް ދެމުންދާ އެ ދެ މުއައްސަސާއިންވެސް ނުހަނު އަވަހަށް އަޅުގަނޑަށް ޖަވާބުދީ ހުރި މައްސަލަތައް ހައްލުކޮށްދިންކަމެވެ. ދެ މުއައްސަސާއިންވެސް ނެގީ ގިނަވެގެން 24 ގަޑިއިރެވެ.
ދެންއޮތީ ރާއްޖޭގެ ދެ މުއައްސަސާގެ ވާހަކައެވެ. ރާއްޖޭގެ ދެ މުއައްސަސާއިން ކުރެވުނީ ތަފާތު ތަޖުރިބާއެކެވެ. އެތަނުން އެއްވެސް މުއައްސަސާއަށް ފޮނުވި އެއްވެސް މެއިލްއަކަށް ޖަވާބެއް ނުލިބެއެވެ. އަދި އެއް މުއައްސަސާއަށް ފޮނުވި މެއިލްއަށް ޖަވާބު ނުލިބި 20 ދުވަސް ފާއިތުވުމުން އެތަނަށް ގުޅުމުން ޖަވާބުގައި ބުނީ އެ މެއިލްއާއި ގުޅިގެން އެހެން މުއައްސަސާއަކުން ލިބެންޖެހޭ މައުލޫމާތު ހޯދުމަށް ފޮނުވި ވާހަކައެވެ. އެ މައުލޫމާތަށް އެދުނީ ކޮން ދުވަހަކުތޯ އެހުމުން ބުނީ އެ ރިކުއެސްޓް ފޮނުވީ މެއިލް ފޮނުވިތާ 19 ވަނައަށް ވީ ދުވަހުކަމެވެ.
ގައުމެއް ކުރިއަރާދަނީ ޚިދުމަތް އަވަސްކުރެވި އެ ޚިދުމަތްތައް ފަސޭހަކަމާއެކު ރައްޔިތުންނަށް ލިބުމުންނެވެ. މުއައްސަސާއެއްގެ މޮޅުކަމަކީ އަދި މުވައްޒަފުންގެ މޮޅުކަމަކީވެސް ވީހާވެސް އަވަހަށް ޚިދުމަތް ދިނުމެވެ. އެހެން ނޫނީ ސާފުކޮށް އެ ބުނެވެނީ މި މުއައްސަސާއަކީ ޤާބިލްކަމެއް ނެތް ފިނިހަކަ ސްޕީޑުގެ ތަނެއްކަމަށެވެ. އަދި މުވައްޒަފެއްގެ ސަބަބުން އެފަދައިން ލަސްވާނަމަ އެ މުވައްޒަފަކީ ޚިދުމަތް ދިނުމަށް އެންމެ އެކަށީގެންވާ މުވައްޒަފު ނޫންކަން ސާފުވެގެންދެއެވެ.
މިދެންނެވި ކަންކަމަށް ރިއާޔަތްކޮށް ބަލާއިރު ޖުމްލަ ގޮތެއްގައި ގައުމުގެ ކުރިއެރުމަށް އޮތް ހުރަހަކަށް ޤާބިލްކަން ނެތް މަސައްކަތް އެކަށީގެންވާ ސްޕީޑްގައި ނުކުރެވޭ މުވައްޒަފުން ވެގެން ދެއެވެ. މިއީ މުޅިގައުމަށް ލިބޭ ބޮޑުވެގެންވާ ގެއްލުމެކެވެ. އެފަދަ ޤާބިލްކަމެއް ނެތް މުވައްޒަފުންގެ ސަބަބުން ގައުމާއި ކުރިމަތިލާ ގޮންޖެހުމުގެ އަސަރު އެންމެ ނިކަމެތި މީހާއިން ފެށިގެން އެންމެ ތަނަވަސް މިހާއާހަމައަށް ފޯރައެވެ. އަދި އެއިރެއްގައި އޮންނަ ސަރުކާރަކަށްވެސް މިފަދަ ފަރާތްތަކުގެ ސަބަބުން ގެއްލުން ވެއެވެ. އެހެނީ އެ ސަރުކާރެއްގެ ވައުދުތައް ފުއްދުމުގައި ލަސްވެ، ރައްޔިތުންގެ އިތުބާރު ގެއްލިދެއެވެ. މިއީ މުޅި ގައުމަށް ދެވޭ ދެރައެކެވެ.
އެހެންކަމުން އަޅުގަނޑަށް ފެންނަގޮތުގައި އެކިއެކި މުއައްސަސާތަކުން ވަޒީފާތަކަށް މުވައްޒަފުން ހޮވުމުގައި ވަރަށް ބޮޑަށް ވިސްނަންވެއްޖެއެވެ. ކޮންމެވެސް ގުޅުމެއް އޮތް މީހެއްގެ ދަރިއަކަށް ވަޒީފާދީ 1 ދުވަހުން ކުރެވެން ހުރިކަންކަން 1 މަސް ދުވަހަށް ދެމިގެން ދިޔައީމާ ގައުމުއެދަނީ އެ މުވައްޒަފުންގެ ސަބަބުން ފަހަތަށެވެ. އޭގެ ބަދަލުގައި ރަނގަޅު އިންޓަރވިއުއެއްކޮށް އަދި ކޮންމެވެސް މިންވަރަކަށް މަސައްކަތަށްނެރެ މުވައްޒަފުގެ ކެޕޭސިޓީ ބެލުމަށްފަހު މުވައްޒަފުންނެގުމުން އޭގެ ފައިދާ އެންމެނަށްވެސް ކުރާނެއެވެ. ގައުމުގެ ތަރަށްގީވެސް އެއްބުރު އަނެއްބުރާ ގުޅި ވަރަށްބޮޑަށް އަވަސްވެގެން ދާނެއެވެ. ތަރަށްގީ ގިނަ ގައުމުތަކުން އެފެންނަނީ މިދެންނެވި މަގަށް މަސައްކަތްކުރުމުގެ ނަތީޖާއެވެ. މި ރާއްޖެވެސް އެދި ގޮވަނީ އެފަދަ ތަރަށްގީއާއި ކާމިޔާބަށެވެ.
ލިޔުނީ: ޙުސައިން