ދިވެހިރާއްޖޭގައި ކޯވިޑް 19 އަދިވެސްދަނީ ފެތުރެމުންނެވެ. މިހާހަމައަށް 30 އަށްވުރެގިނަ މީހުން މި ބަލީގައި މި ދުނިޔެއާއިވަކިވެ އެ އާއިލާތަކުގެ ލޯ ތެތްމާލައިފިއެވެ. ފަސޭހަ ވަގުތެއް ނޫނެވެ. އެހެންނަމަވެސް އެކަށީގެންވާ ރަނގަޅު ފިޔަވަޅުތަކަކާއިއެކު ނިއު ނޯމަލްއަކަށް ދިއުމަށް ކަމާބެހޭ ފަރާތްތަކުން ބައެއް ލުއިތައްވަނީ ދީފައެވެ. މި ލުއިތައް ގުޅިފައިވަނީ ކުދިވިޔަފާރިތަކުގެ މުސްތަގުބަލާއެވެ. ދުވަސްވީ މީހުންގެ ދުޅަހެޔޮކަމާއެވެ. އަދި އާންމު ގޮތެއްގައި މުޅި އާބާދީއަށް ލުއި ގޮތްތަކެއް ހޯދައި ދިނުމާއެވެ.
މިހެން މިކަން އޮތްނަމަވެސް ބައެއް ފަރާތްތަކުގެ އަމަލުތައް ހުރީ ވަރަށް ދެރަވަރުކޮށެވެ. ރެސްޓޯރެންޓްތައް ހުޅުވާލުމުން މި ބަލި ނެތް ދުވަސްވަރު ގްރޫޕް ހަދާފައި ކޮފީއަށް ނުވަތަ ކެއުމަށްދާ ބީދައިން ކޮފީއަށާއި ކެއުމަށް ދަނީއެވެ. މި މަންޒަރު ރެސްޓޯރެންޓްތަކުން ފެނެއެވެ. ގިނަ ރެސްޓޯރެންޓްތަކުގައި 3 ފޫޓް ދުރުގައި އެއް މޭޒުގައި ގިނަވެގެން 2 މީހުންނަށް ތިބެވޭގޮތަށް ހަދާފައި ވީނަމަވެސް އެ އުސޫލަށް ބެލުމެއް ނެތި އެއް މޭޒެއްގައި އެތައް ބަޔަކު ތިބޭތަންފެނެއެވެ. އަދި އެ ދުރުމިން އެފަދައިން ނުބަހައްޓާތަންވެސް ފެންނަނީ މަދެއްކޮށެއް ނޫނެވެ. މިއީ އޭގެ ސަބަބުން ބަލި ކޮންޓްރޯލްކޮށް ރާއްޖެ ހަމަޔަކަށް އެޅުމަށް ކުރެވެމުންދާ މަސައްކަތަށް އަސަރުކުރާނެކަމެކެވެ.
ކޯވިޑް 19ގެ މި އުދަގޫ ވަގުތަކީ ދާއިމަށް ދެމިގެންދާނެ ކަމެއް ނޫނެވެ. މިކަން މި މިންވަރަށް ދެމިއޮންނާނެކަމަށް ބެލެވެނީ ގިނަވެގެން 6 މަސްދުވަހަށެވެ. އެހެންވީމާ މި ކުޑަ ދުވަސްކޮޅު ކުޑަކޮށް ކެތްކޮށްލަން އެބަޖެހެއެވެ. ގްރޫޕް ހަދާފައި ކޮފީއަށް ނުވަތަ ކެއުމަށް މިދުވަސްކޮޅު ދިއުމުގެ ބަދަލުގައި ވީހާވެސް މަދުބަޔަކު އެކުގައިގޮސް 3 ފޫޓްގެ ދުރުމިން ބަހައްޓައިގެން ތިބުން އެއީ އެތައް ބައެއްގެ ފުރާނައަށްޓަކައި ކޮންމެ ފަރުދަކަށްވެސް ކޮށްދެވިދާނެ ކުޑަކުޑަ އެހެނަސް ވަރަށް ބޮޑު ކަމެކެވެ.
ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ޒުވާނުން ބިރުކަޑާލާފައި ނުކުމެ އުޅޭ އެއްސަބަބަކީ ޒުވާނުންނަށް މި ބަލި ޖެހުނުނަމަވެސް ކުރާ އަސަރު އާންމު ގޮތެއްގައި ކުޑަވީމައެވެ. ދިވެހިރާއްޖޭގައި ޒުވާނުން މިފަދައިން ބަލައިލުމެއްނެތި އުޅޭ އެއްސަބަބަކީވެސް މިއީކަމަށް ވެދާނެއެވެ. އެހެނަސް ހަދާންބަހައްޓަންވީ ތިއިން ކޮންމެވެސް ފަރާތެއްގެ އާއިލާގައި ނުވަތަ ރައްޓެއްސެއްގެ އާއިލާގައި ދުވަސްވީ ނުވަތަ ހައި ރިސްކް މީހަކު ހުރެދާނެކަމެވެ. އެއިން މީހެއްގެ ދަރިއެއް، ކޮއްކޮއެއް ނުވަތަ އެގޭގައި ދިރިއުޅޭ މީހަކާއެކު ގްރޫޕް ހަދާފައި ކޮފީއަށް ނުވަތަ ކެއުމަށް ދިއުމުން އެ އާއިލާތަކަށް ބޮޑު ގެއްލުމެއް ލިބިދާނެއެވެ. ތިއިން އެކުވެރިއެއްގެ ރައްޓެއްސެއްގެ ބައްޕަ ނުވަތަ ކާފަ އަށް މި ބަލި ޖެހިދާނެއެވެ. އެހެން އެކަންވާކަށް ތިއިން އެއްވެސް ފަރާތެއް ބޭނުމެއް ނުވާނެއެވެ.
ކޯވިޑް 19 އިން އަރައިގަނެ މަޑުމަޑުން ގައުމު ހަމަޔަކަށް އެޅެންދެން މާގިނަ މަސްތަކެއް ނުވާނެއެވެ. އެހެންވީމާ ބާކީ މިއޮތް މަދުދުވަސްކޮޅު ވިސްނުމެއްނެތި ކޮންފިކަމަކުން އިއާދަނުކުރެވޭ ގެއްލުމެއްގެ ތެރެއަށް ދިއުމުގެ ކުރިން ކަމާބެހޭ ފަރާތްތަކުން ދެމުންގެންދަވާ އިރުޝާދުތަކަށް ބޯލަބާ ތަރުތީބު ގޮތްތަކެއް އިޚްތިޔާރު ކުރާށެވެ.