ދިވެހިރާއްޖޭގައި ވިޔަފާރި ރަޖިސްޓްރީ ކުރުން



ad 4
ދިވެހިރާއްޖޭގައި ވިޔަފާރި ރަޖިސްޓްރީ ކުރުން
ދިވެހިރާއްޖޭގައި ވިޔަފާރި ރަޖިސްޓްރީ ކުރުން

ދިވެހިރާއްޖޭގައި ވިޔަފާރި ރަޖިސްޓްރީ ކުރުން


ދިވެހިރާއްޖޭގައި އެއްވެސް ފަރާތަކުން ވިޔަފާރިއެއް ހިންގާނަމަ، ޤާނޫނު ނަންބަރ 2014/18 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ދަށުން ވިޔަފާރި ތަނެއްގެ ގޮތުގައި ރަޖިސްޓްރީ ކުރަންޖެހެއެވެ.  މިގޮތުން ދިވެހިރާއްޖޭގައި ވިޔަފާރިއެއް ހިންގަން ފެށުމުގެ ކުރިން އަންނަނިވި ބާވަތުންކުރެ ބާވަތެއް ގޮތަށް އެ ވިޔަފާރިއެއް ރަޖިސްޓްރީކުރެވިދާނެއެވެ.

  1. ޤާނޫނު ނަންބަރ 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ ދަށުން ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓްރީކޮށްގެން؛ ނުވަތަ
  2. ޤާނޫނު ނަންބަރ 2011/13 (ޕާޓްނަރޝިޕް ޤާނޫނު)ގެ ދަށުން ޕާޓްނަރޝިޕެއްގެ ގޮތުގައި ރަޖިސްޓްރީކޮށްގެން؛ ނުވަތަ
  3. ޤާނޫނު ނަންބަރ 2007/3 (ކޯޕަރޭޓިވް ސޮސައިޓީ ޤާނޫނު) ގެ ދަށުން ކޯޕަރޭޓިވް ސޮސައިޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްގެން؛ ނުވަތަ
  4. ޤާނޫނު ނަންބަރ 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީކުރާ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްގެން.

 

ދިވެހިންނަށް ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ އަދި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގައި އެއްވެސް ހުރަހެއް ނެތް އިރު، ބިދޭސީންނަށް ދިވެހިރާއްޖޭގައި ވިޔަފާރި ހިންގޭނީ، ޤާނޫނު ނަންބަރ 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ ދަށުން ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓްރީކޮށްގެން ނުވަތަ ޤާނޫނު ނަންބަރ 2011/13 (ދިވެހިރާއްޖޭގެ ޕާޓްނަރޝިޕް ޤާނޫނު)ގެ ދަށުން ޕާޓްނަރޝިޕެއްގެ ގޮތުގައި ރަޖިސްޓްރީކޮށްގެންނެވެ.

 

ކުންފުނި

ކުންފުންޏަކީ އެފަރާތުގެ ހިއްސާ ގަނެފައިވާ ހިއްސާދާރުންނާ ވަކިން އުފެދިފައިވާ މިނިވަން ޤާނޫނީ ވަކި ޝަޚްސެކެވެ. ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގައި ދިވެހިރާއްޖޭގައި ކުންފުނި ރަޖިސްޓްރީ ކުރުމުގައި އަމަލުކުރާނެގޮތް ވަނީ ބަޔާންކޮށްފައެވެ. ދިވެހިރާއްޖޭގައި ކުންފުނި ރަޖިސްޓްރީ ކުރާއިރު ދެމީހަކަށް ނުވަތަ އެއަށްވުރެ ގިނަ ބަޔަކަށް، ކުންފުނީގެ ދަރަންޏަށް މެންބަރުން ޒިންމާވާންޖެހޭ މިންވަރު ކަނޑައަޅައި ޕްރައިވެޓް ކުންފުންޏެއް އުފެއްދިދާނެއެވެ. ޕްރައިވެޓް ކުންފުންޏަކީ އެ ކުންފުންޏެއްގެ މެންބަރުންގެ އަދަދު 50 އަށްވުރެ ގިނަވެގެން ނުވާ އެ ކުންފުންޏަކުން އާންމުންނަށް ހިއްސާ ނުވިއްކޭނެ ކޮންމެ ކުންފުންޏެކެވެ. ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤަނޫނުގެ ދަށުން 10 މީހުންނަށް ނުވަތަ އެއަށްވުރެ ގިނަ ބަޔަކަށް ކުންފުންނީގެ ދަރަންޏަށް މެންބަރުން ޒިންމާވާންޖެހޭ މިންވަރު ކަނޑައަޅައި، ޕަބްލިކް ކުންފުންޏެއް އުފެއްދިދާނެއެވެ. ޕަބްލިކް ކުންފުންޏަކީ އެ ކުންފުންޏަކުން އާންމުންނަށް ހިއްސާ ވިއްކޭ ކޮންމެ ކުންފުންޏެކެވެ. ކުންފުންޏެއް ރަޖިސްޓްރީވުމުން އެ ކުންފުންޏަކީ ދައުވާކުރުމާއި، ދައުވާ ލިބިގަތުމާއި، އުފުލޭ މުދަލާއި ނުއުފުލޭ މުދާ ހޯދައި ލިބިގަތުމާއި ވަކި ސިއްކައެއް އޮންނަ މެންބަރުންނާ ވަކިން އުފެދިފައިވާ ޤާނޫނީ ގޮތުން އަމިއްލަ ޝަޚްސެކެވެ.

 

ޕާޓްނަރޝިޕް

ޕާޓްނަރޝިޕަކީ ވިޔަފާރިކުރުމުގެ މަޤްޞަދުގައި، ނުވަތަ އާމްދަނީ ހޯދުމަށް ވިޔަފާރީގެ އުސޫލުން މަސައްކަތެއްކުރުމުގެ މަޤްޞަދުގައި، ދެމީހަކު ނުވަތަ އެއަށްވުރެ ގިނަ ބަޔަކު އެކުވެގެން ވަކި ނަމެއްގައި އުފައްދާ ވިޔަފާރި ޖަމާއަތެކެވެ.  ދިވެހިރާއްޖޭގެ ޕާޓްނަރޝިޕް ޤާނޫނުގައި ދިވެހިރާއްޖޭގައި ޕާޓްނަރޝިޕް ރަޖިސްޓްރީ ކުރާނެގޮތާއި އުސޫލުތައް ވަނީ ބަޔާންކޮށްފައެވެ. ޕާޓްނަރޝިޕަކީ، އެ ޕާޓްނަރޝިޕެއް އުފެދުމުން، އަމިއްލަ ނަމުގައި ދައުވާކުރުމާއި، ދައުވާ ލިބިގަތުމުގެ ބާރު ލިބިގެންވާ، އަމިއްލަ ނަމުގައި މުއާމަލާތްކުރުމުގެ ހައިސިއްޔަތު އޮތް އަދި އަމިއްލަ ނަމުގައި މުދާ ހޯދައި ލިބިގަތުމުގެ ހައްޤު ލިބިގެންވާ ވަކި ޤާނޫނީ ޝަޚްސެކެވެ.  ޤާނޫނުގެ ދަށުން ޖެނެރަލް ޕާޓްނަރޝިޕެއްގެ ގޮތުގައި ނުވަތަ ލިމިޓެޑް ލަޔަބިލިޓީ ޕާޓްނަރޝިޕެއްގެ ގޮތުގައި ވިޔަފާރި ރަޖިސްޓްރީ ކުރެވިދާނެއެވެ. ޖެނެރަލް ޕާޓްނަރޝިޕަކީ އެ ޕާޓްނަރޝިޕްގައި ހިމެނޭ ކޮންމެ ޕާޓްނަރަކުމެ، އެ ޕާޓްނަރޝިޕްގެ ދަރަންޏަށް ވަކިވަކިންނާއި އެކުގައި ޒިންމާ އުފުލަންޖެހޭ އަދި އެގޮތުން އުފުލަންޖެހޭ ޒިންމާގެ މިންވަރު ކަނޑައެޅިފައިނުވާ ޕާޓްނަރޝިޕެވެ. ޖެނެރަލް ޕާޓްނަރޝިޕްގެ ޕާޓްނަރަކަށް ވެވޭނީ ހަމައެކަނި ތަބީއީ ޝަޚްސަކަށެވެ. ލިމިޑެޓް ލަޔަބިލިޓީ ޕާޓްނަރޝިޕަކީ، އެ ޕާޓްނަރޝިޕްގެ ޕާޓްނަރުންނާއި ވަކިން އުފެދޭ ޤާނޫނީ ޝަޚްސެކެވެ. އަދި އެ ޕާޓްނަރޝިޕްގެ ދަރަންޏަށް އެ ޕާޓްނަރޝިޕްގެ ޕާޓްނަރުން ޒިންމާވާންޖެހޭ މިންވަރު ކަނޑައެޅިގެން ވެއެވެ. އަދި އެ ޒިންމާ އޮންނާނީ ޕާޓްނަރޝިޕުން އޭނާ ގަނެފައިވާ ހިއްސާގެ އަގުގެ ތެރެއިން އެއްވެސް މިންވަރެއް ނުދައްކާ އޮތްނަމަ އެ މިންވަރެއްގެ ނިސްބަތަށެވެ.

 

ކޯޕަރޭޓިވް ސޮސައިޓީ

މިއީ ކޯޕަރޭޓިވް އުސޫލުން ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން މުޖުތަމައުގެ ނުވަތަ މުޖުތަމައުގެ ބައެއްގެ އިޤްތިޞާދީ މަޞްލަހަތު ކުރިއެރުވުމުގެ މަޤްޞަދުގައި ރަޖިސްޓްރީ ކުރެވޭ ވިޔަފާރި ބާވަތެކެވެ. ކޯޕަރޭޓިވް ސޮސައިޓީ ވާންޖެހޭނީ މުޖުތަމައުގެ ނުވަތަ މުޖުތަމައުގެ ބަޔަކު އަމިއްލައަށް އިސްނަގައިގެން، އެބައެއްގެ އިޤްތިޞާދީ އަދި އިޖުތިމާޢި ބޭނުންތައް އެބައެއް އަމިއްލައަށް ފުއްދުމަށް އަމާޒުކޮށް އުފައްދާ މިނިވަން ޖަމާއަތަކަށެވެ. އަދި ސޮސައިޓީގެ ވެރިންނަކީ ސޮސައިޓީގެ މެންބަރުންނެވެ. ސޮސައިޓީއެއްގެ މެންބަރަކަށް ވުމުގެ ފުރުސަތު އެ މުޖުތަމައެއްގެ ހުރިހާ ފަރުދުންނަށް އެއްވެސް ތަފާތުކުރުމެއްނެތި ހަމަހަމަކަމާއެކު ހުޅުވާލެވިފައި އޮންނަން ޖެހެއެވެ. ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގައިވާ ގޮތުން ސޮސައިޓީއެއް ރަޖިސްޓްރީކުރަން ހުށަހެޅޭނީ މަދުވެގެން 10 މީހުންނަށެވެ. ކޯޕަރޭޓިވް ސޮސައިޓީއެއް ރަޖިސްޓްރީވުމުން، އެ ސޮސައިޓީއަކީ، އެ ސޮސައިޓީގެ ރަޖިސްޓްރީ ކުރެވިފައިވާ ނަމުގައި ދައުވާކުރުމާއި ދައުވާލިބިގަތުމާއި، އުފުލޭ މުދަލާއި ނުއުފުލޭ މުދާ ހޯދުމާއި ލިބިގަތުމާއި، ދެމިގެންވާގޮތަށް މުދާ ލިބިގަތުމާއި، ވަކި ސިއްކައެއް އޮންނަ، މެންބަރުންނާ ވަކިން އުފެދިފައިވާ ޤާނޫނީ ގޮތުން އަމިއްލަ ޝަޚްސެކެވެ.

 

ad 6

އަމިއްލަ ފަރުދުންގެ ވިޔަފާރި

ސޯލް ޓްރޭޑަރ އަކީ ދިވެހިރާއްޖޭގައި ވިޔަފާރިއެއް ހިންގަން އެދޭ އަމިއްލަ ފަރުދަކު، ވަކި ނަމެއްގައި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީކޮށް ހިންގާ ވިޔަފާރިއެވެ. މިއީ ވިޔަފާރީގެ އެންމެހައި މިލްކުވެރިކަމެއް އެ ވިޔަފާރީގެ މަސްއޫލުވެރިޔާއަށް އޮންނަ އެމީހަކު އަމިއްލައަށް ފަރުދީގޮތުން ވިޔަފާރި މެނޭޖްކޮށް ލަޔަބިލިޓީސްވެސް އަމިއްލައަށް އުފުލަންޖެހޭ ފަދައިން ރަޖިސްޓްރީ ކުރެވޭ ވިޔަފާރީގެ ބާވަތެކެވެ. އަމިއްލަ ވިޔަފާރިއެއް ރަޖިސްޓްރީ ކުރުމުން އެ ވިޔަފާރިއާއި އެ ވިޔަފާރީގެ މަސްއޫލުވެރިޔާއާ ވަކިނުކުރެވުމެވެ. އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމާއި ކަމާގުޅޭ އުސޫލުތައް އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގައި ވަނީ ބަޔާންކޮށްފައެވެ. އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ހިންގުމުގެ ފައިދާތަކުގެ ތެރޭގައި ވިޔަފާރި ހިންގުމުގެ ފުރިހަމަ ކޮންޓްރޯލް އޮތުމާއި، އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް މަދުވުން ހިމެނެއެވެ. މިފަދައިން ވިޔަފާރި ރަޖިސްޓްރީކުރުމުން ލިބިދާނެ ގެއްލުންތަކުގެ ތެރޭގައި އެ ވިޔަފާރީގެ ގެއްލުމަކީ އެ ވިޔަފާރީގެ މަސްއޫލުވެރިޔާ ތަހަންމަލު ކުރަންޖެހޭ އެއްޗަކަށް ވުމާއި، ވިޔަފާރިން ހިންގާ ވިޔަފާރީގެ މުއާމަލާތްތަކާއި އެންމެހައި ކަންކަމަށް އެ ވިޔަފާރީގެ މަސްއޫލުވެރިޔާ ފަރުދީގޮތުން ޒިންމާވާންޖެހުމާއި، އެ ވިޔަފާރީގެ ދަރަންޏަށް ފަރުދީގޮތުން  ޒިންމާވާންޖެހުމުގެ ސަބަބުން ތިމާގެ މުދާ ރިސްކަށް ހުށަހެޅިގެން ދިއުން ހިމެނެއެވެ.

 

ފޮރިން އިންވެސްޓްމެންޓް

ދިވެހިރާއްޖޭގައި ފޮރިން އިންވެސްޓްމެންޓް ރަޖިސްޓްރީކުރުމާ ގުޅޭ މުހިންމު މައުލޫމާތުތަކެއް ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.

'ފޮރިން ޕަރސަން'/ބިދޭސީ އަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދިވެހިރައްޔިތަކަށް ނުވާ ކޮންމެ ފަރާތެކެވެ.

ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް ޕޮލިސީގައިވާ ގޮތުން ފޮރިންގ އިންވެސްޓަރއަކީ

  1. ދިވެހިރައްޔިތަކަށް ނުވާ ރާއްޖޭން ބޭރުގެ ފަރާތެއް؛ ނުވަތަ
  2. ރާއްޖޭން ބޭރުގެ ކުންފުނި ނުވަތަ ޕާޓްނަރޝިޕް
    • 100% ބޭރުގެ ފަރާތްތަކުގެ ހިއްސާއޮންނަ
    • ދިވެހިންނާއި ރާއްޖޭން ބޭރުގެ ފަރާތްތަށް ހިމެނޭގޮތުން އެކުލަވާލާފައިވާ ޖޮއިންޓް ވެންޗަރސް
  3. ރާއްޖޭން ބޭރުގެ ވިޔަފާރިތަކުގެ ތެރެއިން ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އަންނަނިވި ބާވަތްތަކުގެ ވިޔަފާރިތައް:
    • ޕާޓްނަރޝިޕްސް
    • ރާއްޖޭން ބޭރުގެ ފަރާތްތަކުގެ ހިއްސާ އޮންނަ ކުންފުނި
    • ކުންފުންޏާބެހޭ ޤާނޫނުގެ 94 ވަނަ މާއްދާގެ ދަށުން ރާއްޖޭގައި ރީ-ރަޖިސްޓަރކޮށްފައި ހުންނަ ކުންފުނި
  4. ފޮރިން އިންވެސްޓްމެންޓް ޕްރޮޕޯސަލެއް ހުށަހަޅާ ދިވެހިރައްޔިތުން ނުވަތަ ރާއްޖޭން ބޭރުގެ ފަރާތްތައް.

 

ދިވެހިރާއްޖޭގައި ބިދޭސީންނަށް އަންނަނިވި ދެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިދާނެއެވެ.

  1. ޤާނޫނު ނަންބަރު (79/25) ފޮރިން އިންވެސްޓްމެންޓް ޤާނޫނު
  2. ޤާނޫނު ނަންބަރ (2014/24) ސުޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނު

ފޮރިން އިންވެސްޓްމެންޓް ޤާނޫނު

މިވަގުތު ފޮރިން އިންވެސްޓްމެންޓް ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީކުރުމުގެ ކަންކަން ހިނގަނީ ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް ޕޮލިސީގެ ދަށުންނެވެ. ރާއްޖޭގައި އިންވެސްޓްކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުގެ ތެރެއިން ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް ޕޮލިސީގެ ދަށުން ދިވެހިރާއްޖޭގައި އިންވެސްޓްކުރުމުގެ ޝަރުޠު ހަމަވާ އެންމެހައި ފަރާތްތަކަށް ދިވެހިރާއްޖޭގައި އިންވެސްޓް ކުރެވޭނެއެވެ.

ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނު

މި ޤާނޫނު ވުޖޫދަށް އައިސްފައިވަނީ ބޮޑެތި އިންވެސްޓްކުރުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ފަހިކޮށް ދިނުމުގެ ގޮތުން 2014 ވަނަ އަހަރުއެވެ. މި ޤާނޫނުގައި ސްޕެޝަލް ޓެކްސް އަދި އިންސެންޓިވްސް މިފަދަ އިންވެސްޓަރުންނަށް ދިނުމުގެ މަގުފަހިކޮށްދީފައިވެއެވެ. ސަރުކާރުން ސްޓްރެޓެޖިކްކޮށް އިސްކަންދޭ ކަންކަމަށް 150 މިލިއަން ޑޮލަރަށްވުރެ މަތީގެ އިންވެސްޓްކުރާ ފަރާތްތަކަށް މި ޤާނޫނުގެ ދަށުން އިންވެސްޓްކުރުމުގެ ފުރުސަތު ފަހިވެފައި އޮވެއެވެ.