ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމަށް އިންތިޚާބުވީ 2018 ސެޕްޓެމްބަރ 23 ވަނަ ދުވަހުއެވެ. އޭގެ ފަހުން މިހާރު މިމަހުގެ 23 ވަނަ ދުވަހަށް ދެ އަހަރު ވެގެން ދިޔައިރު ހާސިލްކުރެވުނީ ކޮންކަމެއްތޯ ބައެއް ފަރާތްތަކުން ސުވާލު ކުރެއެވެ. ދެކެފަރިތަ ބައެއް ފަރާތްތަކުން ދޭތެރެއަކުން ކުރާ ސުވާލެއް އޮވެއެވެ. ފަނޑިޔާރުގެ މިނިވަން ކުރުމުގެ އުންމީދުގައި 2018 ވަނަ އަހަރު އޭރުގެ އިދިކޮޅު ފަރާތްތަކުން ބާއްވަމުން ދިޔަ ޖަލްސާތަކާއި ހިނގާލުންތަކުގައި ބައިވެރިވެގެން ނެރެވުނު ނަތީޖާއެއް އެބައޮތްތޯއެވެ. އޭރުގެ އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތަކުގައި ބައިވެރިވީ އޭރުގެ އިދިކޮޅު ކެންޑިޑޭޓް އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އެހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކަށް ދެރައެއް ލިބުނަ ނުދޭނެ ކަމުގެ ވައުދުވުމާއެކު އެ ޔަޤީން ކަމުގެ މައްޗަށް ބިނާކޮށެވެ. އަޅުގަނޑާ އެއްފަދައިން އެހެން ބައެއް ފަރާތްތަކުންވެސް އަޅުގަނޑު ދެކޭގޮތުގައި އެ ހަރަކާތެއްގައި ބައިވެރިވެގެން ވަޒީފާ ނުގެއްލޭނެ ކަމުގެ ޔަޤީންކަން ލިބުމާއެކު އެ ހަރަކާތްތަކުގައި ބައިވެރިވެފައިވާނެއެވެ. އޭރުގެ ބިޔަ ޖަލްސާތަކާއި ކޮޅު ނުފެންނަ ވަރުގެ ހިނގާލުން ތަކަކީ އޭގެ ހެއްކެކެވެ. ވަޒީފާއިން ވަކިކޮށް އެއްލާލަފާނެ ކަމުގެ ބިރާއެކުވެސް ބައެއް ރައްޔިތުން އެ ރިސްކު ނެގިއެވެ. ސަރުކާރު ބަދަލުވާނެ ކަމުގެ ޔަޤީންކަން ލިބިފައި ނެތް ނަމަވެސް އެއީ އެހިނދަށް ނަގަންޖެހޭ ރިސްކެއް ކަމަށް އެފަރާތްތަކަށް ފެނި ޤަބޫލުކުރެވުނީއެވެ. އެ ރިސްކު ނުނަގައިފިނަމަ ގައުމަށް ދިމާވެދާނެ ދެރަޔަކާމެދު އެފަރާތްތަކުން ވިސްނީއެވެ.
އަޅުގަނޑުވެސް މިދެންނެވި އެތައް ސުވާލަކާއެކުވެސް އެ ރިސްކު ނެގީ މައިގަނޑު ގޮތެއްގައި ޖުޑީޝިއަރީއަށް ހެޔޮ ބަދަލު އަންނާނެ ކަމުގެ އުންމީދުގައެވެ. އަޅުގަނޑު އަބަދުވެސް އެދެނީ މިނިވަން އިންސާފުވެރި ފަނޑިޔާރުގެއެއް ޤާއިމްވެފައި އޮތުމަށެވެ. ފަނޑިޔާރުގެއިން ކުރާ ހުކުމަކީ މޫނަށް ބެލުމެއްނެތި ހުށަހެޅޭ އިލްމީ އަދި ޤާނޫނީ ވާހަކަތަކަށް ބިނާކޮށް ކުރާ ހުކުމަކަށް ވުމެވެ. އަޅުގަނޑަށް ކިޔާލެވޭ ތަރައްޤީ ގައުމުތަކުގެ ކޯޓުތަކުން ނިންމާފައިވާ ޤަޟިއްޔާތަކުގައިވެސް މައިގަނޑު ގޮތެއްގައި ބެލިފައިވަނީ މި ދެންނެވި ކަންކަމުގެ މައްޗަށެވެ. އަދި އިންސާފަކީވެސް އެއީއެވެ. ވިސްނުންތެރިކަމާއިއެކު ތަރުތީބުން ހުށަހެޅޭ ޤާނޫނީ ނުކުތާތަކަށް ބިނާކޮށް ޙުކުމް ކުރެވޭނަމަ، އެ މުޖުތަމައެއްގައި އަދުލު އިންސާފު ޤާއިމްކުރެވިފައިވާތަން ފެންނާނެއެވެ.
އުންމީދުކުރާ އެންމެ މަތީ މިންވަރަށް ކަންކަން ހާސިލްނުވެދާނެއެވެ. އެހެނަސް އަޅުގަނޑަށް ފެންނަގޮތުގައި ނިމިދިޔަ 2 އަހަރު ރައްޔިތުންނަށް ނުހަނު މުހިންމު 3 ކަމެއް ހާޞިލްވެއްޖެއެވެ.
ފަނޑިޔާރުގެއަށް ހެޔޮ ބަދަލެއް
އަޅުގަނޑެކޭ އެއްފަދައިން 2018 ވަނަ އަހަރުގެ ހަރަކާތްތަކުގައި ފަނޑިޔާރުގެ މިނިވަން ކުރުމަށް އެދި ގިނަ ބަޔަކު ބައިވެރިވެފައިވާކަން ޔަޤީނެވެ. އޭރު އޮތް ވެރިކަން ބަދަލު ވުމުގެ މައިގަނޑު އެއް ސަބަބަކަށް މިކަން ވާނެއެވެ. ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްނުވާ އެހެނަސް ވޯޓުގެ ނަތީޖާ ބަދަލުކުރުމަށް ބޭނުންވާ އާބާދީ، އެ ހަރަކާތްތަކުގައި ބައިވެރިވީ ޕާޓީއަށް ބެލުމެއްނެތި އަދުލުއިންސާފާއި ހަމަހަމަކަންފަދަ ރިވެތި ގޮތްތައް ގައުމުގައި އޮތުމަށް އެދޭތީއެވެ. މިދެންނެވި އާބާދީގެ ވޯޓު ބިނާވަނީ ޕާޓީގެ ފިކުރު އެކަހެރިކޮށް އެޕާޓީއަކުން ވެރިކަމުގައި އޮވެއްޖެނަމަ، ޖުމްލަ ގޮތެއްގައި ގައުމަށް އަންނާނެ ހެޔޮ ބަދަލަށެވެ.
މިހާރު މިއޮތް ސަރުކާރު އިންތިޚާބުވިތާ 2 އަހަރު ވެފައިވާއިރު، ކުރިއާ ޚިލާފަށް މިހާރު އިވޭ އަޑަކީ ފަނޑިޔާރުގެތައް މިނިވަން ވަމުންދާ ވާހަކައެވެ. ފަނޑިޔާރުގެއިން ދަތިކޮށް ނަމަވެސް އިންޞާފަށް ވާސިލްވެވޭ ވާހަކައެވެ. މިއީ ކުރިންވެސް ފާހަގަކުރި ފަދައިން ވަކި ޕާޓީ ފިކުރަކަށް ނިސްބަތްނުވާ، ފަރާތްތަކުން އުންމީދުކުރި ދުވަހެކެވެ.
މުވައްޒަފުންނަށް ވަޒީފާގެ ޔަގީންކަން
ނިމިދިޔަ ސަރުކާރުން ވަޒީފާއިން ވަކިކުރި ފަރާތެއްގެ މައްސަލަ އަޅުގަނޑު އިސްވެ ހުރެ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅީމެވެ. އެ މައްސަލަ ޓްރައިބިއުނަލްގައި ކުރިއަށް ދިޔައިރު އަޅުގަނޑާއެކު ދެން އެމައްސަލާގައި ބައިވެރިވި އަނެއް ޤާނޫނީ ވަކީލު މައްސަލައިގެ ތަފްސީލު ހުށަހެޅި ދުވަހު ފެންކަޅިވެ ވާހަކަދައްކަން އުދަގޫވެފައި ހުރި މަންޒަރު ދުށީމެވެ. ކުޑަކުދިންތަކެއްގެ ބައްޕައެއް އަދި ޒުވާން މަންމައެއްގެ ފިރިއެއް ވަޒީފާއިން ވަކިކޮށް ބިކަކޮށްލި ވާހަކަ ކިޔައިދެމުން ދިޔައީ ނުހަނު އުނދަގުލުންނެވެ. އެއީ ބޮޑު އާއިލާއަކަށް ލިބުނު ގެއްލުމެއްގެ ވާހަކައެވެ.
މިއަދު މިފަދަ ވާހަކަތައް މަދުވެއްޖެއެވެ. ވަޒީފާއިން ވަކިކޮށްގެން ނުވަތަ ބޭއިންސާފު ފިޔަވަޅެއް އަޅައިގެން ނޫސްތަކުގައި ލިޔެލާ ސުރުޚީތައް ވަރަށް ނުފެނެއެވެ. މިއީ ގިނަ ރައްޔިތުންތަކެއް އަދި ޚާއްސަކޮށް ވަޒީފާގެއްލުނު އާއިލާތަކުން އުންމީދުކުރި ދުވަހެވެ. ވަޒީފާގައި ބިރުވެރިކަމެއްނެތި ހުރުމުގެ އުފަލާ އެ ޔަޤީންކަމެވެ.
ރައްޔިތުންނާ ސީދާ ގުޅިފައިވާ ކަންކަމަށް ހައްލެއް
ރައްޔިތުންނަށް ނުހަނު ބޭނުންތެރި އެތައް ކަމެއް ފަހަކާ ޖެހެންދެން ހުރީ އެހެންކަންކަމުގެ ފަހަތަށް ޖެއްސިފައެވެ. މިސާލަކަށް ފެނާ ނަރުދަމާގެ ނިޒާމު ޤާއިމްކުރުން އެއީ ކޮންމެ ރައްޔިތަކަށްޓަކާ އެއިރެއްގައި އޮންނަ ސަރުކާރުން ކޮންމެހެން ކޮށްދޭންޖެހޭ ކަމެކެވެ. އެއްވެސް ރައްޔިތެއްގެ ބޮލަށް ނަޖިސް ފެން އެޅުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ. މިއަދު އިވޭ އުފާވެރި ޚަބަރަކީ ފެނާ ނަރުދަމާގެ ނިޒާމް އެކަށީގެންވާ ބާރުމިނުގައި ރަށްރަށުގައި ޤާއިމް ކުރެވެމުންދާ ވާހަކައެވެ.
މިދޭތެރެއަކުން މިހާރު ވެރިކަން ހިންގާ މައި ޕާޓީގެ ނުފޫޒުގަދަ މަޖިލިސް މެންބަރަކާއެކު ފެނަކައިގައި އޮތް ބައްދަލުވުމެއްގައި ބައިވެރިވީމެވެ. ފެނަކައިގެ އެމްޑީ އަރިހުން ރަށެއްގައި އާންމު ރައްޔިތުންނަށް އުދަގޫވާ ހިސާބުގައި އިންޖީނުގެއެއް ހުރުމުން އެ އިންޖީނުގެ އެހެން ތަނަކަށް ބަދަލުކޮށްދިނުމަށް އެދެވުނެވެ. ލަސްތަކެއް ނުވެއެވެ. އަޅުގަނޑަށް ފެނުނީ އެ އިމާރާތް އަޅައިދޭނެ ފަރާތެއް ހޯދުމަށް ގެޒެޓްކޮށްފައި އޮއްވައެވެ. ޚަބަރު ލިބޭ ގޮތުން މިހާރު އެއިމާރާތްވަނީ ހުޅުވުމާ ގާތްވެފައެވެ.
ރައްޔިތުންގެ ގިނަ ބަޔަކު އެދެނީ މި ދެންނެވި ފަދަ ސީދާ ރައްޔިތުންނާ ގުޅި ލާމެހިފައިހުރި މައްސަލަތަކަށް ހައްލު ލިބުމެވެ. މިއަދު އެހައްލު ލިބުނު އެތައް ރަށެއްގެ ރައްޔިތުން އުންމީދު ކުރި ދުވަސް އެ ރައްޔިތުން ދަނީ ދެކެމުންނެވެ.
އަޅުގަނޑުގެ މަޤްޞަދަކީ ސަރުކާރުގެ އެންމެހައި ޕްރޮޖެކްޓެއްގެ ތަފްސީލު ބަޔާންކޮށްދިނުމެއް ނޫނެވެ. އެހެން ނަމަވެސް މިސަރުކާރު އިންތިޚާބުވިތާ 2 އަހަރު ވެގެން ދާއިރު، މިސަރުކާރު ގެނައުމަށް ވޯޓު ދިން ރައްޔިތުންނަށް ލިބުނީ ކޮން ހިތްހަމަ ޖެހުމެއްތޯ ޖުމްލަ ގޮތެއްގައި ބަލައިލުމެވެ. ޖުޑީޝިއަރީއަށް އަންނަ ހެޔޮ ބަދަލާއި ވަޒީފާގެ ޔަޤީންކަމާއި، ރައްޔިތުންނަށް ދިމާވެފައިހުރި ތަކުލީފުތައް މަޑުމަޑުން ފިލައި ދިއުމީ ހަމަ ޔަޤީނުންވެސް 2 އަހަރު ދުވަހަށް ބަލާއިރު ކާމިޔާބެކޭ ބުނެވިދާނެއެވެ.
މިހާރުގެ ސަރުކާރުން އިންތިޚާބު ކާމިޔާބުކުރީ 134705 (އެއްލައްކަ ތިރީސް ހަތަރުހާސް ހަތްސަތޭކަ ފަހެއް) ވޯޓާއެކު 58.4 (ފަންސާސް އަށެއް ޕޮއިންޓް ހަތަރެއް) އިންސައްތައިގެ ބޮޑު އަޣުލަބިއްޔަތާއެކުގައެވެ. މިހާ ބޮޑު އަޣުލަބިއްޔަތެއް އިދިކޮޅަށް ރައްޔިތުން ދިނީ ކީއްވެތޯ އޭރުވެސް ސުވާލު ކުރަމުން ދިޔައެވެ. ޖަވާބު އުދަގުލެއްނޫނެވެ. އިންސާފުނުލިބޭ ކޮންމެ ރައްޔިތަކާއެކު އެތައް އިތުރު ރައްޔިތުންނެއް ވާނެއެވެ. ވަޒީފާ ގެއްލޭ ކޮންމެ ރައްޔިތަކާއެކު އިތުރު އެތައް ރައްޔިތުންނެއް ވާނެއެވެ. ރައްޔިތުންނަށް ހުރި ދަތިތައް ފިލުވައިދޭން ވައުދުވުމާއެކު، އެތައް ރައްޔިތުންނެއް އެ ވައުދު ފުއްދަން ބޭނުންވާނެއެވެ. އެހެންކަމުން އެ ބޮޑު ތަފާތު ނުވަތަ ބޮޑު އަޣުލަބިއްޔަތު ރަމްޒުކޮށްދެނީ މާބޮޑު ބިޔަ ކަންތައްތަކެއް ނޫނެވެ. އެހެނަސް ކުޑަނަމަވެސް ގިނަ ބަޔަކާ ގުޅިފައިވާ ގިނަ ރައްޔިތުންގެ އިޙްސާސްތަކާ އުންމީދުތަކާ ގުޅިފައިވާ ކަންތައްތަކެއްގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުން ވޯޓުލާން ނިކުތީއެވެ. ޚާއްސަކޮށް ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްނުވާ ވޯޓުގެ ނަތީޖާ ބަދަލުކުރުމަށް ބޭނުންވާ އާބާދީ މި ދެންނެވި ކަންކަމަށް ދޭ އިސްކަން ވޯޓުގެ ނަތީޖާއިން ފެންނަން އެބައޮތެވެ.
ވަކި ސިޔާސީ ފިކުރަކަށް ހުސްވެފައިނުވާ އިންތިޚާބުގެ ނަތީޖާ ބަދަލުކުރި އާބާދީ އުންމީދުކުރީ މި ދެންނެވިފަދަ ބަދަލުތަކެއް ގައުމަށް އައުމަށެވެ. އެބަދަލުތަކާއެކު، ތަރައްޤީ ފެންނަމުންދާނަމަ ހަމަޔަޤީނުންވެސް ރައްޔިތުން ތިބޭނީ އުފަލުގައެވެ. ގިނަ ރައްޔިތުންނަކީ ސިޔާސީ މައިދާނުގައި މާ ހަރަކާތްތެރި ބައެއް ނޫނެވެ. އެހެން ނަމަވެސް ކޮންމެ ރައްޔިތެއްވެސް ގައުމާމެދު ކުރާ އުންމީދުތަކެއް ހުންނާނެއެވެ. އެރައްޔިތުމީހާ ގައުމު އޮތުމަށް ދެކޭ ގޮތެއް އޮންނާނެއެވެ. އެގޮތުގައި ގައުމު އޮންނަ ނަމަ، އެ ރައްޔިތުމީހާ ހުންނާނީ ހިތްހަމަޖެހިފައެވެ. އަދި އޭނާއާއި އޭނާއާއެކުވީ އެންމެން އެއިރެއްގައި އޮންނަ ސަރުކާރަކަށް އެހީތެރިވެ މަދަދުވެރިވާނެއެވެ.
ލިޔުނީ: އަލްއުސްތާޛާ ޢާއިޝަތު ރިޔާސާ