ރަށްފުށުގެ ރީތި ދިރިއުޅުމާއި އިޤްތިޞާދީ ކުރިއެރުން ގުޅުވާލުން



ad 4
ރަށްފުށުގެ ރީތި ދިރިއުޅުމާއި އިޤްތިޞާދީ ކުރިއެރުން ގުޅުވާލުން
ރަށްފުށުގެ ރީތި ދިރިއުޅުމާއި އިޤްތިޞާދީ ކުރިއެރުން ގުޅުވާލުން

ރަށްފުށުގެ ރީތި ދިރިއުޅުމާއި އިޤްތިޞާދީ ކުރިއެރުން ގުޅުވާލުން


މިހާރު ދުނިޔެ ދެކެމުންމިދާ ބަލިމަޑުކަމުގެ ތެރެއިން ފެންނަ ރީތި އުންމީދީ މަންޒަރެއް އެބައޮތެވެ. ގިނަ ބަޔަކު މާލެ ދޫކޮށް އެމީހުންގެ ރަށަށް ދިރިއުޅުން ބަދަލުކުރަނީއެވެ. ދަރިންގޮވައިގެން ރީތި މޫދާއި ކުޅިތަކާއި ފަޅުރަށްތަކަށްގޮސް ޖަހާ ސަކަރާތް ސޯޝަލް މީޑިއާއިން ތާއަބަދު އެބަފެނެއެވެ. ހަމައެކަނި އެމަންޒަރު ފޮޓޯއިން ބަލައިލާއިރުވެސް ހިތަށް އެލިބޭ އުފާވެރިކަން ބޮޑެވެ. އެހެންކަމަށްވާނަމަ އެ ތަޖުރިބާ ކުރާ ފަރާތްތަކަށް ލިބޭނެ ހިތްހަމަޖެހުމާއި އުފާވެރިކަން އިންތިހާއަށް ބޮޑުވާނެއެވެ. މީ މިރީތި ރާއްޖޭގެ ރައްޔިތުން އުޅެންވީގޮތެވެ.

އެހެނަސް މިހާހަމައަށް މި ރިވެތި އިންތިހާއަށް ކޫލް ލައިފް ހޯދުމަށް އޮތް ހުރަހަކަށްވީ ސަރުކާރުތަކުގެ ވިސްނުމާއި އާންމުކޮށް ވިސްނައިދީފައި އޮތް ނުރަނގަޅު ވިސްނުމެކެވެ.

އާންމުކޮށް ވިސްނައިދީފައި އޮތް ނުރަނގަޅު ވިސްނުމަކީ ކިޔަވާ މޮޅުމީހަކަށް ވެގެން ބޮޑު ވަޒީފާއަކަށް ދިއުމެވެ. އެއިރު ކިޔެވެން އޮތީ މާލެއަށް ހިޖުރަކޮށްގެންނެވެ. އަދި ރަނގަޅު ވަޒީފާއެއް ލިބެން އޮތީވެސް މާލެއަށް ހިޖުރަކޮށްގެންނެވެ. ރައްޔިތުންނަށް ޖުމްލަ ގޮތެއްގައި ވިސްނަނުދީ ގަސްތުގައި ނަމަވެސް އޮތްކަމަކީ ރަށްފުށުގައި އޮތް އިޤްތިޞާދީ ބާރުވެރިކަމެވެ.

ތި އެންމެ ބޭފުޅުން ވިސްނަވާށެވެ. ކޮންމެ ރަށެއްގައި ބީޗް ފްރަންޓް އެތަށް އިމާރާތެއް ހުންނާނެއެވެ. ބޮޑެތި ބިންތައް ރަށްރަށުގައި އެބަހުއްޓެވެ. ކޮންމެ މީހަކަށް އެކަށީގެންވާ ބިމެއް ނުދެވޭނެ ރަށްތައް މަދުވާނެއެވެ. އަދި އެރަށުގައި އުޅޭ ރައްޔިތުންނަށް އިޤްތިޞާދީ އެހެނިހެން ހަރަކާތްތައް ހިންގުމަށް ބިންދެވޭނެ ރަށްތައް ވަރަށް ގިނަވާނެއެވެ. ބޮޑެތި ފަޅުތަކާއި ރިވެތި ތުޑިތައް ނެތް ރަށެއް މަދުވާނެއެވެ. މީ ހާދަހާވާ ބޮޑު ނިއުމަތެކެވެ. ތަނަވަސްކަމެކެވެ. ރާއްޖޭގައި މިވަގުތު އެތަށް ހޭދައެއްކޮށް ކިޔަވައިގެން ލިބޭ މުސާރަ އުޅެނީ 20،000ރ ހިސާބުގައެވެ. އެއަށްވުރެ ދަށް ނުވަތަ މަތި ބައެއް އިދާރާތަށް ހުރެދާނެއެވެ.

އަހަރެންގެ އަމިއްލަ ތަޖުރިބާއެއް ހިއްސާކޮށްލާނަމެވެ. އަހަރެން ކިޔަވާނިމި ވަޒީފާއަށް ކުރިމަތިލައި ރާއްޖޭގެ އެންމެ ބޮޑެތި މުއައްސަސާތަކުން ވަޒީފާ ލިބުނެވެ. އެގޮތުން ޕެންޝަން އޮފީހާއި، ބޭންކް އޮފް މޯލްޑިވްސް އަދި އެމްޓީސީސީ ހިމެނެއެވެ. އަދި މުސާރައިގެ ގޮތުގައި އެވްރެޖްކޮށް އެއިން ކޮންމެ ތަނަކުން 25،000ރ ވަރު މަހެއްގެ މައްޗަށް ޖެހެއެވެ. އެއަށްފަހު އަމިއްލަ ރަށުގައި ގެސްޓްހައުސްއެއް އެޅުމުގެ އުންމީދުގައި މަސައްކަތް ފެށީމެވެ. ދިމާވި ބައެއް ދަތިތަކާއެކު ޖެހުނީ ކުލި ދައްކައިގެން އެހެން ރަށަކުން ބިމެއް ނަގައިގެން ގެސްޓްހައުސް އަޅާށެވެ. އެކަން ކާމިޔާބުކޮށް އޮޕަރޭޓްކުރީމެވެ. ގާތްގަޑަކަށް 700،000 ރުފިޔާގެ ލޯނާއިއެކު އަހަރެމެން އަމިއްލަ ޖީބުން 1 މިލިއަންވަރު ޚަރަދުކޮށް ވަރަށް ފެންވަރު ރަނގަޅު ގެސްޓްހައުސްއެއް އޮޕަރޭޓް ކުރީމެވެ. ފާހަގަވި ކަމަކީ ރެންޓަށް ނުވަތަ ކުއްޔަށް 15،000ރ ވަރު ދައްކާފައި މުވައްޒަފުންގެ މުސާރައިގެ ގޮތުގައި ބޮޑު އަދަދެއް ދީފައި އަދި އިތުރަށްވެސް ފައިސާ ހުންނަކަމެވެ. އަދި ޚާއްސަކޮށް ކޮވިޑްގެ ކުރިން ދިޔަ ސީޒަނަން ބުކިންސް ނަގަން ފެށިތާ 2 މަހެއްހާ ދުވަސްތެރޭގައި މުޅި ސީޒަން އެކުގައި ފުލްވިއެވެ. ފުލްވީ އެކަންޏެއް ނޫނެވެ. އޯވަ ބުކްވެސް ވިއެވެ. ބައެއް މަސްމަހު ހުރި ރޫމްގެ އަދަދަށްވުރެ ޑަބަލް ޓޫރިސްޓުން ތިއްބެވެ. އެހެންކަމުން އެ ޓޫރިސްޓުންނާއި ވާހަކަ ދައްކައިގެން އެހެން ގެސްޓްހައުސްތަކުގައި ތިބެވޭނެ މަގު ފަހުކޮށްދިނީއެވެ. އަނެއްބައި ޓޫރިސްޓުން އެކަން އިންފޯމްކުރުމުން އެހެންތަންތަން ބުކްކުރީއެވެ.

މި ދެންނެވި ތަޖުރިބާއާއެކު ވަރަށް ޔަގީންކޮށް އެގޭކަމަކީ އަމިއްލަ ރަށުގައި ކުލި ދައްކަން ނުޖެހޭ ބިމެއްގައި އާއިލާއާއި ރަހުމަތްތެރިންގެ މަދަދާއެކު ގެސްޓްހައުސްއެއް ހިންގައިފިނަމަ އިންތިހާ ދަރަޖައަށް ފައިދާ ނެރެވި ކުރިއެރުން ހޯދޭނެކަމެވެ. އެކަށީގެންވާ ނެޓްވޯކިންގއަކާއި މާކެޓްކުރުމުގެ ރަނގަޅު އުސޫލުތަކަކާއެކު މިދެންނެވި ފަދައިން ބީޗް ފްރަންޓަށް އަދި ބީޗްކައިރީ ހުރި ގޯތިތަކުގައި ގެސްޓްހައުސް އޮޕަރޭޓް ކުރަން ފަށައިފިނަމަ ހަމަ ޔަގީނުންވެސް އެންމެމަތީ ލެވެލްއަށް ކިޔަވައިގެން ހުރި މީހާއަށްވުރެ ދެގުނަ ނުވަތަ ތިންގުނަ ފައިދާ ރަށްފުށުގައި ދިރިއުޅޭ ޒުވާނުންނަށް ހޯދޭނެއެވެ. މީ އަހަރެންގެ ތަޖުރިބާއެކެވެ.

ad 6

ދެންއޮތީ ރަށްރަށުގެ ގޯތިތެރޭގައި އޮތް ހުސްބިމާއި ކޮމާޝަލް ބޭނުންތަކަށް ހޯދެން އޮތް ބިންތަކުން ނެގެން އޮތް މަންފާގެވާހަކައެވެ. މިދާއިރާގައި ތަޖުރިބާ ނެތްނަމަވެސް ވަރަށް ބޮޑަށް ޔަގީންކުރެވެނީ އެބިންތައް ތަފާތު އެކި އިޤްތިޞާދީ ހަރަކާތްތަކަށް ބޭނުންކޮށްފިނަމަ ހީވެސްނުކުރާފަދަ ބޮޑު ފައިދާ ކުރާނެކަމެވެ. މިސާލަކަށް ގޭގައި އޮންނަ ހުސްތަންކޮޅުގައި ތަފާތު އުފެއްދުމެއް ތައްޔާރުކޮށް ބާޒާރަށް ނެރޭނަމަ އެ ބިމުން އެ ނެރެވެނީ ފައިދާއެވެ. އަދި އެހެނިހެން ކޮމާޝަލް ބިންތަކުގައި ދަނޑުވެރިކަމާއި އެއާއި ގުޅިފައިވާ އައު އުފެއްދުންތައް އުފެއްދުމާއި، މަސްވެރިކަމާއި އެއާއި ގުޅިފައިވާ އައު އުފެއްދުންތައް އުފެއްދުމާއި ވަޑާމާއި އެއާއި ގުޅިފައިވާ ތަފާތު އުފެއްދުންތައްފަދަ އެތައްކަމެއް ރަށުގައި ކުރެވިދާނެއެވެ. މިފަދަ މަސައްކަތްތަކެއް ރަށްރަށުގައި ކުރެވިއްޖެނަމަ ހަމަޔަގީނުންވެސް "ބޮޑު ވަޒީފާ" އަށް ގޮސްގެން ލިބޭ ފައިސާއަށްވުރެ މާބޮޑަށްވެސް ރަނގަޅު އާންދަނީއެއް ލިބޭނެއެވެ.

ހަމައެއާއެކު އިންޑިޔާ އާއި ދިވެހިރާއްޖެއާ ދެމެދު ފެށި ފެރީގެ ސަބަބުން މުޅި ދިވެހިރާއްޖެއަށް އަދި ޚާއްސަކޮށް އުތުރުގެ އަތޮޅުތަކަށް ވަރަށްބޮޑު ކުރިއެރުން ގެނެވިދާނެކަމުގައި ދެކެމެވެ. އެހެނީ އުތުރުގައި ހޯލްސޭލް ވިޔަފާރި ފަށައި ކުޅުދުއްފުށި ފަދަ ރަށްތަކަކީ އުތުރުގެ ކަންމަތީ ފިހާރަތަކަށް މުދާ ގަންނަ ސެންޓަރކަމަށް ހެދިދާނެއެވެ. އަދި އެއާއެކު ހަނިމާދޫ އެއާޕޯޓާއި މާފަރު އެއާޕޯޓް ވަރުގަދަކޮށް ފުރިހަމަކޮށްފިނަމަ އުތުރުގެ އަތޮޅުތައް ދެކޭނީ މީން ޒަމާނެއްގައިވެސް އެހެން އެއްވެސް އަތޮޅަކުން ނުފެންނަ ފަދަ ތަރައްގީއާއި ކުރިއެރުމެވެ. މިއީ އުތުރާއި ދުނިޔޭގެ އެހެން ގައުމުތަކާއި ދޭތެރޭގައި އޮތް ދުރުމިން ކުޑަކަމާއެކު ކޮންމެހެން ހަގީގަތަކަށް ހަދަންޖެހޭ މުޅި ދިވެހިރާއްޖެއަށް ސީދާ އަދި ނުސީދާ ފައިދާ ކުރާނެ ހަރަކާތެކެވެ. މި ހަރަކާތް ފުޅާވާއިރު ޒުވާނުން އުތުރުގައި އެކި އުފެއްދުންތައް އެކްސްޕޯޓް ކުރުމަށްޓަކައި އުފައްދަންވީއެވެ. އަދި މުދާ އިމްޕޯޓްކޮށް ހޯލްސޭލް ރީޓެއިލް ވިޔަފާރީގެ ތެރެއަށް ވަންނަންވީއެވެ. ރަށުގައި އާއިލާއާއެކު ތިބެގެން މާ ތަނަވަސްކަމުގައި އުޅެންވީއެވެ.

ގެސްޓުހައުސްތަކުން ރަށްތައް ޕްރޮމޯޓްކޮށް ގެސްޓުންގެނެސް ފުރާލާއިރު ވޯޓާސްޕޯޓްސް ވިޔަފާރިއަށް އެއް ޒުވާނަކު، ބީޗް ކެފޭއަށް އަނެއް ޒުވާނަކު، ދަތުރުފަތުރުގެ ވިޔަފާރިއަށް އަނެއް ޒުވާނަކު ދިއުމުން އެރަށަކުން ފެންނާނީ އާރޯކަމެވެ. ތަނަވަސްކަމެވެ. މުއްސަދިކަމާއި ފުދުންތެރިކަމެވެ.

މިއެންމެހައި އިޤްތިޞާދީ ހަރަކާތަކާއިއެކު، ރަށްރަށުގައި ދިރިއުޅޭ ޒުވާނާއަށް ލިބޭނެ އަނެއް އުފަލަކީ އެ ރަށްރަށުގެ ރިވެތި ތުޑިތަކާއި ކުޅިތަކާއި މޫދުގައި މަޖާކޮށް ސަކަރާތް ޖަހާލުމުގެ އުފަލެވެ. އެއީ ނިމުމެއް ނެތް ޕިކްނިކް ދަތުރެކެވެ. މުޅި އުމުރު އެ ޕިކްނިކްދަތުރުގައި އުޅެމުން މާލޭގެ ކާރޫބާރޫ ތެރެއިން ހޯދާ ފައިސާއަށްވުރެ ދެގުނަ ތިންގިނަ އިތުރަށް ފައިސާ ހޯދަމުން ކުރިއަށް ދާންވީއެވެ. މިއީ ވިސްނުންތެރިކަމާއެކު ޕްލޭންކޮށްގެން ތީގެ ތެރެއިން ގިނަ ޒުވާނުންތަކަކަށް ހޯދިދާނެ މާ އުފާވެރި ލައިފެކެވެ. މިއަދު ރާއްޖެއަށް އަންނަން ފަށާފައިވާ ބަދަލުގެ ތެރެއިން ރީތި ދިރިއުޅުމެއް ހޯދުމާއެކު އިޤްތިޞާދީ ހަރަކާތް ރަށްރަށުގައި ފެށުމުން ދެން ފެންނާނީ މުޅިން އެހެން ރާއްޖެއެއްކަމާމެދަކު ޝައްކެއް ނެތެވެ.  

ވަޒީފާއަކަށް ދިއުމަކީ ހަމައެކަނި އޮތްގޮތްކަމަށް ދެކުމަކީ ގޯހެކެވެ. އެކި ޒުވާނުންގެ ހުންނާނީ އެކި ހުނަރެވެ. އެގޮތުން ވިޔަފާރީގެ ހުނަރު ހުރި ޒުވާނުން ވިޔަފާރީގެ ތެރެއަށް ވަންނަންވީއެވެ. އަދި ރަށްރަށަށް އާރޯކަމާއި ތިޔާގިކަން އެގޮތުން ގެންނަންވީއެވެ.

 

ލިޔުނީ: ހުސައިން ނަޡީރު