ފުރިހަމަ ޤާނޫނީ ނިޒާމެއް ގާއިމް ކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެކައްޗަކީ ހަރުދަނާ ޤާނޫނުއަސާސީ އެކެވެ. ލިޔެވިފައި ނުވަތަ ނުލިޔެވުނު ނަމަވެސް ޤާނޫނުއަސާސީގެ މުހިންމުކަން އިންތިހާއަށް ބޮޑެވެ. މިބިންގާ ދިވެހި ރައްޔިތުން އެޅީ ސުލްޠާނު މުޙައްމަދު ޝަމްސުއްދީނު އިސްކަންދަރު ސިރީކުލަސުންދުރަ ކައްތިރި ބަވަނަ މަހާރަދުންގެ ރަސްކަމުގައި 1932 ގައި އެކުލަވާލެވުނު ޤާނޫނުއަސާސީ އާއި އެކުގައެވެ. މި ޤާނޫނުއަސާސީ އިޢުލާން ކުރެވުނީ 22 ޑިސެންބަރ 1932 ގައެވެ. އެ ޤާނޫނުއަސާސީ އުފެދުމަށް މެދުވެރިވި އެތައް ސަބަބުތަކެއް ވެއެވެ.
ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީ ލިޔެ އެކަށައަޅަން ޖެހުނީ އޭރު އޮތް ވެރިކަމުގެ އިސްސަފުގައި ތިއްބެވި ފަރާތްތަކުގެ މެދުގައި އޮތް އެކުވެރި ގުޅުމާއިި އެއްބާރުލުމަށް ލޮޅުން އެރުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. މިކަމުގައި އޭރު ރަސްކަމުގައި ހުންނެވި މުޙައްމަދު ޝަމްސުއްދީން އާއި ބޮޑުވަޒީރުގެ މަޤާމުގައި ހުންނެވި އަލްއަމީރު ޢަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނާއި ސިލޯނުގައި ހުންނެވި ދިވެހިދަޢުލަތުގެ ސަފީރު ޢަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނުގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅު އައްނަބީލު ޢަބްދުލް ޙަމީދު ކުޅުއްވި ދައުރު ފާހަގަކޮށްލަން ޖެހެއެވެ. މިގޮތުން ބަލާއިރު ސިލޯނުގައި ހުންނެވި ދިވެހިދަޢުލަތުގެ ސަފީރު އަދާކުރެއްވި ދައުރު ސާފުކޮށްދޭ ހެއްކަކީ އޭރު ސިލޯނުގައި އޮތް އިގިރޭސި ސަރުކާރު މިކަމުގެ ތެރެއަށް ވަނުމެވެ. އިގިރޭސި ސަރުކާރުގެ ފަރާތުން ސިލޯނުގައި އޭރު ހުންނެވި އެކްޓިންގ ގަވަރނަރ ސަރ ބާނަރޑްބޯޑިލޯން ދިވެހިރާއްޖެއަށް ވަޑައިގެން ފުރަތަމަ ޤާނޫނުއަސާސީ އެކަށައެޅުއްވުމަށް ދެއްވި ގިނަގުނަ ލަފަޔަކީ ތާރީޚީ ފަތްފުއްތަކަށް ބަލާއިރު ފެންނަންއޮތް ޙަޤީގަތެކެވެ. ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އެކަށައެޅުމަށް ލަފަޔާއި އިރުޝާދުދެއްވުމަށް، ސަރ ބާނަރޑްބޯޑިލޯން މާލެވަޑައިގަތީ 5 މާރޗް 1931 ގައެވެ.
އެދުވަސްވަރު ޒަމާނުއްސުރެ ކަންހިގަމުންދާ އުސޫލުގެ މަތިން ރަސްކަން ހިންގަމުންދިޔައީ އެއް އާއިލާއަކުންނެވެ. އެއީ ހުރާދަރިކޮޅެވެ. ރަދުންނަކީ މުޙައްމަދު ޝަމްސުއްދީންއެވެ. ބޮޑުވަޒީރަކީ ޢަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނެވެ. މުޙައްމަދު ޝަމްސުއްދީންއާއި ޢަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނަކީ ޢާއިލީ ގޮތުން ގުޅިފައިވާ ދެބޭފުޅުންނެވެ. ދެން ތިއްބެވީ ޢަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނުގެ ދެދަރިކަލުން މުޙައްމަދު ފަރީދާއި ހަސަން ފަރީދެވެ. އަދި ޢަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނުގެ އަޚް އަޙްމަދު ދޮށިމޭނާ ކިލެގެފާނުގެ މުޙައްމަދު އަމީނެވެ. ނަމަވެސް މި ޢާއިލާތެރޭގައިވެސް އޮތީ އެކުވެރިކަމާ ހަމަޖެހުމެއްނޫނެވެ. އެއްސަބަބަކަށްވީ ބޮޑުވަޒީރު ޢަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނުގެ އަތްދަށުގައި ބޭނުން ގޮތަކަށް ޚަރަދުކުރުމަށް ބަނޑޭރިގެ އޮތުމެވެ. ނަމަވެސް މުޙަންމަދު ޝަމްސުއްދީން ރަދުންގެ ދަރިކަލުން ވަލީއަހުދު ޙަސަން ޢިއްޒުއްދީން އާއި ރަދުން މުޙައްމަދު ޝަމްސުއްދީނަށް އޮންނަނީ ވަކިވަރެއްގެ މުސާރައެއް ކަނޑައެޅި އިތުރު އިނާޔަތްތަކެއް ނުލިބޭ ގޮތަށެވެ. އެހެންކަމުން ޙަސަން ޢިއްޒައްދީންގެ ހިތްޕުޅުގައި ލިޔެވި ޤަރާރުވެފައިވާ ޤާނޫނުތަކެއް އެކުލަވާލުމުގެ އެދުން އުފެދިއްޖެއެވެ. އެހާރުން ޢަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނަށްވެސް ޚަރަދު ކުރެވޭނީ އޭގައިވާ އުސޫލެއްގެ މަތިން ކަމަށްބުނެއެވެ. އަދި ރަދުންނަށާ ވަލީއަހުދަށްވެސް އެއުސޫލުން ކަންތައްތައް ހަމަޖެހޭނެ ކަމަށް ބައްލަވާފައެވެ.
ރަދުންނާއި ވަލީއަހުދު މި ރޭވުމުގައި ވަނިކޮށް ދެންތިއްބެވި އސްވެރިން ގެންދެވީ ހަމަ އެފަދަ ރޭވުންތަކެއްގެ މަތިން ކަންކަން ތަރުތީބު ކުރައްވަމުންނެވެ. ހަމަމިއާއެކު އޭރުގާ ރާއްޖޭގައި ހުންނެވި ރަދުންގެ ދަރިކަލުން އަލްއަމީރު ހަސަން އިއްޒުއްދީން ރަސްކަމަށް އިސްކުޅައުމާ ދެކޮޅަށް ވެރިކަމުގެ އިސް ސަފުގާ ތިއްބެވި އެތައް ބަޔަކު ތެދުވި ތެދުވުން ފާހަގަކުރެވެއެވެ. އެކަމާއިގުޅިގެން ހަރުދަނާ ވެރިކަން ހިންގުމުގެ ނިޒާމެއް ގާއިމް ކުރުމަށް އިސްސަފުގައިތިބި ގިނަ އަދަދެއްގެ ބަޔަކު ދިޔައީ އެދެމުންނެވެ. ނަމަވެސް ތިންވަނަ ފަރާތެއްގެ ބާރުއެޅުމާނުލާ މިކަން ނުވެދާނެކަމަށް ފެންނާތީ އިގިރޭސިންގެ އެހީއަށް އެދިފައިވާކަން އެގެން އެބައޮތެވެ.
މިގޮތުން ގަވަރުނަރުގެ ފަރާތުން 16ޖަނަވަރީ1931 ސެކްރެޓަރީ އޮފް ސްޓޭޓްއަށް ފޮނުވި ޓެލިގްރާމް ފާހަގަކޮށްލެވެއެވެ. މި ޓެލެގްރާމްގައިވަނީ "އަޅުގަނޑު ތިޔަ ފަރާތަށް ފޮނުވާފައިވާ ދިވެހިރާއްޖެއާއި ބެހޭ ސިއްރު މެސެޖްތައް ބައްލަވާށެވެ. މިތަނުގައި (ކޮޅުބުގައި)ހުންނަވާ ދިވެހި ސަފީރު (އަބްދުލްޙަމީދު ދީދީ)، ރާއްޖެއަށް މަތީ މަގާމެއްގެ އޮފިޝަލަކު ފޮނުވައިދިނުމަށް އަޅުގަނޑުގެ ކިބައިން އެދެފިއެވެ. ފެންނަފެނުމުގައި ދޭހަވަނީ، ރަސްގެފާނަށް ފަހުން (އައްސުލްތާން މުޙައްމަދު ޝަމްޝުއްދީން3 ވަނައަށް ފަހުން) ތަޚުތުގައި އިންނާނެ ބޭފުޅަކާ ގުޅިގެން ވަރަށް ފުން ނުތަނަވަސްކަމެއް ފެތުރިފައިވާތީއެވެ."
އަދި ލަންޑަންގައި ހުންނަވާ ސެކްރެޓަރީ އޮފް ސްޓޭޓަށް 9 އޭޕްރިލް 1930 ގައި ފޮނުވާ 28 އޭޕްރިލް 1930 ގައި ލިބުނު ސިއްރު މެސެޖުގައިވަނީ "އާދަވެގެން ރައްދުކުރައްވާ ތައުރީފުގެ ބަސްތަކަށްފަހު އެމަނިކުފާނު އެދިވަޑައިގަތީ މުސްކުޅި ރަދުން (އައްސުލްތާން މުޙައްމަދު ޝަމްޝުއްދީން3 ވަނަ) ކިތަންމެ ބޮޑަށް އެކަމަށް އެދިވަޑައިގެންނެވި ކަމުގައިވިއަސް އެރަދުންގެ ހުރިހަމައެކަނި ފިރިހެން ދަރިކަލުން (އަލްއަމީރު ހަސަން އިއްޒައްދީން ހެންވޭރު ގަނޑުވަރު މަނިއްޕުޅު) ބައްޕާފުޅު ނިޔާވުމަށްފަހު ރަސްކަމަށް އިސްނުކުރެވޭނެ ކަމުގައި އަޅުގަނޑަށް ހަނދާންކޮށް ދިނުމެވެ".
ޤާނޫނުއަސާސީއެއް އެކަށައެޅުމަށް މެދުވެރި އެހެނިހެން ސަބަބުތައް ހުރިނަމަވެސް މައިގަނޑު ސަބަބަކީ އިސްވެ ދެންނެވި ފަދައިން ރަދުންނާއި ބޮޑުވަޒީރުގެ ދެމެދުގައި އޮތް ގުޅުމަށް ލޮޅުން އެރުމެވެ.
ބަޔާންވެދިޔަ ސަބަބާއެކު 5 މާރޗް 1931ގައި ޤާނޫނީ އިރުޝާދާއި ލަފާދެއްވުމަށް ސިލޯނުގެ އެކްޓިން ގަވަރނަރ، ސަރ ބާނަރޑްބޯޑިލޯން މާލެ ވަޑައިގަތެވެ. ބާނަރޑްބޯޑިލޯން މާލެވަޑައިގެން އޭނާގެ ލަފާފުޅު ރަދުންނަށާއި ދައުލަތުގެ ބޮޑުންނަށް ފަތްކޮޅެއްގެ ސިފައިގައި އެރުވިއެވެ. އެއަށްފަހު ފެނިގެން ދިޔައީ ޤާނޫނުއަސާސީ އެކުލަވާލުމަށް މުޙައްމަދު ޝަމްސުއްދީން ޝާހީ ޤަރާރު ނެރުއްވި ތަނެވެ. އެގަރާރުގައި ޤާނޫނުހަދާ މަޖިލީހުގެ 11 މެންބަރުން ހިމަނުއްވާފައި ވެއެވެ. މިޤަރާރު ނެރުއްވީ 19 މާރޗް 1931 ގައެވެ. މި ޤަރާރުގައިވަނީ "މަގޭ ވޮނަދަނަ ރާއްޖޭގެ ދަޢުލަތުގެ ކަންތައް ހިންގުމަށްޓަކައި ވަކި ޤާނޫނުތަކެއް ލިޔެވި ޤަރާރުވެފައިނުވާ ކަމަށްޓަކައި ތިޔަ އެންމެ ކަލުން އެއްވެ މަޖިލިސްކޮށް ތިބެގެން ވާހަކަ ދައްކައި އިސްލާމްދީނާއި ޚިލާފްނުވާ ގޮތަށް، މިރާއްޖޭގެ މުސްކުޅި އާދަކާދައިގެ ތެރެއިން މިޒަމާނަށް ކަމުދާން ހުރި ގޮތްތަށް ލައިގެން މިދަޢުލަތަށް މިހިނދަށް ލިބިހުރި ފައިސާވެރިކަމުގެ މައްޗަށް ވިސްނުން ބަހައްޓައިގެން މަގޭ ރައްޔިތުންނަށް ލުއި ކުރެވެންހުރި މިންވަރަކަށް ލުއި ކުޅައުމަށް ބުރަވެ ތިބެގެން، ބޭރު ކަންތަކާއި ބެހޭ ޤާނޫނުތަކުގައި އިގިރޭސި ދައުލަތާއި މިދައުލަތާއި ދެމެދުގައި އޮތް މުޢާހަދާއާއި ޚިލާފުނުވާ ގޮތަށް މިދަޢުލަތުގެ އެންމެހައި ކަންތައްތައް ހިންގުމުގެ ޤާނޫނުތައް ހަދައި ލިޔެ ޤަރާރު ކުރުމަށެވެ." މިފަދައިންނެވެ. މަޖިލިސްގެ ފުރަތަމަ ޖަލްސާއޮތީ 22 މާރޗް 1931ގައެވެ. މީގެ ފަހުން ކޮންމެ ހަފްތާއަކު ތިންދުވަހު ،ކޮންމެ ދުވަހަކު 6 ގަޑިއިރު ވަންދެން ޖަލްސާ ބާއްވަމުން އައެވެ. މިޖަލްސާތަކުގައި ފުރަތަމަ އޮތީ ޤާނޫނާބެހޭ މަޢުލޫމާތު އެއްކުރުމެވެ. މިކަން 24 މޭ 1931އަށް ނިންމިއެވެ. ދެން އޮތީ ޤާނޫނުއަސާސީ ޢިބާރާތްކުރުމެވެ. ޤާނޫނުއަސާސީ އެކަށައަޅައި ނިމުނީ 9ޖޫން 1931ގައެވެ. ނިންމުމަށްފަހު އޭގެ ޑްރާފްޓް ރަދުންގެ އަރިހު ދެންނެވުނެވެ. އެއީ 16ޖޫން 1931ގައެވެ. އެދުވަހު ގާނޫނުހަދާ މަޖިލީހުގެ ރައީސް ޢަބްދުލް މަޖީދު ރަންނަބަޑޭރި ކިލެގެފާނު އިސްތިއުފާ ހުށަހެޅުއްވިކަން މެންބަރުންނަށް ރަދުން އެންގެވިއެވެ. އެއާއިއެކު މެންބަރުން ނިންމެވީ ޢަބްދުލް މަޖީދު ރަންނަބަޑޭރި ކިލެގެފާނަށް ލުޔެއް ދެއްވުމަށްފަހު އެކިލެގެއަށް ޙާޟިރުނުވެވޭނަމަ، ނައިބު ރައީސް ރިޔާސަތު ބެލެހެއްޓެމަށެވެ. ޤާނޫނުއަސާސީ އެކަށައަޅައި ނިމުމަށްފަހު ދެން އޮތީ ޢާންމު ޤާނޫނުތަކާއި، އޮފިޝަލް ކަންތައްތަކާއި، ޢުޤޫބާތުގެ ޤާނޫނު(އަޙްކާމް ޢާންމު) އެކަށައެޅުމަށެވެ. 19 މެއި 1932ގައި މިއެންމެހައި ޤާނޫނެއް ހަދައި ނިންމައިފިއެވެ. މިޤާނޫނުއަސާސީ ތަޞްދީގުކޮށް އިޢުލާން ކުރެވުނީ 22 ޑިސެމްބަރު 1932ގައެވެ.