ގައުމެއްގެ ތާރީޚުން އެއްލޭ ކޮންމެ ސަފްޙާއަކީ އެއިން އެތައް ވާހަކައެއް ބުނެދޭ ސަފްޙާއެކެވެ. ވީގޮތާއި ވާންވީ ގޮތް ބުނެދޭ އިރުޝާދުތަކެކެވެ.
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ރައީސް މައުމޫން ވަޑައިގަތީ 1978 ވަނަ އަހަރުގައެވެ. އަދި އޭރު އޮތް ޤާނޫނުއަސާސީއާއި އެއްގޮތަށް ވެރިކަމުގެ ނިޒާމް ތަރުތީބު ކުރައްވައި ކުރިއަށް ވަޑައިގަތެވެ. އެއަށްފަހު 1998ވަނަ އަހަރު ޤާނޫނުއަސާސީއަށް އިސްލާޙުުތަކެއް ގެނެސް އައު ޤާނޫނުއަސާސީއަކަށް އަމަލުކުރަން ފެށުނެވެ. މިހާރު އަމަލުކުރެވެމުންދާ ޤާނޫނުއަސާސީއާއި އަޅާބަލާއިރު ބޮޑު ތަފާތުތަކެއް ހުރި ޤާނޫނުއަސާސީއެކެވެ. ގިނަގުނަ ބާރުތަކެއް ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ގާނޫނުއަސާސީއެކެވެ. ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް މީހަކު ހޮވަނީ ރައްޔިތުންގެ މަޖިލީހުންނެވެ. އެއަށްފަހު ރައްޔިތުންގެ މަޖިލީހުން ހޮވި ފަރާތް ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި ހުންނަންފެނޭތޯ ނުވަތަ ނޫންތޯ ބަލަން ރައްޔިތުންނަށް ހުޅުވާލެވޭ ވޯޓެއްނަގައެވެ. މިގޮތުން ބަލާނަމަ ރައީސްކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އާންމު ރައްޔިތުންގެ ތާއީދު އެންެމެ މަތީ ދަރަޖައަށް އޮންނަ ފަރާތަކަށް ރައީސްކަމަށް ނާދެވުމަކީ ކައިރިކަމެކެވެ. ނިންމުމުގެ ބޮޑު ބާރު އޮތީ ރައްޔިތުންގެ މަޖިލީހަށް ދޫކޮށްލެވިފައެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރުން ތިއްބެވުމާއެކު ރައީސުލްޖުމްހޫރިއްޔާގެ މަޤާމްގައި ހުންނަ ފާރާތަކަށް އެ މަޖިލީހުގައި ޔަގީން ވޯޓްތަކެއް އިތުރު ތަކުލީފަކާ ނުލާ އޮންނަނީ ލިބޭށެވެ. އަދި އެވަރުން ނިމުނީއެއްނޫނެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އައްޔަންކޮށް ވަކިކުރަނީވެސް ރައީސުލްޖުމްހޫރިއްޔާއެވެ. ކޮންމެ އަތޮޅެއް ހިންގަން ހުންނަނީ ސީދާ ރައީސް އައްޔަންކުރާ ފަރާތެކެވެ. އަދި އެންމެމަތީ ކޯޓުގައި ތިއްބަވާ ފަނޑިޔާރުންގެ އަދަދު ކަނޑައެޅުމުގެ އިތުރަށް ފަނޑިޔާރުން އިސްކުރަނީވެސް ޚުދު ރައީސްއެވެ. މީގެ އިތުރުން އެހެން ކޯޓުތައް އުފެއްދުމާއި ފަނޑިޔާރުން އިސްކުރުމުގެ ބާރުވެސް އޮތީ ސީދާ ރައީސުލްޖުމްހޫރިއްޔާއަށެވެ.
އިތުރު ތަފްސީލެއް ނުދިންނަމަވެސް ޤާނޫނުއަސާސީ ތަރުތީބުވެފައި އޮތްގޮތާއި ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނުއަސާސީން ލިބިދީފައިވާ ބާރާއި އޭގެ ނަތީޖާ ތިބޭފުޅުންނަށް ސާފުވާނެއެވެ. މިމަގުން ކަންކަން ހިގަމުން ދަނިކޮށް 2008ގައި އަނެއްކާވެސް ޤާނޫނުއަސާސީއަށް ބަދަލުތަކެއް ގެނެވިއްޖެއެވެ. ބޮޑެތި ބަދަލުތަކެކެވެ. ތަފާތު ނިޒާމަކަށް މިސްރާބުޖަހަން މަޖުބޫރުކުރުވި ބަދަލުތަކެކެވެ. އެހިނދު ސިޔާސީ ޕާޓީތައް ފަތުއަޑު ކިޔާފަ އެހެރަ ކުރިއަށް ދަނީއެވެ. ރާއްޖެއެއް ރާއްޖެއިން ބޭރެއް ކިޔާނެކަމެއްނެތެވެ. މުޅިޖައްވު އެއް އަޑުން ގުގުމާލާފައިވަނީ އިންސާނީ ޙައްޤުތައް ކަށަވަރުކުރެވޭނެ ޑިމޮކްރެޓިކް ވެރިކަމަކަށް ރާއްޖެ އެބުރެން ވެއްޖެކަމުގެ ބާރު އަޑެވެ.
ކޮންމެއަކަސް 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި ދިވެހިން ކުރިމަތިލީ މިހާލަތުގައެވެ. ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރެއް ބޭއްވި 2 ފަރާތެއް ދެވަނަ ބުރަށް ގޮސްފިއެވެ. އެއްކޮޅުގައިހުރީ 30 އަހަރު މި ޤައުމަށް އެތައް ޚިދުމަތެއް ކޮށްދެއްވި ރަން 30 އަހަރުގެ ބާނީ ރައީސް މައުމޫންއެވެ. އަނެއްކޮޅުގައި ހުރީ ޑިމޮކްރަސީގެ ރަމްޒެއްގެ ގޮތުގައި ބެލެވޭ ހިތްތިރި އޯގާތެރި ރައީސްއެވެ. ރައްޔިތުންގެ ނިންމުން ވަރަށް ސާފެވެ. ރަށްރަށުގައި އެޅި ބަދަރާއި ސުކޫލާއި އެހެންވެސް ކޮންކްރީޓް ތަރައްޤީގެ މައްޗަށް ރައްޔިތުން އިސްކުރީ އޭގެކުރިން އެފަދަ މަަސައްކަތެއް ރާއްޖޭގައި އެ މިންވަރަށް ކޮށްފައި ނުވާ ފަރާތެކެވެ. ރައްޔިތުން ވަރަށް ސާފުކޮށް ބުނެ އިއްވީ "އިސްކުރާނީ އިންސާނީ ޙައްޤާއި، ޑިމޮކްރަސީއާއި" އެކު ތަރައްޤީކަމެވެ.
އެދުވަސް މާޒީވެގޮސް ޙައްޤުތައް ކަށަވަރުކޮށްދޭ ތިންބާރު ވަކިވެފައިވާ ޤާނޫނުއަސާސީއެއް ލިބި އެ ޤާނޫނުއަސާސީއަށް އެތައް އަހަރަކު އަމަލުކޮށް އެއާއި ދާދި އެއްގޮތް އިންތިޚާބެއް މި ބޭއްވުނީ 2018 ވަނަ އަހަރުއެވެ. އެއްކޮޅުގައިހުރީ ބްރިޖާ ބުރިބުރީގެ އިމާރާތާ އެއަރޕޯޓް އެއީ ތިމަންނާގެ މަރުކާއެއްކަމަށް ބުނާ ފަރާތެކެވެ. އަނެއް ފަރާތުގައި ހުރީ ވަރަށް އިޚުލާސްތެރި މަސައްކަތެއް ރައްޔިތުންގެ މަޖިލީހުގައި ކުރެއްވުމަށްފަހު ނިގުޅައި ގަނެވުނު ޙައްޤުތައް ކަށަވަރުކޮށްދޭން ނުކުމެހުރި ހިތްތިރި މަޑުމައިތިރި ލީޑަރެކެވެ. މި ފަހަރު ރައްޔިތުން މުޅި ރާއްޖެ ގުޑާވަރަށް ބާރަށް ބުނެފައިވަނީ "އިސްކުރާނީ އިންސާނީ ޙައްޤާއި، ޑިމޮކްރަސީއާއި" އެކު ތަރައްޤީކަމެވެ.
2008 ވަނަ އަހަރުގެ އިންތިޚާބާއި 2018 ވަނަ އަހަރުގެ އިންތިޚާބުގައި ދިވެހިން ބުނި ބަސް ވަރަށް ސާފެވެ. ބޭނުންވަނީ ޑިމޮކްރެޓިކް ވެރިކަމެކެވެ. އިންސާނީ ޙައްޤުތައް ކަށަވަރުކޮށްދޭނެ ވެރިކަމެކެވެ. އެހެންކަންކަމަށް ބަލާނީ އޭގެ ފަހުންނެވެ.