ނިގުޅައި ނުގަނެވޭނެ ވަޒީފާއާ ގުޅުންހުރި ބައެއް ޙައްޤުތައް!



ad 4
ނިގުޅައި ނުގަނެވޭނެ ވަޒީފާއާ ގުޅުންހުރި ބައެއް ޙައްޤުތައް!
ސިވިލް ސާރވިސް އަހަރީ ރިޕޯޓް ނެގުމުގެ ރަސްމިއްޔާތެއްގެ ތެރެއިން

ނިގުޅައި ނުގަނެވޭނެ ވަޒީފާއާ ގުޅުންހުރި ބައެއް ޙައްޤުތައް!


ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ އަސާސީ ޙައްޤުތަކުގެ ބާބުން ކަށަވަރުކޮށްދީފައިވާ އަސާސީ އެއް ޙައްޤަކީ މަސައްކަތް ކުރުމުގެ ޙައްޤެވެ. މިގޮތުން ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގެ (ހ) ގައި ކޮންމެ ރައްޔިތަކަށްމެ އެމީހަކު އިޚްތިޔާރުކުރާ ވަޒީފާއެއް އަދާކުރުމުގެ ނުވަތަ މަސައްކަތެއް ކުރުމުގެ ޙައްޤު ލިބިގެންވާކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ހަމަހަމަކަމާއެކު މުއާމަލާތުކުރެވޭ، ރައްކާތެރި މާހައުލެއްގައި މަސައްކަތް ކުރުމާއި، އެކަށީގެންވާ އުޖޫރައެއް ލިބުމާއި، ކުރާ މަސައްކަތް އެއް މިންގަނޑަކުން ވަޒަންކުރެވި އެއް ނިސްބަތަކުން ހަމަހަމަކަމާއެކު އުޖޫރަ ލިބުމާއި، އެއް ހަމައަކުން ވަޒީފާގެ ކުރިއެރުން ލިބުމުގެ ޙައްޤު ކޮންމެ މީހަކަށް ލިބިގެންވާކަށް ކަށަވަރުކޮށްދީފައިވަނީ  ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގެ (ށ) އިންނެވެ.

އަދި ޤާނޫނުއަސާސީގައިވާ ގޮތުން ވަޒީފާއެއް އަދާކުރާ ކޮންމެ މީހަކަށްމެ، މަސައްކަތްކުރަންޖެހޭ ވަގުތު ކަނޑައެޅިފައިވުމާއި، އަރާމުކުރުމާއި މުނިފޫހިފިލުވުމަށް ވަގުތު ލިބުމުގެ ޙައްޤު ލިބިގެންވެއެވެ. އޭގެ ތެރޭގައި ވަކި މުއްދަތަކަށް މުސާރައާއެކު  ޗުއްޓީ ލިބުމުގެ ޙައްޤުވެސް ހިމެނެއެވެ. މީގެ އިތުރުން ކޮންމެ މީހަކަށްމެ އަރާމުކުރުމާއި މުނިފޫހިފިލުވުމަށް ވަގުތު ހޭދަކުރުމުގެ ޙައްޤު ލިބިގެންވެއެވެ. ވަޒީފާއެއް އަދާކުރާ ކޮންމެ މީހަކަށްމެ މި ޙައްޤު ލިބިދިނުމަށްޓަކައި މަސައްކަތްކުރަންޖެހޭ އެންމެ ގިނަ ވަގުތު ކަނޑައެޅިފައި އޮންނަންވާނެއެވެ. އަދި އުޖޫރައަކާއެކު ލިބޭ ޗުއްޓީ ކަނޑައެޅިފައި އޮންނަންވާނެއެވެ.

ހަފްތާއެއްގެ ތެރޭގައި އާންމުކޮށް އެންމެ ގިނަވެގެން މަސައްކަތް ކުރެވޭނެ ގަޑިތަކަކީ ކޮބައިކަމާއި މުވައްޒަފުންނަށް ލިބިދޭ ޗުއްޓީތަކަކީ ކޮބައިކަން  ޤާނޫނު ނަންބަރު 2008/ 2 ވަޒީފާއާބެހޭ ޤާނޫނުގައި ކަނޑައެޅިފައިވެއެވެ. މިގޮތުން ވަޒީފާއާބެހޭ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައިވާގޮތުން ހަފްތާއެއްގެ ތެރޭގައި އެންމެ ގިނަވެގެން 48 ގަޑިއިރަށްވުރެ އިތުރަށް  އެއްވެސް މުވައްޒަފެއް ލައްވައި މަސައްކަތް ކުރުވައިގެން ނުވާނެކަމަށް ބަޔާންކޮށްފަައިވެއެވެ. އަދި ވަޒީފާއާ ބެހޭ ޤާނޫނަށް ގެނެވުނު ފުރަތަމަ އިސްލާޙުގައި މިފަދައިން 48 ގަޑިއިރު ގުނުމުގައި އިތުރުގަޑީގައި މަސައްކަތް ކުރުވުން ނުހިމެނޭނެކަމަށް ބަޔާންކޮށްފައިވެއެވެ.

އަދި ހަމަމިއާއެކު ވަޒީފާއާބެހޭ ޤާނޫނުގެ 32 ވަނަ މާއްދާގެ (ށ) އިން މުވައްޒަފަކު އަރާމުކުރުމަށް އާދައިގެމަތިން ހަމަޖެހިފައިވާ ދުވަހެއްގައި ނުވަތަ ދެފަރާތުން އެއްބަސްވެފައިވާ ދުވަހެއްގައި، އަރާމުކުރުމަށް ވިދިވިދިގެން 24 ގަޑިއިރުގެ މުއްދަތެއްނުދީ، އެއްވެސް މުވައްޒަފަކު ލައްވާ ވިދިވިދިގެން 6 ދުވަހަށްވުރެ ދިގު މުއްދަތަށް މަސައްކަތް ކުރުވައިގެން ނުވާނެކަން އެގިގެންދެއެވެ.

ވަޒީފާއާބެހޭ ޤާނޫނުގެ 35 ވަނަ މާއްދާގައިވާގޮތުން މަދުވެގެން 30 މިނިޓްގެ ވަގުތުކޮޅެއް ކެއުމެއް ނުދީ، މެދުކެޑުމެއްނެތި ގިނަވެގެން ފަސްގަޑިއިރަށްވުރެ އިތުރަށް މަސައްކަތް ކުރުވުމާއި، ކެއުމަށް، މުވައްޒަފަށް ލިބޭ ވަގުތުގައި އޭނާ ލައްވާ މަސައްކަތް ކުރުވުމަކީ ވަޒީފާދޭ ފަރާތުން ކޮށްގެންނުވާނެ ކަންތައްކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ވަޒީފާއަދާކުރާ ކޮންމެ މީހަކަށްވެސް، ނަމާދުކުރުމަށް، އެނަމާދެއްގެ ވަގުތު ފާއިތުނުވަނީސް، މަސައްކަތަށް ދަތިނުވާނޭ ގޮތުގެ މަތީން 15 މިނިޓްގެ ހުސް ވަގުތުކޮޅެއް ލިބުމަކީ ވަޒީފާއާބެހޭ ޤާނޫނުން ކޮންމެ މުވައްޒަފަކަށް ލިބިފައިވާ ޙައްޤެކެވެ. މިގޮތުން ހުސްވަގުތުކޮޅެއް ނުލިބި މަސައްކަތުގައި ހޭދަވާ ކޮންމެ ހަތަރު ގަޑިއިރަކުން އެއް ފަހަރު 15 މިނިޓްގެ ހުސްވަގުތުކޮޅެއް ވަޒީފާއަދާކުރާ ކޮންމެ މުވައްޒަފަކަށް ލިބެންޖެހޭނެ ކަމަށް ވަޒީފާއާބެހޭ ޤާނޫނުގައި ވެއެވެ.

ވަޒީފާދޭ ފަރާތާއި މުވައްޒަފަކާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން މެނުވީ އިތުރުގަޑީގައި މުވައްޒަފަކު ލައްވާ މަސައްކަތް ކުރުވައިގެން ނުވާނެއެވެ. އަދި މިފަދައިން މަސައްކަތް ކުރުވައިފިނަމަ އޭނާގެ މުސާރައިން ގަޑިއަކަށްޖެހޭ މިންވަރުގެ މަދުވެގެން 1 ¼  ބަޔަށްވާ ފައިސާ އިތުރުގަޑީގެ ފައިސާގެ ގޮތުގައި ދޭންވާނެ ކަމަށާއި، އަދި މަސައްކަތް ކުރުވީ ހުކުރު ދުވަހެއްގައިނަމަ އެމީހެއްގެ މުސާރައިން ގަޑިއަކަށްޖެހޭ މިންވަރުގެ މަދުވެގެން 1 ½ ބަޔަށްވާ ފައިސާ އިތުރު ގަޑީގެ ފައިސާގެ ގޮތުގައި މުވައްޒަފަށް ދޭންވާނެކަމަށް ވަޒީފާއާބެހޭ ޤާނޫނުގެ 37 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އަދި ހަމަމިއާއެކު އާންމު ގޮތެއްގައި މަސައްކަތް ކުރަންޖެހޭ ދުވަހެއްގެ ގޮތުގައި ރަސްމީ ބަންދު ދުވަހަކު މުވައްޒަފަކު ލައްވާ މަސައްކަތް ކުރުވާނަމަ، އޭނާއަށް މަދުވެގެން ކަނޑައެޅިފައިވާ މުސާރައިން ދުވާލަކަށް ޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ އަދަދެއްގެ ފައިސާ އޯވަރޓައިމްގެ ގޮތުގައި ލިބޭ ފައިސާގެ އިތުރުން އެމުވައްޒަފުގެ މުސާރައިގައި ހިމަނައިގެން ވަޒީފާދޭ ފަރާތުން އެމުވައްޒަފަކަށް ދޭންވާނެކަން ވަޒީފާއާބެހޭ ޤާނޫނުގެ 38 ވަނަ މާއްދާއިން އެގެއެވެ.

މުވައްޒަފުންނަށްޙައްޤުވާއެކިއެކިޗުއްޓީތަކަަކީކޮބައިކަންވެސްވަޒީފާއާބެހޭޤާނޫނުގައިކަނޑައަޅައިފައިވެއެވެ. މިގޮތުން ބަލާއިރު ވަޒީފާއަދާކުރާތާ އަހަރުވުމުން، ކޮންމެ އަހަރަކު މުސާރަ ލިބޭ ގޮތަށް ކޮންމެ މުވައްޒަފަކަށްވެސް މަދުވެގެން 30 ދުވަހުގެ ޗުއްޓީއެއް އަހަރީ ޗުއްޓީގެ ގޮތުގައި ލިބޭނެއެވެ. މިފަދައިން އަހަރީ ޗުއްޓީގައި މުވައްޒަފަކު ހުއްޓާ ވަޒީފާދޭ ފަރާތުން އެފަރާތުގެ އެއްވެސް މަސައްކަތެއް އެމުވައްޒަފަކު ލައްވާ ކުރުވައިގެން ނުވާނެކަމަށް ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. ވަޒީފާއާބެހޭ ޤާނޫނުން ޗުއްޓީ ފެށޭނެ ތާރީޚް ކަނޑައަޅާނީ ވަޒީފާ އަދާކުރާ ފަރާތާ މަޝްވަރާކުރުމަށްފަހު ވަޒީފާދޭ ފަރާތުންކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މިފަދައިން އަހަރީ ޗުއްޓީ ފެށޭ ތަރީޚަކީ ޗުއްޓީ ޙައްޤުވާ އަހަރު ނިމުނު ތާރީޚުން ފެށިގެން 12 މަސްދުވަހަށްވުރެ ފަހު ތާރީޚަކަށް ވެގެން ނުވާނެކަމަށް ވަޒީފާއާބެހޭ ޤާނޫނުގައި ވެއެވެ.

ވަޒީފާއާބެހޭ ޤާނޫނުން މުވައްޒަފުންނަށް ޙައްޤުވާނެކަމަށް ބަޔާންކޮށްފައިވާ ސަލާމުގެ ޗުއްޓީ ނުވަތަ ވިހެއުމުގެ ޗުއްޓީ ނުވަތަ ވަޒީފާއިން ވަކިކުރުމަށް ދޭ ނޯޓިސް ދީފައިވާ މުއްދަތު އަހަރީ ޗުއްޓީން އުނިވާގޮތަށް އަހަރީ ޗުއްޓީ ދެވިގެން ނުވާނެއެވެ. މީގެ އިތުރުން މުވައްޒަފަކު އަހަރީ ޗުއްޓީގައި ވަނިކޮށް، އެމުވައްޒަފަކު އާދައިގެ ގޮތުން މަސައްކަތް ކުރަންޖެހޭ ދުވަހެއް ރަސްމީ ބަންދު ދުވަހަކަށް ވެއްޖެނަމަ، އެފަދަ ކޮންމެ ބަންދު ދުވަހަކަށް، ދުވަހެއް އެމުވައްޒަފެއްގެ ޗުއްޓީއަށް އިތުރުކުރެވޭނެއެވެ.

މުވައްޒަފަކު އޭނާއަށް ލިބޭ އަހަރީ ޗުއްޓީ ފެށުމުގެ ކުރިން މަސައްކަަތަށް ނުކުންނަ އެންމެ ފަހު ދުވަހަށްވުރެ ލަސްނުވާނޭ ގޮތުގެމަތީން އޭނާ އެނަގާ ޗުއްޓީ ދުވަސްތަކަށް މުސާރައިން ޖެހޭ ފައިސާގެ އަދަދު ވަޒީފާދޭ ފަރާތުން އޭނާއަށް ދޭންވާނެކަމަށް ވަޒީފާއާބެހޭ ޤާނޫނުގައިވެއެވެ. އަދި މުވައްޒަފަކު ވަޒީފާއިން ވަކިކުރާނަމަ، އެމުވައްޒަފަކަށް ލިބިދޭ އަހަރީ ޗުއްޓީއެއްގެ ބޭނުން ނުކޮށް އޮތުމުން އެ ޗުއްޓީއަށް ލިބެންވާ ފައިސާ ވަޒީފާދޭ ފަރާތުން އެ މުވައްޒަފަކަށް ނުދީ އޮތްކަމަށްވާނަމަ، ވަޒީފާއިން ވަކިކުރާއިރު އެފައިސާ އެމުވައްޒަފަކަށް ވަޒީފާދޭ ފަރާތުން ދޭންޖެހޭނެކަމަށް ވަޒީފާއާބެހޭ ޤާނޫނުގައިވެއެވެ.

ވަޒީފާއާ ބެހޭ ޤާނޫނުގެ 42 ވަނަ މާއްދާއިން މުވައްޒަފަކު ބަލިވެއްޖެ ޙާލަތެއްގައި ސަލާމް ބުނުމުގެ ޙައްޤު ވަކި މިންވަރަކަށް ލިބިދީފައިވާކަމަށް ބަޔާންކޮށްފައިވެއެވެ. މިގޮތުން މުވައްޒަފަކު ޚިދުމަތްކުރާ ކޮންމެ އަހަރަކު، ސަލާމުގެ ޗުއްޓީގެ ގޮތުގައި މުސާރަ ލިބޭ ގޮތަށް 30 ދުވަހުގެ ޗުއްޓީ ދެވޭނެއެވެ. ބަލީގެ ބާވަތާއި އެބަލީގެ ސަބަބުން މުވައްޒަފަކަށް މަސައްކަތަށް ނުނިކުމެވޭނެ މުއްދަތު ބަޔާންކޮށް ރަޖިސްޓްރީ ކޮށްފައިވާ ސިއްހީ މަސައްކަތްތެރިއަކު ދޫކުރާ މެޑިކަލް ސެޓްފިކެޓެއް ވަޒީފާއަށް ނުކުންނަ ދުވަހު ހުށަހެޅުމުން ނޫނީ އެމުވައްޒަފަކަށް ވިދިވިދިގެން ދެ ދުވަހަށްވުރެ ދިގު މުއްދަތަކަށް ސަލާމުގެ ޗުއްޓީ ދިނުން ވަޒީފާދޭ ފަރާތަށް ލާޒިމްނުވާކަމަށް ވަޒީފާއާބެހޭ ޤާނޫނުގައިވެއެވެ.

އަންހެން މުވައްޒަފުންނަށް ވިހެއުމާ ގުޅިގެން  ދެވޭނެ ޗުއްޓީތަކަކީ ކޮބައިކަން ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އަންހެން މުވައްޒަފަކު، ވިހާނެކަމަށް ލަފާކުރާ ދުވަސް ބަޔާންކޮށް، ރަޖިސްޓަރީ ކޮށްފައިވާ ސިއްޙީ މަސައްކަތްތެރިއަކު ދޫކުރާ މެޑިކަލް ސެޓްފިކެޓް ހުށަހެޅުމުން އެމުވައްޒަފަކަށް ވިހެއުމާ ގުޅިގެންދޭ 60 ދުވަހުގެ ޗުއްޓީ ދޭންވާނެކަމަށް ވަޒީފާއާބެހޭ ޤާނޫނުގެ 43 ވަނަ މާއްދަގައި ވެއެވެ. ވިހެއުމާ ގުޅިގެންދޭ ޗުއްޓީ ދިނުމުގައި ވިހާނެކަމަށް ލަފާކުރާ ދުވަހުގެ ކުރިން ހިގާގޮތަށް ގިނަވެގެން ދެވޭނީ 30 ދުވަހުގެ ޗުއްޓީއެވެ. އަންހެން މުވައްޒަފަކު، ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީގައި އިންނަ މުއްދަތުގައި، ވަޒީފާގެ އެއްބަސްވުމުގެ ދަށުން އޭނާއަށް ލިބިދޭ ޙައްޤުތަކާއި، ޢިނާޔަތްތަކާއި، މަޤާމުގެ ކުރިއެރުން ލިބިދިނުން ފަދަ  ޙައްޤުތައް ފުރިހަަމައަށް ލިބިދެވޭނެއެވެ. ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީއެއްގައި ވަޒީފާއަދާކުރާ އަންހެން މުވައްޒަފަކު އިންނައިރު އޭނާގެ މުސާރަ އޭނާއަށް ދޭންޖެހެއެވެ. އަދި ވަޒީފާގެ އެއްބަސްވުމުގެ ދަށުން އޭނާއަށް ލިބިދޭ އެންމެހައި ޙައްޤުތަކާއި މަޤާމުގެ ކުރިއެރުން ލިބުމަށް ވަޒީފާގެ މުއްދަތު ގުނޭގުނުމަކަށް އެއްވެސް އުނިކަމެއް އައިސްގެން ނުވާނެކަމަށާ އަދި އޭނާ ވަޒީފާ އަދާކުރާ މުއްދަތަށް އެއްވެސް ހުއްޓުމެއް އައީކަމަށް ނުވަތަ މެދުކެނޑުނީކަމަށް ނުވަަތަ އެމުއްދަތު ކުރުވީކަމަށް ބަލައިގެން ނުވާނެކަމަށް ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވެއެެވެ.

މަޔަކަށް ނުވަތަ ބަފަޔަކަށް ވުމުން މުވައްޒަފުންނަށް ޗުއްޓީ ލިބޭނެކަމަށް ވަޒީފާއާބެހޭ ޤާނޫނުގެ 46 ވަނަ މާއްދާގައި ވެއެވެ. މި މާއްދާގެ (ހ) ގައިވާގޮތުން ވިހެއުމާ ގުޅިގެން އަންހެން މުވައްޒަފަކަށް ލިބޭ ޗުއްޓީ ހަމަވުމުން ވިހޭ ދަރިފުޅުގެ މަންމައަށް ނުވަތަ ބައްޕައަށް 1 އަހަރު ދުވަހަށްވުރެ ދިގުނޫން ޗުއްޓީއެއް މުސާރަ ނުލިބޭގޮތަށް ނެގިދާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ހަމަ މިއާއެކު މި މާއްދާގެ (ށ) ގައި ވަޒީފާދޭ އެއްފަރާތެއްގައި ދަރިފުޅުގެ  މަންމައާއި ބައްޕަ ވަޒީފާއަދާކުރާނަމަ އެމީހުންނަށް ފެންނަ ގޮތަކަށް އެޗުއްޓީގެ މުއްދަތު އެމީހުންގެ މެދުގައި ބަހާލެވިދާނެކަމަށް ވެއެވެ.

މުވައްޒަފުންނަށް ވަޒީފާއާބެހޭ ޤާނޫނުން ކަށަވަރުކޮށްދީފައިވާ އަނެއް ޗުއްޓީއަކީ ޢާއިލާގެ މެންބަރަކު ބަލިވުންފަދަ މުހިންމު ޒިންމާތަކާ ގުޅިގެން މުސާރަ ލިބޭ ގޮތަށް އަހަރުތެރޭގައި ނެގޭ 10 ދުވަހުގެ ޢާއިލީ ޒިންމާގެ ޗުއްޓީއެވެ. އަދި ހަމަ މިއާއެކު ފިރިހެން މުވައްޒަފަކަށް ދަރިޔަކ ލިބޭ ދުވަހުން ފެށިގެން މުސާރަލިބޭ ގޮތަށް 3 ދުވަހުގެ ޗުއްޓީއެއް ޙައްޤުވާނެކަމަށް ވަޒީފާއާ ބެހޭ ޤާނޫނުގެ 48 ވަނަ މާއްދާގައިވެއެވެ. އަދި މުވައްޒަފެއްގެ ދަރިޔަކު ޚިތާނުކުރުމުން އެދުވަހުން ފެށިގެން މުސާރަލިބޭގޮތަށް 5 ދުވަހުގެ ޗުއްޓީއެއް ޙައްޤުވާނެކަމަށް ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

 

ad 6