92 މާއްދާގެ މައްޗަށް އެކުލެވޭގޮތަށް 1932 ވަނަ އަހަރު ދިވެހިރާއްޖޭގައި ޢިއުލާނު ކުރެވުނު ފުރަތަމަ ޤާނޫނުއަސާސީއާމެދު ރައްޔިތުން ހިތްހަމަނުޖެހި ގުޅަކުޅޭ ފަސްގަޑަށް އެއްވެ 9 ނޮވެމްބަރު 1933ގައި މި ޤާނޫނުއަސާސީވަނީ ވީދާލާފައެވެ. މިހެން މިކަން ވުމުން ފުރަތަމަ އެކަށައެޅުނު ޤާނޫނުއަސާސީއަކީ ދިވެހިރާއްޖެއަށް ފެތޭ ޤާނޫނުއަސާސީއަކަށް ނުވުމުން ދަޢުލަތުން އަބްދުލްމަޖީދު ރަންނަބަޑޭރި ކިލެގެފާނަށް ދަންނަވައިގެން އެމަނިކުފާނުގެ ލަފާފުޅުގެ މަތިން ޤާނޫނުއަސާސީ 12 ޖޫން 1934 ގައި އިސްލާޙު ކުރެއްވިއެވެ. ނަންގަނެވިދިޔަ ފުރަތަމަ ޤާނޫނުއަސާސީއަށް އެކި ފަހަރުމަތިން އެކި އިސްލާހާއި ބަދަލުތައް ގެނެވެމުން ދިޔައެވެ. ދިވެހިރާއްޖޭގައި ޤާނޫނުއަސާސީއެއް އޮވެގެން ވެރިކަން ހިންގާތާ ހަތްއަހަރު ފަހުން ދިވެހިރާއްޖޭގެ އޭރުގެ ޙާލަތާ އެކަށީގެން ނުވާކަމަށް ފެނިގެން 31 ޖެނުއަރީ 1940 ގައި އެ ޤާނޫނުއަސާސީ އުވާލެވުނެވެ. އެއަށްފަހު އަލުން ޤާނޫނުއަސާސީއެއް ހަދައި ފާސްކޮށް ހިންގަން ފައްޓާފައިވަނީ 23 އޭޕްރީލް 1942 ގައެވެ.
ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން ރަސްކަމެއްގެ ގޮތުގައި ރާއްޖޭގެ ވެރިކަން ހިންގަމުން ދަނިކޮށް ރާއްޖޭގައި އޮންނަށް ފެންނަނީ ކޮންކަހަލަ ވެރިކަމެއްތޯ ސުވާލުކުރެވެން ފެށި، ނޫރައްދީނުގެ ވެރިކަމަށްފަހު އިންތިޚާބު ކުރެވުނު އަބްދުލްމަޖީދު ރަންނަބަޑޭރި ކިލެގެފާނު އަވަހާރަވުމާ ގުޅިގެން ރާއްޖޭގެ ވެރިކަން އޮންނާނޭ އުސޫލެއްގެ ބަހުސް ސިޔާސީ ތިލަފަތަށް ލެވިއްޖެއެވެ. އޭރު ދައުލަތް ހިންގެވުމަށް އިސްވެ ހުންނެވި ސުމުއްވުލްއަމީރު މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނު ގެންދެވީ ވަރަށް ބުރަކޮށް ޖުމްހޫރިއްޔާއެއް ގެނައުމުގެ މަސައްކަތްޕުޅު ކުރައްވަމުންނެވެ. އެކި ފެންވަރުގައި އެކި ފަރުދުންނާ މަޝްވަރާކުރައްވަމުން ގެންދެވިއެވެ. އެންމެފަހުން މިބަހުސް އޭރު އުފެދި ހިގަމުންދިޔަ މުތަޤައްދިމް ޕާޓީގެ މަޝްވަރާ ކޮމެޓީގެ މޭޒުމައްޗަށް ހުށަހެޅިއްޖެއެވެ. ޕާޓީން ދެކުނު ގޮތުގައި މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނު ރަސްކަލެއްގެ މަޤާމެއް ނުފުރުއްވާނެއެވެ. އަދި އެންމެ މަތީ ވަލީ މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނަށް ނޫނީ ލިބިގެން ނުވާނެ ކަމަށް ޕާޓީން ދެކުނެވެ. އެހެންކަމުން ދެން އޮތީ ވެރިކަމުގެ އުސޫލު ބަދަލުކުރުމެވެ. އެޕާޓީގެ ނިންމުމަކީ ވެރިއަކަށް ހުންނަވަންވާނީ މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނު ކަމަށެވެ. އެއަށްފަހު 13 އޭޕްރިލް 1952ގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިކަމާއިބެހޭގޮތުން މަޝްވަރާކުރެވުނެވެ. އެމަޖިލިހުން ނިންމީ ރާއްޖޭގައި އޮންނަން ފެންނަ ނިޡާމަކާމެދު ގޮތެއްނިންމުމަށް ކޮމެޓީއެއް ނެގުމަށެވެ. މިކޮމެޓީގައި 8 މެންބަރުން ހިމެނުނެވެ. މިކޮމެޓީގެ ނިންމުމަކީ މިކަމުގައި ގޮތެއް ނިންމާނީ މާލޭގެ ރައްޔިތުންނާއި ފަޅުއޮޑިފަހަރުގެ މީހުންނާއި، މާލޭގައިތިބި ރާއްޖެތެރޭގެ މީހުންގެ ޢާއްމު ވޯޓެއްނަގައި، ނުކުންނަ ނަތީޖާއަކުންކަމަށެވެ. ދެން މިމައްސަލަ ފޮނުއްވީ ރައްޔިތުންގެ ޚާއްޞަމަޖިލިހަށެވެ. އެއީ 16 އެޕްރިލް 1952ގައެވެ. ޚާއްޞަމަޖިލީހުގެ ޖަލްސާއިން ރައްޔިތުންގެ އާންމު ވޯޓެއް ނެގުމަށް ފާސްވިއެވެ. ޚާއްސަ މަޖިލީހުގެ ޖަލްސާގެ ކުރިން މާލޭގާތިބި އަންހެނުންނާ ފިރިހެނުންނަށް މިކަމާބެހޭ މައުލޫމާތު ދެވުނެވެ. ރާއްޖޭގައި އޮންނަން ފެންނަނީ ރަސްކަމެއްތޯ ޖުމްހޫރީ ވެރިކަމެއްތޯ ބެލުމަށް ވޯޓެއް ނެގުނީ 18،17 އޭޕްރީލް 1952 ގައި ހެންވޭރު ބޯޅަދަނޑުގައެވެ. ނަތީޖާ އިއުލާންކުރީ 19ވަނަ ދުވަހުއެވެ. މިވޯޓް ނެގުމުގެ ރަސްމިއްޔާތުގައި މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނު ރައްޔިތުންނާ މުޚާތަބުކުރައްވާ ވިދާޅުވިއެވެ. "އިއްޔެ އަޅުގަނޑަކީ ދިވެހިރަސްކަން އާކޮށް އާލާކުރެވޭތޯ މަސައްކަތްކުރުމުގައި ޤުރުބާންވުމަށް ތައްޔާރަށްހުރި ދިވެހި ދަރިއެކެވެ. މިއަދަށްފަހު، އަޅުގަނޑަކީ، މިއުންމަތުގައި ޖުމްހޫރިއްޔަތެއްގެ ހަރުދަނާ ބިންގާއެޅޭތޯ ފުރާނަ ދޫކޮށްލުމަށް ތައްޔާރަށްހުރި ނުގުޑާފަދަ ދަރިއެކެވެ."
%95 އަށްވުރެ މަތީ އަޤުލަބިއްޔަތުން ދިވެހިރާއްޖޭގައި އޮންނަންފެންނަނީ ޖުމްހޫރިއްޔަތެއްކަމަށް ފާސްވިއެވެ. މި ވޯޓަކީ މިހާރު ދިވެހިން މިދެކޭ ޖުމްހޫރިއްޔަތުގެ ފޮނި މީރުކަން ލިބިގަތުމުގެ ބިންގާ އެޅިގެން ދިޔަ ވޯޓެވެ. އޭގެ ފަހުން ރަސްކަމެއް އައިނަމަވެސް އެރަސްކަން ދެމިއޮތުމަށް އޮތް ހުރަހަކަށްވީ މިވޯޓާ ގުޅިގެން ޖުމްހޫރިއްޔަތަކާމެދު ރައްޔިތުންގެ މެދުގައި އުފެދިގެންދިޔަ ހޭލުންތެރިކަމާއި ރޫޙެވެ.
މާލޭއަންހެނުންގެވޯޓް
|
މަށްޗަންގޯޅީ |
ގަލޮޅު |
މާފަންނު |
ހެންވޭރު |
|
|
1 |
1 |
1 |
6 |
ވިރާސީ ރަސްކަމަކަށް |
|
0 |
0 |
0 |
2 |
އިންތިހާބީ ރަސްކަމަކަށް |
|
99 |
99 |
99 |
92 |
ޖުމްހޫރިއްޔާއަކަށް |
|
100 |
100 |
100 |
100 |
ރައީސް މުޙައްމަދު އަމީން |
|
99 |
100 |
99 |
98 |
ނައިބްރައީސް އިބްރާހިމް މުޙައްމަދުދީދީ |
މާލޭ ފިރިހެނުންގެ ވޯޓް
|
މަށްޗަންގޯޅީ |
ގަލޮޅު |
މާފަންނު |
ހެންވޭރު |
|
|
1 |
1 |
3 |
4 |
ވިރާސީ ރަސްކަމަކަށް |
|
1 |
0 |
1 |
3 |
އިންތިހާބީ ރަސްކަމަކަށް |
|
98 |
99 |
96 |
93 |
ޖުމްހޫރިއްޔާއަކަށް |
|
100 |
100 |
100 |
100 |
ރައީސް މުޙައްމަދު އަމީން |
|
99 |
100 |
97 |
98 |
ނައިބްރައީސް އިބްރާހިމް މުޙައްމަދުދީދީ |
މާލޭގައިތިބި ރާއްޖެތެރޭ ރައްޔިތުންގެ ވޯޓް
|
އިންސައްތަ |
|
|
100 |
ޖުމްހޫރިއްޔާއަކަށް |
|
100 |
ރައީސް މުޙައްމަދު އަމީން |
|
100 |
ނައިބު ރައީސް އިބްރާހިމް މުޙައްމަދުދީދީ |
ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ އިޢުލާން ކުރެވުނީ 1 ޖެނުއަރީ 1953 ގައެވެ. ރައީސުލް ޖުމްހޫރިއްޔާއަކީ އަލްއަމީރު މުޙައްމަދު އަމީނެވެ. ޖުމްހޫރިއްޔާގެ އެންމެ މަތީ ވެރިޔާގެ ނަމަކީ "ވަލިއްޔުލްއަމްރު" އެވެ. ރައްޔިތުންގެ މަޖިލީހުގެ ނަން "ރައްޔިތުންގެ ގެ" މި ނަމަށް ބަދަލުވިއެވެ. އަދި "ސެނެޓް" އުފެދުނެވެ. މި ބަދަލާއެކު ވުޒާރާތައް އުފެދި ހިންގުމުގެ ނިޒާމް ހަރުދަނާ ވެގެންދިޔައެވެ. މިފަދައިން ބަންޑާރަ ނައިބަކާއި، ކޮޅުބުގައި ދައުލަތުގެ ރެޕްރެޒެންޓޭޓިވްއެއް ހުންނަވައެވެ. ނަމަވެސް މިނިވަން ފަނޑިޔާރުގެއެއް ފަޑނިޔާރު މަނިކުފާނެއް ނުހުރެއެވެ. ޢަދުލު އިންސާފު ޤާއިމް ކުރެވެމުން ދިޔައީ ވަކިވަކި އޮފީސްތަކެއްގެ ދަށުން ސީދާ ރައީސުލް ޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުންނެވެ.
1952 ވަނަ އަހަރު ނެގުނު ވޯޓަކުން ރާއްޖޭގެ ވެރިކަން ޖުމްހޫރީ ވެރިކަމަކަށް ބަދަލުކުރުމަށް ފާސްކުރުމާ ވިދިގެން 1 ޖެނުއަރީ 1953 ގައި ރާއްޖޭގެ ޤާނޫނުއަސާސީ ޖުމްހޫރީ ޤާނޫނުއަސާސީއަކަށް ބަދަލުވެފައިވެއެވެ. ނަމަވެސް 21 އޯގަސްޓް 1953 ގައި ދައުލަތް ހިންގުމަށް ގެނެވުނު ބަދަލަކާ ގުޅިގެން، ރާއްޖޭގެ ވެރިކަން 7 މަރޗް 1954 ގައި އަނެއްކާވެސް ރަސްކަމަކަށް ބަދަލުވިއެވެ. މިފަހަރުވެސް ރާއްޖޭގެ ޤާނޫނުއަސާސީ ބަދަލުވެގެން ދިޔައެވެ. އޭގެ ފަހުން ޖަލާލަތުލްމަލިކު މުޙަންމަދު ފަރީދުލްއައްވަލު ކީރިތި މަހާރަދުންގެ ރަސްކަމުގައި 15 މަރޗް 1968 ގައި ނެގުނު ޢާންމު ވޯޓަކުން ރާއްޖޭގެ ވެރިކަން ޖުމްހޫރީ ވެރިކަމަކަށް ބަދަލު ކުރުމަށް ރައްޔިތުން ފާސްކުރިއެވެ. އެވޯޓުގެ ނަތީޖާއަކީ 36997(81.32ޕަސެންޓް) ޖުމްހޫރިއްޔާއަކަށް ލިބުމާއި އެކު 8557 މީހުން(18.77 ޕަސެންޓް) ރަސްކަމަކަށް ވޯޓް ދިނުމެވެ. އަދި 11 ނޮވެމްބަރ 1968 ގައި ދިވެހިރާއްޖޭގެ ވެރިކަން ދެވަނަފަހަރަށް ޖުމްހޫރީ ވެރިކަމަކަށް ބަދަލުވެގެން ދިޔައެވެ. މިބަދަލާ ގުޅިގެން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އެދުވަހުން ފެށިގެން ހިނގަމުން އައިސްފައިވެއެވެ. އަދި އޭގެ ފަހުން އެ ޤަނޫނުއަސާސީއަށް ވަނީ އިސްލާހުތަކެއް ގެނެވިފައެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަޟިއްޔާ ނަންބަރު 2008/SC-C/02 ގެ ޝަރީޢަތް ނިމުނު ގޮތުގެ ޚުލާސާގެ 7 ވަނަ ނުކުތާއިން ސާފުކޮށް އެގެނީ 1932 ވަނަ އަަހަރު ރާއްޖޭގައި ހިންގުނު އެންމެ ފުރަތަމަ ޤާނޫނުއަސާސީގެ ފަހުން 14 ފަހަރަށް ޤާނޫނުއަސާސީ ބަދަލުކޮށްފައިވާކަމެވެ. އެހެންކަމުން މިހާރު ޢަމަލުކުރެވެމުންމިދާ "ފެހި ޤާނޫނުއަސާސީ" އަކީ 15 ވަނަ ޤާނޫނުއަސާސީކަން އެގެއެވެ. 7 އޯގަސްޓް 2008 ގައި ތަސްދީޤު ކުރެވުނު މިޤާނޫނުއަސާސީއަކީ ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނައި ޤާނޫނުއަސާސީއެކެވެ. ޒަމާނީ ޑިމޮކްރަސީތަކުގައިވާ ފަދައިން ވެރިކަން ހިންގުމުގެ ބާރާއި، ޢަދްލުއިންޞާފު ޤާއިމްކުރުމުގެ ބާރާއި، ޤާނޫނު ހެދުމުގެ ބާރު ވަކިވެފައި އޮންނަ އޮތުން ފާހަގަކޮށްލެވެއެވެ. އަދި ހަމަ މިއާއެކު ދިވެހިރައްޔިތުންނަށް ކަށަވަރުކޮށްދޭ އެތައް އަސާސީ ޙައްޤުތަކެއް ތަފްޞީލީ ގޮތެއްގައި ލިޔެވިފައިވާކަން އެގެެއެވެ. މިއީ ކުރީގެ ޤާނޫނުއަސާސީތަކާ އަޅާ ބަލާއިރު މި ޤާނޫނުއަސާސީގެ ޚާއްސަ ސިފައެއްކަމުގައި ބެލެވިދާނެއެވެ.